އަޅުގަނޑު ކައިވެނިކުރީ އުމުރުން 22 އަހަރުގައެވެ. އެކުގައި 4 އަހަރު އުޅެވުނުތަނާ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވެއްޖެއެވެ. އަޅުގަނޑަށްވުރެ 3 އަހަރު ހަގު މާރީތި ކުއްޖަކު ފެނުނީއެވެ.
ފިރިމީހާ ވަރަށް ގިނަ ވައުދުތައްވެ އެތައް ހުވައެއްކޮށްފައި އެދުނީ އެކަމަށް ރުހުމަށެވެ. ދުވަހަކުވެސް އަޅުގަނޑަށް ދެރަގޮތެއް ނުހަދާނެ ކަމަށެވެ. އަދި އަބަދުވެސް އިސްކަންދޭނީ ދޮށީ އަނބިމީހާގެ ހައިޞިއްޔަތުން އަޅުގަނޑަށް ކަމަށެވެ.
ފިރިމީހާ ދެކެ އިންތިހާއަށް ލޯބިވެވޭތީ ފިރިމީހާގެ ބަސް ޤަބޫލުކޮށް ރުހުނީމެވެ. އެއިގެ އަހަރެއްހައި ދުވަސްފަހުން އަޅުގަނޑު ބަލިވެ އިނދެއްޖެއެވެ. އަޅުގަނޑުގެ ބަނޑަށް 4 މަހުގައި އެނގުނީ ދެވަނަ އަނބިމީހާވެސް އިނީ ބަލިވެކަމާއި އޭނާގެ ބަނޑަށް 7 މަސްކަމެވެ.
އެއްދުވަހަކު ފެނުނީ ހަގުއަނބިމީހާ ގޮވައިގެން ގެއަށް އައިސް ވަންތަނެވެ. ބުނީ ވިހައިގަދަވަންދެން ގޭގައި ބައިންދާލަދިނުމަށެވެ. އަޅުގަނޑު ފުރަތަމަވެސް ބުނީމެވެ. އޭނާއަށް ޚިދުމަތްކުރަން އަޅުގަނޑުގެ ޞިއްޙަތު ތަނެއް ނުދެއެވެ. ގޭގައި ވިހައިގަދަވަންދެން ބައިންދާނަމަ އޭނާއަށް ޚިދުމަތްކުރާނެ ނޯކަރަކު ހޯދާށެވެ.
ފިރިމީހާ އެކަމަށް އެއްބަސްވުމުން ގޭގައި ބެހެއްޓީމެވެ. ނަމަވެސް ނޯކަރަކު ހޯދޭ ދުވަހެއް ނައެވެ. ހުރިހާ ކަމެއް ކޮށްދޭންޖެހުނީ އަޅުގަނޑަށެވެ. އިތުރަށް މާގިނަ ޝަކުވާތައް ނުކޮށް މަޑުކޮށްލައިގެން ހުރީ އަޅުގަނޑުވެސް ވިހަންވެފައި އިނުމުން އެނާގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކޮށްގެންނެވެ.
ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. ވިހަން ހޮސްޕިޓަލަށްދާން ޖެހުނީވެސް އެކަންޏެވެ. ފިރިމީހާވެސް ބިޒީކަމުން ނުދިއައެވެ. 3 ދުވަސްވަންދެން ހޮސްޕިޓަލުގައި އޮވެފައި ގެއަށް އައިއިރުވެސް ފިރިމީހާއަށް ހޮސްޕިޓަލަށް ގޮސް އަޅުގަނޑު ގާތުގައި މަޑުކޮށްލެވުނު ކަމަކަށް ވެސް ނުވިއެވެ.
ގެއަށް އާދެވުމާއިއެކު ބުނީމެވެ. "ކަލެއާއި ކައިވެނިކުރީ ވަރަށް ލޯބިވެގެންނެވެ. އެދުނުހައި ކަމަކަށް އެއްބަސްވީވެސް ހަމަ ލޯބިވާވަރުންނެވެ. ނަމަވެސް މިވަރުން ފުދި އިތުރުވެއްޖެއެވެ. އަހަރެން ވަރިކޮށްފައި އަނބިމީހާ ގޮވައިގެން އަވަހަށް މިގެއިންދާށެވެ."
ފިރިމީހާ ބުނީ ހަގު އަނބިމިހާގެ ޢާއިލާ ދިރިއުޅެނީ ކުއްޔަށް ކަމަށާއި އެތަނުގައި ކުޑަކުއްޖަކު ގޮވައިގެން ގޮސް ނުއުޅެވޭނެ ކަމަށެވެ. އަދި ވަރިކޮށްފިނަމަ ދަރިފުޅަށް ޚަރަދު ނުކުރާނެ ކަމަށެވެ.
އަޅުގަނޑު ބުނީމެވެ. "އަމިއްލަ ގޭގައި ދެމަފރިންގެ ނޯކަރަކަށްވެގެން މާބަނޑުހާލުގައި ކޮށްދިން ޚިދުމަތުގެ އަގު ލިބިއްޖެއެވެ. ދަރިފުޅަށް ކުރަންޖެހޭ ޚަރަދެއް ނުކުރީމާ ދަރަނިވެރިވާނީ އަޅުގަނޑެއް ނޫނެވެ. އެއްވެސް ޚަރަދެއް ނުކުރިޔަސް ދަރިފުޅު ބަލާނަމެވެ. އަދި ޤިޔާމަްތ ދުވަހުން ކަލޭއަތުން އަތުލެވެން އޮތް ކޮންމެ އެއްޗެއްވެސް އަތުލާނަމެވެ. އަތުނުލިނަމަވެސް ﷲ ތަޢާލާ ބަދަލު ހޯއްދަވައި ދެއްވަވާނެތެވެ. ވީމާ ކަންބޮޑެއް ނުވަމެވެ.
ދެން އޮތީ އުޅޭނެ ތަނެއް ނެތް މައްސަލައެވެ. ކަލޭމެން ދެމީހުން ކައިވެނިކުރިއިރު ކުޠުބާގައި ކީ ހަގުމިހާއަށާއި ހަގުއަނބިމީހާ ވިހާ ދަރިފުޅަށް ބޯހިޔާވަހިކަންދީ ބަލަހައްޓަންޖެހޭނީ ދޮށީ އަނބިމީހާއަށް ކަމަށް ހެއްޔެވެ؟ އެހެން ޚުޠުބާގައިކީ ޤާޞީއެއްގެ ނަން ބުނާށެވެ. އަހައި އޮޅުންފލުވާނަމެވެ. އަދި އެގޮތަށް ކައިވެނީގެ ޚުޠުބާގައި ކިޔާފައިވާނަމަ އެކަން ކުރާނަމެވެ. ފުލުހުން ގެނެސް ގަދަކަމުން ބޭރުކުރުމުގެ ކުރިން އަމިއްލައަށް ނުކުމެގެންދިއުން ރަނގަޅުވާނެއެވެ."
އެވަރުންވެސް ގެއިން ނުކުތީ 3 ދުވަސްފަހުންނެވެ. ދެއްކި އެއްވެސް ވާހަކައެއްގެ އަޑުނުއެހީމައެވެ. އަނގައިންވެސް ނުބުނީމައެވެ.
އަޅުގަނޑު ވިހައި ގަދަވުމުން އާދައިގެމަތިން ވަޒީފާއަށް ނުކުންނަން ފެށީމެވެ. ލިބޭ މުސާރައިން ހުރިހާ ކަންކަން ކުރަން ވަރަށް އުނދަގުލެވެ. އެހެންކަމުން ދިރިއުޅެމުން އައީ ވަރަށް ދަޙާލުގައެވެ. އަމިއްލަ ބޭނުންތައް ނުފުއްދިނަމަވެސް ދަރިފުޅުގެ ބޭނުންތައް ފުއްދައިދިނީމެވެ. ވަޒީފާއަށްދާ ވަގުތުތަކުގައި ދަރިފުޅު ބަލައިދޭ އަވަށްޓެރިޔާއަށްވެސް އުޖޫރަދިނީމެވެ.
އެފަދަ ގޮތަކަށް އުޅޭތާ އަހަރެއްހައި ދުވަސްވީތަނާ އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވި މީހަކާއި ކައިވެނިކުރީމެވެ. ދެމީހުން ގުޅިގެން ލޯބިން ދިރިއުޅޭތާ 5 އަހަރެއްވެސް ނުވާނެއެވެ. ކުރީގެ ފިރިމިހާ ގުޅަން ފަށައިފިއެވެ. ފޯނެއް ނުނަގަމެވެ.
އެއްދުވަހަކު ފެނުނީ ގެއަށް އައިސް ވަންތަނެވެ. ދަރިފުޅު ކޮބައިތޯ ސުވާލެއް ނުކުރެއެވެ. ދައްކަން ފެށީ ލޯބިވީ ހަގުއަނބިމީހާ ވަރިވި ވާހަކައެވެ. ދަރިފުޅަށްޓަކައި އަލުން ކައިވެނިކުރާ ވާހަކައެވެ. ޖަވާބުގައި ބުނީމެވެ. "ދެފިރިން ހުއްދަ ނޫންވީމާ ތިއަ ދައްކާ އެއްވެސް އަޑުއަހަންވެސް ބޭނުމެއް ނޫނެވެ. 6 ފިރިން ހުއްދަ ނަމަވެސް ތިއަ ނަޖިސް ހަށިގަނޑު ދެން ލޮލުން ދެކެންވެސް ބޭނުމެއް ނޫނެވެ. ކޮންމެވެސް އެހެން ކުއްޖަކު މަޅީގައި ޖެއްސުވޭތޯ އަވަހަށް މަސައްކަތް ފަށާށެވެ."
ދަންނަވަންތޯއެވެ. ފިރިމީހާއަށް ގުޅައިގެން ގެއަށް ގެންނަންދެން ގޭގައި އިނެވ. ނަމަވެސް ދަރިފުޅު ކޮބައިތޯވެސް އަހައި ނުލައެވެ. ފިރިމީހާ އައިސް ގެއަށް ވަނުމުން ނުކުމެގެންދިއައީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިވެނި މީހަކު މިވެނި ގޮތެއްވާނެ ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ފިރިމީހާ ދެކެލޯބިވާތީ އޭނާ އެދުނު ގޮތަށް ކަންކަން ކޮށްދީ އަމިއްލަ ގޭގައި ދެމަފިރިންގެ ނޯކަރަކަށްވުމުން އަޅުގަނޑަށް ކަންކަން މެދުވެރިވި ގޮތް މިކިޔައިދިނީއެވެ.
- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް