އަޅުގަނޑުމެންވެސް ކައިވެނިކުރީ އެކިޔާ ލޯބިވެގެން 2 އަހަރު ދުވަހު އުޅެފައެވެ. ކައިވެންޏަށް 10 އަހަރުވީއިއރު 4 ދަރިން ތިއްބެވެ. ދިރިއުޅެމުން އައީ އަޅުގަނޑުމެންގެ ގޭގައެވެ. ދެމީހުން ކުރާ މަސައްކަތުން ލިބޭ މުސާރައިން ދެކޮޅު ޖެހެނީ ހަމަކިރިޔާއެވެ.
އެހިސާބުން ފިރިމީހާގެ މުށްބާރުވާން ފަށައިފިއެވެ. ގެއަށްކުރާ ޚަރަދު މަދުކުރަން ފަށައިފިއެވެ. ގޭގައި އުޅޭ ވަގުތުތައްވެސް މަދުކުރަން ފަށައިފިއެވެ. އެކަމުގެ ޝަކުވާ ކުރަން ފެށުމުން ބުނީ ބޭނުންނަމަ ވަރިކޮށްދީފާނެ ކަމަށެވެ. އަޅުގަނޑު ސުވާލުކުރީމެވެ. "ވަރިކުރީމާ ދަރިން ބަލާނެ ފައިސާ މަތިން ފައިބާނީ ހެއްޔެވެ؟ ދަރިން ބަލަހައްޓައި ދަރިންނަށް ކަންކޮށްދޭނެ، ދަރިންނަށް ލޯބިދީ އެކުގައި ވަގުތު ހޭދަކުރާނެ ބައަކުވެސް މަތިން ފައިބާނީ ހެއްޔެވެ؟ ޤިޔާމަތް ދުވަހު އެކަންކަމުގެ ޒިންމާއިން ކަލެއަށް ސަލާމަތްވެވޭނެ ހެއްޔެވެ؟"
އޭނާގެ ޖަވާބަކަސްވީ ވަގުތުން ވަރިކުރުމެވެ. ވަރިކޮށްފައި ގެއިން ނުކުންނަމުން ބުނީ 4 ދަރިންނާ ބަންގާޅުފޮށްޓެއް ލިބުނީމާ ތިއަ ފޮނިދައްކަނީ ދެން އިންނާނެ މީހަކުވެސް ނުވާނެ ކަމަށެވެ. އެބަހަކަށް ޖަވާބެއް ނުދެމެވެ.
ކޮންމެއަކަސް ވަރަށް ނިކަމެތި ޙާލުގައި އުޅުނީމެވެ. 6 މަސްވީތަނާ ކާކުކަން ނޭނގޭ މީހަކު ފޯނުކުރީމާ ނެޣީމެވެ. އޭނާ ބުނީ އޮޅިގެން ގުޅުނީ ކަމަށެވެ. އެހެންވެދާނެ ކަމަށް ބުނެފައި އޭނާއަށް ހެޔޮދުޢަކޮށްފައި ފޯނު ބޭއްވީމެވެ.
އެހިސާބަކުން އެކަމެއް ނުނިމުނެވެ. އަނެއްދުވަހުވެސް ގުޅައިފިއެވެ. އެދުވަހު ބުނީ މިގުޅަނީ ޤަޞްދުގައި ކަމަށެވެ. ކޮފީއަކުން ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުން ކަމަށެވެ. ބުނީމެވެ. "އަޅުގަނޑަކީ ކޮފީއަށް ގޮސްއުޅޭ އަންހެނެއް ނޫނެވެ. 4 ދަރިންގެ މަންމައެކެވެ. މުސްކުޅިއެކެވެ. ދަތިޙާލުގައި ދިރިއުޅޭ އެކަނިވެރިމައަކީމެވެ. ބައްދަލުކުރަން ބޭނުންނަމަ ގެއަށް އަންނާށެވެ."
އަނެއް ދުވަހު އޭނާ ގެއަށް އައެވެ. އަޅުގަނޑުގެ ޙާލަތު ލޮލަށް ފެނުމުންވެސް ބުނީ ގުޅެން ބޭނުން ކަމަށެވެ. ބުނީމެވެ. "ގެއަށް ގޮސް އަދިވެސް ވިސްނައިލާށެވެ. ޒިންމާ އުފުލައިގެން ދިރިއުޅެވޭނެ ނަމަ ކައިވެނިކުރާށެވެ! ކައިވެނިނުކޮށް ލޯބިވެގެން އުޅޭކަށް ބޭނުމެއް ނޫނެވެ."
އޭނާ ބުނީ އަޅުގަނޑާއި ގުޅެން ބޭނުންވީ އޮޅިގެން ފޯނުކުރެވުމުން މުޢާމަލާތުކުރިގޮތުން އަޅގަނޑަކީ އަޚްލާޤް ރަނގަޅު އަންހެނަކު ކަމަށް ޤަބޫލުކުރެވިގެން ކަމަށެވެ. އޭނާ އަޅުގަނޑާއި ކައިވެނިކުރިއެވެ. އޭނާއަކީ ދެދަރިން ލިބި އަނބިމީހާ ނިޔާވެފައިވާ މީހެކެވެ. އެހެންވެ އޭނާގެ ދެދަރިންނާއިއެކު 6 ދަރިންގެ މަންމައަކަށްވީމެވެ. އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ. އަލުގަނޑުގެ ދަރިންދެކެވެސް ވަރަށް ލޯބިވެއެވެ.
ކައިވެންޏަށް އަހަރެއްވެސް ނުވާނެއެވެ. އެއް ރޭ އިރާކޮޅު މީހަކު އައިސް ބެލްޖެހުމުން ދޮރުހުޅުވީމެވެ. ކުރީގެ ފިރިމީހާއެވެ. ފުރަތަމަވެސް އެދުނީ މާފުކުރުމަށެވެ. އަލުން އޭނާ އާއި ކައިވެނިކުރުމަށެވެ. ރަނގަޅު ގޮތުގައި ދަރިން ގެންގުޅެ ބޮޑުކުރަން ބޭނުންވާތީ ކަމަށެވެ.
ގެއަށް ވަންނަން އުޅުމުން ނުވައްދާނެ ކަމަށާއި އެނބުރި ދިއުމަށް ބުނުމުން ބުނީ އަދިވެސް ތިއަ ފޮނިވަނީ 4 ދަރިންނާއި ބަންގާޅުފޮށްޓެއް ލިބުނީމާ ލޯބިވެގެން އިންނާނެ މީހުން މަތިން ފައިބާނެތީ ކަމަށް ހެއްޔެވެ؟
އެވަގުތު ފިރިމީހާ އައިސް ބުނީ މަތިން ނުފޭބުނަސް ބިމުގައި ހިނގާފައި މިހިރީ އައިހެވެ. އަހަރެންގެ އަނބިމީހާއަށް އުނދަގޫނުކޮށް ކަލެއަށް މައްޗަށް އެރޭތޯ ބަލާށެވެ!
ފިރިމީހާގެ މޫނަށް އައި ބަދަލުން ހީވީ އަނގަވެސް އޮރިއަކަށް ދަމައިގަތް ހެންނެވެ. އެވަގުތު ފިރިމީހާ ދޮރުލައްޕައި ތަޅުލައިފިއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑުގެ ފިރިމީހާބުނި ފަދައިން އޭނާ ފޭބީ މައްޗަކުން ނޫނެވެ. އައީ ހިނގާފައެވެ. ހިނގާފައި އައިނަމަވެސް ކައިވެންޏަށް 27 އަހަރުވެއްޖެއެވެ. ދަރިން ބޮޑެތިވެ ކައިވެނިވެސް ކޮށްފިއެވެ. އުޅެނީވެސް ރަނގަޅު ވަޒިފާތަކުގައެވެ. ދެމަފިރިންނަށް މިހާރު މަސައްކަތްކުރާކަށް ނުޖެހެއެވެ. ހުރިހާ ކަމެއް ދަރިން ބަލަހައްޓައެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.
އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ ފަދައިން ދަރިން ލިބުނީމާ ދަރިން ނިކަމެތިކޮށްލާފައި ޒުވާންކުދިންގެ ފަހަތުން ދުވާ ފިރިހެނުން ގާތުގައި ބުނެލަން އޮތީ އަނބިމީހާ ނިކަމެތިކޮށްލުމުގެ ބޭނުމުގައި ދެރަގޮތް ނުހަދާށެވެ. ދެރަ ގޮތާއި މޮޅު ގޮތް މިންވަރުކުރައްވަވަނީ ﷲ އެވެ.
އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުށްކަމުގައި ނުވާނަމަ ކުރީގެ ފިރިމީހާ 3 ކައިވެނިކޮށްގެންވެސް އެކުގައި ނުއުޅެވުމުން އެކަނިހުރެ ކުޑަކުއްޖަކަށް ފައިސާދީ ހައްލުވައިގެން އެކުއްޖާއާއި ބެހުނު މައްސަލައެއްގައި މިހާރު ވަނީ ދިގުމުއްތަކަށް ޖަލަށްލައިފައެވެ.
އަޅުގަނޑުގެ މިކުރު ވާހަކަކޮޅުން ޢިބްރަތެއް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.
- ޙައްވާ / މިއަދުނޫހުގެ ކިޔުންތެރިއެއް