އަހަރެން ކައިވެނިކޮށްގެން ފިރިމީހާ އާއިއެކު ދިރިއުޅޭތާ 4 އަހަރުވީއިރުވެސް ނުލިބެއެވެ. އެކަމާ ވަރަސް ދެރަވެ ހިތާމަވެސް ކުރަމެވެ. ދަރިއަކު ލިބޭތޯ ކުރެވެން ހުރި ހިރިހާ ކަންކަންވެސް ކުރަމެވެ.
އެއްރެއެކެވެ. 11 ޖަހާއެހައިކަންހާއިރެވެ. ނިދަން ތިއްބައި މީހަކު ބެލްޖެހުމުން ތެދުވެގެން ގޮސް ބޭރުބަލައިލިއިރު ތިބީ ކުޑަކުޑަ 2 ފިރިހެން ކުދިންނެވެ. ދޮރުހުޅުވީމެވެ. އެތަނުން އެއް ކުއްޖެއްގެ ޖީބުގައި ކަރުދާސްކޮޅެއް އިންދާފެނުމުން ނަގައި ބަލައިލީމެވެ. "އަހަރެންގެ ބައި ނިންމައިލީއެވެ. ކަލޭގެ 2 ދަރިންނާއި ޙަވާލުވާށެވެ!"
އެދެކުދިން ގެއަށް ވެއްދީމެވެ. ފިރިމީހާ ގެނެސް ސުވާލުކުރުމުން ކިޔައިދިނެވެ. "ތިއައީ އަހަރެންގެ ދެ ދަރިންނެވެ. އެކުދިންގެ މަންމައަކީ ވަރަށް ނުބައި މީހެކެވެ. ކުދިން ކުޑައިރު 2 ދަރިން ގޮވައިގެން އޭނާ ފިލީއެވެ. ތިއައީ އަހަރެންގެ ކުދިންކަން ޔަޤީނެއްވެސް ނޫނެވެ."
އަޅުގަނޑު ބުނީމެވެ. "ދެކުދިންގެ ސިފަވެސް ކަލެއަށް ނުފެންނަނީހެއްޔެވެ؟ ނިކަން ލޯގަނޑެއްގެ ކުރިމަތީގައި 3 ބަފައިން ތިބެ ލޯގަނޑުން ބަލާލާފައި ތިއަހެން ބުނެބަލާށެވެ."
ކޮންމެއަކަސް 2 ކުދިންނާއި ޙަވާލުވީމެވެ. އަމިއްލަދަރިން ފަދައިން ބަލަންފެށީމެވެ. އެއީ ފިރިމީހާ ދެކެލޯބިވާވަރުންނެވެ. އޭނާގެ ދަރިންނަކީވެސް އަމިއްލަ ދަރިން ކަމަށް ބަލައިގެންނެވެ. އެކަންވީ ފިރިމީހާ އަހަރެންނަށް އަދަބުދޭންފެށިކަމަށެވެ.
ގެއަށް އައުން މަދުކޮށްލައިފިއެވެ. ލޯބިވެރިއަކުވެސް ހޯދައިފިއެވެ. ގެއަށް އައިސް ގޭގައި އުޅެމުންވެސް އޭނާގެ ކޯލުތަކަށް ޖަވާބުދޭން ފަށައިފިއެވެ. ދުވަސްކޮޅެއްފަހުން ގެއިން ނުކުމެގެން ދިއައީ އަންގައިވެސް ނުލައެވެ. ދިއުމަށްފަހު ވަރިކުރީ ފޯނުކޮށްފައެވެ. އެ ކޯލަށްފަހަކު އޭނާއާއި ނުވެސް ގުޅެއެވެ. ނަމްބަރުވެސް ބަދަލުކުރީއެވެ.
ކުޑަ ދެކުދިން އަހަރެންގެ ބޮލަށް ޖެހީއެވެ. ހީވަނީ އެއީ އަހަރެންގެ ދެކުދިންހެންނެވެ. އެކުވެރިން ނަޞޭޙަތްދިނީ 2 ކުދިން ފުލުހުންނާއި ޙަވާލުކުރުމަށެވެ. ނަމަވެސް އެކަމެއް ނުކުރަމެވެ. ޤަޞްދުކުރީ ގެންގުޅޭށެވެ. އެއީ ތަކްލީފަކަށްވީނަމަވެސް އާޚިރަތް ދުވަހު ދެއްވަވާނެ ޘަވާބުގެ ބޭނުމުގައެވެ.
ދެވަނަ ކައިވެނި ކުރީމެވެ. ﷲ ގެ ތަނަވަސް ރަޙްމަތްފުޅުން އަހަރުވީތަނާ ދަރިއަކުވެސް ލިބުނެވެ. 3 އަހަރުވީއިރު 2 ދަރިން ލިބިއްޖެއެވެ. 4 ދަރިން ވެސް ގެންގުޅުނީ ހަމަ އަމިއްލަ ދަރިންގެ ގޮތުގައެވެ. އަހަރުތައް ފާއިތުވަމުން ގޮސް ބަލައި ބޮޑުކުރި 2 ކުދިން ކިޔަވައި ބޮޑެތިވެ ކައިވެނިކޮށް އަމިއްލަ ދިރިއުޅުން އުޅެން ފަށައިފިއެވެ. އެއްކުއްޖަކީ ޑޮކްޓަރެކެވެ. އަނެއް ކުއްޖާ ވިޔާފާރީގެ ދާއިރާއިން ކިޔަވައި ރަނގަޅު ވަޒީފާއެއް އަދާކުރެއެވެ. ދިރިއުޅުނީ ހަމަ އަޅުގަނޑު ގާތުގައެވެ.
ފިލައިގެން ދިއަތާ 23 އަހަރުފަހުން އެއްދުވަހަކު ކުރީގެ ފިރިމީހާ ގެއަށް އައެވެ. ބުނީ 2 ދަރިންމަތިން ހަނދާންވާތީ ނުހުރެވިގެން އައީ ކަމަށެވެ. ޒިންމާ އަދާކުރަންޖެހުނު ދުވަހު ޒިންމާއަދާ ނުކުރުމުގެ ހިތިކަން ތަޖުރިބާކުރެވިއްޖެ ކަމަށެވެ. މިހާރު ބޭނުންވަނީ ކުދިންނާއިއެކު ދިރިއުޅެން ކަމަށެވެ.
އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ޖަވާބުދިނީ 2 ކުދިންނެވެ. "މީނާ މިގެއިން ނެރޭށެވެ! މިގެއަށް ވަނަނުދޭށެވެ. އަހަރެމެން މަންމަ ގާތުގައިވެސް އުޅުނީ ބައްޕައަކު ނެތުމުން މަންމަ މީހުންނަށް ސަލާންޖަހައިގެންނެވެ. މަންމަ އަހަރެމެން ބައްޕަ ގާތަށް ފޮނުވީ ނުކައި ތިބޭތާ 2 ދުވަސްވީފަހުންނެވެ. ދެން ތިއަ މަންމަ އެކަނިމާއެކަނި އަހަރެމެން ގެންގުޅުނު ގޮތް އަހަރެމެން ދުށީމެވެ. ރަނގަޅަށް ވިއްޔާ އެއައީ ދިރިއުޅެވޭނެ ގޮތެއް ނެތީމައެވެ. މިކަހަލަ މީހުން ބައިތިއްބަންޖެހޭނީ މުސްކުޅިން ބަލަހައްޓާ ތަނެއްގައެއްވެސް ނޫނެވެ. ޖަލުގައެވެ."
އެހެން ބުނެފައި ދެބެއިން އޭނާއަށް އަމުރުކުރީ ހަމަމިހާރު ގެއިން ނުކުތުމަށެވެ. ދެން ދުވަހަކުވެސް ގެއަށް ނައުމަށެވެ. އަހަރެންނަށްވެސް ފިރިމީހާއަށްވެސް ބަހެއް ބުނުމުގެ ފުރުޞަތުވެސް ނުދީ ގެއިން ބޭރުކޮށްލީއެވެ. ރޯންފެށުމުން ބުނީ އެކްޓްކުރަން މޮޅު މީހުންނަށް ފިލްމް ސްޓޫޑިއޯތަކުން ރަނގަޅު އަގުދޭނެ ކަމަށެވެ.
މިއީ އަޅުގަނޑުގެ އެކުވެރިއަކު އެކުވެރިއަކު ހިއްޞާކުރި ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ މިވާހައިން ޙާޞިލްކުރަންވާ ޢިބްރަތްތައް ހަމަ ގިނަކަމުންނެވެ. ފުރަތަމަ ކަމަކީ ކޮންމެ ދޮންމަންމައަކީ ދަރިންނަށް އަނިޔާވެރިވާ އަނހެނެއް ނޫން ކަމެވެ. ދެވަނަ ކަމަކީ ދޮންދަރިންނަމަވެސް ﷲ ގެ ޙަޟްރަތުން ޘަވާބުއެދިގެން ރަނގަޅު ގޮތުގައި ބަލައިބޮޑުކުރުމުން ދުނިޔޭގައިވެސް އެކަމުގެ ރަޙްމަތް މިންވަރުކުރައްވަވާ ކަމެވެ.
އެއަންހެން މީހާ އުފުލީ ބޮޑު ބުރައެކެވެ. ނަމަވެސް މުސްކުޅި ދުވަހު އެލިބުނީ ފައިސާ ހުސްނުވާނެ ތަނަވަސް އެކައުންޓެކެވެ. އަދި އާޚިރަތް ދުވަހު ދެއްވަވާނެ މިންވަރު އެނގެނީ ކާކަށް ހެއްޔެވެ؟
ޒިންމާއަށް ފިލުމަށްފަހު ފަހުން އެކްޓް ޖައްސާ ބަފާތައް ރާއްޖޭގައިވެސް ބައިވަރެވެ. އެއިން ބަފައަކު މިވާހަކަ ކިޔައިފިނަމަ ކޮންމެވެސް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަމެވެ.
- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް