މިހެންބުނީ ތިބާގެ ދަރިފުޅުނަމަ ނުރޯނަންތަ؟ ވިސްނުންތެރިކަމާއެކު ނިކަން ކިޔާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މިހެންބުނީ ތިބާގެ ދަރިފުޅުނަމަ ނުރޯނަންތަ؟ ވިސްނުންތެރިކަމާއެކު ނިކަން ކިޔާލަބަލަ!

އޭނާ އަކީ ޓީޗަރެކެވެ. ރޭގަނޑު ކައިނިމިގެން ކުދިން ނިންދަވާފައި އިށީނީ ދަރިވަރުން ހަދާފައި އެސައިންމަންޓްތަކެއް ޗެކްކުރާށެވެ. އެއިރު ސޯފާގައި ފިރިމީހާ އާދައިގެމަތިން ފޯނުން ގޭމްކުޅެން އިނެވެ. ޗެކްކުރަން އިނދެފައި ކުއްލިއަކަށް އަނބިމީހާ ރޯންފަށައިފިއެވެ. ރޯން ފެށުމުން ރޮނީ ކީއްވެގެންތޯ ފިރިމީހާ ސުވާލުކުރުމުން އަނބިމީހާ ބުންޏެވެ. 

"ދަރިވަރުންގެ އެސައިންމަންޓް ޗެކްކުރަމުން ގޮސް މިކުއްޖާ އެބުނާ ވާހަކަ ކިޔާފައި ރޮވުނީއެވެ؟" 

އެކުއްޖާ ލިޔެފައި އޮތީ ކީކޭތޯ ސުވާލުކުރަމުން ކިޔައިދިނެވެ. 

"އަހަރެންގެ ބައްޕައަކީ ވަރަށް ބިޒީ މީހެކެވެ. ގޭގައި ހޭދަކުރަނީ ވަރަށް މަދު ވަގުތުކޮޅެކެވެ. އެވަގުތުކޮޅުގައިވެސް އަބަދު އިންނާނީ ފޯނުން ގޭމްކުޅޭށެވެ. ނޫންނަމަ ސޯޝަލްމީޑިއާގައި ކޮންމެވެސް ކަމެއް ކުރާށެވެ. އަހަރެމެންނާއި އަނގައިން ބުނެލާނެ ވަގުތެއްވެސް ނުވެއެވެ. އަހަރެމެންނާއިއެކު އެއްވެސް ކަމެއް ކުރާނެ ވަގުތެއް ނުވެއެވެ. އަހަރެން ބައްޕަ ދެކެ ވަރަށް ލޯބިވަމެވެ. ބައްޕަގެ އުނގުތެރޭގައި ހުންނަން ބޭނުންވެއެވެ. ބައްޕަގެ ފިރުމައިލުން ވެސް ބޭނުންވެއެވެ. ބައްޕައާއި ޥާހަކަދައްކަންވެސް ބޭނުންވެއެވެ. ވީމާ އަހަރެން އެންމެ އެދޭކަމަކީ ބައްޕަ ގެންގުޅޭ ފޯނަށް އަހަރެން ބަދަލުވުމެވެ. އެއިރުން ބައްޕަގެ އަޅައިލުން ލިބޭނެއެވެ. ބައްޕަ އަހަރެންގެ ގައިގައި އަބަދު އަތްލާނެއެވެ." 

ތިއަހެން ލިޔުނީ ކޮންކުއްޖެއްތޯ ފިރިމީހާ ސުވާލުކުރުމުން އަނބިމީހާ ބުންޏެވެ. "އަހަރެމެންގެ ދަރިފުޅު ހުޝާމްއެވެ." 

ދެމަފިރިންނަށް ބާރަށް ރޮވެން ފެށިއެވެ. ދުވަސްތައް ޙޭދަކުރެވުނު ގޮތާއިމެދު ދެރަވެގެންނެވެ. އަދި ކަންކަން އިޞްލާޙްކުރަންވެސް ޢަޒުމް ކަނޑައެޅިއެވެ. 

މިވާހަކަ ކިޔާފައި އަޅުގަނޑުގެ ހިތަށް އެރިއެވެ. "އެކުއްޖާ އެބުނީ ބައްޕަގެ ވާހަކައެވެ. އެއީ އެކުއްޖާގެ ބައްޕަ އެގޮތަށް ކަންތައް ކުރާތީކަމަށްވެދާނެއެވެ. ނަމަވެސް ހަމަ އެގޮތަށް ކަންކަންކުރާ މައިންވެސް މަދެއް ނޫނެވެ. ވީމާ މިއީ މަންމަ އާ ބައްޕަވެސް ވިސްނަން ޖެހިފައިވާ ވަރަށް ބޮޑު މައްސލައެކެވެ. މިފަދަ ޙާލުގައި ދިރިއުޅެންޖެހިފައިވާ ކުދިން ވަރަށް ގިނައެވެ." 

- ނަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން