ޙަޤީޤީ ޙާދިސާ: އަތުގަ އެއްވެސް ފައިސާއެއް ނެތި ވަރިކޮށްލުމުން ކުޑަކުޑަ 4 ދަރިންނާއިއެކު ފަސްމައިން އެކުގަ ދުޢާކުރުމުން އަނެއް ދުވަހުން ފެށިގެން ލެއްވެވި ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ޙަޤީޤީ ޙާދިސާ: އަތުގަ އެއްވެސް ފައިސާއެއް ނެތި ވަރިކޮށްލުމުން ކުޑަކުޑަ 4 ދަރިންނާއިއެކު ފަސްމައިން އެކުގަ ދުޢާކުރުމުން އަނެއް ދުވަހުން ފެށިގެން ލެއްވެވި ރަޙްމަތުގެ ވާހަކަ-

ޢުމުރުން 32 އަހަރެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް 10 އަހަރެވެ. 4 ދަރިން ލިބިފައިވެއެވެ. ފިރިމީހާ އޭނާގެ މަންމަ ބަލިވެގެން ޙާލުދެކެލަން ރަށަށް ދިއަތާ ހަފްތާއެއްވީދުވަހު ގުޅާފައި ބުނީ ދެން މާލެ ނުދާނެ ކަމަށާއި ވަރިކުރީ ކަމަށެވެ. 

ފިރިމީހާގެ ކިބައިން ޝައްކުކުރެވޭ ޒާތުގެ އެއްވެސް ކަމެއްވެސް ނުފެނި ހުއްޓައި ކުއްލިއަކަށް އެގޮތަށް ކަންކަން ކުރުމުން ހަދާނެ ގޮތް ހުސްވިއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. ފުރިމީހާ ފުރީ އަތުގައި ހުރިފައިސާކޮޅުންވެސް ނަގައިގެންނެވެ. ހަފްތާއަކުން އެނބުރި އަންނާނެކަމަށް ބުނެފައެވެ. 

އަޅުގަނޑަކީ ކައިވެނިކުރީންސުރެ ޢާއިލާގެ އެއްވެސް މީހެއްގެ ކިބައިން އެއްވެސް އެހީތެރިކަމެއް ހޯދި އަންހެނެއް ނޫނެވެ. އެމީހުންވެސް އަޅުގަނޑުގެ ޙާލެއް ނުބަލައެވެ. އެއީ އެންމެންނާއި ދެކޮޅަށް ކައިވެނިކުރީތީއެވެ. 

ފިރިމީހާ ފޯނުކަނޑާލުމުން "ގަނޑުވެފައި" އިރުކޮޅަކު އިނދެވުނެވެ. ކުޑަކޮށް ހަމަޖެހިލެވުމުން 4  ދަރިން ގެނެސް ކައިރީގައި ބައިތިއްބައި އެންމެން އެކުގައި ދުޢާކުރީމެވެ. ކުރިމަތިވި މުޞީބާތުން ސަލާމަތްކުރެއްވެވުން އެދިއެވެ.  ހައިހޫނުކަމުން ސަލާމަތްވެ 5 މައިންނަށް ދުނިޔޭގައި އުޅެވޭނެ މަގެއް ދެއްކެވުން އެދިއެވެ. 

އަޅުގަނޑަކީ ދުވަހަކުވެސް އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް އެދުނު އަނހެނެއް ނޫނެވެ. އަބަދުވެސް ލިބޭ މިންވަރަށް ފުދިގެން އުޅެމުން އައި އަންހެނަކީމެވެ. މީހުން ގާތުގައި ކަންކަމުކިޔާނަމަ ޢިއްފަތްތެރިއެއްގެ ގޮތުގައި ނުއިނދެވޭނެކަން އަބަދުވެސް ޤަބޫލުކުރަމެވެ. އެހެންވެ އެއްވެސް މީހަކަށް ސަލާން ނުޖަހައި ޢިއްފަތްތެރިކަންމަތީގައި އިނދެވޭނެ މަގެއް ދައްކަވައި ދެއްވެވުން އެދި ކެނޑިނޭޅި ދުޢާކުރަމުން ގެންދިއައިމެވެ.  

އަނެއް ދުވަހު މެންދުރު އެކުވެރިއަކު ގެއަށް އައެވެ. އޭނާ އައީ އެއިގެ 7 އަހަރުކުރިން އަޅުގަނޑު އަތުން އަނބުރައިޑޭން ގެންދިއަ 2000 ރުފިޔާ ހިފައިގެންނެވެ. އެއިރު އަޅުގނޑު ވަޒީފާ އަދާކުރަމެވެ. މުސާރަ ލިބެއެވެ.  

އޭނާ އެލާރިކޮޅު ދިނުމުން ވަރަށް އުފާވިއެވެ. އަދި އަޅުގަނޑުމެންކުރި ދުޢާ ޢިޖާބަކުރެއްވެވިކަންވެސް ޤަބޫލުކުރެވުނެވެ. އެއީ އެހައިދުވަސްފަހުން އެންމެ ބޭނުން ޖެހުނު ވަގުތު ކުއްލިއަކަށް އައިސް އެލާރިކޮޅު ދިނުމުންނެވެ.  

އެކުވެރިޔާއަށް އަޅުގަނޑުގެ ޙާލުގެ ވާހަކަ ކިޔައިދިނުމުން ދެރަނުވާން ބުންޏެވެ. އޭނާގެ ފިރިމީހާއަކީ ކޮންމެވެސް ވަރެއްގެ ތަނަވަސްކަން ހުރި މީހެއް ކަމަށާއި އަޅުގަނޑުމެންގެ ޙާލު ބަލައިދޭނެކަމަށް ބުންޏެވެ.  

ޖެހިގެން އައި ހަފްތަގައި އެކުވެރިޔާއައީ އޭނާގެ ފިރިމީހާ ގޮވައިގެންނެވެ. އޭނާ ބުނީ ގޭދޮރުމަތީގައި ހުރި ކޮޓަރި ކުޑަތަންކޮޅެއް ބޮޑުކޮށްލައި ފިހާރައަކަށް ހަދައިދީފާނެ ކަމަށެވެ. ކުލި ލިބެންފެށުމުން ލިބޭވަރަކުން ދައްކައި އަގުއަދާކުރަނިކޮށް މައްސަލައެއް ނެތް ކަމަށެވެ. އަދި އެތަން ކުއްޔަށް ދެވެންދެން ގޭގެ ޚަރަދުތައް ބަލަހައްޓައިދޭނެ ކަމަށެވެ. އެކަންކށްދޭނީ ﷲ އަށްޓަކައި ކަމަށެވެ.  

މަހެއްހައި ދުވަސްތެރޭގައި ފިހާރަހަދައި ކުއްޔަށްދެވިއްޖެއެވެ. މަހަކު 10،000 ރުފިޔާއަށެވެ. އެހިސާބުން އަމިއްލައަށް ދިރިއުޅެވެން ފަށައިފިއެވެ. ކެއުންބުއިމަށް ޚަރަދުކޮށް ބިލްތައް ދައްކައި 4 ދަރިންގެ ކަންކަން ބަލަހައްޓައިގެން އުޅެން އެއީ ވަރަށް މަދު އަދަދެކެވެ. ނަމަވެސް ޚަރަދުތައް ކުޑަކުރީއެވެ. ފުދުންތެރިވާން ހިތްވަރުކުރީއެވެ.

ފިހާރަ ކުއްޔަށް ހިފިމީހާއަކީ އަނބިމީހާ ވަރިވެގެން ދިއުމުން އެކަނިހުރި މީހެކެވެ. އޭނާ އާއި ދެމީޙުންގެ މެދުގައި އުފެދުނު ގުޅުމުގެ ތެރެއިން ދެމީހުންގުޅި ކައިވެނިކުރީއެވެ. ދެވަނަ ކައިވެންޏަށް މިހާރު 20 އަހަރުވެއްޖެއެވެ. އަޅުގަނޑަށް ބައްޕަގެ ކިބައިން ވާރުތަވެފައި އޮތް 1000 އަކަފޫޓުގެ ބިމުގައި މިހާރުވަނީ ރަނގަޅު ފެންވަރުގެ ގެއެއްވެސް އަޅައިފައެވެ. ގެއިން ކުއްޔަށްދީފައިހުރި ބައިތަކުގެ ކުއްޔަށް ލިބޭ ފައިސާއިން ލޯނަށް ދައްކާފައިވެސް މަހަކު 30،000 ރުފިޔާވަރު ލިބެއެވެ.   

އަޅުގަނޑަށް ލިބޭ ފައިސާގެ ވާހަކަ މިދެއްކީ އެއީ މާގިނަ ފައިސާތަކަކަށްވެގެން ފަޚުރުވެރިވާކަށް ނޫނެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކޮންމެފަދަ ނިކަމެތި ޙާލެއްގައި އުޅެންޖެހުނު ނަމަވެސް ﷲ މަގުގައި ސާބިތުވެ ހުންނަން މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް އެކަމަށް މަގެއް ދައްކަވާނެ ކަމެވެ.   

ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން