ކައިވެނިކުރިއިރު އަޅުގަނޑުގެ ޢުމުރަކީ 21 އަހަރެވެ. ކައިވެނީގެ ފުރަތަމަ 5 އަހަރު ހޭދަވެގެންދިއައީ ވަރަށް އުފާވެރިކޮށެވެ. 5 އަހަރުވީއިރު 2 ދަރިންވެސް ވަނީ ލިބިފައެވެ. އަދި ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއްވެސް ޖެހިފައެއް ނުވެއެވެ.
ފުރތަމަ ކަމަކަށްވެސް ކުރިމަތިވި ކަމަކީ ފިރިމީހާ އެހެން އަންހެނަކާއި ލޯބީގެ ގުޅުން ހިންގާ ކަމަށް ރަށުތެރޭގައި ފެތުރެންފެށި ވާހަކަތަކެވެ. އެއަޑުތައް އިވެއެވެ. ނަމަވެސް ސުވާލެއްވެސް ނުކުރަމެވެ. އުޅެން ބޭނުން ގޮތަކަށް އުޅެން ދޫކޮށްލާފައި ބެހެއްޓީއެވެ.
ފިރިމީހާއަކީ ރަށުގެ ތަނަވަސް ޢާއިލާއެއްގެ ދަރިއެކެވެ. މައިންބަފައިންގެ މަސްދޯންޏެއް ދުވައެވެ. ވިޔަފާރިވެސް ކުރެއެވެ. ވީމާ ރަށުގެ ގިނަ އަންހެނުން ތިބެނީ ފިރިމީހާއަށް ކަޅިއަޅައިގެންކަން ކުރިންވެސް އެނގެއެވެ. އަދި އަހަރެން ވިސްނި ގޮތުގައި ޒުވާބުކުރުމަކުން ޙާޞިލުކުރެވޭނެ ކާމިޔާބެއް ނޯންނާނެއެވެ. ވީމާ އަޅުގަނޑު މަސައްކަތްކުރީ ކެތްތެރިކަން އިސްކުރުމަށެވެ. އަދި ވާގިއެދެމުން ދިއައީ ﷲ ގެ ޙަޟްރަތުންނެވެ.
އަޑުތައް އިވެންފެށިތާ 2، 3 މަސްވެސް ނުވަނީސް ފިރިމީހާ އެއް ރޭ ނިދަން އޮވެފައި ސުވާލުކުރިއެވެ. "ރަށުތެރޭގައި ދައްކާ ވާހަކަތައް އަދުވެސް ނުއިވެނީހެއްޔެވެ؟ ކަންބޮޑު ނުވަނީ ހެއްޔެވެ؟ ސުވާލެއްވެސް ނުކުރަނީ ކީއްވެގެން ހެއްޔެވެ.؟"
ޖަވާބުގައި ބުނީމެވެ. "ހުރިހާ އަޑުތަކެއްވެސް އިވެއެވެ. އެގެއަށް ޚަރަދުކުރާކަންވެސް އެނގެއެވެ. ނަމަވެސް އަހަރެންނަކީ ނިކަމެތި އަންހެނަކަށްވުމުން ހަނގުރާމަކޮށްގެން ލިބޭނެ މޮޅެއް ނުވިސްނޭތީ ﷲ ކަންކަން ނިންމަވާ ގޮތަކަށް ނިންމަވަންދެން ކެތްތެރިވެގެން އިނީއެވެ. އަހަރެން ވާގިއެދެނީ ﷲ ގެ ޙަޟްރަތުންނެވެ."
ފިރިމީހާ ބުނީ އަޅުގަނޑުގެ ކުށެއް ނެތްކަމަށެވެ. ނަމަވެސް ލޯބިވެރިޔާ އާއި ކައިވެނިކުރަން ބޭނުންވާތީ ވަރިކުރީކަމަށެވެ. ވަރިކުރި ނަމަވެސް ޚަރަދުކުރާނެ ކަމަށެވެ. އެވާހަކަތައް ބުނުމުންވެސް "ޝުކުރު އަލްޙަމްދުލިﷲ" ނޫން ބަހެއް ނުބުނަމެވެ. އަނެއް ދުވަހު ހެނދުނު ކުދިން ނިދާ ހޭލުމުން ކުދިން ގޮވައިގެން މައިންބަފައިންގެ ގާތަށް ދިއައީއެވެ.
ޙަޤީޤަތުގައި މިވީ ގޮތަކީ އެއަނހެންމީހާއަކީވެސް ރަށުގެ ތަނަވަސް ޢާއިލާއެއްގެ ދަރިއެކެވެ. ވީމާ ދެމަފިރިންގެ ޢާއިލީ ތަނަވަސްކަން ގުޅުވައިލީމާ ތަނަވަސްކަން އިތުރުވާނެވަރު ހުވަފެނުން ފެނުނީމާ ފަޤީރު އަނބިމީހާ ބާކީކޮށް އެއްލައިލީއެވެ. އެކަން އެނގުނީ ވަރިކުރުމަށްފަހު ފިރިހާއަށް އޭނާގެ އެކުވެރިންގެ ގާތުގައި ދެއްކުނު ވާހަކަތަކުންނެވެ.
ޢިއްދައިގައި އިން 3 މަހު ފިރިމީހާ އަޅުގަނޑަށާއި ކުދިންނަށް ޚަރަދުކުރިއެވެ. ނަމަވެސް ޢިއްދަހަމަވިފަހުން ކުއްޖަކަށް ބޭނުންވާ ކަމެއްވެސް ކޮށްދެނީ ފަހަތުން ހިނގައި ސަލާންޖެހުމުންނެވެ. އެއިގެ ދުވަސްކޮޅެއްފަހުން ފިރިމީހާ ދެވަނަ ކައިވެނިކޮށްފިއެވެ. ކައިވެނިކުރި ފަހުން ކަމަކު ބޭނުންވެގެން ދަރިއަކު ދިއަނަމަވެސް އަނބިމީހާ (ދޮންމަންމަ) އެއްޗެތިގޮވަން ފަށައިފިއެވެ. އެއްޗެތި ގޮވަނީ ބައްޕަގެ ކުރިމަތީގައެވެ. ހުއްޓުވުމުގެ ބާރެއް އޭނާއަށް އޮންނަ ކަމަކަށް ނުވިއެވެ. އެހިސާބަށް ކަންކަން ދިއުމުން އެއްވެސް ކަމަކު ކުދިން ބައްޕަގެ ގާތަށް ފޮނުވުންވެސް ހުއްޓައިލީމެވެ.
އަޅުގަނޑުގެ ދޮށީ ބޭބެއަކީ ކެޔޮޅެކެވެ. ވަރަށް ދަތިޙާލުގައި ދެކުދިން ގޮވައިގެން އުޅެނިކޮށް އެއްރެއަކު ދޮށީ ބޭބެ ގެއަށް އައިސް ބުންޏެވެ. "ކޮއްކޮއަށް އެހީތެރިވެދޭން ކިތަންމެހައިވެސް ނަމަވެސް ބޭބެއަކީވެސް ތަނަވަސް މީހެއް ނޫންކަމުން އެހީތެރިނުވެވެނީއެވެ. ބޭބެ ޚިޔާލެއް އެބައޮތެވެ. މަސްބޭނޭ ދުވަސްދުވަހު ބޭބެ މަސްގެނެސްދޭނަމެވެ. މަސްކައްކައި ރިހާކުރުވެސް ކައްކާށެވެ. ވަޅޯމަސް ވެކިޔުމްކޮށް ބަންދުކުރާ މެޝިނެއް ބޭނެ އަތުގައި އެބަހުއްޓެވެ. ވަޅޯމަސް ބަންދުކުރާނީއެވެ. މިއީ ބޭބެ އަމިއްލައަށް ކުރަން ވިސްނައިގެން ހުރި މަސައްކަތެކެވެ. ނަމަވެސް ކޮއްކޮގެ ފަހަރި (ބޭބެގެ އަނބިމީހާ) ބަލިވީމާ މަސައްކަތް ނުފެށުނީއެވެ. މަސައްކަތުން ލިބޭ އެއްޗެއް ދެބެން ބަހާނީއެވެ." އަދި މަސްކަނޑައި ކަންކަން ކުރަން އެހީތެރިވެދޭނެ ކަމަށްވެސް ބޭބެ ބުންޏެވެ.
ކޮންމެއަކަސް ބޭބެގެ ޚިޔާލާއެއްގޮތަށް މަސައްކަތްކުރަން ފެށީމެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑު ކައްކާ ރިހާކުރު މަޝްހޫރުވެއްޖެއެވެ. ބަންދުކުރާ މަސްކޮޅަށާއި ރިހާކުރަށް ރަނގަޅު އަގުވެސް ލިބެން ފަށައިފިއެވެ. އަމިއްލަ މަސައްކަތުން ފުދިގެން އުޅެވެން ފަށައިފިއެވެ.
ދުވަސްކޮޅެއް ފަހުން އެއްރޭ ބޭބެ ގެއަށް އައީ ބޭބެއާއިއެކު މަހަސްދާ މީހަކު ގޮވައިގެންނެވެ. އައިސް ބުނީ ރުހޭނަމަ އޭނާ އާއި ކައިވެނިކުރަން ފެންނަ ކަމަށެވެ. އަދި އެރެއިން ފެށިގެން ބޭބެ އެއްވެސް ފައިދާއެއް ބޭނުން ކަމަށާއި ހަމައެކަނި ގެންނަ މަހުގެ އަގުދިނުމުން ނިމުނީ ކަމަށެވެ.
ބޭބެ ދެއްކި މީހާ އާއި ކައިވެނިކުރީމެވެ. ކައިވެނިކުރުމާއިއެކު ފިރިމީހާ މަހަށްދިއުން ހުއްޓާލައިފިއެވެ. އަޅުގަނޑުކުރާ މަސައްކަތުގައި ބައިވެރިވެ މަސައްކަތްކުރަން ފެށީއެވެ.
ފިރިމީހާއަކީ ވަރަށް ހިންގުންތެރިއެކެވެ. ކުރިން ރަށަށް ވިއްކި ވކިޔުމް މަހާއި ރިހާކުރު ހިފައިގެން މާލެ ގޮސް ވިއްކަން ފަށައިފިއެވެ. އެއިގެ އިތުރުން ގޭގައި ކުޑަ ވިޔަފާރިގެއެއް ހުޅުވައި ވިޔަފާރިކުރަންވެސް ފެށީއެވެ.
އަޅުގަނޑު ކުރަމުން އައި މަސައްކަތް މީހުންނަށް އަގުދީގެން ކުރުވަން ފަށައި އަޅުގަނޑު ބަދިގެއިން ނެރެފިއެވެ. އެހިސާބުން އަޅުގަނޑަށް ޖެހެނީ އެމީހުންކުރާ މަސައްކަތުގެ ފެންވަރު ބަލައިލުމެވެ.
ކުރުކޮށްލާފައި ބުނަމެވެ. މިއަދު އަޅުގަނޑުގެ އެއްދަރިފުޅަކީ ސްކޫލްގެ ޓީޗަރެކެވެ. ދެވަނަ ދަރިފުޅަކީ ކައުންސިލަރެކެވެ. ކައިވެނިކޮށް ދެދަރިންވެސް ދިރިއުޅެމުން އަންނަނީ ހަމަ އުފަލުގައެވެ.
އަޅުގަނޑުމެން 3 މައިން އެދުވަހު ނިކަމެތިކޮށްލި ފިރިމީހާގެ ވާހަކަވެސް ކިޔައިދޭނަމެވެ. އޭނާގެ ބައްޕަ ނިޔާވުމާއިއެކު ކަންކަން ބަލަހައްޓާނެ މީހަކު ނެތިގެން މަސައްކަތްތައް ހުއްޓުނީއެވެ. މުދައި ބަހައިގެން ލިބުނު ފައިސާކޮޅު ހުސްނުވަނީސް އެހައި ލޯބިން އިން އަނބިމީހާ ވަރިވެގެން ހިނގައްޖެއެވެ. މިއަދު އޭނާއަކީ އޭނާއަށްވުރެ 10 އަހަރު ދޮށީ އަންހެނަކާއި ކައިވެނިކޮށްގެން އުޅޭ އާދައިގެ މަސްވެރިއެކެވެ.
އެދުވަހު އެއްލައިލި 2 ދަރިންވެސް މިހާރު ފެނެއެވެ. ބޭނުންތަކުގައި ކުދިންގެ ގާތަށް ދެއެވެ. އެކުދިންނަށް ކޮށްދޭން ފެންނަ ކަންކަންވެސް ކޮށްދެއެވެ
މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ފިރިހެނުންނަށް ބުނެލަން އޮތީ ތަނަވަސްކަން އިތުރުކުރުމުގެ އަވާގައިޖެހި ހެޔޮލަފާ އަނބިން ވަރިކޮށް އެއްލައިލާ އަދި ލިބިފައި ތިބޭ ދަރިން ނިކަމެތިކުރާ ފިރިހެނުންނަށް އަޅުގަނޑުގެ ވާހަކައިގައި ޢިބްރަތެއްވެއެވެ. ލިބިގަންނާށެވެ! އެއްވެސް މީހަކަށް ތަނަވަސްކަން ލިބެނީ އެމީހަކު ބޭނުންވާހައި މިންވަރަކަށް ނޫނެވެ. ﷲ ދެއްވެވުމުންނެވެ.
- ޞޮފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް