ޙަޤީޤީ ޙާދިސާ: ކުރެވުނު ކުށް ފޮރުވަން ބުނެވުނު ބަހަކުން ފިރިހެންކަން ގެއްލުނު މީހެއްގެ ވާހަކަ-

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޙަޤީޤީ ޙާދިސާ: ކުރެވުނު ކުށް ފޮރުވަން ބުނެވުނު ބަހަކުން ފިރިހެންކަން ގެއްލުނު މީހެއްގެ ވާހަކަ-

އެއީވެސް ވަރަށް ލޯބިން ދިރިއުޅެމުން އައިދެމަފިރިންނެވެ. އެކަން ރަށުގެ އެންމެންވެސް ފާހަގަކުރެއެވެ. އެޒަމާނަކީ ދެމަފިރިން ނަމަވެސް އަތުގައި ހިފައިގެން މަގުމަތީގައި ހިނގައި އުޅުން އެހައި ޢާންމު ދުވަސްވަރެއް ނޫނެވެ. އެއިރު މަގުމަތިންދާނަމަ ދެމީހުން އެއްހަމައެއްގައިވެސް ނުތިބޭނެއެވެ. އަނބިމީހާ ހުންނާނީ ފިރިމީހާއަށްވުރެ ތަންކޮޅެއް ފަހަތުގައެވެ. އެއީ އެއިރުގެ އާދަކާދައެވެ. އެހެންކަމާއިއެކުގައިވެސް އެދެމެފަރިން އަތުގައި ހިފައިގެން ހިނގައި އުޅެއެވެ. 

އެއިގެ އިތުރުންވެސް އެދެމަފިރިންގެ ކިބައިން ފެންނަ ތަފާތުކަމެއް އޮވެއެވެ. އެއީ ފިރިމީހާ މަހަށް ނުގޮސް ރަށުގައި ހުންނަ ދުވަހެއް ނަމަ އަނބިމީހާ ތެލިތައް ދޮންނަން ގޮނޑުދޮށަށްދާއިރު ދެމަފިރިން އެކުގައި ދިއުމެވެ. އަނބިމީހާ ތެލިދޮންނަވަރަކަށް ފިރިމީހާ މޫދަށް ތެލިލައި ދޮވެސާފުކުރާނެއެވެ. ދެމީހުން އެއްގަނަށް އަރާނީ އެކުގައި މޫދަށް އެރުމަށްފަހުގައެވެ. 

މިކަންކަމާއިހުރެ އެއްބައަކު ފިރިމީހާއަށް ފުރައްސާރަވެސް ކުރެއެވެ. ހަމައެއާއިއެކު ގިނަ އަންހެނުން ތަކެއް ތިބެނީ ދެމަފިރިންގެ ދެމެދަށްވަދެ ފިރިމީހާ އަތުއަޅުވައިލާނެ ގޮތަކަށް، އެފަދަ ދަނޑިވަޅަކަށް ބަލަބަލައެވެ. 

ކޮންމެއަކަސް ރަށުގެ އެންމެ ރީތި އަންހެނުންކުދިންގެ ތެރޭގައި ހިމެނޭ ކުއްޖަކު ވަރަށް މަސައްކަތްކޮށްގެން އެކަމުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ހޯދިއެވެ. ދެމީހުން ސިއްރުން ބައްދަލުކޮށް ވާހަކަ ދައްކައި ހެދިއެވެ. އިސާހިތަކު އެވާހަކަތައް ރަށުތެރޭގައި ފެތުރެންވެސް ފެތުރުނެވެ. 

އެކަމާއިވީ ދެރައިން އަނބިމީހާ ގާތުގައި ތެދަށް ބުނުމުގެ ބަދަލުގައި އޭނާހެދީ ދޮގެވެ. އެކި ގޮތްގޮތަށް ވާހަކަދައްކަމުން ގޮސް އޭނާއަށް ބުނެވުނެވެ. "ތިއަ ބާވަތުގެ އެއްވެސް ކަމެއް ހިނގާފައިވާނަމަ އަހަރެންގެ ފިރިހެންކަން އަނބުރާ ގެންދެވިނަމަވެސް މައްސަލައެއް ނެތެވެ." 

އެހެން ބުނިތާ މާގިނަ ދުވަހެއް ނުވަނީސް އޭނާގެ ފިރިހެންކަން ކުޑަވަމުން ކުޑަވަމުން އައިސް އެކުގައި ގެއްލިއްޖެއެވެ. އަނބިމީހާ އާއިއެކު ދިރިއުޅެން ފޫހިވަމުން ގޮސް އަނބިމީހާ ވަރިވެސް ކުރިއެވެ. އޭނާގެ މުޅި އުމުރު ނިމިގެންދިއައީ އެކަނި ހުރެއެވެ. އެއްވެސް އަންހެނަކާއި ކައިވެނިކުރަން ޝައުޤުވެރިކަމެއްވެސް ނެތިހުރެއެވެ. އަދި އެންމެ ބޮޑަށް ޙައިރާންވާންޖެހުނު ކަމަކީ އުމުރުގެ ފަހުކޮޅުގައި ރަނޑު އަންހެނުން އުޅޭގޮތަށް އޭނާ މަގުމަތީގައި އުޅުނުކަމެވެ.   

އަޅުގަނޑަކީވެސް މިއަދުނޫހުގައި ޝާއިޢުކުރާ ޙަޤީޤީ ވާހަކަތަކުގެ ސިލްސިލާ ވަރަށް ޝައުޤްވެރިކަމާއިއެކު ކިޔަމުން އަންނަ މީހަކީމެވެ. ދޮގުހުވާކުރަން ދުލުން ބަސްތައް ބުނި މީހަކަށް މެދުވެރިވި ކަންތައްތަކެއްގެ ވާހަކަ ކިޔާފައި އަޅުގަނޑަށްވެސް އެނގިހުރިކަމެއް ވެސް ޙިއްޞާކޮށްލަން ބޭނުންވީއެވެ. 

މިވާހަކައަކީ އަޅުގަނޑުގެ މާމަ އަޅުގަނޑަށް ކިޔައިދީފައިވާ ވާހަކައެކެވެ. މާމަބުނީ އެމީހާ، އޭނާގެ އަނބިމިހާ ވަރިކުރުމުން އޭނާ އާއި ކައިވެނިކުރަން ރަށުގެ ވަރަށް ގިން އަންހެނުން މަސައްކަތްކުރި ކަމަށާއި އެއިގެ ތެރޭގައި މާމަވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެއްވެސް އަނހެނަކާއި އެނާ އެގޮތުން ވާހަކަވެސް ނުދެއްކި ކަމަށެވެ! 

ދޮގުހުވާ ކުރުމާއި ދޮގުހަދާފައި އެއީ ތެދުކަން ސާބިތުކުރަން މިބާވަތުގެ ބަސްތައް ބުނުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. ބިރުގަންނަ މީހަކު ނެތްކަމަށް ބުނެވިދާނެ ޙާލަތަށް އެކަން ކުރާމީހުން މިވަނީ ގިނަވެފައެވެ. އެފަދަ ކޮންމެ މީހަކަށް މިބާވަތުގެ ކަންކަން މިންވަރު ނުކުރައްވަވަނީ ﷲ ގެ ދީލަތިވަންތަކަން ބޮޑުކަމުން ކަމާއިމެދު ވިސްނައިލާނެ މީހަކުވެސް ނެތެވެ.

 

- ޚަދީޖާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން