އަޅުގަނޑު ބޮޑުވަމުން އައިއިރު އަޅުގަނޑުގެ ސިފަ ރީއްޗެއް ނޫނެވެ. އަދި ފަލަވެސްމެއެވެ. އެހެންވެ ސްކޫލްގައިވެސް ކުދިން އަޅުގަނޑަށް ވަރަށް މަލާމާތްކުރެއެވެ. އެއަޑުތައް އިވުމުން ދެރަވެއެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދަމެވެ. މަސައްކަތްކުރީ އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ އަންހެނަކަށްވުމަށެވެ.
ރީތިކުދިން ވަގުތު ހޭދަކުރީ ލޯބިވެރިންނާއިއެކު މަޖާކުރުމުގައެވެ. ޕިކްނިކް ދިއުމާއި ހަފްލާތަކަށް ދިއުމުގައެވެ. އަޅުގަނޑު ވަގުތު ހޭދަކުރީ ފޮތްތަކާއިއެކުގައެވެ. ބެލީ ފިލާވަޅެއް ދަސްވޭތޯއެވެ. އިތުރަށް ކަމެއް ދަސްކުރެވޭތޯއެވެ.
ކޮލެޖާއި ޔުނިވަރސިޓީން ނިމުނުއިރު އަޅުގަނޑަށް ލިބުނީ އެންމެ މަތީ ފާހެވެ. އެހިސާބުން އަޅުގަނޑުގެ ފުރަތަމަ މަޤްޞަދު ވަރަށް ކާމިޔާބުކަމާއިއެކު ޙާޞިލުކުރެވިއްޖެކަމަށް ޤަބޫލުކޮށް އެކަމުގެ ހިތްހަމަޖެހުން ވަރަށް ބޮޑަށް ލިބުނެވެ. ހަމަ އެއާއިއެކު ޔުނިން ނިމުނުތަނާހެން ރަނގަޅު ވަޒީފާއެއްވެސް ލިބިއްޖެއެވެ.
އަޅުގަނޑުގެ މައިންބަފައިން މާކުރިންސުރެ ބުނަމުން އައީ ކިތަންމެ މޮޅަށް ކިޔެވިނަމަވެސް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެ ކަމަށެވެ. ރަނގަޅު ދިރިއުޅުމެއް ލިބޭނީ ސިފަރީތިކުރަން މަސައްކަތްކޮށްގެން ކަމަށެވެ. ސިފަ ހުތުރުނަމަ ރަނގަޅު ބައިވެރިއަކު ނުލިބޭނެ ކަމަށެވެ.
ކޮންމެއަކަސް އެވާހަކަތަކަކަށް އަޅުގަނޑު އެއްވެސް ވަރަކަށް ސަމާލުކަމެއްވެސް ނުދެމެވެ. އެއީ އެމީހުންގެ ޚިޔާލުތާއެވެ! ދިރިއުޅުމުގެ ހުރިހާ ކަމެއްގައި މައިންބަފައިންނާއި ޚިޔާލު އެއްގޮތްވާން ޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނަސް އެއީ މައިންފައިން ކަމަށްވީތީ އެންމެ ބަހެއްވެސް ދެކޮޅަކަށް ނުބުނަމެވެ.
ދުވަސްކޮޅެއްފަހުން ޔުނީގައި އަޅުގަނޑާއިއެކު އުޅުނު ރީތިކަމަށް މަޝްހޫރު ކުއްޖަކު އަޅުގަނޑަށް ގުޅިއެވެ. އަދި އޭނާއަށް އަބަދުވެސް އަޅުގަނޑު ވަރަށް ރީތިކަމަށާއި އަޅުގަނޑާއި ކައިވެނިކުރަން ބޭނުން ކަމަށް ބުންޏެވެ. ބައްދަލުކުރަން ބޭނުން ކަމަށްވެސް ބުންޏެވެ.
އޭނާދިން ދައުވަތަކަށް ރެސްޓޯރަންޓަކަށް ދިއައީމެވެ. ކައިނިމިގެން ފޯނުން ކެޓަލޮގްތަކެއް ހުޅުވާފައި ބައެއް ޕްރޮޑަކްޓްތައް ދެއްކިއެވެ. އަދި އެތަކެތި ބޭނުން ކުރުމުން ރީތިވާނެ ކަމަށާއި ބަރުދަނުން 10 ވަރަކަށް ކިލޯ ލުއިކޮށްލައިފިނަމަ އަދި މާރީތިވާނެ ކަމަށްވެސް ބުންޏެވެ. އެވާހަކަތަކަކަށް ޖަވާބެއް ނުދެމެވެ. ދިން ދައުވަތަށް ޝުކުރުއަދާކޮށްފައި ގެއަށް ދިއައީއެވެ.
އަނެއް ދުވަހު ގުޅީމާ ބުނީމެވެ. "އަހަރެން ރީތި މީހަކު ފުރަތަމަވެސް އަހަރެން އިތުރަށް ރީތިކުރާ ވާހަކައެއް ނުދައްކާނަމެވެ. ވީމާ ކަލެއަށް އަހަރެން ކަމުދާކަމަށް ނޫނީ ރީތިކަމަށް ތިއަބުނާ ބުނުން މިހާރު ޤަބޫލެއް ނުކުރެވެއެވެ." އެއިގެ ފަހަކުން އޭނާގެ ފޯނުކޯލުތަކެއް ނުނަގަމެވެ.
އަޅުގަނޑު ބެލީ ވަޒީފާގައި ކުރިއަށްދެވޭތޯއެވެ. ޙަވާލުކުރޭ މަސައްކަތް ވީހާ ރަނގަޅަކަށް ކުރެވޭތޯއެވެ. ވަޒީފާގައި އަހަރެއްހައި ދުވަސްފާއިތުވިތަނާ އެއަހަރު ކުންފުނީގައި އެންމެ ރަނގަޅަށް ވަޒިފާ އަދާކުރި މުވައްޒިފެއްގެ ދަރަޖަ އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑު ޙާޞިލްކުރަން ބޭނުންވި 2 ވަަނ ކަންތައްވެސް ޙާޞިލްވީއެވެ.
ދެން އޮތީ 3 ވަނަ ކަންތަކެވެ. އެއީ އަޅުގަނޑު ހުރި ސިފައިގާ ހުއްޓައި އަޅުގަނޑު ދެކެ ލޯބިވާނެ މީހަކު ލިބުމެވެ. އެކަންވެސް ޙާޞިލުކުރެވޭނެ ކަމުގެ ޔަޤީންކަމާއިއެކު އުޅެމުން ދިއައީމެވެ. އެހެން ކިޔާފަ މީހަކު ހޯދަން މަސައްކަތެއްވެސް ނުކުރަމެވެ. ފިރިހެނުންނަށް ކަޅިއަޅައެއްވެސް ނުހަދަމެވެ. އުންމީދުކޮށްގެން ހުރީ އަޅުގަނޑަށް ކަޅިއަޅާނެ މީހަކަށެވެ.
ވަޒީފާގައި 3 ވަނަ އަހަރު ނިމުނުއިރު ކޮންމެ އަހަރަކުވެސް ކުންފުނީގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒިފްގެ ދަރަޖަ ވަނީ ވިދިވިދިގެން 3 އަހަރު ލިބިފައެވެ. އަޅުގަނޑަށް މަސައްކަތްކުރަންޖެހެނީ ކުންފުނީގެ ބޮސްގެ ދަރިއެއްގެ ދަށުންނެވެ. އެ ޑިޕާޓްމަންޓްގެ އިސްމީހަކީ އޭނާއެވެ. 3 ވަނަ އަހަރު ނިމި އެ ދަރަޖަ ލިބުމުން އަޅުގަނޑަށް ވަރަށް އަގުހުރި އިނާމެއް ދޭން ޤަޞްދުކުރާކަމަށް އޭނާ ބުންޏެވެ.
އެއިގެ މަހެއްހައި ދުވަސްފަހުން އެއިނާމު އަޅުގަނޑަށް ހުށަހެޅިއެވެ. އެއީ އޭނާ އާއި ކައިވެނިކުރުމެވެ. އަޅުގަނޑު ސުވާލުކުރީމެވެ. "ތިއަކަން ތިއަ ހުށަހަޅަނީ ހަމަ އަހަރެންގެ ހުރި ސިފަތަކަށް ރުހިގެން ހެއްޔެވެ؟ އަހަރެން ރީތިކަމަށް ބުނާ މީހަކާއި މިހައިތަނަށް ބައްދަލުވެފައެއް ނެތެވެ. ވީމާ އިނދެފައި އަހަރެން ހުތުރުވެގެން ދޫކޮށްލަން ކައިވެނިނުކުރާށެވެ."
އޭނާގެ ޖަވާބަކީ "ބޭރުފުށުގެ ސިފައަކުން ދިރިއުޅުމަށް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. ދިރިއުޅުމަށް ފައިދާކުރާނީ ރިވެތި އަޚްލާޤާއި އިއްފަތްތެރިކަމާއި ހީވާގިކަމާއި މުރާލިކަމާ ތެދުވެރިކަމުންނެވެ. އެކަންކަމުގައި ކަލެއަށް 100 އިންސައްތަ މާކްސް ލިބޭކަން ޔަޤީންކޮށްފީމެވެ." އަޅުގަނޑުބުނީމެވެ. އެހެންކަމަށްވާނަމަ އަވަހަށް ރަންކިޔުއްވައި ކައިވެނިކުރާށެވެ! އެކުގައި އުޅެން ފަށަންވާނީ، ތަންތަނަސްދާން ފަށަންވާނީ ކައިވެންޏަށް ފަހުގައެވެ."
އަޅުގަނޑު އެދުނުފަދައިން އޭނާ ކަންތައް ކުރިއެވެ. އަޅުގަނޑާއި ކައިވެނިކުރިއެވެ. ކައިވެންޏަށްފަހު ހަށިގަނޑާއިމެދު ވިސްނަން ފެށީމެވެ. ހިކެންވެސް މަސައްކަތްކުރީމެވެ. ކައިވެންޏަށް މިހާރު 20 އަހަރުވެއްޖެއެވެ. އަޅުގަނޑު ހުންނަ ސިފައިގެ ވާހަކަ ފިރިމީހާ އެންމެ ފަހަރަކުވެސް ނުދައްކައެވެ. ރީތިވާން ވަކި އެއްޗެއް އުނގުޅާކަށްވެސް މިވެނި ވަރަކަށް ކިލޯ ލުއިވާކަށްވެސް ނުބުނެއެވެ. އަދި އަޅުގަނޑު ކަމު ނުގޮސްގެން އެހެން އަންހެނަކު ހޯދާކަށްވެސް ނުއުޅެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ މީގެ ކުރިންވެސް "ޙަޤީޤީ ޙާދިސާ" ސިލްސިލާގައި ބައެއް އަންހެނުން ބުނެފައިވާ ބަހެކެވެ. އެއީ ﷲ އެންމެންވެސް އުފައްދަވަނީ އެމީހަކު ހުރުމަށް ﷲ އެންމެ ބޮޑަށް ރުހިވޮޑިގެންވާ ސިފައިގައެވެ. އެންމެ ރީތި ސިފައިގައެވެ. ސިފަރީތިވަނީ ކައިގެ ކުލައާއި ބޭރުފުށުގެ ސިފައަކުން ނޫނެވެ. އަދި ސިފަ ހުތުރުވަނީ އެމީހަކު އުފެއްދެވި ސިފައިގެ ސަބަބަކުން ވެސް ނޫނެވެ. އެމީހެއްގެ ޢަމަލުތައް ހުތުރުވުމުންނެވެ. ހިތާއި އަމަލުތައް ރީތިކޮށްލާށެވެ! އެއިރުން ތިބާވެސް ވާނީ އެންމެ ރީތި މީހުންގެ ތެރޭގައެވެ.
- ޝަމްސިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް