އަޅުގަނޑުމެންގެ ކައިވެންޏަށްފަހު ދެމީހުންވެސް އުޅުނީ ވަރަށް ލޯބިން ވަރަށް އުފަލުގައެވެ. ދުވަހަކަމުވެސް އެކަކު އަނެކަކަށް އެއްވެސް ޝަކުވާއެއް ކުރާކަށް ނުޖެހެއެވެ. ކޮންމެ ކަމެއްވެސް ކުރަނީ ދެމީހުންގެ ވިސްނުމަށެވެ. މަޝްވަރާކޮށްގެންނެވެ.
ކަންކަން ބަދަލުވެގެންދިއައީ ކައިވެންޏަށް 4 ވަނަ އަހަރު އައި ގަދަ ހުމަކަށްފަހުގައެވެ. މަހެއްހައި ދުވަސްވަންދެން އެބަލީގައި އުޅެފައި ގަދަވިއިރު މޫނުމަތިވަނީ މިލައި މޯޅިވެފައެވެ. މޫނުގައި ރޫޖެހި ޒުވާންކަން ގެއްލިފައެވެ.
ފިރިމީހާ ބުނީ އަޅުގަނޑުގެ ސިފައަށް އައި ބަދަލާއިއެކު އަޅުގަނޑުގެމަތިން ވަރަށް ބޮޑަށް ފޫހިވެއްޖެ ކަމަށެވެ. އަޅުގަނޑު ފެނުމުންވެސް އުނދަގޫވާކަމަށެވެ. އެހެން ބުނަމުން އައިސް މަހެއްހައިދުވަސްވެސް ނުވަނީސް އަޅުގަނޑު ވަރިކޮށް ގެއިން ނެރެލައިފިއެވެ.
އަޅުގަނޑަކީ ރާއްޖެތެރެއަށް ނިޞްބަތްވާ އަންހެނަކީމެވެ. ކައިވެނީގެކުރިން ދިރިއުޅުނީ ކުއްޔަށް މާލޭގައި ދިރިއުޅޭ ޢާއިލާގެ ބައަކާއިއެކުގައެވެ. ވަރިކޮށްލިއިރު އެމީހުން ރަށަށް ބަދަލުވެއްޖެއެވެ. އެހެންވެ ދާނެ ތަނެއްވެސް ނެތެވެ. މަގުމަތިވީއެވެ.
އެދުވަހު އަޅުގަނޑަށް އެހީތެރިވީ ބޮސްއެވެ. ބޮސްގެ ދައްތައެއްގެ ގާތުގައި ބަހައްޓައިދިނެވެ. ނަމަވެސް ކުޑަ އަގެއް ދައްކަން ޖެހޭ ގޮތަށެވެ. އެހެންވެ ބޮސް އަޅުގަނޑަށް ޕަރަމޯޝަނެއްދީ މުސާރަބޮޑުކޮށްދިނެވެ. ބޮސް ބުނީ ވަޒީފާގައި ގެންގުޅެން ބޭނުންވަނީ ސިފަރީތިކުދިން ނޫންކަމަށާއި ރަނގަޅަށް އިޚްލާޟްތެރިކަމާއިއެކު މަސައްކަތްކުރާ މުވައްޒިފުން ކަމަށެވެ.
ބޮސްގެ ދައްތައަކީ ވަރަށް ހެޔޮލަފާ އަނހެނެކެވެ. އޭނާގެ ފިރިމީހާއަކީވެސް ވަރަށް ހެޔޮލަފާ މީހެކެވެ. އެދެމަފިރިންނަށް ދަރިއަކު ނުލިބެއެވެ. އެހެންކަމާއިއެކު އަޅުގަނޑަށް ދަރިއެއްގެ ދަރަޖަ ދިނެވެ. އެހެންކަމުން ނިކަމެތިވެ ދެރަވެގެން އުޅޭކަށް ނުޖެހުނެވެ.
އެގޭގައި އެދެމަފިރިންގެ ގާތުގައި ހުންނަތާ 2 އަހަރުވީތަނާ އެގޭ ބޭބެގެ ކޮއްކޮއަކު އަޅުގަނޑާއި ލޯބީގެ ގޮތުން ގުޅެން ބޭނުންވިއެވެ. އެވާހަކަ އޭނާ ދެއްކީވެސް އެދެމަފިރިންގެ ގާތުގައެވެ. އެދެމަފިރިން އެވާހަކަ އަޅުގަނޑު ގާތުގައި ދެއްކުމުން އަޅުގަނޑު އެކަމަށް ރުހުނީމެވެ.
ކައިވެނިކޮށްގެންވެސް އުޅުނީ އެދެމަފރިންގެ ގާތުގައެވެ. އެއީ މައިންބަފައިންކަމަށް ޤަބޫލުކޮށްގެންނެވެ. ދުވަސްކޮޅެއް ފަހުން އެދެމަފިރިން ބޭސްފަރުވާއަކަށް ބެންކޮކަށް ދިއައިރު އަޅުގަނޑުމެން ދެމަފިރިންވެސް އެކުގައި ގެންދިއައެވެ. އެއީ އޮޕަރޭޝަނެއްކުރަން އޮތުމުން އެހީތެރިވުމަށެވެ.
ދައްތައަށް ބޭސްފަރުވާކުރަމުންދިއައިރު އަޅުގަނޑުވެސް ޑޮކްޓަރަށް ދައްކަން އުޅުމުން ބުނީމެވެ. "ސިފަ މިހެން ހުއްޓައިވެސް ނުލާހިކު ލޯބިވާ ފިރިއަކު ލިބިއްޖެއެވެ. ވީމާ އަލުން އިތުރަށް ރީތިވާން މަސައްކަތްކުރަން އެހައި ބޭނުމެއް ނޫން ކަމަށެވެ."
