އަމިއްލައަށް ލޯބިވި މީހާ ފައިސާކޮޅަކަށް ލޯބި ވިއްކާލީމާ މަސްގަނޑުދެކެ ލޯބިވާ މީހަކު ހޯދަން ތަނަވަސް އަންހެނަކު ކުރި ކާމިޔާބު މަސައްކަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
އަމިއްލައަށް ލޯބިވި މީހާ ފައިސާކޮޅަކަށް ލޯބި ވިއްކާލީމާ މަސްގަނޑުދެކެ ލޯބިވާ މީހަކު ހޯދަން ތަނަވަސް އަންހެނަކު ކުރި ކާމިޔާބު މަސައްކަތުގެ ވާހަކަ-

އަހަރެންނަކީ ތަނަވަސް ދެމަފިރިއެއްގެ ހުރި ހަމައެކަނި އަހަރެން ދަރިފުޅެވެ. އަހަރެން ފުރަތަމަ ލޯބީގެ ގޮތުން ގުޅުނީ އަހަރެންނަށް ކަމުދިއަ މީހަކާއެވެ. ދުވަސްކޮޅެއްވީތަނާ ބައްޕަމެންކުރި ކަމަކުން އޭނާ އަހަރެން ދޫކޮށް ފިލައިފިއެވެ.

އޭނާއަކީ ފައިސާގެ ދަހިވެތިކަމުގައި އުޅޭ މީހަކުކަމަށް ބައްޕަމެންނަށް ޝައްކުކުރެވިގެން އަހަރެންނާއި ވަކިވާމަތިން ފައިސާކޮޅެއް ދޭން ހުށަހެޅިއިރަށް ފައިސާކޮޅުގެ ބޭނުންކޮށްލާފައި އަހަރެން ދޫކޮށްލައިފިއެވެ.   

ދެން ބައްޕަމެން އެދުނީ ބައަޕްގެ ވިޔަފާރީގެ ބައިވެރިއެއްގެ ދަރިފުޅާއި ގުޅުމަށެވެ. ބައްޕަމެންގެ އެދުމަށް އިތުބާރުކޮށް އޭނާ އާއި ގުޅުނީމެވެ. ނަމަވެސް އެކަމުގައިވެސް ކުރިއަށްދެވޭނެ ގޮތެއް ނުވިއެވެ. އޭނާވީ އަބަދު އަމުރުކުރާ މީހަކަށެވެ. އެއީ އަހަރެންނަށް ބަލައިގަނެވޭ ކަމަކަށް ނުވުމުން ބައްޕަމެންގެ ކިބައިން މާފަށް އެދިފައި އެކަން ހުއްޓައިލީއެވެ.

ތަފާތު ދެ ތަޖުރިބާއެކެވެ. އެކަކީ އަހަރެން އެމީހަކު ދެކެ ލޯބިވެގެން ގުޅުނު މީހާއެވެ. ދެވަނަ މީހާއަކީ ބައްޕަމެންގެ އެދުމަށް ގުޅުނު މީހާއެވެ. ވީމާ 3 ވަނަ ތަޖުރިބާކުރަންބޭނުންވީ ތަފާތު ގޮތަކަށެވެ. 

އެހެންކަމުން ހުރިހާވާހަކަތަކެއް ބައްޕަމެންނަށް ކިޔައިދީފައި ދުރު ސިޓީއަކަށް ބަދަލުވީމެވެ. އެއީ ވަރަށް އާދައިގެ ފެންވަރުގެ ގިނަ ބައަކު އުޅޭ ސިޓީއެކެވެ. އެސިޓީގެ ހޮސްޓެލަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށީމެވެ. އަދި ރެސްޓޯރަންޓަކުން ވެއިޓަރެއްގެ ވަޒީފާވެސް ހޯދީމެވެ.

ވަޒީފާގައި އުޅެނިކޮށް ޒުވާނަކު ލޯބިހުށަހަޅައިފިއެވެ. އޭނާބުނީ އޭނާއަށް އަހަރެން ވަރަށް ކަމުދާކަމަށާއި ކައިވެނިކުރަން ބޭނުން ކަމަށެވެ. އޭނާއަށް އަހަރެންގެ ޙަޤީޤަތް އޮޅުވައިލީމެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތިގެން ވަރަށް ކުޑަ ކުއްޔަކަށް ހޮސްޓެލަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ އަންހެނެއް ކަމަށްބުނީމެވެ. އެވާހަކަތައް ކިޔައިދިނުމުންވެސް އޭނާ ބޭނުންވީ އަހަރެންނާއި ކައިވެނިކުރުމަށެވެ.

ދެމީހުން ކައިވެނިކުރީއެވެ. އޭނާއަކީވެސް ވަޒީފާ އަދާކޮށްގެން އުޅޭ ޒުވާނެކެވެ. ދެމީހުން އެކުގައި ވަޒީފާއަދާކުރީއެވެ. އޭނާގެ ކިބައިން ލިބުނު ލޯބީގައި މިންއެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ މިދުނިޔެއަށްވުރެވެސް އަހަރެންގެ ކުރިމަތީގައި ބޮޑުވާނެތީއެވެ. 

ކައިވެނީގައި ދެދަރިން ލިބުމުން ޗުއްޓީއެއް ހޭދަކޮށްލަން ތިމާގެ ބައެއްގެ ގާތަށް ދަނީ ކަމަށްބުނެ ފިރިމީހާ ގޮވައިގެން މައިންބަފައިންގެ ގާތަށް ދިއައިމެވެ. ދެދަރިން ފެނުމާއިއެކު މަންމަ އާއި ބައްޕަ ދުވަމުން އައިސް އުރާލާފައި ކާފަގެ، މާމަގެ ރަންގަނޑާއޭ ތިއައުޅުނީ މިހުރިހާ ދުވަހު ފިލައިގެންނޭ ކިޔަން ފެށީމާ ފިރިމީހާ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. 

ގޭތެރެއަށް ވަދެ ހަމަޖެހިލެވުމުން ފިރިމިހާއަށް މަންމަ އާއި ބައްޕަ ތަޢާރަފްކޮށްދިނީމެވެ. އަދި މިތިބީ އަމިއްލަ ގޭގައިކަންވެސް ބުނެދިނީމެވެ. ކޮޓަރިއަށް ގޮސް ހަމަޖެހިލާފައި އަހަރެން ކަންކަން ކުރިގޮތާއި ސަބަބު ކިޔައިދިނީމެވެ. ބުނީމެވެ. "ބޭނުންވީ މަސްގަނޑު ދެކެ ލޯބިވާނެ ފިރިއަކު ހޯދާށެވެ. ﷲ އިރާދަފުޅުން އެކަން މިއޮތީ ކާމިޔާބުވެފައެވެ." 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ އަޅުގަނޑަށް ވަރަށް ކަމުދިއައެވެ. މިއަދު ގިނަ ކައިވެނިތައް އެހައި ފަސޭހައިން ރޫޅެމުން މިދަނީ މަސްގަނޑު ދެކެ ލޯބިނުވެ ކައިވެނިކުރެވޭތީއެވެ. ޒުވާން، ރީތި މީހަކު ފެންނައިރަށް ފަހަތުން ދުވެވެނީ ހަމަ މަސްގަނޑުދެކެ ލޯބިނުވެވޭތީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން