އަޅުގަނޑުމެންގެ ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބުނެވެ. ލޯބިލޯބި އަންހެން ކުއްޖެކެވެ. އެދރިފުޅަށް 3 އަހަރުގައި އަޅުގަނޑު ވަރިކޮށްލާފައި ފިރިމީހާ ނުކުމެގެން ދިއައީ އެންމެ ކުޑަމިނުން އެދުވަހު ކައްކާނެ އެއްވެސް ގޭގައި ނެތިއެވެ. އެއީ ފިރިމީހާގެ އަތުގައި ފައިސާ ނެތިގެނެއް ނޫނެވެ. ގެއަށް ކާބޯތަކެތި ވެއްދުމުގައި ފަރުވާކުޑަކަމުންނެވެ.
ޤަބޫލުފުޅު ކުރައްވާށެވެ! ހުރިހާ ދަބަހެއްގައި ހުރި ވަކިލާރިކޮޅު އެއްކުރީމާ ހަމަވީ އެންމެ 70 ރުފިޔާއެވެ. ބަލައިލިއިރު ދަރިފޫލުގެ ބުއްދަޅުވެސް ހުރީ ހުސްވެފައެވެ. 70 ރުފިޔާއަށް އެންމެ ކުޑަމިނުން ބުއްދަޅެއްވެސް ގަންނަން ނުލިބޭނެއެވެ.
ވިސްނާލަން އިށީނީމެވެ. އެވަގުތު ވިސްނުމަށް އައެވެ. "ދަތިޙާލަތެއް ކުރިމަތިވެވަޑައިގަތުމުންވެސް ރަސޫލާ ﷺ އަވަސްވެވަޑައިގަންނަވަނީ ނަމާދެއް ކުރެއްވުމަށެވެ." ތެދުވެ ބާރަށް ހިނގާފައި ގޮސް ވުޟޫކޮށްގެން 2 ރަކްޢަތް ނަމާދެއްކުރީމެވެ. ނަމާދަށްފަހު ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކުރީމެވެ.
އެއިރު ދަރިފުޅަށް އޮތީ ނިދިފައެވެ. އެހެންވެ މުސައްލަމަތީގައި ކިޔަވަން މަޑުކޮށްލައިގެން އިންދާ ޢަޞްރުވަގުތުޖެހުމުން ޢަޞްރު ނަމާދުޚުރުމަށްފަހު ޛިކުރުކުރަން އިނީމެވެ.
އިރުކޮޅަކުން މީހަކު ބެލްޖަހާއަޑު އިވެން ފެށުމުން ތެދުވެގެންގޮސް ދޮރުހުޅުވިއިރު ދޮރުމަތީގައި ތިބީ މެދުއުމުރުގެ ދެމަފިރިންނެވެ. މަރްޙަބާ ކިޔައި ގެއަށް ވެއްދުމުން ބުނީ ބެލްޖެހުނީ އޮޅުމަކުންކަން އެނގިއްޖެ ކަމަށެވެ. ބެލް ޖެހީ މިގޭގައި ކުއްޔަށްދޫކުރާ ކޮޓަރި ހުންނަކަމަށް ހީވެގެންނެވެ. މިގެ މިފެންނަނީ ވަރަށް ކުޑަ ގެއެއް ގޮތަށެވެ. އުނދަގޫކުރެވުނީތީ މާފުކުރާށެވެ."
އަޅުގަނޑު ބުނީމެވެ. "މިގޭގައި ހުރީ ދެކޮޓަރިއެވެ. އެއްކޮޓަރިއަކީ އަޅުގަނޑު ދިރިއުޅޭ ކޮޓަރިއެވެ. އަނެއް ކޮޓަރިއަކީ ދަރިފުޅު ނިންދަވާ ކޮޓަރިއެވެ. ނަމަވެސް ތިއައީ ދެމަފިރިން ކަމަށްވާނަމަ އަޅުގަނޑުގެ ކޮޓަރި ކުއްޔަށްދީފާނަމެވެ." އަދި ދޭންޖެހުނު ސަބަބުވެސް ކިޔައިދިނީމެވެ.
އެމީހުން ބުނީ އެއީ ދެމަފިރިން ކަމަށެވެ. އެމީހުންގެ މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭކަމަށާއި އެމީހުންނަކީ ދަތުރުވަރިއެއްގައި މާލެ އައިސް އުޅޭ ބައެއް ކަމަށެވެ. ވީމާ ފުރަންވަންދެން އެމީހުން ތިބެން ބޭނުން ކަމަށެވެ. އަޅުގަނޑު އެމީހުންނަށް ވަރަށް ހެޔޮކޮށް ކަންތައްތައް ކުރީމެވެ. ގޭގައި ކައްކައިކެއުމުގެ ފުރުޞަތުވެސް ދިނީމެވެ.
