ޙަޤީޤީ ޙާދިސާ: ވަރިކޮށްފަ ވާރޭވެހެނިކޮށް މަގުމައްޗަށް ނެރެލުމުން ތަނަވަސްކަމާ އުފާވެރި ދިރިއުޅުމެއް ހޯދައިދޭން މެދުވެރިވި މީހާގެ ކުރިމައްޗަށް ނުކުމެވުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 51ސ
ޙަޤީޤީ ޙާދިސާ: ވަރިކޮށްފަ ވާރޭވެހެނިކޮށް މަގުމައްޗަށް ނެރެލުމުން ތަނަވަސްކަމާ އުފާވެރި ދިރިއުޅުމެއް ހޯދައިދޭން މެދުވެރިވި މީހާގެ ކުރިމައްޗަށް ނުކުމެވުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑުގެ އުމުރުން 16 އަހަރުގައި މައިންބަފައިން އަޅުގަނޑު މާލެ ގެނެސް ގެއެއްގައި ކިޔަވަން ބެހެއްޓިއެވެ. ގެއެއް ނަމަވެސް އެއީ ބޯޑިނގްއެކެވެ. އަގުދީގެން އެގޭގައި ކިޔަވަން 6 ކުދިން ތިބެއެވެ. އެގޭ އަންހެން މީހާއަކީ ވަރަށް ރަނގަޅު އަންހެނެކެވެ. މަންމައަކު ފަދައިން ކިޔެވުމުގެ ކަންތަކާއި އުޅޭ ގޮތް ބަލައެވެ. 

ކިޔަވައި ނިމި، ކޮލެޖުންވެސް ކިޔަވައިގެން ވަޒީފާއަކަށް ވަދެ ފައިސާ ލިބެން ފެށުމުން ހަމައެގެއިން ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައި އެކަނި ދިރިއުޅެންފެށީމެވެ. އެއީ އަޅުގަނޑު އަބަދުވެސް އެންމެ އެދޭ ކަންތަކެވެ. އަމިއްލަ މިނިވަންކަމުގައި ދިރިއުޅުމެވެ. 

އަޅުގަނޑަކީ ވަރަށް ކުޑައިރުންސުރެ ނޭވާހިއްލުމުގެ އުނދަގޫ ހުންނަ އަންހެނަކީމެވެ. އެހެންވެ އަބަދުވެސް އިންހޭލަރ ބޭނުންކުރަން ޖެހެއެވެ. އަޅުގަނޑުގެ އެންމެ ބޮޑު އެއް އުންމީދަކީ ބައްޔަށް ރަނގަޅު ފަރުވާއެއް ލިބި އިންހޭލަރާއި ނުލައި ދުނިޔޭގައި އުޅެވޭނެ ގޮތްވުމެވެ. އެހެންވެ ލިބޭ މުސާރައިން ބައެއް އަޅުގަނޑުގެ މައިންބަފައިންނަށް ފޮނުވުމަށްފަހު ކޮނަމެ މަހަކުވެސް ދިއައީ ފައިސާ ރައްކާކުރަމުންނެވެ. 

އަޅުގަނޑުގެ އުމުރުން 26 ވަނަ އަހަރު ބައްދަލުވި ފިރިހެނަކު އަޅުގަނޑުދެކެ ލޯބިވާކަމަށްބުނެ ފަހަތުން ހިނގަންފެށިއެވެ. އިރުކޮޅުން ގުޅައެވެ. މެސެޖްވެސް ކުރެއެވެ. އަހަރެއްހައި ދުވަހު އެގޮތަށް ކަންތައްތައްކުރިފަހުން ކައިވެނިކުރަން އެއްބަސްވީމެވެ. 

ކައިވެންޏަށްފަހު ވަރަށް ލޯބިން ދުވަސްކޮޅަކު އުޅުނެވެ. ދެން ކޫސަނި މައްސަލަތައް ޖައްސަން ފަށައިފިއެވެ. ފުރަތަމަ ބޭނުންވީ އަޅުގަނޑުގެ ސޭވިންގްސްގައި ހުރިފައިސާގެ އެއްބައި ލޯނަކަށް އޭނާއަށް ދިނުމަށެވެ. އެކަމަށް ދެކޮޅުހެދީމެވެ. އަޅުގަނޑު ބުނީ ބޭސްފަރުވާއަށް ބެންކޮކަށްދާން ބޭނުންކަމަށާއި ބޭސްފަރުވާއަށްފަހު ބާކީހުރިނަމަ ކޮންމެވެސް ވަރެއް ދީފާނަން ކަމަށެވެ. އެގޮތް ޤަބޫލެއް ނުކުރިއެވެ. އެކަންވެސް ހެދީ ބޮޑު މައްސަލައަކަށެވެ. 

އަޅުގަނޑަކީ ބޮޑުހެދުންލާ އަންހެނަކީމެވެ. އެހެދުން ކަމަކު ނުދިއައެވެ. ކުރު ޒަމާނީ ހެދުންލާން ބުނަން ފަށައިފިއެވެ. ސަބަބެއްކަމަށް ބުނީ ބޮޑުހެދުން ލީމާ މާބޮޑަށް މުސްކުޅިކަމަށް ސިފަކުރެވެނީ ކަމަށެވެ. އަޅުގަނޑު ބުނީމެވެ. "މުސްކުޅިކަމަށް ސިފަކުރެވެނީ މިހާރުހެއްޔެވެ؟ ބަލަ ކަލެއަށް އަހަރެން ފެނުނުއިރުވެސް ލަނީ ހަމަ މިހެދުން ނޫން ހެއްޔެވެ؟ އެއިރު އެހައި ރީތިވެފައި މިހާރު ކުއްލިއަކަށް ތިއަބާވަތުގެ ވާހަކަ ދެއްކީމާ ދެކޮޅެއް ނުޖެހޭ ނޫން ހެއްޔެވެ؟" 

ދެން ބޭނުންވީ ވަޒީފާއިން ވަކިވުމަށެވެ. އެކަމަށްވެސް ދެކޮޅުހެދީމެވެ. އަޅުގަނޑު ބުނީ މިހާރުވެސް ފައިސާ ނެތިގެން އުޅޭ މީހަކު ތިއަބާވަތުގެ ވާހަކަ ދައްކާއިރު އަހަރެންނަށާއި އަހަރެންގެ މައިންބަފައިންގެ ޚަރަދުތައް ކަލޭކުރާނީ ކިހިނަކުންހެއްޔެވެ؟ 

މިފަދަ ޒުވާބުތަކުގައި އުޅެންޖެހުމުން ކައިވެނިކުރެވުނު މޮޔަ ހިތަށް އަރަންފެށިއެވެ. ނަމަވެސް އޭނާއަށް ރަނގަޅު ގޮތް ވިސްނޭނެ ދުވަހެއްގެ އިންތިޒާރުގައި ކެތްތެރިވެގެން ހުރީއެވެ. އެހެން ހުއްޓައި އެއްރޭ ބޭރުން ގެއަށް ފިރިމީހާ އައީ ވަރަށް ރުޅިގަދަވެފައި ހުރެގެންނެވެ. ގެއަށް ވަންގޮތަށް ބުނީ ތިމަންނާ ކަލޭގެ ކިބައިން ބޭނުންވި އެއްވެސް ކަމެއް ކަލޭ ނުކުރިއެވެ. ވީމާ މިހާރުން މިހާރަށް ގޮތެއް ނިންމާށެވެ. ހުރިހާ ކަންކަމަށް އެއްބަސްނުވާނަމަ ހަމަ މިހާރު މިގެއިން ނުކުންނާށެވެ. އަޅުގަނޑު ބުނީ އަނބިމީހާ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤެއް އަދާނުކޮށްގެން ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް މައްސަލައެއް ނެތްކަމަށެވެ.

"އެންމެ ބޮޑު 3 މައްސަލައަކީ ތާކުންތާކުޖެހޭ ކަންކަން ނޫން ކަމަށެވެ. ފުރަތަމަ ކަމަކީ ފިރިމީހާއަށް ލޯނުދިނުމެވެ. އެއީ އަނބިމީހާ ކުރަންޖެހޭ ކަންކަން ނުކޮށް ކޮށްދޭންޖެހޭ ކަމެއް ނޫނެވެ. ދެން ކުރު، ފެޝަން ހެދުން ލުމެވެ. އެއީ ﷲ ހުއްދަކުރައްވަވާ ކަމެއް ނޫނެވެ. ދީނުގައި ފަހަތަށް އެޅޭ ފިޔަވަޅެކެވެ. އެއީ ކުރާނެ ކަމެއް ނޫނެވެ. ދެން ތިބުނަނީ ވަޒީފާއިން ވަކިވުމަށެވެ. އެކަން ކުރެވޭނީ އަހަރެންނާއި މައިންބަފައިންގެ ޚަރަދުތައް ކޮށްދެވޭނެކަން ދެއްކީމަ ނޫންހެއްޔެވެ؟ މިހާރުވެސް ގޭގެ ބިލްތައް ދައްކައި ކާބޯތަކެތި ގަނެވޭކަމަށްވަނީ އަހަރެން ބައެއް ދީގެންނެވެ. ވީމާ ތިއަބުނާ 3 ކަމުންކުރެ އެއްވެސް ކަމެއް ކޮށްދެވޭކަށް ނެތެވެ.  

އެއީ ވަރަށް ވިއްސާރަރެއެކެވެ. ވަރިކޮށްފައި ވެހެމުންދިއަ ވާރެއަށްވެސް ބެލުމެއް ނެތި ގެއިން ނެރެލީއެވެ. ލައިގެންހުރި ހެދުން ބަދަލުކޮށްލަން ވެސް ފުރުޞަތު ނުދިނުމުން ޖެހުނީ ހެދުން އަތުން ހިފައިގެން މަގުމައްޗަށްނުކުމެހުރެ ނައިޓީމަތިން ހެދުންލާށެވެ. 

އެވަގުތު ކާރެއް އައިސް މަޑުކޮށްލިއެވެ. ދޮރުހުޅުވާފައި އުމުރުން ދުވަސްވީ މީހަކު ފައިބައި ފުރަތަމަވެސް ސުވާލުކުރީ "ތިއައުޅެނީ ކިހިނެއްވެގެންތޯ؟ މީހަކު ރޭޕްކޮށްލީތޯ؟" އެވެ. ޖަވާބަކަށް އިންތިޒާރުވެސް ނުކުރެއެވެ. ފޮށި ކާރަށް އަރުވާފައި ކާރަށް އަރަން ބުނެފިއެވެ. އެއީ ވާރޭވެހޭތީ ވާރެއިން ސަލާމަތްވުމަށެވެ. އަދި އަޅުގަނޑު ގެއިން ނެރެލި މަންޒަރު ދުރުން ފެނުނު ކަމަށާއި ކާރު މަޑުކުރީ ކޮންމެވެސް މައްސަލައެއް ޖެހިގެން އުޅޭކަން ވިސްނިގެން އެހީތެރިވާން ކަމަށްވެސް ބުންޏެވެ. 

ކަންކަންވީގޮތް ކިޔައިދީފައި ރަނގަޅު ގެސްޓްހައުސްއަކަށް ގެންގޮސްދޭން އެދުނީމެވެ. ނަމަވެސް އޭނާ ބޭނުންވީ އޭނާގެ ގެއަށް ގެންދާށެވެ. ބުނީ އޭނާއަކީ ޢާއިލީ ދިރިއުޅުމެއް އުޅޭ މީހެއް ކަމަށާއި ގޭގައި އަނބިދަރިންވެސް އުޅޭނެ ކަމަށެވެ. ވީމާ ގެއަށް ގޮސް ތެމުނު ހެދުން ބަދަލުކޮށް ރަނގަޅަށް ހަމަޖެހިލައިގެން ގެސްޓް ހައުސްއަށް ދިއުން ރަނގަޅުވާނެ ކަމަށެވެ. އަޅުގަނޑު އެގޮތް ޤަބޫލުކުރީމެވެ. 

އޭނާގެ އަންހެނުންނަކީ ވަރަށް ހިތްހެޔޮ އަންހެކެވެ. އަޅުގަނޑަށް ކަންކަން ދިމާވިގޮތް ކިޔައިދިނުމުން ވަރަށް ހެޔޮކޮށް ކަންކަން ކުރިއެވެ. އަދި ވަގުތުން ގެސްޓް ހައުސްއަކަށް ދިއުމުގެ ބަދަލުގައި ހަމައަކަށް އެޅުނީމަ ރަނގަޅުތަނެއް ލިބެންދެން އެގޭގައި މަޑުކޮށްލެވިދާނެކަމަށް ވެސް ބުންޏެވެ. ގޭގައި ގެންގުޅޭ އަންހެންމީހާ ޗުއްޓީއަށް ގޮސްވުމުން އޭނާ ހުންނަ ކޮޓަރި ހުހަށް ކުރިކަމަށްބުނެ އެކޮޓަރި އަޅުގަނޑު ހުރެލަން ދިނެވެ. 

ދެއްވެވި ނިޢްމަތަށް ޝުކުރުކޮށްލައިގެން އެގޭގައި އުޅެންފެށީމެވެ. އަގެއް ދިނުމުން ފައިސާވެސް ބޭނުމެއް ނުކުރިއެވެ. ބުނީ އެވަރުގެ ކުޑަކަމެއްކޮށްދީ އަޅުގަނޑުފަދަ ޙާލުގައި ޖެހިފައިހުރި އަންހެނަކަށް އެހީތެރިވުމުން ދެއްވަވާނެ ޘަވާބު މާބޮޑަށް ބޭނުން ކަމަށެވެ.

އެގޭގެ ވެރިމީހާއަކީ ވިޔަފާރިވެރިއެކެވެ. ދެފިހާރަހުރެއެވެ. އެކަމަކު ގިނަ ވަގުތު އުޅޭނީ ގޭގައެވެ. އެހެންވެ އޭނާގެ މުވައްޒިފުން ކޮންމެ ދުވަހަކުވެސް ކަންކަމު އެގެއަށް އައިސް އުޅެއެވެ. އެއިގެ ތެރެއިން މީހަކާއި އަޅުގަނޑާއިދެމެދުގައި ގުޅުން އުފެދުނެވެ. 3 މަސްވެ ޢިއްދަ ހަމަވީތަނުން ކައިވެނިކުރީއެވެ. 

އޭނާ ދިރިއުޅެން އެގެއިން ފްލެޓެއް ދީފައި ހުރެއެވެ. ކައިވެނިކޮށްގެން އުޅުނީ އެތަނުގައެވެ. ދުވަސްކޮޅެއްފަހުން ވެރިމީހާގެ އެހީތެރިކަމާއިއެކު ހުޅުމާލެއިން ފްލެޓެއް ގަނެގެން އެފްލެޓަށް ބަދަލުވީއެވެ. 

ކައިވެންޏަށް މިހާރު 8 އަހަރުވީއެވެ. ފިރިމީހާ މިހާރުވެސް ވެރިމީހާގެ ހިސާބުތައް ބަލަހައްޓައިދެއެވެ. ފިރިމީހާގެ އަމިއްލަ ފިހާރައެއްވެސް ހުރެއެވެ. އެތަނަށް މުދައުލައިދިނީވެސް ވެރިމިހާއެވެ. ފިހާރަ ހިންގަނީ ދެމަފިރިންނެވެ. މިއަދު އަހަރެމެން ދެމީހުންނަކީ ވަރަށް ލޯބިން 2 ދަރިން ގޮވައިގެން ޢާއިލީ ދިރިއުޅުމެއް އުޅޭ ދެމަފިރިންނެވެ. އަދި ވިޔަފާރީގެ ދެބައިވެރިންނެވެ.

މިއަދުނޫހުގައި ޝާއިޢުކުރާ "ޙަޤީޤީ ޙާދިސާ" ސިލްސިލާ ދެމަފިރިންވެސް ވަރަށް ޝައުޤުވެރިކަމާއިއެކު ކިޔަމެވެ. އެހެންވެ އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަތައްވެސް ޙިއްޞާކޮށްލަން ބޭނުންވީއެވެ. ކިޔުންތެރިންނަށް ފައިދާކުރާނެ ވާހަކައަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. 

ނިންމާލަމުން ކުރީގެ ފިރިމީހާ އާއިބެހޭގޮތުންވެސް ބަހެއް ބުނެލާނަމެވެ. ސާބިތު ދަރަނީގެ މައްސަލައެއްގައި ކޯޓަށް ފިލައިގެން އުޅޭތީ ހޯދަން ދާދިފަހުން އިއުލާނުކޮށްފައި ވަނިކޮށް ފެނުނެވެ. އެކަމުން އެނގެނީ ހަމަ ޔަޤީނުންވެސް އޭނާއަށް އުފާވެރި ދިރިއުޅުމެއް ނުލިބުނުކަމެވެ. 

- ސަމިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން