އަޅުގަނޑުމެން ދެމަފިރިންގެ ކައިވެންޏަށް 4އަހަރު ފުރުނުތާ އެއްދުވަހަކު ގެއަށް އައި މާބަނޑު އަންހެނެކެވެ. އޭނާ އަޅުގަނޑުމެން ދެމަފިރިންގެ ގާތުގައި ބުނީ އޭނާއަކީ ތަނަވަސް ޒުވާނަކާއި ގުޅިގެން އުޅުނު އަންހެނެއް ކަމަށާއި ބަލިވެ އިނުމުން ގުޅުންކަނޑާލައި ނިކަމެތިކޮށްލީ ކަމަށެވެ.
އޭނާ އެދުނީ ގޭގައި ގެންގުޅޭ ނޯކަރެއްގެ ވަޒީފާ ދީފައި ނަމަވެސް ގޭގައި ބަހައްޓައި ދިނުމަށެވެ. އޭނާ ނިޞްބަތްވަނީ ރާއްޖެތެރޭ ރަށަކަށް ވުމުން ފިރިއަކާއި ނުލައި ބަލިވެ އިނދެގެން ރަށަށް ހިނގައްޖެނަމަ މީހުން ކުރާނެ މަލާމާތަށް ލަދުން ރަށަށް ދެވެން ނެތްކަމަށްވެސް ބުނެ ވަރަށް ގިނަ އާދޭސްތައް ކުރިއެވެ.
އަޅުގަނޑުމެންނަށް އެއިރު ދަރިއަކު ލިބިފައި ނެތުމުން ދެމަފިރިންގެ ހިތުގައިވެސް އޭނާގެ މައްޗަށް ރަޙުމް އުފެދުނެވެ. އަދި ވިހައި ގަދަވަންދެން ގޭގައި ބަހައްޓައިދީ ބޭނުންވާ ކަންކަން ކޮށްދޭން އެއްބަސްވެ ގޭގައި ބެހެއްޓީއެވެ. ބުރަ މަސައްކަތެއްވެސް ނުޖައްސައި ޢާއިލާގެ މީހަކުފަދައިން ގެންގުޅުނީއެވެ.
ދުވަސްފުރައި ވިހެއީ ލޯބިލޯބި އަންހެންކެއްޖެކެވެ. ދަރިފުޅު ލިބުމާއިއެކު އޭނާގެ މައްޗަށް ބޮޑެތި ޝައްކުތަކެއް ކުރެވެން ފެށިއެވެ. އެއީ އެހައިވަރުން ދަރިއަކު ވިހާފައި ދަރިފުޅާއި އަޅައިލުން ކުޑަކަމުންނެވެ. ރޭގަނޑު ހޭލައިގެން ރޯތާ އެތައްއިރެއްވާއިރުވެސް ސަމާލުކަން ނުދޭކަން ފާހަގަކުރެވުނެވެ.
އެހެންވެ ކޮންމެ ރެއަކުހެން ކުއްޖާ ރޯން ފެށުމުން ނަގައި ހުއްޓުވަން ޖެހެނީ އަޅުގަނޑަށެވެ. ބަނޑުހައިވެގެން އުޅޭތީ ގާތުން ދޭން ހޭލެއްވި ނަމަވެސް އެކަމަށްވެސް މާބޮޑު ސަމާލުކަމެއް ނުދޭކަން ފާހަގަކުރެވުނެވެ.
ދުވަސްކޮޅަކުން އަޅުގަނޑުގެ ފިރިމީހާއަށް ކަޅިއަޅަން ފަށައިފިއެވެ. އޭނާގެ ސަމާލުކަން ހޯދަން މަސައްކަތްކުރަން ފަށައިފިއެވެ. އެކަން ދެމަފިރިންނަށްވެސް ފާހަގަކުރެވުނެވެ. ނަމަވެސް އިރާދަފުޅުން އަލުގަނޑުގެ ފިރިމީހާވީ އެބާވަތުގެ ކަންކަމަށް ސަމާލުކަންދޭ މީހަކަށް ނޫނެވެ.
ކަންކަން ގޯހުން ގޯހަށްދާހެން ހީވާން ފެށުމުން އޭނާ ގެއިން ފޮނުވާލުމާއިމެދު ދެމީހުން މަޝްވަރާކުރީމެވެ. ނަމަވެސް އެކުއްޖާ ނެރެ އެއްލައިލުންވީ ކުރަން އުނދަގޫ ކަމަކަށެވެ. އެހެންވެ ކެތްތެރިވެލައިގެން ތިބީއެވެ.
އެހިސާބުން އޭނާގެ ޙަޤީޤަތް ހޯދަން އަޅުގަނޑު މަސައްކަތްފެށީމެވެ. އެކުވެރިއަކު މެދުވެރިވެގެން އޭނާގެ ރަށުން މައުލޫމާތުދޭނެ މީހަކު ހޯދީމެވެ. އޭނާގެ ކިބައިން އެނގުނީ އޭނާ ބަލިވެއިނީ ރަށުގައި ހުރެ ކަމެވެ. އަދި ބަލިވެއިނީ ދަރިއަކު ފަދައިން އޭނާ ބަލައި ބެލެހެއްޓި ޢާއިލާގެ ފިރިމީހާއަށް ކަމެވެ.
އޭނާ ބުނިގޮތުން އެއީ ރަށުގެ ތަނަވަސް ޢާއިލާއެކެވެ. އެފިރިހެން މީހާއަކީ އޭނާގެ ބައްޕަގެ އުމުރުގެ މީހެކެވެ. ނަމަވެސް އެކަމަށްވެސް ބަލައިލުމެއް ނެތި އޭނާ މަސައްކަތްކުރީ ދެމަފިރިންގެ ދޭތެރެއަށް ވަދެ އޭނާ އާއި ކައިވެނިކުރާށެވެ. އެކަން އޭނާގެ އަނބިމީހާއަށް ފަޅާއެރުމުން ގެއިން ބޭރުކޮށްލީއެވެ. އެއިރު އޭނާ އިނީ ބަލިވެކަމެއްވެސް ނުއެނގެއެވެ. އެކަން އެނގުނީ ގެއިން ބޭރުކުރިފަހުންނެވެ. އެހިސާބުން ކޮންމެވެސް މީހެއްގެ އެހީތެރިކަން ހޯދައިގެން މާލެ ދިއައީއެވެ.
އެކަންކަން އެނގުމުން ދެމަފިރިން ތިބެގެން އޭނާ އާއި މަޝްވަރާކުރީއެވެ. އޭނާ ގެންގުޅެވެން ނެތްކަމަށްވެސް ބުނީމެވެ. ބޭނުން ނަމަ ދަރިފުޅު އަހަރެމެންނަށް ދީފައި ދެވިދާނެ ކަމަށްވެސް ބުނީމެވެ.
އެގޮތަށް ބުނުމުން އޭނާ ކަންބޮޑެއްވެސް ނުވެއެވެ. ދަރިފުޅު އަހަރެމެންނަށް ދިނީކަމަށްބުނެ ލިޔުމެއްގައި ވަގުތުން ސޮއިކޮށްފައި 2،3 ދުވަސްފަހުން ގެއިން ނުކުމެގެންދިއައީއެވެ. އެދިއަފަހުން ދަރިފުޅު ދެކެލަންވެސް ނައުދެއެވެ. ޚަބަރުވެސް ބަލައެއް ނުލައެވެ.
ދަރިފުޅުގެ ޢުމުރުން 2 އަހަރުވީފަހުން އެނގުނީ އަޅުގަނޑުމެންގެ ގެއިން ނުކުމެގެން ދިއަ ގޭގައިވެސް ހަމައެއްބާވަތުގެ ކަންތައްތަކެއް ހިންގަން އުޅުމުން އެގޭ އަންހެންމީހާގެ ޢާއިލާގެ ބައަކު އޭނާގެ ގައިގައި ތަޅާ އަނިޔާވެސްކޮށްފައި ގަދަކަމުން ރަށަށް ފޮނުވާލާފައިވާ ކަމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ފަސޭހައިގައި ދިރިއުޅުމުގެ ބޭނުމުގައި ދެމަފިރިންގެ ދެމެދަށް ވަދެ ދިރިއުޅުން ހަލާކުކުރަން މަސައްކަތްކުރާ އަންހެނުންނާއިމެދު ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމަށެވެ. ރާއްޖެއަކީ އަންހެނުން ނުވަތަ ފިރިހެނުންގެ ނިޞްބަތް ގިނަވެ ކައިވެނިކުރަން އުނދަގޫވާ ހިސާބަށް އެއްވެސް ޖިންސެއް އިތުރުވެފައިވާ ޤައުމެއް ނޫނެވެ. ކައިވެނިކޮށްގެން ރަނގަޅު ގޮތުގައި ދިރިއުޅެން ބޭނުން ކޮންމެ މީހަކަށްވެސް އެފުރުޞަތު އޮތް ޤައުމަކަށްވާއިރު މިފަދަ އަންހެނުން ގިނަވާކަމާއިމެދު ހަމަޤައިމުވެސް އަޅުގަނޑު ކަންބޮޑުވެއެވެ.
- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް
