ޙަޤީޤީ ޙާދިސާ: މަންމަގެ ފުރާނަ ސަލާމަތްކުރެވޭތޯ ފައިސާހޯދަން ދުނިޔޭގެ ލަދަށް ނުބަލައި މަސައްކަތްކުރި އަންހެނަކަށް ދެއްވެވި ބޮޑުތަނަވަސްކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
ޙަޤީޤީ ޙާދިސާ: މަންމަގެ ފުރާނަ ސަލާމަތްކުރެވޭތޯ ފައިސާހޯދަން ދުނިޔޭގެ ލަދަށް ނުބަލައި މަސައްކަތްކުރި އަންހެނަކަށް ދެއްވެވި ބޮޑުތަނަވަސްކަމުގެ ވާހަކަ-

އަޅުގަނޑު ހަނދާންހުންނަން ފެށިއިރުވެސް ބައްޕަވަނީ ނިޔާވެފައެވެ. ގެންގުޅުނީ މަންމަ އެކަންޏެވެ. އަޅުގަނޑު ބަލަހައްޓައި ލޯބިދޭން ބޭނުންވިވަރު ބޮޑުކަމުން މަންމަ ދެވަނަ ކައިވެންޏެއްވެސް ނުކުރެއެވެ. 

ކޮންމެ އަކަސް އަޅުގަނޑު ބޮޑުވެ ވަޒީފާއަދާކުރަންފެށިތަނާ މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ސިކުނޑީގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަންޖެހި އެކަމަށް ވަރަށް ގިނަ ފައިސާ ބޭނުންވާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. އަޅުގަނޑުމެންގެ އަތުގައި އެއަދަދާއި ގާތްކުރާ ވަރަކަށްވެސް ފައިސާއެއް ނެތެވެ. އެހެންވެ ޑަބަލްޑިޔުޓީ ނަގައިގެން މަސައްކަތްކުރި ނަމަވެސް އެހައިގިނަ އަދަދެއްގެ ފައިސާ ހޯދޭނެ އެއްވެސް ގޮތެއް ނެތުމުން އެކުވެރިންގެ އެހީތެރިކަމަށް އެދި ފޭސްބުކްގައި ހުރިހާ އެކުވެރިންނަށް ޝެއާކޮށްލީމެވެ. 

2 ދުވަހެއް ނުވަނީސް ފްރެންޑުންގެ ތެރެއިން ވަރަށް މުސްކުޅި ފިރިހެނަކު އަޅުގަނޑާއި ބައްދަލުކުރަން ދައުވަތު ދިނުމުން އޭނާއާއި ބައްދަލުކުރީމެވެ. އެއީ ކުރިން ވާހަކަދައްކައި އުޅުނު މީހެއް ނޫނެވެ. އަދި ކާކުކަން ކުރިން އެނގޭ މީހެއްވެސް ނޫނެވެ. 

އޭނާއަކީ މިލިއަނަރުން ފަދަ ތަނަވަސް މީހެކެވެ. އޭނާ ބުނީ އޭނާއަކީ އަނބިމީހާ ނިޔާވެ، ދަރިއަކުވެސް ނެތުމުން އެކަނި ދިރިއުޅޭ މީހެއް ކަމަށެވެ. އަދި އޭނާއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ރޭގަނޑު ނުނިދޭކަމަށާއި ރޭގަނޑު އޭނާ ހޭލައި އިންނައިރު ވާހަކަ ދައްކަން މަޑުކޮށްލައިދޭނަމަ މަންމަގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ އާއި ވަރަށް ރަނގަޅު މުސާރައެއް ދޭނެ ކަމަށެވެ. އެކަމަށް އަންނަ ކުދިންނަށް މައްސަލައަކަށްވަނީ ރޭގަނޑު "މަސައްކަތުގައި" އުޅެންޖެހުމުން މީހުން ދައްކާ ވާހަކަތަކަށް ކެތް ނުކުރެވިގެން ނާދެވުން ކަމަށެވެ. 

އަޅުގަނޑު އޭނާގެ ހުށަހެޅުން ޤަބޫލުކުރީމެވެ. އެގެއަށް ގޮސް ރޭގަނޑު އޭނާއާއިއެކު ހޭލައި އިންނަންފެށީމެވެ. މަންމަގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ދިނުމުން އޮޕަރޭޝަންވެސް ކުރީމެވެ. މަންމައަށް ޝިފާވެސް ލިބުނެވެ. އަދި ރަނގަޅު މުސާރައެއް ލިބޭތީ ތަނަވަސްކަމާއިއެކު ދިރިއުޅެންވެސް ފެށުނެވެ. ނަމަވެސް ކޮންމެ ރެއަކު ގެއިން ބޭރަށްދާތީ އަޅުގަނޑުކުރާ މަސައްކަތް ބަދުނާމުކޮށް އަވަށްޓެރިން މަންމަ ގާތުގައި ފާޑުފާޑުގެ ވާހަކަތައް ދައްކަން ފެށުމުން މަންމަގެ ހިތުގައި ޝައްކުތައް އުފެދުނެވެ.

ރޭގަނޑު ހޭލައި ހުރެފައި ދުވާލު އޮފީހަށް ނުދެވޭތީ އޮފީހުންވެސް އެއިރު ވަކިވެއްޖައީމެވެ. އެހިސާބުން އަޅުގަނޑަށް ޖެހުނީ މަންމަ ގޮވައިގެން ވަޒީފާއަށްދާށެވެ. އެހެންވެ އޭނާ ގާތުން ހުއްދަހޯދައިގެން އެއްރޭ މަންމަ އެގެއަށް ގެންދިއައިމެވެ. 

އަޅުގަނޑު އޭނާއަށް ކޮންމެ ރެއަކު ކޮށްދެނީ ކީއްކަން އޭނާ މަންމައަށް ކިޔައިދިނުމުން މަންމައަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އެރޭ އޭނާ މަންމައަށް ދައުވަތުދިނީ އަޅުގަނޑާއި މަންމަ އެގޭގައި އޭނާ ގާތުގައި ދިރިއުޅެން ފެށުމަށެވެ. އަދި އެއިރުން މަންމައަށްވެސް މުސާރަ ދޭނެކަމަށްވެސް ބުންޏެވެ. އަދި އެގޮތަށް ކަންތައް ކުރަން ބޭނުންވަނީ އަޅުގަނޑު އޭނާއަށް ވަރަށް ހެޔޮކޮށް ކަންކަންކޮށްދޭތީކަމަށްވެސް ބުންޏެވެ. 

މަންމަ އެގޭގައި އިންނަންފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެމީހުން ގުޅި ކައިވެނިވެސްކޮށްފިއެވެ. އަޅުގަނޑުގެ ބައްޕައަކު ކަމުގައި އޭނާވެއްޖެއެވެ. 

އަޅުގަނޑު މިވާހަކަ ދުނިޔެއަށް ހާމަކުރަން ބޭނުންވީ ނުބައި ގޮތްގޮތަށް އުޅޭ ބައަކު ދުނިޔޭގައި އުލުނު ނަމަވެސް އެންމެންނަކީ ނުބައި މީހުން ނޫންކަން ހާމަކުރުމަށެވެ. ހެޔޮލަފާ މީހުންވެސް އުޅޭކަން ހާމަކުރުމަށެވެ. 

ދެން ފާހަގަކޮށްލަން ބޭނުންވަނީ މީހުން އަޅުގަނޑުގެ ބޮލުގައި ބަދުނާމުތައް އަލުވާނެކަން އެނގިހުރެވެސް މަންމައަށްޓަކައި އަޅުގަނޑުވީ ޤުރްބާނީގެ ބަދަލު ﷲ ދެއްވެވި ގޮތެވެ. ބުނަން ބޭނުންވަނީ މީހުން އަލުވާނެ އިލްޒާމަށް ބިރުނުގަންނާށެވެ. އެމީހާ ހުރީ ރަނގަޅު ގޮތުގައިކަން ޔަޤީންކުރާށެވެ. އެއިރުން ރަނގަޅު ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ 

މިއަދު އަޅުގަނޑަކީ ކައިވެނިކޮށްގެން ހުރި އަންހެނަކީމެވެ. ފިރިމީހާ އާއިއެކުވެސް ދިރިއުޅެމުން މިދަނީ ހަމަ އެގޭގައެވެ. މަންމައާއި ދޮންބައްޕަގެ ގާތުގައެވެ. ހަޔާތުގެ ދުވަސްތައް ހޭދަކުރަމުން މިގެންދަނީ ވަރަށް އުފަލުގައެވެ. އިން ޝާ ﷲ 

މިހާރު ދޮންބައްޕަވަނީ އޭނާ ދުނިޔޭގައި ނެތް ދުވަހަކުން އޭނާގެ ތަނަވަސްކަން އަޅުގަނޑަށް ހިބަކޮށްދީފައެވެ. 

- ފާއިޒާ ފީރޯޒް / އިސްލާމް އާބާދު ، ޕާކިސްތާން 

(މިއީ ޙަޤީޤީ ޙާދިސާއެއްކަމަށް ޑޯން ނޫހުގައި ހާމަކޮށްފައިވާ ވާހަކައެކެވެ.) 

މިއަދު އޮންލައިން