އަހަރެން ކައިވެނިކުރީ އެކުގައި މަސައްކަތްކުރި މުވައްޒިފަކާއިއެވެ. ކައިވެންޏަށްފަހު ދެމީހުން ވެގެން ފައިސާކޮޅެއް އެއްކޮށްފައި ދެމީހުން އެއްވަރަށް ޙިއްޞާ ލައިގެން އަމިއްލަ ވިޔަފާރިއެއް ފެށީއެވެ. އޮންލައިންކޮށް ކުރަން ފެށި ވިޔަފާރި ކުރިއަރައި ބޮޑު ކުންފުންޏަކަށް ބަދަލުވިއެވެ.
އެހިސާބުން އެކްސިޑެންޓެއްވެފައި ފިރިމީހާގެ އެއްފަޅި ޕެރެލައިޒްވީއެވެ. ދެން ގެންގުޅެންޖެހުނީ ވަރަށް ބޮޑަށް ސަމާލުކަންދީގެންދީގެންނެވެ. ޑޮކްޓަރުންނަށް ދައްކައި ކުރި މަސައްކަތުން ފިރިމީހާއަށް އުޅެލެވޭވަރުވިއެވެ. ނަމަވެސް ނުހިނގޭތީ އިންނަން ޖެހެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.
އެއިރު ވިޔަފާރިއަށް ވަނީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. ގޮނޑީގައި އިންނަން ޖެހޭތީ އޮފީހަށް ނުކުންނަން ފިރިމީހާ އެއްބަހެއް ނުވިއެވެ. އެހެންވެ އޮފީހަށް ނުކުމެ ލިބުނު ގެއްލުން ފޫބައްދަން މަސައްކަތްކުރަން ފެށީމެވެ. ހެނދުނުދާގޮތަށް ގެއަސް އާދެވެނީ ރޭގަނޑުވާފަހުންނެވެ.
ފިރިމީހާގެ ޝަކުވާ ބޮޑުވާން ފެށިއެވެ. އެކަނި ގޭގައި އިންނަން ޖެހޭތީ ފޫހިވާކަމުގެ ޝަކުވާއެވެ. މީރު އެއްޗެއް ކައިލަން ބޭނުންވިނަމަވެސް ތައްޔާރުކޮށްނުލެވޭ ކަމުގެ ޝަކުވާއެވެ. އެހެންވެ ބޮޑު މުސާރަދީފައި ވަރަށް ރަނގަޅަށް ކައްކަން ދަންނަ، އަދި ވަރަށް ހިތްހެޔޮކޮށް ވާހަކަދައްކައިއުޅޭ، ސާފިތާހިރު، އުމުރުން ދުވަސްވީ އަނހެނަކު ފިރިމީހާގެ ޚިދުމަތަށް ހޯދީމެވެ.
އިސާހިތަކު ފިރިމީހާގެ މިޒާޖު ބަދަލުވާން ފަށައިފިއެވެ. އަހަރެންނާއި ދުރުހެލިވާން ފަށައިފިއެވެ. ނަމަވެސް އަޅައެއް ނުލަމެވެ. އުފާވެރިކަން ބޭނުންވާނެތީ ހިތްހަމަޖެހިގެން އުޅެން ދޫކޮށްލީއެވެ.
ދުވަސްކޮޅެއްފަހުން ފިރިމީހާއާއިމެދު ނުބައި ގޮތްގޮތަށް ޝައްކުތައް ކުރެވެން ފަށައިފިއެވެ. ނަމަވެސް އެއްކޮޅުން ހިތަށް އަރަނީ އެއީ ނުބައި ޝައްކުތަކެއް ކަމަށެވެ. އެހައި މުސްކުޅި އަންހެނަކާއެކު ފިރިމީހާ ނުބައި ހުޅުމެއް ނުބާއްވާނެކަން ޔަޤީންކުރެވޭތީއެވެ.
އެހެނަސް ޝައްކުތައް މާބޮޑުވާން ފެށުމުން ފިރިމީހާއަށް ސިއްރުން ގޭގައި ސިއްރު ކެމެރާ ހަރުކޮށް ވާނުވާ ބަލަންފެށީމެވެ. އެންމެ ބޮޑަށް ޝައްކުކުރެވެން ފެށީ އަހަރެންގެ އެކައުންޓުން ފައިސާ މަދުވާން ފެށުމުންނެވެ. ހަޤީޤަތް އެނގުނުއިރު އަަހރެން ނިދީމާ ކޭޝްކާޑު ނަގައިގެން އެއަންހެން މީހާގެ އެކައުންޓަށް ފައިސާ ޓްރާންސްފަރުކުރަނީއެވެ. އަންހެން މީހާކުރާކަމަކީ ފައިސާ ޚަރަދުކޮށްގެން ކޮންމެ ދުވަހަކުވެސް އައު އަންހެންކުއްޖަކު ފިރިމީހާއަށް ގެންގޮސްދެނީއެވެ.
މިކަންކަމުގެ ވީޑިއޯ ލިބުމުން އެއްރޭ ގެއަށް ގޮސްފައި ބުނީމެވެ. ކޮންމެ ދުވަހަކު އައު އަނހެނަކާއި ގުޅުންބާއްވާ ފިރިއަކާއިއެކު އެންމެ ހިނދުކޮޅަކުވެސް އުޅޭކަށް ބޭނުމެއް ނޫނެވެ. މިއީ އަހަރެންގެ ގެއެވެ. ވަރިކޮށްފައި ގެއިން ނުކުމެގެންދާށެވެ.
ފިރިމީހާ ވަރަށް ގިނަ ބަހަނާތައް ދައްކަން އުޅުނެވެ. ނުކުޅެދޭ ހާލުގައި ފިރިމީހާ މަގުމައްޗަށް ނެރެ އެއްލައިލަން ހެޔޮނުވާނެކަމަށް ބުންޏެވެ. އަދި ވިޔަފާރީގައިވެސް އޭނާއަކީ ޙިއްޞާދާރެއްކަމަށްވެސް ބުންޏެވެ.
ޖަވާބުގައި ބުނީމެވެ. "ތިމާއަށް ވިޔަފާރިވެރިއަކަށްވެވުނީ ކާކުގެ ވިސްނުމުން ހެއްޔެވެ؟ ކާކު އިސްނަގައިގެން ކުރިމަސައްކަތުން ހެއްޔެވެ؟ ތަނަވަސްކަން ލިބުނީމާ ގަދަވެ ސަލާމަތުން ހުރިއިރު މިހައިތަނަށް ހިލޭ އަންހެނުންނަށް ހޭދަކުރެވުނު އަދަދު އެނގޭހެއްޔެވެ؟ މިހާރު އަހަރެންގެ ކޭޝްކާޑުން ވައްކަންކުރެވުނުވަރު އެނގޭހެއްޔެވެ؟ ޖަވާބު ބޭނުމެއް ނޫނެވެ. އެކަންކަން ނިންމާނީ ކޯޓުންނެވެ. މުދައު ބެހުމާއި ކައިވެނި ރޫޅައިލުމުގެ މައްސަލަ މިހާރުވެސް ވާނީ ކޯޓަށް ވައްދައިފައެވެ. ޙައްޤު ނޫން އެންމެ ރުޕީސްއެއްވެސް ކަލޭއަތަކުން ބޭނުމެއް ނޫނެވެ."
އެރޭ ނިދީ ފިރިމީހާ އާއި އެއަންހެންމީހާ ގެއިން ބޭރުކޮށްލައިފައެވެ. ކޯޓުން މުދައުބެހެންދެން ކައިބޮއިހެދޭނެވަރަށް ފައިސާވެސް ފިރިމީހާގެ އެކައުންޓަށް އެއިރު ހުންނާނީ ޖަމާކޮށްދީފައެވެ.
ކޯޓުން މައްސަލަ ނިންމީ ވަރަށް އިންޞާފުންނެވެ. އަހަރެންނަށް ދޭންޖެހޭ އަދަދު ދީފައި ކުންފުނި އަމިއްލަކުރެވިދާނެތޯ ސުވާލުކުރުމުން ފިރިމީހާ ބުނީ އޭނާގެ ކިބައިގައި ކުލަދާނަކަން ނެތްކަމަށެވެ. ދެން ސުވާލުކުރީ އަހަރެންނާއިއެވެ. އަހަރެން ބުނީ އޭނާއަށް ދޭން ކަނޑައަޅާ އަދަދު ވަގުތުން ދޭނެ ކަމަށެވެ. އެއިރު އަހަރެން ހުރީ ދޭންޖެހިދާނެ އަދަދަށް ފައިސާ ނެތިއްޖެނަމަ ވެސް އެކަން ކުރެވޭނެ މަގު ހޯދައިގެންނެވެ. ބޭންކުން ބުނީ އަހަރެންނަށް އިތުބާރުކުރާ ކަމަށާއި ގެ މޯގޭޖްކުރުމުން ފައިސާ ދޭނެ ކަމަށެވެ.
ކޯޓުން ކަނޑައެޅި އަދަދަށް ފައިސާދީފައި ކުންފުނި މިލްކުކުރީމެވެ. އަދި 2 އަހަރުތެރޭ ހުރިހާ ދަރަންޏެއް ދައްކައި އަމިއްލަ ފައިމައްޗަށް ތެދުވީމެވެ. ދެވަނަ ކައިވެންޏެއް ކުރީ އަމިއްލަ ފައިމައްޗަށް ތެދުވެވުނު ފަހުންނެވެ.
އަހަރެން ބުނެލަން ބޭނުންވަނީ ނުކުޅެޑޭ ޙާލުގައި ހުންނަން ޖެހުމުންވެސް އިޚްލާޞްތެރި އަނބިމީހާއަށް މިފަދައިން ޚިޔާނާތްތެރިވާ މީހުން ދުވަހަކުވެސް އިޞްލާޙްވާނެ ކަމަށް ބަލަން ހެޔޮނުވާނެއެވެ. ދުނިޔޭގެ ހުރިހާ އަންހެނުންނަށް ބުނެލަން ބޭނުންވަނީ ދެވަނަ ފުރުޞަތު ދިނުމަކީވެސް ކުރަން އޮތް ކަމެކެވެ. ނަމަވެސް މިފަދަ ބޮޑެތި ޚިޔާނާތްތެރިންނަކަށް ނޫނެވެ. އަހަރެންގެ ފުރަތަމަ ފިރިމީހާ ފަދަ ޚިޔާނާތްތެރިންނަށް ދެވަނަ ފުރުޞަތު ދިނުމަކީ އަމިއްލައަށް ދަންޖެހުން ފަދަ ކަމަކަށް ނޫނީ ނުވާނެއެވެ.
އެފަދަ ފިރިން ދުވަހަކުވެސް އިޞްލާޙެއް ނުވާނެއެވެ. އަމިއްލައަށް މަސައްކަތެއް ފަށާހައި ފައިސާ އޭނާއަށް ލިބުނެވެ. ނަމަވެސް އެޙާލަތުގައިވެސް ލިބުނުހައި ފައިސާ ހޭދަކުރީ ހިލޭ އަންހެނުންނަށެވެ. އެކަން އެނގުނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަތްމަތި އެކުގައި ހުސްވެގެން އެހީތެރިކަމަށް އެދި ގުޅަންފެށީތީއެވެ.
އަޅުގަނޑު ބުނީމެވެ. "ބަލިމީހުން ބަލަހައްޓާ ތަނަކަށް ގޮސް ޖާގަ ހޯދައިފިނަމަ އެތަނަށް ދޭންޖެހޭ ފައިސާއެއް ދޭނަމެވެ." އެތައް ފަހަރަކު ގުޅުމުންވެސް ދިނީ ހަމަ އެޖަވާބެވެ. އެނޫން ޖަވާބެއް ނުދޭނެކަން އެނގުނުފަހަކުން ނުގުޅައެވެ.
ކަރީމާ ޚާން / ފައިޞަލްއާބާދު ޕާކިސްތާން
(މިއީ ޙަޤީޤީ ޙާދިސާއެއްގެ ގޮތުގައި ޑޯން ނޫހުގައި ލިޔެފައިވާ ވާހަކައެކެވެ.)