ދައްތަ ބުނީ "ޓްރައި"ކޮށްލަންވާނެ ކަމަށާއި "ރީތި އަބަދުވެސް ރީތިވާނެ" ކަމަށެވެ.
ކޮންމެއަކަސް ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހަދާފައި 3 އިންޖެކްޝަން ޖެހިއެވެ. ބުނީ މޫނުގައި ރޫޖެހި ސިފަ ބަދަލުވީ ހުން މައިތިރި ނުކުރެވިގެން ޖެހި އިންޖެކްޝަނެއްގެ ސައިޑްއިފެކްޓުން ކަމަށްވެދާނެ ކަމަށާއި 2،3 މަސް ފަހުން އަލުން ތާޒާކަން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އެކަން އެގޮތަށް ދިމާވިއެވެ. މާލެއައިތާ މާގިނަ ދުވަސްތަކެއް މޫނުން ރޫތައް ފިލައި ކުރީގެ ސިފަ އަނބުރާ ލިބުނެވެ. އެކަން މެދުވެރިވުމުން ބޮސްބުނީ "ބަސްއަހާކުދިންނަށް ރަހްމަތް ލައްވަވާނެ ކަމަށެވެ."
އަޅުގަނޑުމެންގެ ކައިވެންޏަށް 6 އަހަރު ފުރި 2 ދަރިންވެސް ލިބުނު ފަހުން އިސްލާމީ މަރުކަޒުގައި ބޭއްވި ކުޑަކުދިންގެ ހަވީރަކަށް ދެކުދިން ގޮވައިގެން ދެމަފިރިން ދިއަ ދުވަހެކެވެ. އެތަނުން ކުރީގެ ފިރިމީހާ ފެނުނެވެ. ކޮންމެވެސް ބުކް ސްޓޯލެއްގައި ހުއްޓައެވެ. އަޅުގަނޑު ފެނުމުން ކަޅިޖަހާ ނުލައި އެތައް އިރަކު ބަލަހައްޓައިގެން ހުއްޓެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ބަލިވުމާއި ސިފަބަދަލުވުމާއި އަވަހަށް މުސްކުޅިސިފަ ޖެހުން ފަދަ ކަންކަމަކީ ހަމަ ކޮންމެ މީހަކަށްވެސް މެދުވެރިވެދާނެ ކަންކަން ކަމަށްވާއިރު އެފަދަ ކަމެއް މެދުވެރިވާއިރަށް ވަރިކޮށްލާ ނުވަތަ ވަރިވާ ހިސާބަށް ކަންކަންދާނަމަ ލޯބީގެ ވާހަކަ ބާއްވާފައި އިންސާނިއްޔަތުކަން ކޮބައިބާވައެވެ؟
ދެން ފާހަގަކޮށްލަން ބޭނުންވީ މޫނުގެ ސިފަ އެއިރު މުސްކުޅިވުމުން ލެއްވެވި ރަޙްމަތުގެ ވާހަކައެވެ. ވަރިކޮށްލީ އެސިފައި ހުއްޓައި އިންނާނެ މީހަކުވެސް ނުވާނެ ކަމަށް ހީވެގެން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ބަދަލުގައި ދެއްވެވީ މާއުފާވެރި ދިރިއުޅުމެކެވެ. އަޅުގަނޑުދެކެ މާބޮޑަށް ލޯބިވާ ފިރިއެކެވެ. މަންމައަކާއި ބައްޕައެއްވެސް ލިބުނީއެވެ. އެދެމަފިރިންގެ ގެވެސް މިހާރު އެހެރީ ބެލުން ޝަރުޠުކޮށް އަޅުގަނޑުމެން ދެމަފިރިންނަށް ދީފައެވެ. ގެއެއްވެސް ލިބުނީއެވެ.
ވީމާ ޤަބޫލުކުރަން މިޖެހެނީ މަސައްކަތްކުރަންވީ ﷲ ގެ ރުހިވޮޑިގަތުން ހޯދަންކަމެވެ. ﷲ ގެ ރުހިވޮޑިގަތުން ލިބިއްޖެނަމަ ނުދެއްވަވާނެ ނިޢްމަތެއް ނެތްކަމެވެ.
ވަރަށް ފަހުން އެކުވެރިއަކު ބުނީ ކުރީގެ ފިރިމީހާ އިތުރު 3 ކައިވެނިކުރުމަށްފަހު މިހާރު އިނދެގެންއުޅެނީ އޭނާއަށްވުރެ މާދޮށީ އަންހެނަކާ ކަމަށެވެ. އެކުގައި ނުކުމެ އުޅޭއިރު ހީވަނީ މަންމައަކާއި ދަރިއަކު އެކުގައި އުޅޭހެން ކަމަށެވެ. އެއަންހެން މީހާ އާއި ކައިވެނިކުރަންޖެހުނީ އޭނާގެ ވިޔަފާރި ބަނގުރޫޓުވެ ދަރަނިން ސަލާމަތް ނުވެވިގެން ގެވެސް ވިއްކާލަން ޖެހުމުން އިންނާނެ އަންހެނަކު ނުވެގެން ކަމަށެވެ.
އަހަރެންގެ ހިތަކު އޭނާއަށް ޙަސަދަވެރިކަމެއް ނެތެވެ. ހެޔޮދުޢާ މިހާރުވެސް ކުރަމެވެ.
- އަމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް