ޙަޤީޤީ ޙާދިސާ: ދެވަނަ ކައިވެނިކުރުމުން އަނބިމީހާގެ ގޭގައި ގެންގުޅެން އެއްބަސްނުވާނަމަ މާރާލާނެކަމުގެ ބިރުދައްކަނިކޮށް ސަލާމަތްކުރީ މަރުވެފައިވާ މަންމަގެ ސޫރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 27ސ
ޙަޤީޤީ ޙާދިސާ: ދެވަނަ ކައިވެނިކުރުމުން އަނބިމީހާގެ ގޭގައި ގެންގުޅެން އެއްބަސްނުވާނަމަ މާރާލާނެކަމުގެ ބިރުދައްކަނިކޮށް ސަލާމަތްކުރީ މަރުވެފައިވާ މަންމަގެ ސޫރަ!

އަހަރެމެންގެ މަންމަ އާއި ބައްޕައަށް ލިބުނީ 2 ދަރިންނެވެ. އެއީ އަހަރެންނާއި އަހަރެންގެ އަންހެން ކޮއްކޮއެވެ. އަހަރެންގެ އުމުރުން 5 އަހަރު، ކޮއްކޮގެ އުމުރުން 3 އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. އެހެންވެ އަހަރެމެން ދެބެއިން ގެންގުޅެ ބޮޑުކުރީ މަންމައެވެ. ބައްޕަ ނިޔާވުމުން މަންމަ އިތުރު ކައިވެންޏެއްވެސް ނުކުރެއެވެ. ހުރިހާ ސަމާލުކަމެއް ދިނީ އަހަރެމެން ދެބެއިން ގެންގުޅެ ބޮޑުކުރުމަށެވެ. 

އަހަރެން ބޮޑުވެ ކައިވެނިކޮށްގެން ދިރިއުޅެމުންދިއައީ ބައްޕަ ފަރާތު ކާފަގެ ގޯތިން ބައްޕައަށް ލިބިފައި އޮތް ތަންކޮޅުގައި ގެއެއް އަޅައިގެން އެގޭގައެވެ. ކޮއްކޮ ދިރިއުޅެމުން އައީ މަންމައާއިއެކުގައެވެ. 

ކޮއްކޮ ކައިވެނިކުރިތަނާހެން މަންމަ ނިޔާވެއްޖެއެވެ. އެހެންވެ ގޭގައި އެއިރު އުޅެނީ އެދެމަފިރިން އެކަންޏެވެ. ކޮއްކޮގެ ކައިވެންޏަށް 3 ވަނަ އަހަރު ބަލިވެ އިނދެއްޖެއެވެ. ބަލިވެއިނުމުން ލިބުނު އުފާވެރިކަމަށްވުރެ ބޮޑަށް ލިބުނީ ބޮޑު ހިތާމައެކެވެ. އެއީ ކޮއްކޮގެ ފިރިމީހާ ބޭވަފާތެރިވެ ހިލޭ އަންހެނުން ގެންގުޅެން ފެށުމުންނެވެ. 

ކޮންމެ ދުވަހަކުހެން ކޮއްކޮ އައިސް ރޮއިރޮއިފައި ވާހަކަތައް ކިޔައިދެއެވެ. އަދި އޭނާގެ ގާތަށް އެގެއަށް އަހަރެމެން ބަދަލުވުމަށްވެސް އެދެމުން ދިއައެވެ. ނޫނީ އޭނާގެ ފުރާނައަށް ނުރައްކައުވެދާނެ ކަމަށްވެސް ބުނަމުން ދިއައެވެ. ނަމަވެސް އަަހަރެން ނިންމީ ކޮއްކޮ ވިހައި ގަދަނުވަނީސް އެއްވެސް ފިޔަވަޅެއް ނުއަޅާށެވެ. ވިހެއުމުން ފަހަރެއްގައި މައްސަލަތައް ޙައްލުކުރެވިދާނެ ކަމުގެ އުންމީދުގައެވެ. 

ކޮއްކޮގެ ބަނޑަށް 8 މަހަށް އެޅުނުތަނާ އެއްރެއަކު 1 ޖަހައި އެހާކަންހާއިރު ނިދީން ހޭލެވުނީ ވަރަށް ބޮޑަށް ދައުހިއްލާފައިވަނިކޮށެވެ. އަނބިމިހާއަށް އުނދަގޫވެދާނީ ކޮޓަރީގެ އޭސީ ނުޖައްސަންވެގެން ނުކުމެ ސިޓިންގރޫމްގެ އޭސީ ޖައްސައިގެން ސޯފާގައި އޮށޯވެލިތަނާ ފެނުނީ މަންމަ އައިސް ކުރިމަތީގައި ހުއްޓައެވެ. ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ. 

އަވަސް އަވަހަށް ތެދުވެ އިށީނީމެވެ. ދެލޯ ރަނގަޅަށް ފުހެލުމުންވެސް ހަމަ މަންމަ ފެނެއެވެ. ބަސްހުއްޓި އަދި ޙަރަކާތްވެސް ހުއްޓިފައި އިންދާ މަންމަ ފުރަގަހަށް އެނބުރި ގެއިން ނުކުންނަން ހިނގައިގެންފިއެވެ. ފަހަތުން ނުކުމެވުނީ އަމިއްލަ ބާރުގައިކަމަށް ނުވަތަ ޤަޞްދުގައި ކަމަށް ބުނާކަށް ނުއެނގެއެވެ. 

މަގުމަތީގައި މަންމަ ފަހަތުން ހިނގަމުން ގޮސް ކޮއްކޮއުޅޭގެ، މަންމަގެ ގެ އާއި އަރައިހަމަވެފައި ތަޅުގެ އަތްގަނޑުގައި ހިފައިލުމާއިއެކު މަންމަ ގެއްލިއްޖެއެވެ. ގެއަށްވަނީކަމެއް، ދިއައީ ކަމެއް ނުއެނގުނެވެ. 

އިރުކޮޅަކު މަޑުން ހުރެފައި ގޮސް އަތްގަނޑުގައި ހިފައިލިއިރު ހުރީ ތަޅުލައިފައެވެ. ދޮރުފަތުގައި ކަންފަތް ޖަހައިލީމެވެ. ކޮއްކޮ ރޯއަޑު އިވޭހެން ހީވެއެވެ. 2، 3 ފަހަރު ބެލް ޖެހުމުން ވެސް ނުހުޅުވީމާ ދޮރުހަލާކުކޮށްލާނެ ގޮތަކަށް ވިސްނަން ހުއްޓާ ކޮއްކޮ އައިސް ދޮރު ހުޅުވައިފިއެވެ. ފެނުމާއިއެކު ބައްދައިގެންފިއެވެ. ކޮނޑުގައި ބޯއަޅައިގެން އޮވެ ހިތްހަމަޖެހޭވަރަށް ރޮއެފައި އަތުގައި ހިފައިގެން ގޮސް ވެއްދީ ނިދާ ކޮޓަރިއަށެވެ. އެއިރު ޒުވާން އަންހެން ކުއްޖަކާއި ކޮއްކޮގެ ފިރިމީހާ ކޮޓަރީގައި ތިއްބެވެ. 

"ދޮންބޭ! އަަހަރެން މިގޭގައި އެކަނި ނުބަހައްޓާށޭ! މަރާލަފާނޭ ކިޔައި އާދޭސް މިކުރަނީ މިހެންވެގެން. ކޮންމެ ރެއަކުހެން އަހަރެން ނިދީމާ ވަގަށް އަންހެންކުދިން ގެއަށް ވައްދާ! މިރޭ ވެއްދިކުއްޖާ ތިއިނީ! މިރޭ ދެއްކީ މުޅިން ތަފާތު ވާހަކަތަކެއް! މިކުއްޖާ ދައްކާފައި ބުނީ އޭނާ އާއި ދެއަންތބަށް އިންނަން ޤަބޫލުނުވެއްޖިއްޔާ، އަދި ކައިވެނިކޮށްގެން މިގޭގައި ގެންގުޅެން އެއްބަސްނުވެއްޖިއްޔާ ފުރާނަ ދުއްވާލާނެ ކަމަށް! މޭޒުމަތީގައި އެއޮތީ ގެންގުޅުނު ވަޅި! އަނގައިން ނުބުނެ ރޯން އިންދާ ދޮންބެ ތިއަ ބެލްޖެހީ! އޭނާގެ ބޮލަށް އިބިލީސް ސަވާރުވެފަހުރިވަރުން ނުއެނގުނު ކޮއްކޮ މިރޭ އެކަމަށް އެއްބަސްވެފަ މާދަން އޭނަ ގެއިން ބޭރުކޮށްލެވިދާނެކަންވެސް. ދޮންބޭ! ހެޔޮނުވާނެ! މިނުލަފާ ޝައިޠޯނާ މިގެއިން ނެރެދީ! ދޮންބެ މިރޭވެސް ނިދަންވާނީ މިގޭގަ! މާދަންވާނެ ދޮންބެމެން މިގެއަށް ބަދަލުވާން! އެންމެ ވަގުތުކޮޅަކުވެސް އެކަނި ހުންނާކަށް ދެން ނުކެރޭނެ! މިނުބައި ނުލަފާ މީހާގަނޑު ކޮންމެ ކަމެއްވެސް ކޮށްފާނެ!" 

ކޮއްކޮ ވާހަކަ ދައްކައި ނިމުމުން ކޮއްކޮ އެދެއްކި ވާހަކަ ޢާއިބެހޭ ގޮތުން ކޮއްކޮގެ ފިރިމީހާ ސުވާލުކުރުމުން ބުނީ މިއީ ދެމަފިރިންގެ މައްސަލައެއް ކަމަށާއި ދޮންބެއާއި ބެހޭ އެއްވެސް ކަމެއް މިތަނުގައި ނުހިނގާ ކަމަށެވެ. އެއިރު އަޅުގަނޑުގެ ލޭހުރީ ކެކޭނެވަރަށް ކެކި ނިމިފައެވެ. އެ އަންހެން ކުއްޖާ ގާތު މިގެއަށް ވަނީ ކޮން ނިޔަތެއްގައި ކީއްކުރަންތޯ ސުވާލުކުރުމުން އޭނާވެސް ފެށީ ރޯށެވެ. "ބޭބޭ! މިމީހާ އަޅުގަނޑަށް އޮޅުވައިލީ. ބުނީ މިއީ އޭނާގެ ގެއެއްކަމަށް. އަޅުގަނޑާ އިންނާނަމޭ ކިޔައިގެން ގެންގުޅޭތާ މިހާރު ކިތަންމެ ދުވަހެއް. އަޅުގަނޑުވެސް މިއިނީ އޭނާގެ ދަރިއަކަށް ބަލިވެ! އަޅުގަނޑަކީ މައެއް ބަފައެއް އަޅައިލާނެ އެއްވެސް މީހަކު ހުރި އަންހެނެއް ނޫން. ގެއެއްގަ މުސާރައަށް ނޯކިރީކޮށްދީގެން މިއުޅެނީ. މިރޭ މިއެނގުނީ އަންތބަކު އިންނަކަންވެސް. މިއީ އަނބިމިހާގެ ގެކަންވެސް. ކުރިންވެސް މިގެއަށް ގެނޭ، ސިޓިންގ ރޫމްގަ ތިބެނީ. ބުނަނީ މަންމަ އަށް އެނގިދާނެތީކަމަށް."

އެއީ ކުށަކަށްވީނަމަވެސް އޭނާގެ ގަމީހުގައި ފުރަގަހުން ހިފުނެވެ. ކޮއްޕަމުން މަގުމައްޗަށް ނެރެ ފޮނުވައިލީމެވެ. އެކުއްޖާވެސް ނެރެ ފޮނުވައިލީމެވެ. އެރޭ އަޅުގަނޑު ނިދީ ކޮއްކޮގެ ގޭގައެވެ. އަނެއްދުވަހު އަޅުގަނޑުގެ އަނބިމީހާވެސް އެގެއަށް ބަދަލުކުރީއެވެ. އަޅުގަނޑު އުޅުނުގެ ކުއްޔަށްދިނީއެވެ. 

މިވާހަކަ ޤަބޫލުކުރަން ބައެއް މީހުންނަށް އުނދަގޫވެދާނެއެވެ. އެއީ މަންމަ ފެނުނުކަމަށް ބުނާތީއެވެ. މަރުވެފައި ތިބޭ މީހުންނަށް ދުނިޔެއަށް އަލުން ނާދެވޭނެކަން އަހަރެންނަށްވެސް އެނގެއެވެ. ނަމަވެސް އަހަރެންނަށް މަންމަގެ ސޫރަ ފެނުނެވެ. އެސޫރަ ފަހަތުން ހިނގީމެވެ. އެއީ ކިހިނަކުން މެދުވެރިވި ކަމެއް ކަމެއް ނުއެނގެއެވެ. 

އެއީ ފެނުނު އާދައާ ޚިލާފް ހުވަފެނަކަށްވެސް ވެދާނެއެވެ. ވަކިގޮތަކަށް ބުނާކަށް ނެތީމެވެ. ނިދީގައި ނުކުމެ ހިނގާ މީހުންގެ ވާހަކަވެސް އަޑުއަހަމެވެ. އެގޮތަށް މެދުވެރިވިކަމަކަށްވެސް ވެދާނެއެވެ. އެނގޭ ކަމަކީ ކޮއްކޮއަށް ކުރިމަތިވި އެ ބޮޑު ބިރުވެރިޙާލަތާ މުޞީބާތުން ސަލާމަތްވެވުނީ އެވަގުތު އެގެއަށް ދެވުނުކަމުންނެވެ. 

މަންމައަކީ ވަރަށް ހެޔޮލަފާ ތަޤްވާވެރި އަންހެނެކެވެ. އުމުރުގެ ބޮޑުބައެއްގައި ރޭގަނޑުގެ ބޮޑުބައި ހޭދަކުރީ ރޭއަޅުކަމުގައެވެ. އަވަށްޓެރިންނަށް ވަރަށް އެހީތެރިވިއެވެ. ހަމައެއާއިއެކު ކޮއްކޮ އާއި އަހަރެން މަންމައަށް ޚިދުމަތްކުރީ ދަރިންނަށް މައިމިހާއަށް ޚިދުމަތްކުރެވޭނެ އެންމެ ފުރިހަމައަށެވެ. އެންމެ މުސްކުޅި އުމުރުގައިވެސް ސަކަރާތްޖަހައި ހީނ އޮޅުލާ ނުހަދާ ދުވަހެއް ނުދާނެއެވެ. މަރުވުމުން އަބަދު މިގެންދަނީ ހެޔޮދުޢާކުރަމުންނެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް ފިރިހެނުންނަށް ސުވާލެއްކޮށްލާނަމެވެ. އަޅެ ދެއަންތބަށް ކައިވެނިކުރަން ބޭނުންވި ނަމަވެސް ތަންކޮޅެއް ތާހިރުކޮށް އެކަންކުރަން ހަމަ ނުއެނގެނީހެއްޔެވެ؟ ދޮގާ މަކަރާ ޙީލަތް އެވަރަށް ނުހަދައި އަނބިން އިތުރުނުކުރެވޭ ފިރިހެނުން ކޮންމެ ދުވަހަކު ރޯދަހިފަންވީ ނޫންހެއްޔެވެ؟

- ޢަބްދުއްރަޙީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން