އަނބިމީހާ މަރުވުމުން ލިބޭނެ ތަނަވަސްކަމުގެ ދަހިވެތިކަމުގަ މުސްކުޅި އަންހެނަކާ ކައިވެނިކޮށް ފަނަރަ އަހަރު އަޅަކަށްވެގެން ހުރުމުން އެއްވެސް އެއްޗެއް ނުލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
އަނބިމީހާ މަރުވުމުން ލިބޭނެ ތަނަވަސްކަމުގެ ދަހިވެތިކަމުގަ މުސްކުޅި އަންހެނަކާ ކައިވެނިކޮށް ފަނަރަ އަހަރު އަޅަކަށްވެގެން ހުރުމުން އެއްވެސް އެއްޗެއް ނުލިބުނު ގޮތުގެ ވާހަކަ-

އަހަރެންނަށް އެ އަންހެން މީހާނަން އަބަދުވެސް އަޑުއިވެއެވެ. ފިރިމީހާ މަރުވުމުން އެނާގެ ތަނަވަސްކަން ވާރުތަވެފައިވާ މުސްކުޅި އަންހެނެއްކަންވެސް އެނގެއެވެ. ދަރިއަކު ނެތްކަންވެސް އެނގެއެވެ. އެކަންކަން އެނގެނީ އޭނާގެ ނޯކަރަކަށް ގެންގުޅޭ އަންހެންކުއްޖަކީ އަހަރެންގެ ލޯބިވެރިޔާކަމަށްވުމުންނެވެ.

އެއްދުވަހަކު ލޯބިވެރިޔާ އާއި ދެމީހުން މަޝްވަރާކުރީމެވެ. މުސްކުޅި އަންހެނާ ހައްދާލައިގެން އަހަރެން އޭނާ އާއި ކައިވެނިކުރާނީއެވެ. އޭނާ މަރުވުމުން އޭނާގެ ތަނަވަސަކަން އަހަރެންނަށް ލިބޭނެއެވެ. އެއިރުން ދެމީހުން ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅޭނީއެވެ.  

މަޝަވަރާކުރުމަށްފަހު އޭނާގެ ފޯނަށް ލޯބީގެ މެސެޖްތައް ފޮނުވަން ފެށީމެވެ. އިސާހިތަކު އޭނާ އަހަރެންގެ މަޅީގައި ޖެހިއްޖެއެވެ. ދެމީހުންގެ މެދުގައި ގުޅުން އުފެދި ކައިވެނިކޮށްފީއެވެ. ކައިވެނިކުރުމަށްފަހު އަހަރެން އޭނާގެ ގާތުގައި ބުނަމުން ދިއައީ އޭނާގެ ތަނަވަސްކަމަށް އެއްވެސް ދަހިވެތިކަމެއް ނެތްކަމަށެވެ. ދިރިއުލެން ބޭނުންވަނީ އަމިއްލައަށް މަސައްކަތްކޮށްގެން ކަމަށެވެ.  

ކައިވެނިކުރިތަނާހެން އޭނާހިތަށް ކޮންމެވެސް އެއްޗެހިތަކެއް އަރައިގެން ލޯބިވެރިޔާ ގެއިން ނެރެލައިފިއެވެ. އެހެންވެ ލޯބިވެރިޔާ އާއި ބައްދަލުވުމުގެ ފުރުޞަތުވެސް ގެއްލުނީއެވެ. އަދި ޢޭނާއަކީ ވަރަށް ގޮތުގައި ހުންނަ އަންހެނެކެވެ. އިރުކޮޅަކަށްވެސް އޭނާ އާއި ވަކިން ގެއިން ބޭރަށް ދިއުމުގެ ފުރުޞަތެއް ނުދެއެވެ. ހުންނަން ޖެހުނީ އަޅެއްހެން އޭނާގެ ފަހަތުގައެވެ.

އެޙާލުގައިވެސް ކެތްތެރިވީމެވެ. އޭނާގެ ތަނަވަސަކަމުގެ ދަހިވެތިކަމުގައެވެ. އެހެންހުރެ އަބަދުހެން ދުޢާކުރަމުން ދިއައީ އަވަހަށް އެމުސްކުޅި އަންހެނާ މަރުވޭތޯއެވެ. އޭނާ އާއިއެކު ރޭކުރަން ފަކުރުވެސް ގަނެއެވެ. އެހައިވެސް ފޫހިވެއެވެ. ނަމަވެސް އެކަން އޭނާއަކަށް ނުއަނގަމެވެ.

15 އަހަރު އެހާލެއްގައި އުޅުނު ފަހުން އޭނާ މަރުވެއްޖެއެވެ. ހުރީ ވަރަށް އުފަލުންނެވެ. ގެއާއި ތަނަވަސްކަން އަހަރެންނަށް ލިބޭނެ ކަމަށް ހީކޮށެވެ. ނަމަވެސް މަރުވިތަނާ އޭނާގެ ކޮއްކޮއަކު އައިސް ދެއްކީ އޭނާގެ ވަޞިއްޔަތެވެ.

އެވަޞިއްޔަތުގައި ބުނެފައި އޮތީ އޭނާގެ ތަނަވަސްކަން އެއްވެސް ވަރަކަށް ބޭނުން ނުވާތީ ހުރިހާ އެއްޗެއް ކޮއްކޮއަށް ދިނީ ކަމަށެވެ. އަދި އެހައި ލޯބިން އުޅެދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

ގެއާއި ހުރިހާ މުދަލެއް ވަނީ މާކުރިން އޭނާއަށް ހިބައިން ދީފައެވެ. އެކައުންޓުގައި ހުރި ހުރިހާ ފައިސާއަކާއިވެސް އެކުގައެވެ. ޙަލާލުބައިގެ ގޮތުގައިވެސް ލިބޭނެއެއްޗެއް ނެތެވެ. ބުނާނެ ބުނެވޭނެ އެއްޗެއް ނެތެވެ. އޭނާގެ ތަނަވަސްކަމުގައި އަހަރެން ހެދިދޮގުތަކުގެ އަގަކަށްވީ އުމުރުން 15 އަހަރު ބޭކާރުވެގެން ދިއުމެވެ. ހިތާއި ދެކޮޅަށް މުސްކުޅި އަންހެނަކާއިއެކު 15 އަހަރު ދުއްވައިލުމުގެ އަގަކަށް މިލިބުނީ ހަމަ ސުމެކެވެ.

އެކަން އެނގުމުން ލޯބިވެރިޔާވެސް އަހަރެންނާއި ކައިވެނިކުރަން ބޭނުމެއް ނުވިއެވެ. ލޯބިވެރިޔާވެސް ގެއްލުނީއެވެ. ދުނިޔެއަށް ގިނަވީއެވެ.

މިއީ އަޅުގަނޑަށް އެކުވެރިއަކު ފޮނުވި ވާހަކައެކެވެ. އަޅުގަނޑުގެ ޙަޔާތާއިވެސް ގުޅުންހުރި ވާހަކައެކެވެ. މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ތަނަވަސްކަމުގެ ފަހަތުން ދުވާ މަކަރުވެރި ފިރިހެނުންނަށް މިވާހަކައިން ރަނގަޅު ފިލާވަޅެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.

އަޅުގަނޑުގެ އަލަތުފިރިމީހާ އަޅުގަނޑުގެ ބޮލަށް 3 ދަރިންޖަހާފައި ދިއައީ ތަނަވަސް މުސްކުޅި އަންހެނެއްގެ އަވާގައި ޖެހިގެންނެވެ. އެއަންމީހާގެ ތަނަވަސްކަމުގެ ދަހިވެތިކަމުގާ 10 ވަރަކަށް އަހަރު އެކުގައި އުޅުނުތަނާ އޭނާގެ ދަރިންނަށް ކަންކަން ވިސްނި މަންމައަށް ޕްރެޝަރުކުރުވައިގެން ކައިވެނި ރޫޅައިލީއެވެ. މަގުމަތިވީ ހުސްއަތާއެވެ. ޙާލުގައި ޖެހުމުން އާދޭސްކުރަން މިގެއަށް އައުމުން ދަރިން އޭނާ ގެއަށްވެސް ނުވެއްދިއެވެ. ދަރިން ބޭނުންވީ އެމީހުން ޙާލުގައި ޖެހުނު ދުވަހު ބަލައި އެހީތެރިވި ދޮންބައްޕައެވެ.

 

- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން