ޙަޤީޤީ ޙާދިސާ: ލިބެންއުޅޭ ދަރިފުޅުގެ ފައިގަ މައްސަލައެއް ހުރެދާނެކަމަށް ޑޮކްޓަރު ބުނުމުން ވަރިކޮށްލި މީހާ ދެ ކައިވެނިކުރުމުންވެސް ލިބުނީ ނުކުޅެދުންތެރިކަންހުރި ދަރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 57ސ
ޙަޤީޤީ ޙާދިސާ: ލިބެންއުޅޭ ދަރިފުޅުގެ ފައިގަ މައްސަލައެއް ހުރެދާނެކަމަށް ޑޮކްޓަރު ބުނުމުން ވަރިކޮށްލި މީހާ ދެ ކައިވެނިކުރުމުންވެސް ލިބުނީ ނުކުޅެދުންތެރިކަންހުރި ދަރިން!

އަޅުގަނޑު ބަލިވެއިނީ ކައިވެންޏަށް 4 އަހަރުގައެވެ. ބަނޑަށް 6 މަހުގައި ސްކޭންކޮށްފައި ޑޮކްޓަރުބުނީ ދަރިފުޅުގެ އެއްފައިގައި މައްސަލައެއް އެބަހުރިކަމަށް ސްކޭނުން ދައްކާ ކަމަށާއި ފަހަރެއްގައި ލިބޭ ދަރިފުޅަށް ހިނގައި އުޅުމުގައި ދަތިތަކެއް ހުރެދާނެ ކަމަށެވެ. 

ޑޮކްޓަރު އެހެން ބުނުމާއިއެކު ފިރިމީހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިއައެވެ. އަޅުގަނޑު ހީކުރީ ލިބުނު ހިތާމައިގެ ބޮޑުކަމުން ކަމަށެވެ. އެހެންވެ އިތުރަށް ސުވާލެއް ނުކުރަމެވެ. އަޅުގަނޑުވެސް ވަރަށް ދެރަވިއެވެ. ނަމަވެސް ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމެވެ. ލައްވަވާނީ އެންމެ ހެޔޮ ރަޙްމަތްކަމަށް އަބަދުވެސް ހުންނަނީ ޔަޤީންކޮށްގެންނެވެ. އެހެންވެ މާޔޫސްއެއް ނުވަމެވެ. 

އެހިސާބުން ފިރިމީހާ މުޅިން ބަދަލުވެއްޖެއެވެ. މަޑުމަޑުން ދުރުހެލިވާން ފަށައިފިއެވެ. ޑޮކްތަރަށް ދާންޖެހޭ ދުވަސްދުވަހުވެސް އެކަނި ދާންޖެހެން ފަށައިފިއެވެ. ވީގޮތް ވިސްނުނެވެ. ބަލި ކުއްޖަކު ބޭނުންނުވީއެވެ. ހިތާމައަކީ އެދަރިފުޅުގެ ބައްޕައަކީ އޭނާކަން އެނާއަށް ޤަބޫލުނުކުރެވުނުކަމެވެ. ބަލިކުއްޖަކު ދެއްވަވައިފިނަ ބަލަހައްޓަން މަސައްކަތްކުރަންޖެހޭނެ ކަމާއި ފަރުވާކުރަން މަސައްކަތްކުރަންޖެހޭނެ ކަމާއި ﷲ ޝިފާ ދެއްވަވަންހުރި އަޅަކަށް ދެއްވަވާނެކަންވެސް އޭނާއަށް ނުވިސްނުނުކަމެވެ. 

ބަނޑަށް 8 މަސްފުރެން ކައިރިވެފައި ހުއްޓާ އެއްރޭ ގެއަށް އައިސް އަމިއްލައަށް ފޮށްޓަށް އެއްޗެތިއަޅައިގެން ފޮށި ހިފައިގެން ނުކުންނަމުން ބުނީ ވަރިކުރީ ކަމަށާއި އެނބުރި ގެއަށް ނާންނާނެ ކަމަށެވެ. ނަމަވެސް ވިހޭގެ ޚަރަދުތައްކޮށްދޭނެ ކަމަށާއި ދަރިފުޅަށްވެސް ޚަރަދުކުރާނެ ކަމަށެވެ. އަދި ޚަރަދުހޯދަން ކޯޓަށް ނުދިއުމަށާއި ހިނގައްޖެނަމަ އެންމެ ރުފިޔާއެއްވެސް ނުދޭނެ ކަމަށެވެ. 

ފިރިމީހާ ނުކުމެގެންދިއުމުން ވަރަށް އަސަރުކުރިއެވެ. އޭނާ ދެއްކި ވާހަކަތައް ޤަބޫލެއްވެސް ނުކުރެވުނެވެ. އެއީ ޚަރަދުކުރާނެ މީހަކު އަނބިމީހާ އެހާލަތުގައި އިންދާ ވަރިކޮށްލާފައި ނުދާނެކަން ޔަޤިންކުރެވޭތީއެވެ. ވިހައި ގަދަވަންދެންވެސް މަޑުކޮށްނުލައި ވަރިކޮށްލާފައި ދިއައީތީއެވެ. 

ކޮންމެ މީހަކަށްވެސް ކޮންމެވެސް ގޮތަކުން ރަޙްމަތް ލައްވަވާނެކަން އަބަދުވެސް ޤަބޫލުކުރަމެވެ. އެހެންވެ އެއްވެސް މީހަކު ގާތު އެއްވެސް ވާހަކައެއް ނުދައްކަމެވެ. ޖެހިގެން އައި ހަފްތާގައި ޑޮކްޓަރަށް ދައްކަން ގޮސް އުޅެނިކޮށް ބައްދަލުވި ސްކޫލް ދައުރުގެ އެކުވެރި އަންހެންކުއްޖަކު އެކަނި ހޮސްޕިޓަލުގައި އުޅޭތީ ސުވާލުކުރުމުން ޙާލަތުކިޔައިދިނީމެވެ. ޤަޞްދަކު ނޫނެވެ. ނަމަވެސް ރޮވުނެވެ. އޭނާ ވަގުތުން 1000 ރުފިޔާ އަތަށް ލައިދިނެވެ. އަދި ފަހުން ގުޅާނެކަމަށްވެސް ބުންޏެވެ. 

އޭނާ އަނެއް ރޭ އަޅުގަނޑަށް ގުޅައި ބައްދަލުކުރަން އައެވެ. ދެމަފިރިން އެކުގައެވެ. ދެމަފިރިން އެރޭ ވަކިވަމުން ބުނީ ވިހެއުމުގެ ކަންކަމަށް ނުވިސްނުމަށެވެ. ހުރިހާ ޚަރަދެއްވެސް ކޮށްދޭނެ ކަމަށެވެ. އެރޭ ދަމުން ވިހަން ބޭނުންވާ ތަކެތިން ނުގަނެވިހުރި ތަކެތި ގަންނަން ރުފިޔާވެސް ދިނެވެ. 

ކޮންމެއަކަސް ދުވަސްފުރައި ލިބުނީ ލޯބިލޯބިފިރިހެންކުއްޖެކެވެ. ޑޮކްޓަރު ބުނިހެން އޭނާގެ އެއްފައިގައި މައްސަލައެއް ހުރިކަން ފާހަގަކުރެވުނެވެ. އެހެންކަމާއިއެކުވެސް ކުރިން ބުނިފަދައިން ކަންކަންބޮޑެއް ނުވަމެވެ. ކޮންމެ ކަމެއްވެސް ދިމާވާނީ ތަޤްދީރުގައިވާގޮތަށްކަން ޤަބޫލުކުރެވޭތީއެވެ. 

އެކުވެރިޔާގެ ދެމަފިރިން އަޅުގަނޑަށް ވަރަށް ރަނގަޅެވެ. ވިހެއުމުގެ ކަންކަން ކޮށްދިނުމަށްފަހުގައިވެސް އެހީތެރިވިއެވެ. އެހެންވެ އަޅުގަނޑުގެ އެއްވެސް ބުރައެއް ޢާއިލާގެ މީހުންނަކަށްވެސް ނުޖެހެއެވެ. އަޅުގަނޑުގެ މައިންބަފައިންނަކީ ތަނަވަސް ބައަކަށް ނުވާއިރު އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ. 

ވިހައިގަދަވިތަނާ އެކުވެރިޔާ ވަޒީފާއެއްވެސް ހޯދައިދިނެވެ. އޭނާގެ ފިރިމީހާ ހިންގާ ވިޔަފާރިކުންފުންޏަކުންނެވެ. ދަރިފުޅު ގޮވައިގެން އުލެލެވޭވަރުގެ މުސާރައެއްވެސް ދިނެވެ. އެއިގެ އިތުރުން ދަރިފުޅަށް ފަރުވާކުރާނެ ފައިސާވެސް ދިނެވެ. ދަރިފުޅަށް ފިރުކެވުނީ އުނދަގުލުންނެވެ. ނަމަވެސް ޑޮކްޓަރުންނަށް ދައްކައިގެން ކުރެވުނު މަސައްކަތުން ހިނގަންވީއިރު ފައިގެ އައިބުވަނީ ފިލައިފައެވެ. 

ދަރިފުޅަށް 3 އަހަރުވީފަހުން ބައްދަލުފިރިހެނަކާއި ކައިވެނިކުރީމެވެ. ދެވަނަ ޒަވާޖީ ޙަޔާތް ފެށީމެވެ. އޭނާ އަޅުގަނޑުދެކެ ވަރަށް ލޯބިވެއެވެ. ދަރިފުޅުދެކެވެސް ލޯބިވެއެވެ. އެހެންވެ ދިރިއުޅެމުން އައީ އުފަލުގައެވެ. 

ދެވަނަ ކައިވެންޏަށްވެސް ދަރިއަކު ލިބި އެދަރިފުޅަށް ދެއަހަރުގައި ދެކުދިން ގޮވައިގެން ސަލްޓަންޕާކަށް ގޮސް އުޅެފައި އިސްލާމީ މަރުކަޒު މާލަންކަރީގައި އިނީމެވެ. އެއިރު ދޮށީދަރިފުޅު ކުޅެން ކައިރީގައި އުޅެއެވެ. ފިރިމީހާ ހުރީ އޭނާގެ ރައްޓެއްސަކާއި ވާހަކަދައްކަން ތަންކޮޅެއް ދުރުގައެވެ.

އެހެން އިންދައި ފެނުނީ ކުރީގެފިރިމީހާ އަންނަތަނެވެ. އައިސް ކައިރީގައި ހުއްޓުނުތަނާ މަންމާއޭ ކިޔަމުން ދަރިފުޅު ގާތަށް އައުމުން އެއީ އޭނާގެ ދަރިފުޅުތޯ ސުވާލުކުރިއެވެ. ޖަވާބެއް ނުދެމެވެ. އެހެންއިނދެ ގާތަށް އައުމަށް ފިރިމީހާއަށް މެސެޖެއްކުރީމެވެ. 

ކުރީގެ ފިރިމީހާ ބުންޏެވެ. "ދަރިފުޅުގެ ފައި ރަނގަޅުކުރީ ކިހިނެއް ހަދައިގެން ހެއްޔެވެ؟" އެސުވާލަށްވެސް ޖަވާބު ނުދިނުމުން ވަރަށް ދެރަވެފައި ބުންނެވެ. "އަހަރެންނަށް މާފުކުރާށެވެ. ވަރިކުރަމުން އަހަރެން ވައުދުވިގޮތަށް ކަންތައްތައް ނުކުރެވުނީތީއެވެ. އެކަމުގެ ޝަޒާވެސް ލިބިއްޖެއެވެ. ކަލޭގެފަހުން ދެކައިވެނިކޮށް ދެމީހުންނަށްވެސް ވަނީ ކުދިން ލިބިފައެވެ. ދެކުދިންނަކީވެސް ނުކުޅެދުންތެރިކަންހުރި ކުދިންނެވެ." 

އެހިސާބަށް ބުނާއިރަށް ފިރިމީހާ އައިސް ދޮށީދަރިފުޅު އުރާލައި އާދައިގެމަތިން ލޯބިކޮށްލައިފިއެވެ. ދަރިފުޅުގެ ބައްޕަގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިއައެވެ. އިސްދަށަށް ޖަހައިގެންހުރެ ދާން ހިނގައިގަތުމުން ބުނީމެވެ. "ދެން އެހެން ދުވަހަކު ފެނުނަސް ވާހަކަ ދައްކަން މަސައްކަތްނުކުރާށެވެ. ދަރިފުޅުގެ ބައްޕަހެދެން އުޅުމުގެ އެއްވެސް ބޭނުމެއް މިހާރަކު ނެތެވެ. ދަރިފުޅަށް އަނިޔާކުރަން ނޫނީ ބައްޕަހެދިގެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކަލޭކުރި ހުރިހާ ކަމެއް ކަލެއަށެވެ. އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތެވެ. ދިން ހުރިހާ އަނިޔާތަކަށް މާފުވެސް ކޮށްފީމެވެ. ކަލޭ ހިތުން އަހަރެމެން ދެމައިން ނިކަމެތިކޮށް އެއްލައިލީއެވެ. ނަމަވެސް އެކަންވީ އަހަރެންނަށް ލެއްވެވި ބޮޑު ރަޙްމަތަކަށެވެ. އެހެން ނޫންނަމަ މިއަދުގެ މިއުފާވެރި ދިރިއުޅުން އަހަރެންނަކަށް ދުވަަހކުވެސް ނުލިބުނީހެވެ." 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އިންސާނުންގެ މައްޗަށް އެއްވެސް ރަޙުމެއް ކުލުނެއް ނެތް މިބާވަތުގެ އަނިޔާވެރި ފިރިން ވަރަށް ގިނަވެއްޖެއެވެ. އެމީހުންގެ އަނިޔާވެރިކަމުގެ ޖަޒާ މިދުނިޔޭގައިވެސް އަރައި އެމީހުންނާ ހަމަކުރާނެއެވެ. ހަމަ ޔަޤީނުންވެސް ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެއެވެ. 

ލިބޭ ދަރިފުޅުގެ ކިބައިގަ ޢައިބެއް ހުރެދާނެކަމަށް ދަރިފުޅު އެއްލާލާފައިދާ ބައްޕައިންނާއި އަނބިމީހާއަށް ސިޒޭރިއަނެއް ހަނދަން ޖެހިއްޖެނަމަ ބަނޑުގަ ލަކުނެއްލާނެތީ އެއްލައިލާ ފިރިންނަށް މިވާހަކައިގައި ޢިބްރަތެއް ވާނެ ކަމަށް ހީކުރަމެވެ.

 

--ޝިއުނާ / މިއަދުނޫހގެ ކިޔުންތެރިއެއް  

 

މިއަދު އޮންލައިން