ޙަޤީޤީ ޙާދިސާ: ދަރިފުޅުގެ އަޞްލު ފޮރުވައި ލަދުންސަލާމަތްވެވެން އޮއްވާ ޢަޛާބަށް ބިރުވެތިވެ ތައުބާވި އަންހެނަކަށް މާތަނަވަސް، މާއުފާވެރި ދިރިއުޅުމެއް ދެއްވެވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 2ސ
ޙަޤީޤީ ޙާދިސާ: ދަރިފުޅުގެ އަޞްލު ފޮރުވައި ލަދުންސަލާމަތްވެވެން އޮއްވާ ޢަޛާބަށް ބިރުވެތިވެ ތައުބާވި އަންހެނަކަށް މާތަނަވަސް، މާއުފާވެރި ދިރިއުޅުމެއް ދެއްވެވި ގޮތުގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް 2 އަހަރުފިރިގެންދިއައިރުވެސް އަޅުގަނޑުގެ ފުރަތަމަ ލޯބިވެރިޔާގެ މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. ހަަމއެގޮތަށް އޭނާ ވެސް ކައިވެނިކުރި ނަމަވެސް އަޅުގަނޑުގެ މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. 

ސިއްރިޔާތުގައި ދެމީހުން ދިއައީ ބައްދަލުކުރަމުންނެވެ. ގުޅުން ހިންގަމުންނެވެ. އެދުވަސްވަރު އަޅުގަނޑު ބަލިވެ އިނދެއްޖެއެވެ. ޑީއެންއޭއިން އެނގުނީ ދަރިފުޅަކީ ފިރިމީހާގެ ދަރިއެއް ނޫންކަމެވެ. އެހިސާބުން އަޅުގަނޑަށް ގޮތް ހުސްވިއެވެ. 

ލޯބިވެރިޔާ ގާތު އެވާހަކަ ދެއްކުމުން ފުރަތަމަވެސް އޭނާފެށީ އަޅުގަނޑަށް އެއްޗެތިގޮވާށެވެ. އޭނާގެ އަނބިމީހާއަކީ ތަނަވަސް އަންހެނަކަށްވުމުން އަޅުގަނޑުމެންގެ ލޯތްބާއި ލިބެން އުޅޭ ދަރިފުޅުގެ އެއްވެސް މުހިންމު ކަމެއް އޭނާއަކަށް ނެތެވެ. އޭނާގެ އަނބިމީހާއަށް އެއްވެސް ކަމެއް އަންގާކަށް ވެސް އެނާ ބޭނުމެއް ނުވިއެވެ. 

އަޅުގަނޑަށް ދުނިޔޭގައި ފިރިމީހާއަށް އޮޅުވައިލެވިދާނެއެވެ. ނަމަވެސް އެގޮތް އަޅުގަނޑު ބޭނުމެއް ނުވިއެވެ. އެކަންކޮށްފިނަމަ ޤިޔާމަތްދުވަހު އަޅުގަނޑަށް ކުރިމަތިލާންޖެހޭނެ ޢަޛާބުގެ ބޮޑުކަން އިޙްޞާޞްކުރެވުމުން ގަންނަ ބިރު މާބޮޑެވެ. ހިތަށް އަރައެވެ. "ފިރިމީހާ އެހައި ރަނގަޅުއިރުވެސް އޭނާއަށް ޚިޔާނާތްތެރިވަމުން ދިއައިރު އާޚިރަތް ދުވަހާއި ޢަޛާބާއިމެދު ވިސްނައިނުލެވުނީ ކީއްވެގެންބާވައެވެ! ލޯބީގެ ބާރު ކުށްވެރިކޮށްގެން ޤިޔާމަތްދުވަހު ކުރާނެ ފައިދާއެއް ނުއޮންނާނެކަން އެދުވަހު ވިސްނުނު ނަމައެވެ." 

ވަރަށް ބޮޑަށް ވިސްނާފައި ފރިމީހާ ގާތު ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދިނީމެވެ. މާފަށްވެސް އެދުނީމެވެ. އަދި ވަރިއަށްވެސް އެދުނީމެވެ. އަޅުގަނޑުގެ ނަޖިސް ހަށިގަނޑުގައި ފިރިމީހާ ފަދަ ޠޯހިރު ހަށިގަނޑަކުން ބީހެންވެސް ހެޔޮނުވާނެ ކަމަށް ބުނީމެވެ. 

ފިރިމީހާ އަޅުގަނޑަށް މާފުކުރިއެވެ. ނަމަވެސް ވަރިކުރިއެވެ. ވަރިކުރަމުން ބުނީ ދުރަށް މިދަނީ ޢުމުރަށް ކަމުގައިވުމަކަށް ނުއެދެމެވެ. ނަމަވެސް މިވަގުތު މިނޫން ގޮތެއް ނެތުމުން ދުރަށް މިދަނީއެވެ." 

ފިރިމީހާ ބޮޑަށް ރުޅިއައީ ލޯބިވެރިޔާދެކެއެވެ. ލޯބިވެރިޔާ އާއި ގަދައަށް ޒުވާބުކުރިއެވެ. އަދި އޭނާގެ އަނބިމީހާއަށްވެސް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެދެމަފިރިންގެ ކައިވެނިވެސް ރޫޅުނެވެ. ކައިވެނި ރޫޅުމުން ލޯބިވެރިޔާ އަޅުގަނޑާއި ގުޅެން ބޭނުންވިއެވެ. ނަމަވެސް އަޅުގަނޑަށް އެންމެ މުހިންމުވީ ދުވަހު އޭނާ ކަންކަން ކުރިގޮތުން އެލޯބީގާ އިތުބާރު ނެތުމުން އަޅުގަނޑު ކައިވެނި ނުކުރީއެވެ.

އަޅުގަނޑު ތައުބާވީމެވެ. އެފަދަ ކުށެއް ދުވަހަކުވެސް ނުކުރަން ނިންމީމެވެ. ގެއިން ބޭރަށްވެސް ނުދަމެވެ. ކޮފީއަށް ދާން ލިބޭ ދައުވަތުތައް ޤަބޫލެއް ނުކުރަމެވެ. އެއީ ފާފައަކަށްވެދާނެ އެއްވެސް ކަމެއް ކުރަން ބޭނުން ނުވާތީއެވެ. އެފަދަ ކަމަކަށް މަގުފަހިވެދާނެތީ ގަންނަ ބިރު ބޮޑުކަމުންނެވެ.  

ﷲ ގެ މަގުގައި ސާބިތުކަން ދެއްވެވުމަށާއި އަޅުގަނޑަށް ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދި ދުޢާކުރަމުން ގެންދިއައީމެވެ. ދަރިފުޅު ގޮވައިގެން ސަލާން ނުޖަހައި އުޅެލެވޭވަރުގެ މުސާރައެއް ލިބޭނެ ވަޒީފާއެއް ދެއްވެވުން އެދިވެސް ދުޢާކުރަމުން ގެންދިއައިމެވެ. 

ވަޒީފާއެއް ވަރަށް ފަސޭހައިން ލިބުނެވެ. ވަޒީފާއަށް ނުކުންނަން ފެށިފަހުން އެނގުނީ ވަޒީފާ ލިބުނީ ލޯބިވެރިޔާގެ ކުރީގެ އަނބިމީހާގެ ޢާއިލީ ކުންފުންޏަކުންކަމާއި ވަޒީފާ ލިބުނީ އޭނާ އެކަން ހަމަޖައްސައިދިނުމުންކަމެވެ. އޭނާއަކީ ގޭގައި ހުރެގެން ކުންފުނީގެ ކަންކަން ބަލަހައްޓާ ވެރިއެއްކަމެވެ.

އެކަމާއި ވަރަށް ޙައިރާންވެސް ވިއެވެ. ސަބަބަކީ އެފަދަ ކަމެއް ހިނގުމުން ގިނަ ފަހަރަށް އޮންނަނީ ޙަސަދަވެރިންނަށްވެފައިކަމަށްވާތީއެވެ. ވިސްނާ ނުލައިހުރެ އަޅުގަނޑަށް ވަނީ އޭނާއަށް އަނިޔާތަކެއް ދެވިފައިކަމަށްވުމުންނެވެ. 

އަޅުގަނޑު އޭނާއަށް ގުޅާފައި މާފަށް އެދުނީމެވެ. އަދި ވަޒީފާދިނީތީ ޝުކުރުވެސް އަދާކުރީމެވެ. އޭނާވެސް ވަރަށް ހިތްހެޔޮކޮށް ވާހަކަދެއްކިއެވެ. އޭނާ ބުނީ އަޅުގަނޑަށް އެކުށް ކުރެވުނީ އޭނާއަށް ދެރައެއް ދިނުމުގެ ޤަޞްދުގައި ނޫންކަން ޤަބޫލުކުރާ ކަމަށާއި ކުށްވެރިއަކީ އޭނާގެ އެއިރުގެ ފިރިމީހާ ކަމަށެވެ. 

އެއިގެ ކުޑަދުވަސްކޮޅެއް ފަހުން އެނގުނީ އަޅުގަނޑުގެ ކުރީގެ ފިރިމީހާ އާއި އޭނާ ކައިވެނިކޮށް ވަރަށް ލޯބިން އެކުގައި ދިރިއުޅެމުންދާ ކަމެވެ. ވަރަށް އަސަރުކުރިއެވެ. އެއީ އަޅުގަނޑުގެ ފިރިމީހާގެ ރަނގަޅުކަން އިޙްޞާޞްކުރެވޭތީއެވެ. 

ދެން މިކިޔައިދެނީ އެންމެ ބޮޑަށް ލަދުގަތް، އަދި އެންމެ އުފާވިރޭގެ ވާހަކައެވެ. އެއް ދުވަހަކު އަޅުގަނޑަށް ގުޅައި އެރޭ އެގެއަށް ކާންދާން އަޅުގަނޑަށް ދަޢުވަތުދިނެވެ. ދަޢުވަތު ޤަބޫލުކޮށް ދިއުމުން ދެމަފިރިން އަޅުގަނޑަށް ވަރަށް ބޮޑަށް ކަމޭހިތުމަށްފަހު ބުނީ މެޑަމްގެ ބޭބެއަކު އަޅުގަނޑާއި ކައިވެނިކުރަން އެދޭކަމަށެވެ. އަޅުގަނޑު ރުހޭނަމަ ކައިވެނީގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށެވެ. 

ބުނާނެ އެއްޗެއްވެސް ނުވިސްނި އެތައް އިރަކު އިނދެފައި ސުވާލުކުރީމެވެ. "ތިއައީ ކިހިނަކުން މެދުވެރިވާ ކަމެއްބާވައެވެ؟ ތިއަ ބޭބެ އާއި އަޅުގަނޑާއި އޮފީހުން ބައްދަލުވެއެވެ. ނަމަވެސް ތިއަ ޒާތުގެ ވާހަކައެއްވެސް އޭނާ ނުދައްކައެވެ." 

ޖަވާބުގައި މެޑަމް ބުންޏެވެ. "އަހަރެމެން ދެ އަންހެނުން ދެމެދުގައި ކަންކަން ހިނގާފައިވާ ގޮތުން އަމިއްލައަށް އިސްވެ އެވާހަކަ ބުނަން ބޭނެ ލަދުގަތީއެވެ. ބޭބެއަށް ކަލޭ ހުވަފެނުންވެސް ފެނެއެވެ. އިސްތިޚާރާވެސް ކޮށްފިއެވެ. ކައިވެނިކުރަން ނިންމީ އެހުރިހާ ކަމެއް ކޮށްފައެވެ."

އަޅުގަނޑު ވަގުތުން އެކަމަށް އެއްބަސްވީމެވެ. އެއްބަސްވުމުން ކުރީގެ ފިރިމީހާ ބުންޏެވެ. "މިގޮތަށްވެސް ވެދާނެއެވެ. އަހަރެންގެ އަންތބަކަށް އިނދެ ކަލެއަށް ކުށެއް ކުރެވުނީއެވެ. އެކުށް ފޮރުވައި އެބޮޑުލަދުން ސަލާމަތްވެވެން އޮއްވައިވެސް ކަލޭ ﷲ އަށް ބިރުވެތިވެ ﷲ ގެ މަގު އިޚްތިޔާރުމުން ކަލެއަށް ﷲ ގެ ރަޙްމަތް ޙައްޤުވީއެވެ. ކަލޭ ފަދަ އަންހެނުން މިޒަމާނުގައި ވަރަށް މަދުވާނެއެވެ. އެންމެންނަށްވެސް ކުށް ކުރެވޭނެއެވެ. މުހިންމީ ކުށް ކުރެވުނުކަން އެނގުމުން ތައުބާވުމެވެ. ޢަމަލުތައް އިޞްލާޙްކުރުމެވެ. ދީނީ ގޮތުން އަހަރެންނަށް އެހާލަތުގައި ކަލޭ ވަރިކުރަން ނުޖެހޭނަމަ ވަރިވެސް ނުކުރީމުހެވެ." 

މެޑަމް ހިނިތުންވެލާފައި ބުންނެވެ. "އަދިވެސް ދެމީހުން ހިތްކިޔާތާއެވެ!" ދެން 3 މީހުންނަށް އެކުގައި ހީނގަނެވުނެވެ. 

އެއިގެފަހުން ހަފްތާއެއްހައި ދުވަސްތެރޭގައި ކައިވެނިކުރެވުނެވެ. އެކައިވެންޏަށް މިހާރު 14 އަހަރުވީއެވެ. ދަރިން ފައްޗެއްވެސް ލިބިއްޖެއެވެ. ކައިވެނީގެ ގޮށް އޮތީ ހަމަ އެންމެ ވަރުގަދައަށެވެ. އަދި އެންމެ އުފާވާކަމަކީ އެއް ޢާއިލާއެއްގެ ގޮތުގައި ގުޅިގެން އެކުވެރިކަމާއިއެކު އުޅެވޭތީއެވެ. އެދެމަފިރިންގެ ލޯބި އަޅުގަނޑަށް ލިބޭތީއެވެ. 

މިއަދުނޫހުގެ ކިޔުންތތެރިންގެ ގާތުގައި ބުނެލަން އޮތީ އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަތައް ދީނީ ޢިލްމުވެރިއަކަށް ދެންނެވުމުން ވިދާޅުވިބަސްފުޅެވެ. "ކުށް ނުކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް ދުނިޔޭގެ ލަދަށް އާޚިރަތް ނަގާލަން ބިރުވެތިވެ އިޚްލާޞްތެރިކަމާއެކު ތައުބާވެ، ތައުބާމަތީގައި ހުންނަ ކޮންމެ މީހަކަށްވެސް ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެއެވެ. ތައުބާވުމަށްފަހު ކުރާ ދުޢާ ޢިޖާބަ ކުރައްވަވާނެއެވެ." އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. 

ނަމަވެސް ތަޖުރިބާގެ މައްޗަށް ބަލައި ނަޞޭޙަތުގެ ބަހެއް ބުނެލާނަމެވެ. އަޅުގަނޑުގެ ޙަޔާތުން ޢިބްރަތް ޙާޞިލުކުރާށެވެ. ދެދުނިޔޭގައިވެސް ފައިދާކުރާނެއެވެ. 

- ނަބީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން