ޙަޤީޤީ ޙާދިސާ: އެކަނި ގެންގުޅެ ބޮޑުކުރީމަ ރޮއްވާފަ ނުކުމެގެން ދިއަ ދަރިފުޅަށް ފިރިމީހާ ކުރިއަނިޔާތަކުން ގިރިގެން އެނބުރި މަންމަ ގާތަށް ދާންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ޙަޤީޤީ ޙާދިސާ: އެކަނި ގެންގުޅެ ބޮޑުކުރީމަ ރޮއްވާފަ ނުކުމެގެން ދިއަ ދަރިފުޅަށް ފިރިމީހާ ކުރިއަނިޔާތަކުން ގިރިގެން އެނބުރި މަންމަ ގާތަށް ދާންޖެހުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑަކީ އެކަނިމާއެކި ވަރަށް ބުރަ މަސައްކަތްކޮށްގެން އަންހެން ދަރިއަކު ބަލައި ބޮޑުކުރި އަންހެނަކީމެވެ. ފިރިމީހާ ނިޔާވީ ދަރިފުޅުގެ ޢުމުރުން އެންމެ 3 އަހަރުގައެވެ. އެއިރު ކައިްޏަށް 6 އަހަރެވެ. ޢުުރުން 28 އަހަރެވެ. 

ދިރިއުޅެމުން އައީ ޢާއިލާއާއިއެކުގައެވެ. ނަމަވެސް މައިންބަފައިންނަކީ ވަރަށް ފަޤީރުބައަކަށްވާތީ އެހީތެރިނުވެވުނީއެވެ. ދަރިފުޅަށް ކިޔަވައިދީ ބަލައިބޮޑުކުރީ ގޭގޭގައި ނޯކިރީކޮށްދީގެންނެވެ. ގޭގޭގައި މަސައްކަތްކުރަން ދެވުނީ މަންމަ ދަރިފުޅު ބަލައިދިނީތީއެވެ. 

އިތުރު ކައިވެންޏެއް ނުކުރަމެވެ. އަޅުގަނޑަކީ ފިރިއަކަށް ވަރަށް ބޮޑަށް ބޭނުންވާ އަންހެނަކު ނަމަވެސް ކައިވެނި ނުކުރީ ވެސް ހަމަ ދަރިފުޅަށްޓަކައެވެ. ކައިވެނިކޮށްފިނަމަ ދަރިފުޅަށް ދޭންޖެހޭ ލޯބި ނުދެވިދާނެތީއެވެ. 

ކޮންމެއަކަސް ދަރިފުޅު އޯލެވެލް ނިންމިތަނާހެން ފިރިހެން ކުއްޖަކު އޭނާގެ ފަހަތުން އަޅައިގެންފިއެވެ. އެކަމަކާހުރެ ދެން ނުވެސް ކިޔެވިއެވެ. ހުރިހާ ބުރައެއް އުފުލައި ގެންގުޅެ ބޮޑުކުރި މަންމަގެ ނަޞޭޙަތަށްވުރެ އޭނާއަށް މުހިންމުވީ ނުބައި ނަޞޭޙަތްދޭ އެކުވެރިންނެވެ. 

18 އަހަރު ކިރިޔާ ފުރުނުތަނުން ކައިވެނިކޮށްގެން ގެއިން ނުކުމެގެން ހިނގައްޖެއެވެ. އެއީ ގޯސްކަމަކަށްވީނަމަވެސް އެހިސާބުން އަޅުގަނޑު ދަރިފުޅު ހޯދާކަށް ނުދަމެވެ. އުޅޭގޮތެއްވެސް ނުބަލަމެވެ. ނަމަވެސް އޭނާއަށްޓަކައި ހެޔޮދުޢާކުރަމުން ގެންދިއައިމެވެ. 

މިހެން ބުނި ނަމަވެސް އެކަމާއި ދެރަވީވަރުން ރޮވި ކަރުނައެޅުވަރެއް ނުއެނގެއެވެ. ކާހިތް ނުވާތީ ނުކައި ހުރެވުނީ ކިހައި ދުވަހަކުކަމެއް ބުނާކަށް ނުއެނގެއެވެ. ކިރިޔާވެސް ހިތަވަރެއް ލިބެނީ ދުޢާކުރެވުނު ވަރަކުންނެވެ. 

އެކަމުގެ ހިތާމައިގާ ހުއްޓައި ބައްދަލުވި އެކަނިވެރި ފިރިހެނަކު އެދުނު އެދުމަށް ކައިވެނިކުރީމެވެ. އެއީ ސިކުނޑިއަށް ހަމަޖެހުން ހޯދުމުގެ ބޭނުމުގައެވެ. މުސްކުޅިވާދުވަހު އެހީތެރިވެދޭނެ މީހަކަށް ބޭނުންވާތީއެވެ.

ފިރިމީހާވީ ވަރަށް ހެޔޮލަފާ މީހަކަށެވެ. އޭނާއަކީ މާލޭގައި ގެދޮރުވެސްހުރި މީހެކެވެ. އެހެންވެ ކައިވެނިކޮށްގެން ގެންދިއައީ އޭނާގެ ގެއަށެވެ. ދެމަފިރިން ދިރިއުޅެމުން ދިއައީ ހަމަ އުފަލުގައެވެ. 

ދަރިފުޅު ގެއިން ދިއަތާ 7 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެނބުރި އަޅުގަނޑު ގާތަށް ގެއަށް އައެވެ. ކުޑަކުޑަ ދެ ކުދިންވެސް ގޮވައިގެންނެވެ. ވީއުފަލުން ގެއަށް ވައްދައި އެއްފަހަޜާ ދެކުދިން އުނގަށް އެރުވީމެވެ. އަޅުގަނޑަށް ލިބުނު އުފަލުގައި ފިރިމީހާވެސް ބައިވެރިވިއެވެ. 

ދަރިފުޅު ރޮމުން ކިޔައިދިނެވެ. "ކައިވެންޏަށް އަހަރެއްހައިދުވަސްވެސް ނުވަނީސް ތަޅާ އަނިޔާކުރަން ފަށައިފިއެވެ. ވޭން އެޅިނަމަވެސް މަންމަ އާއިމެދު ކަންކަން ކުރެވުނު ގޮތުން ލަދުން މަންމަ ގާތަށް އަންނަން ނުކެރި މަޑުކުރީއެވެ. ފިރިމީހާ މަސްތުވާތަކެތި ބޭނުންކުރެއެވެ. ޑީލްވެސް ކުރެއެވެ. އެކަން އެނގުނީ ފުރަތަމަ ދަރިފުޅުވެސް ލިބުނު ފަހުންނެވެ. މިއަދު ލަދުކަނޑާލާފައި މަންމަ ގާތަށް މިއައީ ފިރިމީހާ ހައްޔަރުކޮށް 15 އަަހރުގެ ޖަލު ޙުކުމެއް އިއްވީމައެވެ." 

އަޅުގަނޑު ދަރިފުޅުގެ ގައިގަ އަތްލީމެވެ. ތެޅިވަރުން އެއިރުވެސް ބައެއް ތަްތަން ހުރީ ގަނޑުލައިފައެވެ. އަނެއްބައި ތަންތަން ހުރީ ވެލާ ބިހެއްފަދައިން މަޑުވެފައެވެ. ހަށިގަނޑުވަނީ ގިރިފައެވެ. 

ވާހަކަތައް އަޑުއިވުމުން ފުރަތަމަ ވަރަށް ރުޅި އާދެވުނެވެ. ނަމަވެސް އަނިޔާ ލިބެމުން އައިވާހަކަ ބުނުމުން ކަމްދަރުދީ އުފެދި ފިރިމީހާގެ އިޒުނައާއެކު ދަރިފުޅަށް މަރުޙަބާކީމެވެ. އެ 3 މައިން ބަލަހައްޓާތާވެސް މިހާރު 5 އަހަރުވީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އަންހެންދަރިންނަށް ބުނެލަން އޮތީ މީހަކު ތިއަދަރިންދެކެ ކިތަންމެ ބޮޑަކަށް ލޯބިވާކަމަށް ބުނި ނަމަވެސް މައިންދޭ ނަޞޭޙަތުގައި ކޮޅުފައިން ނުޖަހާށެވެ. ޚާއްޞަކޮށް ބައްޕައަކާއި ނުލައި ތިއަކުދިން ބޮޑެތިކުރާ މައިންގެއެވެ. މައިމިހާއަށްވުރެ ދަރިން ދެކެ ލޯބިވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. 

ވަކިން ޚާއްޞަކޮށް ކިޔެވުން ހުއްޓައިނުލާށެވެ. އެކަނިވެރިވާ ދުވަހު ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބޭނީ ވަޒީފާއެއް އަދާކުރެވޭވަރަށް ކިޔެވިފައިވާނަމައެވެ. ނުވަތަ އަމިއްލައަށް މަސައްކަތެއް ކުރެވޭނެ ވަރަށް މަސައްކަތެއް ދަސްވެފައިވާނަމައެވެ. 

- ސަކީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން