ޙަޤީޤީ ޙާދިސާ: ރީތިވެފަ ފައިސާހުރީމާ އަންހެންކުދިން ހިތުގަ ޖައްސަމުން ދުވި ޒުވާނަކަށް ޢުމުރަށް ހަނދާން ހުންނާނެ ފިލާވަޅެއް އަންހެނަކު ދިން ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ޙަޤީޤީ ޙާދިސާ: ރީތިވެފަ ފައިސާހުރީމާ އަންހެންކުދިން ހިތުގަ ޖައްސަމުން ދުވި ޒުވާނަކަށް ޢުމުރަށް ހަނދާން ހުންނާނެ ފިލާވަޅެއް އަންހެނަކު ދިން ގޮތުގެ ވާހަކަ-

އެއީ ކޮލެޖުގައި ކިޔަވަމުން ދިއަ ދުވަސްވަރެވެ. ހުރިހާ ފިރިހެންކުދިންގެ ތެރެއިންވެސް ރީތިކަމަށް ފާހަގަކޮށްލެވޭ ޒުވާނަކު ހުރެއެވެ. ހުރިހާ އަންހެންކުދިންހެން އޭނާއަށް ސަމާލުކަންދޭކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 

އަޅުގަނޑު ކޮންމެހެން ފަޚުރުވެރިވާކަށް ނޫނެވެ. ނަމަވެސް ކަންކަން ހިނގިގޮތް ކިޔައިދޭން ބޭނުންވާތީއެވެ. އަންހެންކުދިންގެ ތެރެއިން އަޅުގަނޑަކީ ގިނަ ފިރިހެންކުދިންގެ ސަމާލުކަމަށް އައި އަންހެނަކީމެވެ. އަޅުގަނޑު އޭނާއަށް ސަމާލުކަމެއް ނުދެމެވެ. އަޅުގަނޑާއި ބޭކާރު ވާހަކަ ދެއްކިނަމަވެސް ބުނަމުން އައީ ލޯބީގެ ކުޅިވަރު ކުޅޭނީ ކޮލެޖު ނިންމާފައި ކަމަށެވެ. 

ނަމަވެސް އޭނާ ފަހަތުން ނައްޓާ ނުލައި ހިނގިހިނގުމުގެ ސަބަބުން އަޅުގަނޑަށް އޭނާގެ މަޅީގައި ޖެހުވުނެވެ. އެކަން އޭނާއަށް ޔަޤީންކުރެވުމުން ހުރިހާ އެކުވެރިންގެ ކުރިމަތީގައި އަޅުގަނޑަށް މަލާމާތާއި ފުރައްސާރަކުރިއެވެ. އަޅުގަނޑުގެ އަގު ވައްޓާލަން މަސައްކަތްކުރިއެވެ. ނަމަވެސް އަޅުގަނޑު އަޅައިވެސް ނުލަމެވެ. ބުނާ ބަސްތައް ކަންފަތަށް އަޑުއިވޭކަމަކަށްވެސް ނުހަދަމެވެ.

އެހެންކަމާއިއެކުވެސް އަޅުގަނޑު ވަރަށް ދެރަވިއެވެ. އުނދަގޫތަކެއްވިއެވެ. ސިކުނޑިއަށް ބާރު ބޮޑުވެ މޫނުގެ ސިފައަށްވެސް އެނގުން އަންނަވަރުވިއެވެ. އެއިރު އަޅުގަނޑުގެ އަންހެން އެކުވެރިން ވަރަށް ބޮޑަށް އަޅުގަނޑަށް ހިތްވަރުދިނެވެ. އަދި ބައެއް ފިރިހެން އެކުވެރިންވެސް ހިތްވަރުދިނެވެ. ބައެއް އެކުވެރިން ބަހެއް ނުބުނަނީ އޭނާއަކީ ތަނަވަސް ޢާއިލާއެއްގެ ޒުވާނަކަށްވުމުން ގިނަގިނައިން ކޮފީ ލިބޭތޯއެވެ! 

ކޮލެޖުން ނިމި ދުވަސްކޮޅެއްފަހުން ލިބުނީ ވަރަށް ޙައިރާންކުރުވި ޚަބަރެކެވެ. އަންހެން އެކުވެރިންގެ ތެރެއިން އެންމެ ގާތް އެކުވެރިޔާ އޭނާ އާއި ލޯބީގެ ގޮތުން ގުޅި ކައިވެނިކުރަންއުޅޭ ވާހަކައެވެ. ޔަޤީންކޮށްލަން ގުޅާލުމުން ބުނީ އެކުވެރިކަން ބަދަލުނުވާނެކަމަށާއި އިތުބާރުކުރުމަށެވެ. އިތުރަކަށް ނުބުންޏެވެ. 

ކޮންމެއަކަސް ކައިވެނިކުރަން ބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ. ހުރިހާ އެކުވެރިންނަށާއި ގިނަ ބައަކަށް ދައުވަތުވެސް ދިނެވެ. އަޅުގަނޑުވެސް ދިއައީމެވެ. ކައިވެނިކޮށްދޭން ޤާޟީ ޚުޠުބާ ނެގީމާ އެކުވެރިޔާ ބުނީ އިހަށް މަޑުކޮށްލުމަށެވެ. އަދި ބުންޏެވެ. "މިއީ އެއްވެސް އަންހެނަކު ބުއްދި ސަލާމަތުންހުރެ ކައިވެނިކުރާނެ ފިރިހެނެއް ނޫނެވެ. ކުށެއްކަމަށްވާނަމަ އަދަބު ދެއްވާށެވެ! އަޅުގަނޑު އޭނާގެ ކިބައިން މިހިފީ ބަދަލެވެ. އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ދިން އަނިޔާތަކަށެވެ. ކައިވެނިކުރަން ކީރަން ކަނޑައިފީމެވެ. އޭނާ ކޮންމެ މީހަކާއި ކައިވެނިކުރަން އުޅުނަސް ހަމަ ގައިމު މިވާހަކަތައް އަޑު އިވޭނެތާއެވެ! އަޅުގަނޑު ބޭނުންވީ ކިތަންމެ ރީތިވެފައި ޖީބު ތަނަވަސް ނަމަވެސް އަންހެންކުދިން ދެކެ ލޯބިވަމޭ ކިޔައިގެން ކުޅިވަރުކުޅެ، އަންހެނުންގެ އަގުވައްޓާލައި އަނިޔާވެރިވާ މިފަދަ ފޭކް، ބޮޑާ، ކިބުރުވެރި ފިރިހެނުންނަށް ފިލާވަޅެއް ދޭށެވެ. މިދިނީ އެފަދަ ފިލާވަޅެކެވެ. ފިސާރި ރަނގަޅު ފިލާވަޅަކަށް ފުދޭނެ ކަމަށް ހީކުރަމެވެ." 

އެހިސާބުން ރަސްމިއްޔާތު ނިމުނީއެވެ. އަޅުގަނޑާއި އެކުވެރިޔާ ވެސް ތަނުން ނުކުތީ އެހެން މީހުންފަދައިން ރަނގަޅަށް ދެބަނދައި ކައިހަދައިގެންނެވެ. މަދު މީހަކު އޭނާގެ ތަނަވަސްކަމަށް ބަލައި ފަހަތުފަޔަށް ބުރަވިއެވެ. ނަމަވެސް ގިނަ މީހުން އެކުވެރިޔާއަށް ކުރީ ތަޢްރީފެވެ. ބުނީ ތިއަކުރެވުނީ "ގަޓްހުރި" ކަމެއް ކަމަށެވެ.

މިކިޔައިދިނީ މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ކަމެއްގެ ވާހަކައެކެވެ. އަޅުގަނޑުގެ އެ އުޚުތާގެ 45 ވަނަ އުފަންދުވަހަކީ 4 ފެބްރުވަރީއެވެ. ހަދިޔާއެއްގެ ގޮތުން އުޚުތާ އަޅުގަނޑަށްޓަކައި އެދުވަހު ކޮށްދިން ކަންތައް ހަނދާންކޮށްލައިދިނީއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ކޮންމެ އުޚުތަކީ ދަހިވެތި އެކުވެރިއެއް ކަމަށް ނުދެކޭށެވެ. އަޅުގަނޑުގެ އެ އުޚުތަކީ އެއިރު ތަނަވަސް ކުއްޖެއްވެސް ނޫނެވެ. ލިބެން އޮތް ތަނަވަސް ދިރިއުޅުން ޤުރްބާން އެކުރީ ހަމަ އެކުވެރިއަކަށްޓަކައެވެ. ވީމާ ހުރިހާ އެކުވެރިން އެއްނާޅީން މިނުމުގެ ވިސްނުން ދޫކޮށްލަން އެބަޖެހެއެވެ. 

ނިންމާލުމުގެ ކުރިން އެއްވާހަކަ ބޫނެލާނަމެވެ. ކޮލެޖުން ކިޔެވި ދުވަސްވަރުންފެށިގެން އޮތް އެކުވެރިކަމުގެ ތެރެއިން މިއަދު އަޅުގަނޑުމެން ދެ އެކުވެރިންނަކީ ވިޔަފާރިއެއްގައި ދެޕާޓްނަރުންނެވެ. ކުރާ މަސައްކަތުން ރަނގަޅު އާމްދަނީއެއްވެސް ލިބެއެވެ. ދިރިއުޅެމުން މިގެންދަނީ ދެބެއިން ފަދައިންނެވެ.

 

- ނަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން