ކިޔަވައިދިނުމުގެ ބޭނުމުގައި އަޅުގަނޑުގެ ބައްޕަ އަޅުގަނޑު މާލެ ގެނެސް ބޭލީ ބައްޕަގެ ރައްޓެހި އެކަނިވެރިމައެއްގެ ގެއަށެވެ. ބައްޕަގެ ރަޙްމަތްތެރިއަކީ އޭނާގެ ފިރިމީހާއެވެ. އޭނާ ނިޔާވީއެވެ.
އެއީ ވަރަށް ރަނގަޅު އަންހެނެކެވެ. އަޅުގަނޑު ސްކޫލަކަށް ވައްދައިދިނެވެ. ކިޔަވަން ފުރުޞަތު ހޯދައިދިނެވެ. އޭނާގެ ތަނަވަސްކަންހުންނަ މިންވަރަކުން ކަންކަންވެސް ކޮށްދެއެވެ. ދުވަހަކުވެސް ވަކި ކަމެއް ކުރަން އަމުރެއް ނުކުރެއެވެ. ބުނާނީ މިވެނިކަމެއް ކޮށްލައިދެވިދާނެހެއްޔެވެ؟ އެހެންވެ އަޅުގަނޑު އޭނާދެކެ ވަރަށް ލޯބިވެއެވެ.
އޭނާގެ ތިބެނީ ދެދަރިންނެވެ. މަންމައަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. މޫނުމަތީގައި ބުނާނީ އެފަހަރަކު ހިތަށްއެރި އެއްޗެކެވެ. ބައްޕައަކާއި ނުލައި އެކަނިމާއެކަނި ކުދިން ބޮޑުކުރަން މަންމަކުރި މަސައްކަތުގެ އަގު އެއްގޮތަކަށްވެސް ވަޒަނެއް ނުކުރެއެވެ. ބަލިވެ އޮތްނަމަވެސް ޙާލުވެސް ބަލައެއް ނުލައެވެ.
އަޅުގަނޑުގެ ހިތުގައި އޭނާއަށް އޮންނަނީ ވަރަށް މަތިވެރި ޤަދަރަކާއި ލޯތްބެކެވެ. އެހެންވެ އަޅުގަނޑަށް ވެވުނުހައި ރަނގަޅަކަށް ކަންކަން ކުރަމެވެ. ގޮވައިގެން ޑޮކްޓަރަށްދަނީވެސް އަޅުގަނޑެވެ. ކެވޭނެ ޒާތުގެ އެއްޗެތި ބަލައި ކައްކައި ކާންދޭން މަސައްކަތްކުރަމެވެ. ފެންވަރުވައި ރީތިކޮށްދެމެވެ.
އެހެންވެ އޭނާވެސް އަޅުގަނޑުދެކެ ވަރަށް ލޯބިވެއެވެ. އެމީހުންގެ މަންމަގެ ކަންކަން އަޅުގަނޑުކޮށްދޭތީ އަޅުގަނޑަށް ޝުކުރުވެރިވުމުގެ ބަދަލުގައި ދެބެއިންވެސް ކުރަނީ ނަފުރަތެވެ. ގޮވަނީ އެއްޗެއްސެވެ. އަޅުގަނޑަކީ މަންމަގެ އަޅެއް ކަމަށްވެސް ބުނާނެއެވެ. ނުކިޔާނީ ކީކޭތޯއެވެ؟ އަޅުގަނޑު އުޅެނީ މަންމައާއި ހިތާވެގެންކަމަށްވެސް ބުނެއެވެ.
އެކަންކަމަށް ކެތް ނުކުރެވިގެން މީހަކާއިނދެގެން ގެއިން ނުކުންނަންވެސް ވިސްނީމެވެ. މީހަކާ އިންނަންއުޅޭ ވާހަކަ ބުނީމާ ބުނީ އެކަން އަވަސްކުރުމަށެވެ. އެގޭގައި އުޅެން ދަރިން ނުރުހޭ ވާހަކަ ބުނީމާ ބުނީ އެކަން އެނގޭ ކަމަށާއި އެގެއިން އަޅުގަނޑު ދުވަހަކުވެސް ނުނެރެވޭނެ ކަމަށެވެ.
ކޮންމެއަކަސް އަޅުގަނޑު ކައިވެނިކުރީމެވެ. ކައިވެނިކުރީމާ ބުނީ ގޭގައި ދެމަފިރިންވެސް އުޅުމަށެވެ. ގެއިން އެއްގޮތަކަށްވެސް ނުކުމެގެން ނުވާނެ ކަމަށެވެ. އެހެން ބުނުމުން އަޅުގަނޑުވެސް ގެއިން ނުކުންނާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ އޭނާގެ މަރުދުވަހަށްވެސް އޭނާ ބަލައިދޭން އެގޭގައި އިންނާށެވެ.
ނަޞީބަކުން ފިރިމީހާވީ ވަރަށް ހެޔޮލަފާ ތަޤްވާވެރިއަކަށެވެ. އޭނާވެސް ދައްތައަށް ވަރަށް ހެޔޮކޮށް ކަންކަން ކުރެއެވެ. އެހެންވެ ދައްތަ ބުނެއެވެ. "އަހަރެންގެ އުފަން ދެދަރިން މިވީ ދުރުހިލޭ ބައަކަށްވުރެވެސް ނުބައެވެ. ނަމަވެސް ތިއަ ދެދަރިން މިވީ އަހަރެންނަށް ލިބުނު ޖަވާހިރެއްފަދަ ދެ ދަރިންނަށެވެ. ދައްތަ އަބަދުވެސް ތިއަ ދެދަރިންނަށްޓަކާ ހެޔޮދުޢާކުރާނަމެވެ."
އަޅުގަނޑު އެގޭގައި ދައްތަގެ ޚިދުމަތުގައި އުޅޭތާ 22 އަހަރުފަހުން ދައްތަ ވަރަށް ބޮޑަށް ބަލިވިއެވެ. ދައްތައަށް އެއީ އޭނާގެ މަރުބަލިކަން ވިސްނޭތީ ކަމަށްވެސް ވެދާނެއެވެ. ބަލީގެ ވަރަށް ކުރީކޮޅު ބުންޏެވެ. "އަހަރެންގެ ދަރިން ކިތަންމެ ވަރަކަށް އެދުނަސް އަހަރެންގެ އަލަމާރީގެ ތަޅުދަނޑި ދަރިންގެ އަތަށް ނުދޭށެވެ. ދައްތަ މަރުވީމާ ވަތްގަނޑު ހުޅުވާށެވެ. ދެން ކަންތައް ކުރަންވީ ގޮތް ވަތްގަނޑުގައި އޮތް ހުދު ސިޓީއުރައިން އެނގޭނެއެވެ."
ދައްތަ ނިޔާވީ 2 އަހަރެއްހައި ދުވަހު ވަރަށް ބަލިޙާލުގައި އުޅެފައެވެ. ދަރިއަކު އެންމެ ކުޑަމިނުން ދޮރުމައްޗަށް އަރައި ގޮވާވެސް ނުލައެވެ. މަރުވުމުން ޖަނާޒާގެ ކަންކަން ނިމިގެން ގެއަށް އައިސް ވަދެވުުތަނާ ދެދަރިން އައިސް މަންމަގެ އަލަމާރީގެ ތަޅުދަނޑި ދޭން ބުނެފިއެވެ. އަދި ވަގުތުން ގެއިން ނުކުންނަންވެސް އެންގިއެވެ.
ތަޅުދަނޑި އަޅުގަނޑު ދިނީ އަޅުގަނޑުގެ ފިރިމީހާގެ އަތަށެވެ. ނަމަވެސް ފިރިމީހާ ބުނީ ދައްތަގެ ވަޞިއްޔަތަށް ޢަމަލުކުރުމަށެވެ. އެހެން ބުނުމުން 4 މީހުން އެކުގައި ގޮސް އަލަމާރި ހުޅުވައި ވަތްގަނޑުހުޅުވައި އޭގައި އޮތް ހުދު ސިޓީއުރަ ނެގީމެވެ. އެއިގައި ހުރި ލިޔުންތަކުން އެނގުނީ ގެއާއި ގޯތީގެ އެއްބައި ދެ ދަރިންނަށް އަދި އަނެއްބައި އަޅުގަނޑަށް ދީފައިވާކަމެވެ.
ދެބެން އެކަން ކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް މަންމަ އެކަން ނިންމާފައިއޮތީ ކޯޓުންް ކަމަށްވާތީ އެއްވެސް ބަދަލެއް ނުގެނެވުނެވެ. އެއްބައި އަޅުގަނޑަށް ލިބުން ނޫން ގޮތެއް ނުހެދުނެވެ.
އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅުން ދެކަމެއް ފާހަގަކުރަން ބޭނުމެވެ. ފުރަތަމަ ކަމަކީ ދަރިން އެކަނިވެރި ޙާލުގައި ބަލައި ބޮޑުކުރާ މައިންނަށް އަނިޔާވެރިވުމުން މައިންގެ ހިތަށް ކުރާ އަސަރެވެ. ކައިރީގައި ބައިންދައިގެން ދައްތަ ކަރުނަ ނުއަޅާ އެންމެ ދުވަހެއްވެސް ނުދެއެވެ. ދައްތަ އެހައި ބޮޑަށް ބަލިވީވެސް އެކަންކަމުގެ ސަބަބުން ކަމަށް ބުނެވިދާނެއެވެ.
ދެވަނަ ކަމަކީ ދުރުހިލޭ މީހަކު ނަމަވެސް ތިމާއާއިމެދު ރަނގަޅަށް ކަންކަން ކުރާނަމަ އެމީހަކަށް ހެޔޮކޮށް ކަންކަންކުރުމުގެ މުހިންމުކަމެވެ. މައިކުލަނު އުފައްދަންޖެހޭ ޙާލަތުގައި އުފައްދައި ޢަމަލުކުރުމުން ކޮންމެ ފަހަރަކު މިބިމުން (ދުނިޔެއިން) ގޯއްޗެއް ނުލިބިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ﷲ ދެއްވަވާ ގޯތި މާފުރިހަމަވާނެކަން ޤަބޫލުކުރާށެވެ!
އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެދެބެއިންނަށް ލިބުނު ބައި މޯގޭޖްކޮށްފައި ލޯނު ނަގައިގެން ވިޔަފާރިއެއް ފެށިއެވެ. އެވިޔަފާރިވީ ބަނގުރޫޓެވެ. އެންމެފަހުން ޖެހުނީ ގޯތި ވިއްކައިލާށެވެ! ދެބެއިންނަށް ޖެހުނީ ގެއިން ނުކުންނާށެވެ. އެކަމަށް އަޅުގަނޑު އުފާކުރަނީއެއް ނޫނެވެ. ނަމަވެސް އަޅުގަނޑަށް ވިސްނޭގޮތުން އެހެން އެކަންތައް މެދުވެރިވި ސަބަބަކީ މައިމީހާއާއިމެދު އެމީހުން ކަންތައްކުރި ގޮތުގެ ޝަޒާއެވެ.
- ފަރިޔާލް / މިއަދުނޫހުގެ ކިޔުންތެރިއެއް