އެމީހުންގެ މަންމަ ހޮސްޕިޓަލުން ދޫކޮށްލުމުން ގެނައީވެސް ގެއަށެވެ. އެމީހުން ފުރީ 3 މަސްދުވަސްފަހުންނެވެ. ފުރަންވެގެން އުޅުނުއިރު ބުނީ އެމީހުންގެ ދަރިއަކާއި އެމީހުންގެ ތިމާގެ 2 ކުދިން މާލޭގައި ކިޔަވަން ތިބޭކަމަށެވެ. ތިބެނީ ކުއްޖަކަށް މަހަކު 3000 ރުފިޔާ ދީގެން ކަމަށެވެ. ބަލަހައްޓައިދޭނެނަމަ ގެއަށް ބަދަލުކޮށްދީފާނެ ކަމަށެވެ.
އަޅުގަނޑު އެކަން ޤަބޫލުކުރީމެވެ. އެއީ އަތުގައި އެއްވެސް ފައިސާއެއް ނެތުމުން އެފައިސާކޮޅު ލިބޭނަމަވެސް ސަލާން ނުޖަހައި އުޅެވިދާނެތީއެވެ. އަޅުގަނޑަށް އެހީތެރިވެދޭނެ އެކަކުވެސް ނެތެވެ. މައިންބަފައިން ވަނީ ނިޔާވެފައެވެ. އެއްބަނޑުކުދިންނަކީވެސް ފޯރާބައެއް ނޫނެވެ. އެކުދިން އުޅެނީ މަންމަގެ ގެ ބަހައިގެން އެގޭގައެވެ. ބައްޕަގެ އޮތް ބިންކޮޅު ލިބުނީ އަޅުގަނޑަށެވެ. ވީމާ އަޅުގަނޑުގެ ދިރިއުޅުން އޮތީ އެމީހުންނާއި މުޅިން ވަކިވެފައެވެ.
އަޅުގަނޑު އެފަދަ ގޮތަކަށް 2 އަހަރު ދުވަހު އުޅުނީމެވެ. 2 އަހަރުވީފަހުން ބައްދަލުވި މީހަކާއި ކައިވެނިކޮށްގެން 2 ވަނަ ކައިވެނީގައި މިހާރު 18 އަހަރުވެއްޖެއެވެ. ދެވަނަ ފިރިމީހާ ވަނީ އަޅުގަނޑުގެ ބިންކޮޅުގައި 6 ބުރިއަށް ޢިމާރާތެއްވެސް އަޅައިފައެވެ.
އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ގިނަ ބައަކަށް ޤަބޫލުކުރެވޭ ގޮތުގައި ދަތިޙާލުގައި ޖެހުމުން ކެތްތެރިވެ ދުޢާކުރުމަށްވުރެ މުހިންމީ ފަސޭހައިން ފައިސާ ލިބެން އޮތް ގޮތަކުން ފައިސާ ހޯދައިގެން އުފަލުގައި ދިރިއުޅުމެވެ. ދުޢާ ޢިޖާބަކުރެއްވެވުމުގެ ވާހަކަ ގިނަ ބައަކަށް އޮންނަނީ ޤަބޫލުވެސް ނުކުރެވިފައެވެ.
ކޮންމެ މީހަކު ކޮންމެ ކަމަކަށް އެދިގެން ކުރާ ކޮންމެ ދުޢާއެއް ވަގުތުން ޢިޖާބަ ނުކުރެއްވެވުމަކީ ދުޢާކުރަން ފަސްޖެހެންވީ ކަމެއް ނޫނެވެ. ވިސްނަވައިލައްވާށެވެ! އެންމެ ދަތިޙާލުގައި ޖެހި ގޮތް ހުސްވުމުން އަޅުގަނޑު ކުރި ދުޢާ ޢިޖާބަކުރެއްވެވީ ހަމަ ވަގުތުންނެވެ. ދުޢާކުރަން ކުރި ވުޟޫމަތީގައި އިންދައެވެ. ހަމަ އެފަދައިން ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދި ކުރަމުން އައި ދުޢާ ޢިޖާބް ކުރެއްވެވީ 2 އަހަރު ފަހުންނެވެ. 2 އަހަރު ފަހުން ނަމަވެސް ދެއްވެވީ ހެޔޮލަފާ ފިރިއެކެވެ.
ވީމާ އަޅުގަނޑުގެ ވާހަކަކޮޅުގައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއްވާނެ ކަމަށް އުްމީދުކުރަމެވެ.
- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް