އަޅުގަނޑުވެސް ކައިވެނިކުރީ ދެމީހުން އެކުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައެވެ. ކުރުމުއްދަތެއްވެސް ނޫނެވެ. 2 އަހަރު ދުވަހެވެ. ޤަބޫލުކޮށްގެން ހުރީ އޭނާގެ ހުރިހާ ކަމެއް އެނގިއްޖެކަމަށެވެ. ޔަޤީންކޮށްގެން ހުރީ އޭނާ ދެއްކި ހުރިހާ ވާހަކަތަކަކީވެސް ތެދު ޙަޤީޤަތް ކަމަށެވެ.
ކައިވެނީގައި 3 އަހަރު ފާއިތުވެގެންދިއައިރު އަހަރުވީ ދަރިއަކު އޮތެވެ. ދަރިފުޅަށް އަހަރުވީތަނާ ފިރިމީހާ އާއިމެދު ޝައްކުތައް އުފެދެން ފެށިއެވެ. އަހަރެމެން ދެމައިންނާއި ދުރުހެލިވާކަން ފާހަގަކުރެވެން ފެށިއެވެ. ގެއަށް ވަދެ ދެމައިންނާއި ބައްދަލުވުމުން ފިރިމީހާގެ މޫނުން އުފާވެރިކަން ނުފެންނަކަން ފާހަގަކުރެވެން ފެށުމުން ވަރަށް ދެރަވިއެވެ.
ދެމަފިރިންވެސް ވަޒީފާއަދާކުރަމުއެވެ. ބޮޑު މުސާރަ ލިބެނީ އަޅުގަނޑަށެވެ. އެހެންވެ ގިނަ ޚަރަދުތައް ކުރަނީވެސް އަޅުގަނޑެވެ. އެޚަރަދުތައް ކުރަމުން ފައިސާ ރައްކާކުރުންވީ ވަރަށް ދަތިކަމަކަށެވެ. އެހައިތަނަށް ދަރިފުޅަށް އެއްޗެއް ގަންނަން ޖެހުނު ނަމަވެސް ފިރިމީހާ ގާތަކު ނުބުނަމެވެ. އަމިއްލައަށް ގަނެލަނީއެވެ. ނަމަވެސް މަޖުބޫރުވުމުން އެކަން ހުއްޓައިލީމެވެ. ގެއަށާއި ދަރިފުޅަށް ޚަރަދުކުރާވަރު މަދުކުރީމެވެ.
އެކަންކުރީ ހަމަ ހުރެފައެއް ނޫނެވެ. ފިރިމީހާގެ ފޯނު ބެލުމުން އޭނާގެ ދެވަ ލޯބިވެރިއަކު ހުންނަކަމާއި ލޯބިވެރިޔާއަށް ޚަރަދުކުރާކަން ޔަޤީންކުރެވުމުންނެވެ. އޭނާ އެދޭހައި ކަންކަން ކޮށްދޭކަން ޔަޤީންކުރެވުމުންނެވެ.
ފިރިމީހާ އާއި އެއްވެސް ޝަކުވާއެއް ނުކުރަމެވެ. މަސައްކަތްކުރީ އަމިއްލައަށް ތަނެއް ކުއްޔަށް ހިފައިގެން ފިރިމީހާގެ ގެއިން ނުކުމެވޭތޯއެވެ. އަޅުގަނޑު ގެއަށާއި ދަރިފުޅަށް ޚަރަދުކުރުން މަދުކުރުމުން ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ލޯބިވެރިޔާއަށް ޚަރަދުކުރާނެ ފައިސާ މަދުވުމުން ދެމީހުން މައްސަލަޖެހެން ފެށީއެވެ.
އެއްރޭ ގެއަށް ދެވުނުއިރު ފިރިމީހާ އާއި އޭނާގެ ލޯބިވެރިޔާ ގޭގައި ތިއްބެވެ. އަޅުގަނޑަށް ގެއަށް ވަދެވުމާއިއެކު ބުނީ އެއަންހެން މީހާއަކީ އޭނާ އާއި އެއް އޮފީހެއްގައި މަސައްކަތްކުރާ އަންހެނެއް ކަމަށާއި އުޅުނު ގެއިން ނުކުންނަން ޖެހުމުން ތަނެއް ލިބެންދެން ގޭގައި ބައިންދާލަން ގެނައީ ކަމަށެވެ.
އެހިސާބުން އެދެމީހުންގެ ގުޅުމުގެ ޙަޤީޤަތް ދެމީހުންގެ ކުރިމަތީގައި ހާމަކުރީމެވެ. އަދި އެއްވެސް ޝަކުވާއެއް ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ވަރިކޮށް ދަރިފުޅުވެސް ދިނުން ކަމަށް ބުނީމެވެ. އަދި އެންމެ ހިނދުކޮޅަކުވެސް އެގޭގައި އިންނަން ބޭނުންނުވާކަމަށް ވެސް ބުނީމެވެ.
ކޮޓަރިއަށް ވަދެ ދަރިފުޅާއި އަޅުގަނޑުގެ އެއްޗެތި ފޮށްޓަށް އެޅުމަށްފަހު ސިޓިންރޫމަށް ނެރުނީމެވެ. ގެއިން ދާނެ ޓެކްސީއަކަށްވެސް ގުޅީމެވެ. ފިރިމީހާގެ އަޞްލު ސިފަ ފެނުނީ އެހިސާބުންނެވެ. އަޅުގަނޑުގެ ބޮލުގައި ނުއަޅުވާ ކަމެއް ނެތެވެ. ހިލޭ ފިރިހެނުން ގެންގުޅޭކަމަށާއި ނުކުމެގެން އެދަނީވެސް ހިލޭ ފިރިހެނެއްގެ ގެއަށް ކަމަށްވެސް ބުންޏެވެ.
އެފަަދ ނުބައި ދޮގު އިލްޒާމްތަކެއް އެޅުވުމުން ރޮވުނެވެ. ބުނީމެވެ. އާއެކެވެ. މިދަނީ ހަމަ ހިލޭ ފިރިހެނެއްގެ ގެއަށެވެ. އެއީ ދަންނަވެސް މީހެއް ނޫނެވެ. ނަމަވެސް މިދަނީ އޭނާ އާއިއެކު ދިރިއުޅޭކަށް ނޫނެވެ. އޭނާގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެންނެވެ. މިދުވަސް އަންނަން އުޅޭކަން އެނގޭތީ އެތަން ކުއްޔަށް ހިފީ މިމަހުއެވެ. ދެން މިދަނީއެވެ. ދެކުދިން ލޯބިން އެކުގައި އުޅެލާށެވެ! ނަމަނަމަ ހަނދާންކުރާށެވެ! ދަރިފުޅަށް ބޭނުންވާ ކަންކަން ކޮށްނުދީ ހުރެފައި ފަހުން ދަރިފުޅު ދެކެން ނާންނާށެވެ! ޢއްދައިގެ 3 މަހުގެ ޚަރަދު ފިޔަވައި އަހަރެންނަށް އެއްވެސް ޚަރަދެއް ކުރާނެ ކަމެއް ނެތެވެ. މިހައިތަނަށްވެސް މިއުޅުނީ ކަލޭގެ ފައިސާއަކު ނޫނެވެ. އަހރެންގެ މުސާރައިންނެވެ. ކަލޭ އަހަރެންނަށް ކުރި ޚަރަދުގެ އެތައް ގުނައެއް އަހަރެން ވާނީ ކަލެއަށް ޚަރަދުކޮށްފައެވެ."
ގެއިން ނުކުމެ އަމިއްލައަށް ދިރިއުޅެން ފެށީމެވެ. ދަރިފުޅު ބެލީ އުޖޫރަދީގެން އެކުވެރިއަކު ލައްވައެވެ. އެކަނި ދިރިއުޅެން ޖެހުމަކުން ދެރައެއްވެސް ނުވެއެވެ. ސަބަބަކީ ގެއިން ނުކުތީ ދެމީހުންގެ މެދުގައި ލޯބީގެ އެއްވެސް ގުޅުމެއް ނެތި 2 އަހަރާއި ގާތަށް އުޅެފައިކަމަށްވާތީއެވެ. ބޮޑު އެނދުގައި ދެމީހުން ނިދަމުން އައީ ގައިގައި ނުބީހި ތިބެއެވެ. އަހަރެން އޭނާގެ ގައިގައި އަތްޖައްސައިލި ނަމަވެސް ފޮޅާލައިފައި އަނެއްފަރާތަށް އެނބުރިއޮވެ ނިދަން ފެށުމުން އެކަނި ނިދަން ހުރީ ހޭނިފައެވެ.
ގެއިން ނުކުމެ 3 އަހަރުވީއިރުވެސް އެންމް ރުފިޔާއެއްވެސް ޚަރަދުނުކުރާތަނުގައި ދެމައިންކުރެ މީހެއްގެ ޙާލު ވެސްބަލައެއް ނުލައެވެ. އެކަނި އުޅޭތާ 3 އަހަރުވީފަހުން ބައްދަލުވި މީހަކާއި ކައިވެނިކުރީމެވެ. އެއީ ފަޤީރެކެވެ. ނަމަވެސް ތަޤްވާވެރިއެކެވެ. އަޚްލާޤް ރަނގަޅު މީހެކެވެ. އަނބިމީހާގެ އަގު ވަޒަންކުރާ މީހެކެވެ.
ދެމަފިރިއަކު ލޯބިން އެކުގައި، ޚާއްޞަކޮށް ތަޤްވާވެރިކަންމަތީގައި އުޅޭނަމަ ރަޙްމަތް ލައްވަވާނެކަމަށް ބުނާ ބަހުގެ ތެދުކަން ޔަޤީންކުރީމެވެ. ކައިވެންޏަށް 6 އަހަރުވީއިރު ފިރިމީހާއަކީ ފަޤީރެއް ނޫނެވެ. ކުރާ މަސަކަތަށް ލިބޭ އާމްދަނީން ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓައި އިތުރުވެސް ކުރެވެއެވެ. އަޅުގަނޑަށް ލިބޭ މުސާރައިގައި ޖެހޭކަށްވެސް ނުޖެހެއެވެ.
ކައިވެންޏަށް 10 އަހަރުފުރުނު ދުވަހަކީ ދެމީހުންގެ އަމިއްލަ ފްލެޓަކަށް ދިރިއުޅުން ބަދަލުކުރި ދުވަހެވެ. ފްލެޓް ގަތީ ދެމީހުން ބައިވެރިވެގެންނެވެ. އަމިއްލަ ފްލެޓުގައި އުޅޭތާ އަހަރެއްހައި ދުވަސްވީތަނާ ފުރަތަމަ ފަހަރަށް ކުރީގެ ފިރިމީހާ ގެއަށް އައެވެ. ހުރީ ވަރަށް ބޮޑަށް ހިކިފައެވެ. ބުނީ ވަރަށް ބޮޑަށް ބަލިވެ އުޅޭ ކަމަށާއި 3 ކައިވެނިކުރި ކަމަށާއި 3 ކައިވެނިވެސް ރޫޅި އެކަނިވެރިވެފައިވާ ކަމަށެވެ. އަދި މައިންނާއި ނުލައި 4 ދަރިން ބަލަންޖެހުމުން ވަރަށް ޙާލުގައި އުޅޭ ވާހަކައެވެ.
އެވާހަކަތަކަކަށް އަޅުގަނޑު ޖަވާބެއް ނުދެމެވެ. ފިރިމީހާއަށް އަވަހަށް ގެއަށް އައިސް ދިނުމަށް ގުޅުމުން ގެއިން ނުކުމެގެން ދިއައީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި، ޚާއްޞަކޮށް އަންހެނުންގެ ގާތުގައި ބުނެލަން ބޭނުންވަނީ ކިތަންމެ ވަރަކަށް ލޯބިވީނަމަވެސް ކައިވެނިކުރުމަށްފަހު ހިލޭ އަންހެނުން ފަހަތުން ދުވާ ފިރިއަކާއިއެކު ދިރިއުޅުމަށްވުރެ އަމިއްލަ ޙާލަށް އެކަނި އުޅުންވެސް މާރަނގަޅުވާނެއެވެ. ފިރިމީހާގެ ލޯބި ލިބޭނެ ކަމުގެ އުންމީދުގައި އަނބިންނަށް ލިބޭ ފައިސާ ޚަރަދުނުކުރާށެވެ. އެގޮތަށް ޚަރަދުކުރާނަމަ ފިރިމީހާ އިޞްލާޙްވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ދާނީ ނުބައިކަން ބޮޑުކުރަމުންނެވެ. ކައިވެންޏަށްފަހު ޚަރަދުކުރުމަކީ ފިރިންގެ ޒިންމާއެކެވެ. އަނބިންގެ ޒިންމާއެއް ނޫނެވެ. އަނބިން ޚަރަދުކުރަންވާނީ އެވަރު ދަންނަ ހެޔޮލަފާފިރިންނަށެވެ!
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް