ޙަޤީޤީ ޙާދިސާ: ބޮސް ދިން ފޭރާންލުމުން ހުވަފެނުގަ ފެނުނީ ގައިގަ ހުޅުހިފާފަހުއްޓާ! ނިކަމެތިޙާލުގަވެސް ސީދާ މަގުގަ ސާބިތުވުމުން ލެއްވެވި ބޮޑު ރަހުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ޙަޤީޤީ ޙާދިސާ: ބޮސް ދިން ފޭރާންލުމުން ހުވަފެނުގަ ފެނުނީ ގައިގަ ހުޅުހިފާފަހުއްޓާ! ނިކަމެތިޙާލުގަވެސް ސީދާ މަގުގަ ސާބިތުވުމުން ލެއްވެވި ބޮޑު ރަހުމަތުގެ ވާހަކަ-

އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާ ދިރިއުޅެމުން އައީ ވަރަށް ފަޤީރު ޙާލުގައެވެ. ދެމީހުންގެ މައިންބަފައިންވެސް ތިބީ މުސްކުޅިވެފައެވެ. އުޅެނީ ބަލިވެއެވެ. އަބަދުހެން ބޭސްފަރުވާކުރަންޖެހެއެވެ. އެހެންވެ ދެމީހުންނަށް ލިބޭ މުސާރައިންވެސް އޮންނަނީ ދެކޮޅުނުޖެހިފައެވެ. 

އެހެންކަމާއިއެކުގައިވެސް ދެމީހުންވެސް ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. ދެމީހުންނަށް ލިބޭ މުސާރަވެސް ބޭނުންކުރަނީ ހެޔޮގޮތުގައެވެ. އެންމެ ރުފިޔާއެއްވެސް އިސްރާފެއް ނުކުރަމެވެ. ޚަރަދުކުރަނީ ކޮންމެހެން ކުރަންޖެހޭ ކަންކަމުގައެވެ. ވީމާ އެކަމުގެ ވަގުތު ޖެހުމުން ތަނަވަސްކަން މިންވަރުކުރައްވަވާނެ ކަމަށް ދެމީހުންވެސް ތިބެނީ ޔަޤީންކޮށްގެންނެވެ. 

އެއްދުވަހަކު ފިރިމީހާ އަޅުގަނޑަށް އަގުބޮޑު ރަން އަނގޮޓިއެއް ދިނެވެ. އެއީ ކޮންގޮތަކުން ލިބުނު އެއްޗެއްތޯ ސުވާލުކުރުމުން ބުނީ ބޮސް ދިން އެއްޗެއް ކަމަށެވެ. ދެމީހުންވެސް މަސައްކަތްކުރަނީ އެއް އޮފީހެއްގައެވެ. ބޮސްއަކީ އެކެކެވެ. ބޮސް އަބަދުވެސް ދެމީހުން ކުރާ މަސައްކަތަށްވެސް ތަޢްރީފް ކުރެއެވެ. ވީމާ އެކަމުގައި މާބޮޑު މައްސަލައެއް އޮވެދާނެކަމަކަށް ނުވެސް ވިސްނަމެވެ. 

އެއިގެ ކުޑަދުވަސްކޮޅެއްފަހުން ފިރިމިހާ އަނެއްކާވެސް ބޮސްގެ ހަދިޔާއެއް ގެނެސްދިނެވެ. ބުނީ ބޮސް ބޭރުން އަންނަމުން ގެނެސްދިން ހަދިޔާއެއް ކަމަށެވެ. އެހެދުން ލިބުމުންވެސް އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއްކަމަކަށް ނުވިސްނަމެވެ. 

ނަމަވެސް ދަންނަވަންތޯއެވެ؟ ހެދުން ފަހައިގެން، ލައިގެން އޮފީހަށް ދިއަ ދުވަހުގެ ރޭ ނިދަން އޮއްވައި ބިރުވެރި ހުވަފެނެއް ފެނުނެވެ. ފުރަތަމަ ފެންނަނީ އަނގޮޓި ދޮންވެ ހޫނުވެގެން އިނގިލިފިހޭތަނެވެ. އެކަމުން ސަލާމަތްވެވުނުތަނާ ފެނުނީ އެހެދުން ލައިގެން ހުއްޓާ ހެދުމުގައި އަލިފާން ހިފައިގެން އުޅޭތަނެވެ. ހޫނުވާތީ ދެކޮޅަށް ދުވާތަނެވެ. ހޭލެވުނުއިރު ހަށިގަނޑުން ވަނީ ވަރަށް ބޮޑަށް ދައުހިއްލާފައެވެ. މާނޭވާވެސް ލެވެއެވެ. 

ކުޑަކޮށް ހަމައަކަށް އެޅުމުން ތެދުވެ ވުޟޫކޮށްލައިގެން އައިސް ފިރިމީހާވެސް ހޭލެއްވީމެވެ. ދެމީހުން އެކުގައި ދަމުނަމާދުކުރުމަކީ ޢާންމުކޮށް ކުރާ ކަމަކަށްވާތީ އެރޭވެސް ދަމުނަމާދުކުރީމެވެ. ދުޢާކޮށް ޛިކުރުކުރީމެވެ. 

އަނެއް ދުވަހު ހެނދުނު ސައިބޯންތިބެގެން ގެނުނު ހުވަފެން ފިރިމީހާއަށް ކިޔައިދިނީމެވެ. ފިރިމީހާ ބުނީ އަނގޮޓި އާއި ހެދުން ދެން ބޭނުން ނުކުރުމަށެވެ. އަދި ބޮސް ދޭ ހަދިޔާއެއްގައި ދެން ނުހިފާނެ ކަމަށެވެ. 

އެއިގެ 2، 3 ދުވަސްފަހުން ބޮސް އާއި ވާހަކަދައްކާލަން ލިބުނު ފުރުޞަތުގައި ކުރިން ހަދިޔާ ނުދީފައި މިހާރު ހަދިޔާ ދެނީ ކީއްވެގެންތޯ ސުވާލުކުރީމެވެ. އަދި އެކަމުގައި އެއްވެސް އަމިއްލަ ބޭނުންމެއް އޮތްނަމަ ބުނުމަށާއި ކޮށްދެވޭވަރުގެ ކަމެއް ކޮށްދެވޭނީވެސް ބުނީމައި ކަމަށް ބުނީމެވެ. 

ބޮސްއަށް ހީވީ އަހަރެން ހުރީ މަޅީގައި ޖެހިފައި ކަމަށެވެ. އެހެންވެ ވަތްގަނޑުން ފައިސާބޮނޑިއެއް ނަގައިދިއްކޮށްލާފައި ބުންޏެވެ. މިވެސް ގެންދާށެވެ. ދެމަފިރިންގެ ދިރިއުޅުން ތަނަވަސްކޮށްލާށެވެ. އެހެން ބުނުމުން ފައިސާގައި ހިފާނީ ބޮސްގެ ނިޔަތް އެނގުމުން ކަމަށް ބުނުމުން ކިޔައިދިނެވެ. 

"އަހަރެން ބޭނުންވަނީ ވަރަށް ސިއްރުކަމެއްގެ ގޮތުގައި ކަލެއާއިއެކު ލޯބީގެ ގުޅުން ބާއްވާށެވެ. ބަދަލުގައި ދިރިއުޅުން ތަނަވަސްކޮށްދޭނަމެވެ." ޖަވާބުގައި ބުނީމެވެ. "ބޮސްއެވެ. ދިރިއުޅެމުން މިދަނީ ވަރަށް ދަތިޙާލުގައެވެ. ނަމަވެސް ތިއަ ބާވަތުގެ ކަމަކުން ހަމަ އެންމެ ރުފިޔާއެއްވެސް ބޭނުމެއް ނޫނެވެ. އެއްވެސް ހަދިޔާއެއް ވެސް ބޭނުމެއް ނޫނެވެ. ދިން އަނގޮޓިވެސް އަނބުރައި ގެނެސްދޭނަމެވެ." އެހެން ބުނެފައި ސުވާލުތައް ކުރަން ޖެހުނު ގޮތުގެ ވާހަކަ ކިޔައިދިނީމެވެ. ފެނުނު ހުވަފެންވެސް ކިޔައިދިނީމެވެ. 

އަނެއް ދުވަހު އަނގޮޓި ގެންގޮސް ދިނީމެވެ. އަދި އަޅުގަނޑު ވަޒީފާއިން އިސްތިޢްފާދޭން ހުށަހެޅީމެވެ. ފިރިމިހާއަށް އެކަނި ލިބޭ މުސާރައިން ދިރިނުއުޅެވޭނެކަން އެނގޭއިރުވެސް ބޮސް ދެއްކި ޥާހަކައިން ބޮސްގެ ނިޔަތް އެނގުމުން އެހެންގޮތެއް ނެތުނީމާ ވަޒީފާއިން ވަކިވާން ހުށަހެޅީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދެނީ ދެން ކަންތައް މެދުވެރިވި ގޮތެވެ. 

ހަމަ އެރޭ ޢިޥާ ނަމާދަށްފަހު ކައިނިމިގެން ޓީވީ ބަލަން މަޑުކޮށްލިތަނާ ދޮރުގައި ޓަކިޖަހާތީ ހުޅުވިއިރު ހުރީ ބޮސްއެވެ. މަރުޙަބާ ކިޔައި ގެއަށް ވައްދައި މެހްމާންދާރީ އަދާކުރުމުން ބޮސް ބުންޏެވެ. "އަހަރެން މިއައީ ދެމަފިރިންގެ ކިބައިންވެސް މާފަށް އެދޭށެވެ. ތިއަ ދެމަފިރިންނަކީ ވަރަށް ތަޤްވާވެރި، ވަރަށް ލޯބިން، އަދި ވަރަށް ދަތި ޙާލުގައި ދިރިއުޅޭ ދެމަފިރިންކަން އެނގިއްޖެއެވެ. ބުނެވުނު ބަހެއް ބުނެވުނީއެވެ. ނަމަވެސް ދެން އެފަދަ އެއްވެސް ކަމެއް ތަކުރާރެއް ނުކުރާނަމެވެ. ދެމަފިރިންގެ ވަޒީފާވެސް މަތިކޮށްދީ މުސާރަވެސް ބޮޑުކޮށްދޭނަމެވެ. ތިއަފަދަ ތަޤްވާވެރި ދެމަފިރިއަކު އަހުރެންގެ ވަޒީފާގައި ތިބިކަންވެސް އެއީ ވަރަށް ބޮޑު ރަހްމަތެކެވެ. ވީމާ ވަޒީފާއިން ވަކިނުވާށެވެ. އިރާދަ ކުރެއްވިއްޔާ ކަލޭމެންނަށް ފައިދާކުރާނެ ގޮތަކަށް މިގެވެސް ހަދައިދޭނަމެވެ." އެހިސާބުން ބޮސް ނުކުމެގެން ދިއައީއެވެ. ބޮސްބުނި ގޮތަށް ކަންކަންވެސް ކޮށްދިނެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް ކަނބަލުންނަށް ބުނެލަން އޮތީ އަޅުގަނޑަށް މިދިމާވިފަދަ ކަންކަން ވަރަށް ގިނައިން ދިމާވާނެއެވެ. ފުރުޞަތު ތައްވެސް ލިބޭނެއެވެ. ނަމަވެސް އަލިފާން ނުކާށެވެ! އަލިފާނުގެ ފޭރާން ނުލާށެވެ! އަލިފާނުގެ ގަހަނާ ނުއަޅާށެވެ! އެއިރުން މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެއެވެ. އިން ޝާ ﷲ

 

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

މިއަދު އޮންލައިން