އަޅުގަނޑުގެ މަންމައާއި ބައްޕައަށް ލިބުނީ އަޅުގަނޑު އެކަންޏެވެ. ގެންގުޅެ ބޮޑުކުރީ ވަރަށް ލޯބިންނެވެ. ތަޤްދީރު ނިޔާކުރިގޮތުން އަޅުގަނޑުގެ އުމުރުން 12 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. ދުވަސްކޮޅެއްފަހުން ބައްޕަ ދެވަނަ ކައިވެނިކޮށްގެން ގެއަށް ގެނައި ދޮންމަންމަގެ އަޅުގަނޑާއި އެއް އުމުރުގެ އަންހެން ދަރިއަކު ހުއްޓެވެ.
ފެންނަ ފެނުމުގައި ދޮންމަންމަ ވަރަށް ރަނގަޅެވެ. އަބަދު އުޅެނީ އަޅުގަނޑަށް ކާންދޭންވެގެންނެވެ. ދޮންމަންމަ ގެއަށް އައިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑު ފަލަވާން ފަށައިފިއެވެ. ކްލާސްކުދިން ޖޯކްޖަހަންފަށައިފިއެވެ. އެވާހަކަ ދޮންމަންމަ ގާތު ބުނުމުން ބުނީ ފަލަވީމާ މާރީތިކަމަށެވެ. ހިކެން މަސައްކަތްކުރާނެ ކަމަށެވެ.
މިވާގޮތެއް އެއިރަކު އަޅުގަނޑަކަށް ނުވިސްނެއެވެ. ކޮންމެއަކަސް ދޮންމަންމަގެ ދަރިފުޅު ހުންނަނީ ވަރަށް ހިކިކޮށް ލޫޅާފަތިކޮށެވެ. އަޅުގަނޑު ހުންނަނީ ފަލަކޮށެވެ. ސްކޫލް ނިމިއްޖެއެވެ. ކޮލެޖްވެސް ނިމިއްޖެއެވެ. ވަޒީފާއަށްދާންވެސް ފަށައިފީމެވެ. އެއިރުވެސް ދޮންމަންމަގެ ދަރިފުޅަށް އުޅެނީ ވަޒީފާއެއްވެސް ނުލިބިގެންނެވެ. އެއީ ފާސްނުވާތީއެވެ. އަޅުގަނޑަށް އެހާ ފަސޭހައިން ވަޒީފާ ލިބުނީ ލިބުނު މާކްސް ރަނގަޅުވެ މަތިން ފާސްވުމުންނެވެ.
އެއްރެއަކު ގޭތެރެ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައި ވަރަށް ތަނަވަސް ދެބަފައިން ގެއަށް ގެނެސްފިއެވެ. ކެއުމަކަށެވެ. ކައިނިމިގެން ސިޓިންގ ރޫމްގައި ތިބެ ދެއްކި ވާހަކައިން އެނގުނީ އެދެބަފައިން ގެނައީ ދޮންމަންމަގެ ދަރިފުޅުގެ ކައިވެނި ތަނަވަސްމީހާގެ ދަރިފުޅާއި ކުރުވަންވެގެން ކަމެވެ. އެކަމަކާއި އަޅުގަނޑު ކަންބޮޑެއް ނުވަމެވެ. އޭނާވެސް ކައިވެނިކުރަންޖެހޭނެތާއެވެ. އަޅުގަނޑަށްވެސް ފިރިއަކު ލިބޭނެތާއެވެ. އަދި ލަސްވެގެން އުޅޭވަރެއް ނުވެއެވެ. މީހަކާ ރައްތެއްސެއްވެސް ނުވަމެވެ.
ކަންތައްވީ ދޮންމަންމަ އުންމީދުކުރިގޮތަކަށް ނޫނެވެ. އެޒުވާނާއަށް ކަމުދިއައީ އަޅުގަނޑެވެ. އޭނާ ކައިވެނިކުރަން ބޭނުންވީ އަޅުގަނޑާއިއެވެ. އެވާހަކަ އެމީހުން ބައްޕަގާތު ބުނުމުން ބައްޕަ އަޅުގަނޑު ގާތު އެކަމަށް އެހުމުން ބައްޕައަށް ފެންނަނަމަ އަޅުގަނޑުގެ މައްސަލައެއް ނެތްކަމަށް ބުނުމުން ކައިވެނިކޮށްދީފިއެވެ.
ދޮންމަންމަގެ ރުޅިގަނޑު ފަލައިގެންދިއައީ އެހިސާބުންނެވެ. އެކަންއެނގުނީ ދޮންމަންމަގެ ދަރިފުޅާއި ދޮންމަންމަ ދެއްކި ވާހަކައެއްގެ އަޑު އިވުމުންނެވެ. "ދަރިފުޅާއެވެ. ދެރަ ނުވާށެވެ! އަދި ދަރިފުޅަށްވެސް ރަނގަޅު ފިރިއަކު ލިބޭނެއެވެ. މަންމަ އޭނާއަށް ބޮޑަށް ފަލަވާކަހަލަ ސަރުބީ ގިނައިން ޖަހާނެ އެއްޗެތި ކާންދިނީ ކިޔަވަން ކަންނެތްވެ ނުކިޔެވޭނެ ކަމަށެވެ. އަދި ސިފަހުތުރުވެ ކައިވެނިކުރާނެ މީހަކުވެސް ނުލިބޭނެކަމަށް ބަލައިގެންނެވެ. ނަމަވެސް ދެކަންތައްވެސް ކާމިޔާބުނުވީއެވެ."
އަޅުގަނޑު ފަދައިން ބައްޕައަށްވެސް އެއަޑުތައް އިވުނެވެ. ދޮންމަންމަގެ ހިތުގައި އަޅުގަނޑަށް އޮތް ހަސަދަވެރިކަން ބައްޕައަށްވެސް އޮޅުންފިލިއެވެ. އެހިސާބުން ދޮންމަންމަ ވަރިކޮށް ގެއިން ފޮނުވާލައިފިއެވެ. އެހެން ނުހަދަން ބުނީމާ ބައްޕަ ބުނީ އެފަދަ ވިސްނުން ނުބައި އަންހެނަކު އަޅުގަނޑަސް ޒަހަރުވެސް ދީފާނެ ކަމަށެވެ. އެފުރުޞަތުދޭން ބޭނުން ނުވާ ކަމަށެވެ.
މިއަދުނޫހުގެ ކިޔުންތެރިން ގާތު ބުނެލަން ބޭނުންވަނީ ހަމައެކަނި ދޮންމަންމަގެ ނުބައިކަމުގެ ވާހަކައެއް ނޫނެވެ. ރަނގަޅު ދޮންމަންމައިންވެސް ތިބެއެވެ. ވީމާ ކޮންމެހެން ދޮންމަންމައަކަށްވުމަކީ އެއީ ނުބައި މީހެއްކަމަށް ބުނަންޖެހޭ ސަބަބެއް ނޫނެވެ.
އަޅުގަނޑު ބޮޑަށް ފާހަގަކުރަން ބޭނުންވަނީ ހަސަދަލައިގެން ދެރަދޭން އުޅުނު ނަމަވެސް އެކަން ކާމިޔާބު ނުކުރެވޭކަމެވެ. ދޮންމަންމަ ހިތުން އެހުރިހާ ކަމެއްކުރީ އަޅުގަނޑަށް ދެރަދީފައި އޭނާގެ ދަރިފުޅު މޮޅުކުރާށެވެ. އޭނާގެ ދަރިފުޅަށް ރަނގަޅު ގޮތް ހޯދައިދޭށެވެ.
ދެން ފާހަގަކޮށްލަން ބޭނުންވަނީ ނަމާދުކުރުމާއި ދުޢާގައި ހުރި ބާރުގަދަކަމެވެ. މަންމަ ނިޔާވިއިރު އަޅުގަނޑުވަނީ ނަމާދުކުރަން އާދަކުރުވާފައެވެ. އަޅުގަނޑު އަންހެނަކަށްވީ އުމުރުން 10 އަހަރުގައެވެ. އެއިރުންސުރެ މަންމަ އަޅުގަނޑު ލައްވައި ނަމާދުކުރުވައެވެ. އެހެންވެ އެންމެ ކުޑައިރުންސުރެ ހުރީ ނަމާދުކުރުމަށާއި ދުޢާކުރަން އާދަވެފައެވެ.
ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ނަމަވެސް ނަމާދުކޮށް ދުޢާކުރާނަމަ ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެއެވެ. އިން ޝާ ﷲ
- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް