އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާ އާ ގުޅެން ބޭނުންވި ފިރިއަކު ކަންކުރި މަކަރުވެރިގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާ އާ ގުޅެން ބޭނުންވި ފިރިއަކު ކަންކުރި މަކަރުވެރިގޮތުގެ ވާހަކަ-

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ގެންގުޅުނީ ވަރަށް ލޯބިންނެވެ. ދެރަވާންޖެހޭ އެއްވެސް ކަމެއްވެސް ނުކުރެއެވެ. އެކަމާއިހުރެ ގިނަ ބައަކު އަޅުގަނޑަށް ޙަސަދަވެރިވެ ފާޑުފާޑުގެ ވާހަކަތައް ދައްކައެވެ. 

އަޅުގަނޑުގެ ތިބެނީ 3 އެކުވެރިންނެވެ. އެއީ 2 އަނހެންކުދިންނާއި ފިރިހެން ކުއްޖެކެވެ. 3 ކުދިންނަކީ އެކުގައި ޔުނީގައި ކިޔަވަންއުޅުނު 3 ކުދިންނެވެ. އެއިރުންސުރެ އަބަދުވެސް އުޅެނީ އެންމެ ގާތް އެކުވެރިންގެ ގޮތުގައެވެ. 

އަންހެން 2 އެކުވެރިންގެ ތެރެއިން އެއް އެކުވެރިއަކު، އޭނާގެ އުމުރުން 25 އަހަރުފުރި 30 އަހަރާއި ކައިރިވަމުންދިއައިރުވެސް ކައިވެންޏެއް ނުކުރެއެވެ. އެހެންވެ ދޭތެރެދޭތެރެއިން އޭނާ އާއިމެދު ނުބައި އަޑުތައް އަރައެވެ. ނަމަވެސް އެވާހަކަތައް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އެކުވެރިކަން ބާއްވަމެވެ. 

އެގޮތަށް އުޅެމުން އަންނަނިކޮށް ކުއްލިއަކަށް ފިރިމީހާ އޭނާ އާއި އެކުވެރިކަން ނުބާއްވަން އަޅުގަނޑުގާތު ބުނެފިއެވެ. ބުނީ އެއީ ރަނގަޅު އަންހެނެއް ނޫން ކަމަށާއި އަބަދު އުޅެނީ ހިލޭ ފިރިހެނުން ގޮވައިގެން ކަމަށެވެ. އެހެން ބުނުމުން ފިރިމީހާއަށް އިޙްތިރާމްކުރުމުގެ ގޮތުން އޭނާ އާއި ދުރުހެލިވީމެވެ. 

ޙަޤީޤަތް އެނގުނީ މާފަހުންނެވެ. ފިރިމީހާ އޭނާއަށް ކޮށްފައިވާ މެސެޖުތައް ފެނުމުންނެވެ. ފިރިމީހާ ވަނީ ފިރިމީހާގެ މަޅީގައި އެކުވެރިޔާ ޖައްސުވަން ވަރަށް ގިނަ މަސައްކަތްކޮށްފައެވެ. ނަމަވެސް އޭނާ ދެމުން އައި ޖަވާބަކީ އެއް ޖަވާބެކެވެ. ފިރިމީހާއަކީ އެކުވެރިޔާގެ އެންމެ ގާތް އެކުވެރިޔާގެ ފިރިމީހާ ކަމަށްވުމުން އެންމެ ކުޑަމިނުން އެކުގައި ކެއުމަކަށްވެސް ނުދާނެ ކަމަށެވެ. އަދި ކައިވެނިކުރިން އެއްވެސް ފިރިހެނަކާއި އެއްވެސް ގުޅުމެއް ލޯބީގެ ގޮތުން ނުހިންގާނެ ކަމަށާއި ޢަމުދުން އެއްވެސް ދެމަފިރިއެއްގެ ދެމެދަށް ނުވަންނާނެ ކަމަށެވެ. 

މިކަންކަން އެނގުމުން ފިރިމީހާގެމަތިން ވަރަށް ބޮޑަށް ފޫހިވިއެވެ. އިތުބާރު ގެއްލުނީތީއެވެ. އަދި ފިރިމީހާއަކީ ތެދުވެރިއެއް ނޫންކަމާއި ހިލޭ އަންހެނުންގެ ފަހަތުން ދުވާ މީހެއްކަން ޔަޤީންވުމުންނެވެ. އެފަދަ މީހަކު ކޮންމެ ވަގުތަކުވެސް ވަރިކޮށްލައިފާނެކަން ޤަބޫލުކުރެވުމުންނެވެ. 

އެހެންވެ ރީތިގޮތުގައި ވަރިވީމެވެ. ވަރިވެގެން ދެވަނަ ކައިވެންޏެއް ކުރެވެންދެން އުޅުނީވެސް އެކުވެރިޔާ ގާތުގައި އޭނާގެ ގޭގައެވެ. އޭނާގެ މައިންބަފައިންނާއިއެކުގައެވެ. 

އަޅުގަނޑު ބުނަން ބޭނުންވަނީ ފިރިމީހާ ޖަހައިގަންނަ އެކުވެރިންވެސް މަދެއް ނޫނެވެ. ނަމަވެސް ކޮންމެ އެކުވެރިއަކީ އެފަދަ މީހަކަށް ވެދާނެކަމަށް ބަލަން ހެޔޮނުވާނެއެވެ. ކަންކަން ނިންމަންވާނީ ޙަޤީޤަތް ހޯދައިބެލުމަސްފަހުގައެވެ. 

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ހަމަ މިފަދަ ކަމެއް އަޅުގަނޑަށްވެސް ދިމާވެފައި އޮތުމުންނެވެ. އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ އާއި އަޅުގަނޑާއި ދުރުކުރުވީ ހަމަ ފިރިމީހާއެވެ. ފަހުން ޙަޤީޤަތް އެނގުނުއިރު އެގޮތަށް ކަންކަން ކުރީ ފިރިމީހާގެ ކަންކަން އަޅުގަނޑަށް އެނގިދާނެތީއެވެ. 

ޙަޤީޤީ އެކުވެރިންނަކީ ވަރަށް މަދުބައެކެވެ. ވީމާ ޙަޤީޤަތް ނުބަލައި އެފަދަ އެކުވެރިންނާއި ގުޅުން ކަނޑާލަން ހެޔޮނުވާނެކަން އަޅުގަނޑު މިހުރީ ތަޖުރިބާކޮށްގެންނެވެ. 

- އަޒްލިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން