އަޅުގަނޑުގެ ފިރިމީހާއަކީ ވިޔަފާރިކުރި މީހެކެވެ. އެއިރު ހުރީ ދަރަނީގެ މައްސަލައެއްގައި ބަންދުގައެވެ. ލޯނު ނުދެއްކިގެން ގެ ނީލަންކިޔަން ތައްޔާރުވަނީއެވެ. ގެއަކީ އަލުގަނޑުގެ ގެއެވެ. ގެ ގެއްލި، ދެދަރިންނާއިއެކު މަގުމަތިވެދާނެކަމުގެ ބިރު އުފެދުމުން ހަދާނެ އެއްވެސް ގޮތެއް ނެތިގެން ކިޔަވަން އުޅުނު ދުވަސްވަރުގެ އެކުވެރިއަކަށް ގުޅީމެވެ. އޭނާއަކީ ތަނަވަސް މީހެކެވެ. ފިރިމީހާއަށް ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްކޮށްދިނުމުގެ ތަނަވަސްކަން އެނާގެ ކިބައިގައި ހުއްޓެވެ.
ދެ ދުވަހަކު ގުޅިފަހުން ބައްދަލުކުރަން އެޕޮއިންޓްމަންޓެއް ދިނުމުން ބައްދަލުކުރީމެވެ. ޙާލަތު ބަޔާންކޮށްދީ ސަލާންޖެހީމެވެ. ސަލާމަތްކޮށްދީފާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް ޝަރުޠަކަށް ހުށަހެޅީ އޭނާ އެދޭކަންކަން ކުރަން އަޅުގަނޑު އެއްބަސްވުމެވެ. ބުނީ ކުރިންސުރެ އޭނާއަށް އަޅުގަނޑު ވަރަށް ރީތިކަމަށެވެ. އޭނާ ހުށަހެޅީ ދަރަނި އަދާކުރަންޖެހޭނެ ކަމަށާއި އޭނާ ބޭނުންވާ ކަންކަންވެސް ކޮށްދޭންޖެހޭނެ ކަމަށެވެ.
ލިބިފައިވާ ނިކަމެތިކަމާއިއެކުގައިވެސް އަޅުގަނޑު ވަގުތުން އެކަމަށް ދެކޮޅުހެދީމެވެ. އަދި ބޭނުންވަނީ ދަރަންޏެއް ކަމަށާއި އެދަރަނި އަދާކުރާނެ ގޮތްވެސް ކިޔައިދިނީމެވެ. ހުރިހާ ވާހަކަތަކެއް ދެއްކުމުންވެސް އޭނާ އެހެން ގޮތެއް ޤަބޫލުނުކުރުމުން ﷲ އަށް ވަކީލްކޮށްފައި ނުކުމެގެން އައީއެވެ.
ފިރިމީހާއަށް އެޙާލަތު މެދުވެރިވީ އޭނާގެ އެކުވެރިއަކަށް އިތުބާރުކުރީތީއެވެ. ގެ މޯގޭޖްކޮށްފައި ނެގި ލޯނުގެ އެއްބައި އެކުވެރިއަކު ވިޔަފާރިކުރަން ދިނީތީއެވެ. ކޮންމެއަކަސް ވީކަމެއް އޮތީ ވެނިމިފައެވެ. އޮތީ ޙައްލަކަށް މަސައްކަތްކުރުމެވެ.
ދެމަފިރިން އެކުގައިދަމުނަމާދުކޮށް ދުޢާކުރަމުން ގެންދިއައިމެވެ. އެކަމުގެ ނަތީޖާވެސް ފެނުނެވެ. ފިރިމީހާ ފައިސާދިން އެކުވެރިޔާ ކޮންމެވެސް ގޮތަކުން ފައިސާ ހޯދާފައި ފިރިމީހާއަށް ދިނެވެ. އެފައިސާ ބޭންކަށް ދެއްކުމުން ފިރިމީހާގެ ދަރަނިން ބޮޑުބައެއް ފިލައި ކުރިމަތިވެފައިވާ އެޙާލަތުން ސަލާމަތްވިއެވެ. ފިރިމީހާ މިނިވަންވެ ކުރި މަސައްކަތުން 2 އަހަރެއްހައި ދުވަހުގެ ތެރޭގައި ހުރިހާ ދަރަނިތަކުން ސަލާމަތްވެވި ތަނަވަސް މީހަކަށްވިއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ހިއްޞާކޮށްމިލީ ފައިސާގެ ދަތިކަން ކުރިމަތިވުމުން އެކަމުން އަރައިގަންނަން ﷲ ޙަރާމް ކުރެއްވެވި ކަންކަންކޮށްގެން ފައިސާ ހޯދުން ގިނަވާތީއެވެ. އެއްވެސް ބިރެއް ނެތި ޙަރާމް ގޮތުގައި ފައިސާ ހޯދާ މީހުން ގިނަވާތީއެވެ. އެފަދަ ގޮތަކުން ފައިސާ ހޯދި އަޅުގަނޑުގެ އެކުވެރިއަކު އެކަމުގެ ހިތާމައިގާ އުޅޭތާ މިހާރު 3 އަހަރުވަނީއެވެ. އޭނާއާއި އިހަށްދުވަހު ބަދަލުވިއެވެ. ކުރިއަސަރު ބޮޑުކަމުން މިވާހަކަ ހިއްޞާކޮށްލަން ބޭނުންވީއެވެ.
އަލުގަނޑު ބުނަން އޮތީ ކިތަންމެ ބޮޑު ދަތިކަމެއް ކުރިމަތިވި ނަމަވެސް ﷲ އަށް ވަކީލްކޮށް ރަނގަޅު ގޮތުގައި ސާބިތުވެއްޖެނަމަ ދަތިކަމުން ސަލާމަތްކުރައްވަވާނެތެވެ. އެކަން އަޅުގަނޑަށް މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާކުރެވިފައެވެ.
- ނިޢްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް