ޙަޤީޤީ ޙާދިސާ: ދޮންދަރިންނަށް ސިހުރު ހައްދުވަން ދިއައިމަ އެހެން މީހަކު މަރަން ހަދާފަހުރި ސިހުރެއް އޮޅުމަކުން ދިނީމަ ކައިގެން މަރުވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 17ސ
ޙަޤީޤީ ޙާދިސާ: ދޮންދަރިންނަށް ސިހުރު ހައްދުވަން ދިއައިމަ އެހެން މީހަކު މަރަން ހަދާފަހުރި ސިހުރެއް އޮޅުމަކުން ދިނީމަ ކައިގެން މަރުވި އަންހެނެއްގެ ވާހަކަ-

އަޅުގަނޑުމެންގެ މަންމަ އާއި ބައްޕައަށް ލިބިފައިވަނީ އަޅުގަނޑާއި ކޮއްކޮއެވެ. ކޮއްކޮއަކީވެސް އަންހެން ކުއްޖެކެވެ. މަންމަ އާއި ބައްޕައަކީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމީހުންނެވެ. އަޅުގަނޑުމެން ދެކެވެސް ހަމައެހައިވަރަށް ލޯބިވެއެވެ. އެހެންކަމުން އެންމެންވެސް ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. 

އެގޮތަށް އުފަލުގައި ދިރިއުޅެމުންދަނިކޮށް ބަލިވެފައި މަދު ދުވަސްކޮޅެއްގެ ތެރޭގައި މަންމަ ނިޔާވެއްޖެއެވެ. މަންމަ ނިޔާވިއިރު އަޅުގަނޑުގެ އުމުރަކީ 12 އަހަރެވެ. ކޮއްކޮގެ އުމުރަކީ 8 އަހަރެވެ. 

މަންމަ ނިޔާވެ އަހަރެއްވީތަނާ ބައްޕަ ދެވަނަ ކައިވެންޏެއް ކޮށްފިއެވެ. ބައްޕަ ބުނީ ދޮންމަންމައަކު ގެއަށް ގެނައީ އަހަރެމެން ދެބެއިން ބަލަން ކަމަށެވެ. އެކަން އެގޮތަށް ހިނގީ ހަފްތާއަކަށެވެ. ދެން ދޮންމަންމަ ބަލަން ޖެހުނީ އަހަރެމެން ދެބެއިންނަށެވެ.

ގެއަށް ދޮންމަންމަ ގެނައިތާ އަހަރުފުރި ދެވަނަ އަހަރުތެރޭގައި ޑެންގޫ ޖެހިފައި ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ ނިޔާވުމުން ގޭތެރޭގެ ކަންކަން ކުރަނީ ދޮންމަންމަ އަށް ފެންނަ ގޮތަށެވެ. ގޭގައި ފިހާރައަކާއި ދެކޮޓަރި ކުއްޔަށްދީފައި ހުރެއެވެ. ކުއްޔަށް ލިބޭ ފައިސާވެސް ބޭނުންކުރަނީ ދޮންމަންމައެވެ. އަހަރެމެންނަށް އެއްވެސް ޚަރަދެއް ނުކުރެއެވެ. ހަމައެކަނި ކައްކާތަނުން ކާއެތިކޮޅު ކާންދޭ ކަމެވެ.  

އެވަރުން ވެސް އޭނާ ހިތްހަމައެއް ނުޖެހުނެވެ. އަޅުގަނޑުގެ އުމުރުން 18 އަހަރުވެސް ނުފުރެނީސް ގެއިން ނުކުމެގެންދާން ބުނަން ފަށައިފިއެވެ. ހީވަނީ ގޭގެ ވެރިއަކީ އޭނާހެންނެވެ. އެކަން ބޮޑުވެގެން އޭނާ ގާތު ބުނީމެވެ.  

"ކަލެއަކީ ބައްޕަ ނިޔާވިއިރު ކައިވެނިކޮށްގެން އިން އަންހެނާ ވީމާ ކަލޭ ކުރާ އެއްވެސް ކަމަކާ އަހަރެމެން ދެބެއިން ނުބެހެމެވެ. އެއީ ކޮންމެހެން ބެހެވެން ނެތިގެނެއް ނޫނެވެ. އަހަރެމެން ދެބެއިންނަށް ބެހެވޭނެއެވެ. މިއީ ބައްޕަގެ ގެއެއްވެސް ނޫނެވެ. މިއީ މަންމަގެގެއެވެ. ބައްޕައަކާއި ބެހޭވެސް ތަނެއް ނޫނެވެ. އެކަމަކުވެސް ކަލޭ މިގޭގައި އިންނަން ބޭނުންނަމަ ގޭގައި އިނދެވޭނެއެވެ. ނަމަވެސް މައިތިރިވެގެން އިންނާށެވެ. އަހަރެމެން ދެބެއިންގެ ކަންކަމާ ދެން ނުބެހޭށެވެ. ގެއިން ލިބޭ ކުލިވެސް ދެން ޙަވާލުވާނީ އަހަރެންނެވެ. ގެއަށް ޚަރަދުކުރާނީވެސް އަހަރެންނެވެ. މިބުނި ގޮތަށް ކަންކަން ޤަބޫލުކޮށްގެން ގޭގައި ނުއިނދެވޭނަމަ އަވަހަށް މިގެއިން ނުކުމެގެންދާށެވެ!"  

ދެން އެހިސާބުން ކުއްލިއަކަށް އެނާއަކީ މާހެޔޮއެދޭ މީހަކަށް ބަދަލުވެއްޖެއެވެ. ފާޑުފާޑުގެ އެއްޗެތި ބޭރުން ގެނެސް ކާންދޭންވެސް އުޅެނަ ފަށައިފިއެވެ. އެކަމަށް އަހަރެމެން ދެބެއިންވެސް ތިބީ ވިސްނައިގެންނެވެ. އޭނާ ބޭރުން ގެންނަ އެއްވެސް އެއްޗެއް ނުކަމެވެ.

އެއް ރެއެކެވެ. ކާން ހަދައި ނިމުނުތަނާ ބޭރުން އައީ ހައަކަވައް ދޮންކެޔޮ ހިފައިގެންނެވެ. އައިސް 3 މީހުންނަށް ބަހާލާފައި 3 މީހުންގެ ގާތުގައި 3 ވަތުތަށި ބަހައްޓައިފިއެވެ. އެވަގުތު ފޯނުކޯލެއް އައުމުން ކަންފަތުގައި ފޯނު ޖައްސައިގެން ހުރެ ދުރަށް ހިނގައްޖެއެވެ.

ލިބުނު ފުރުޞަތުގައި ކެޔޮވައްތައް ބަދަލުކޮށްލީމެވެ. އޭނާގެ ތަށީގައި ބޭއްވި ދެވައް ނަގައި އަހަރެމެން ދެބެއިންކުރެ ކޮންމެ މީހެއްގެ ތަށިން ވަކެއް އެތަށްޓަށް ލީމެވެ. ކައިނިމިގެން ބުންޏެވެ. "މަންމަ ދޭ މިވަރުގެ އެއްޗެއްވެސް ނުކާނެއެވެ. މާޅޮސްކެޔޮ ދޮންވީމާ މަންމައަށް ވަރަށް މީރެވެ."

އެކަހަލަ ވާހަކަތަކެއް ދައްކަމުން ދޮންމަންމަ ދެވައްކެޔޮ ކައިލީއެވެ. ފަހުން ކާނަމޭ ބުނެފައި އަހަރެމެންނަށް ދިން ވައްތައްލީ ފްރިޖަށެވެ.

އަނެއް ދުވަހު މެންދުރެއްހައިއިރު ބޭރަށް ހިންގާތީ ދޮންމަންމަ އުޅެން ފަށައިފިއެވެ. ލެވެމުންލެވެމުން ގޮސް އެކުގައިހުސްވެ އެންމެ ފަހުން ލޭލާން ފަށައިފިއެވެ. އެވަރުންވެސް ހޮސްޕިޓަލަށް ދާކަށް އެއްބަހެއް ނުވެއެވެ. ކުރަންވީ ކަންކަން އޮޅުންފިލުވަން އިރުއިރުކޮޅުން މީހަކަށް ގުޅައެވެ. އެމީހަކު ބުނާ ގޮތަކަށް ކަންކަން ކުރާ ވަރަކަށް ދިއައީ ޙާލުބޮޑުވަމުންނެވެ.  

އެރޭ ޢިޝާނަމާދުން ފޭބިތަނާ ދޮންމަންމަގެ ތިމާގެ ބައަކު އައިސް އޭނާ ގެންގޮސްފިއެވެ. އަނެއް ދުވަހު މެންދުރު ގުޅާފައި އެދުނީ ދެކެލަން ހޮސްޕިޓަލަށް ގޮސްދިނުމަށެވެ. އެހެންވެ ހަވީރު ދެ ބެއިން އެކުގައި ދިއައިމެވެ. އެއިރު ނޭވާލެވެނީ ހަމަ ކިރިޔާއެވެ. "ދެދަރިން ދޮންމަންމައަށް މާފުކުރާތި! ދެން މާގިނައިރަކު ދުނިޔެއަކު ނޯންނާނެ! ދުނިޔޭގެ އެދުން ބޮޑުވެ ވަރަށް ބޮޑު ކުށެއް ކުރެވިފަވެއްޖެ ދޮންމަންމައަށް! އެއީ ތިއަ ގެ ހޯދުމުގެ ދަހިވެތިކަމުގަ ތިއަ ދެބެއިންގެ ހިތް އަހަރެންގެ މައްޗަށް ލެންބުވޭތޯ ފަންޑިތައެއް ހެއްދުވީ. ފަންޑިތަ ހެދި މީހާއަށް އޮޅުމަކުން ދެވުނީ އެހެން މީހަކަށް ފަންޑިތަހަދާފައިހުރި އެއްޗެއް! އެކަން އޭނާއަށް ރަނގަޅެއްވެސް ނުކުރެވުނު! ކޮންމެއަކަސް ތިއަ ދެބެއިންގެ ނަޞީބު ރަނގަޅުކަމުން ތިއަ ދެބެން ކޮންމެވެސް ގޮތަކުން ސަލާމަތްވީ. އެކަމަށްޓަކާ ﷲ އަށް ޝުކުރުކުރާތި!... ވަރަށް ބޮޑަށް މާފަށް އެދެން.. ވަރަށް ހެޔޮދުޢާ ސަލާމް.." އެހިސާބުން އޭނާ ފަހުނޭވާ ލައިފިއެވެ.  

އޭނާއަށް މާފުކޮށްފައި ހެޔޮދުޢާކޮށްފައި އަހަރެމެން ދެބެއިން އެނބުރިގެއަށް އައީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތް ވާހަކައަކީ ދޮންމަންމަ އެދެއްކި ވާހަކައިން އަޅުގަނޑަށް ވިސްނޭ ގޮތެވެ. ފަހަރެއްގައި އޭނާ ސިހުރުވެރިޔާ ގާތަށް ދިއައީ އަހަރެމެން މަރަން ސިހުރެއް ހައްދުވަން ނޫން ކަމަށްވެސްވެދާނެއެވެ. އެއީ އަހަރެމެން ދެބެއިންނާއި މިހާރު އަޅައިލާނެ ތިމާގެ ބައަކު ނެތް ނަމަވެސް މަރުވާއިރަށް ތިމާގެވާނެ ވާރުތަވެރިންތައް ނުކުންނާނެތީއެވެ. އެމީހުން ގެއަށް ވެރިވެގަންނާނެތީއެވެ.  

ދޮންމަންމައަށް އެލަނޑު އެލިބުނީ އަހަރެމެންގެ ހިތް އޭނާގެ މައްޗަށް ލެނބުވުމުގެ ބޭނުމުގައި ނަމަވެސް އަދި އެހެން ބޭނުމަކުވެސް ސިހުރުވެރިއެއްގެ ގާތަށް ދިއައިމަ ނޫންހެއްޔެވެ؟ ބައްޕަ އާއި ކައިވެނިކޮށްގެން ގެއަށް އައުދެވުމުން މަންމައެއްގެ ލޯބިދީގެން އަހަރެމެން ދެބެއިން ގެންގުޅުނު ނަމަ އަހަރެމެންގެ ހިތް ލަންބުވަން ހަދަންޖެހޭނީ ކޮންފަންޑިތައެއްތޯއެވެ؟ އަދި ބައްޕަ މަރުވުމުންވެސް އަހަރެމެންނަށް އަނިޔާވެރިނުވެ ހެޔޮކޮށްހިތިނަމަ މަންމައެއްގެ ގޮތުގައި އުމުރަށް ގޭގައި އިނދެވޭނެ ނޫންތޯއެވެ؟  

ދެން ދަންނަވާލަން އޮތީ އަޅުގަނޑުމެން ދެބެއިން ބޮޑެތިވެ މިއަދު މިތިބީ ކައިވެނިކޮށްގެންނެވެ. ދެބެން ވެސް މިއުޅެނީ ހަމަ އުޚުތުންގެ ގޮތުގައި އެއް ގެއެއްގައެވެ. ދެބެއިންގެ ދަރިން ބެލުމުގައި ވަކި މީހެއްގެ ދަރިއެއްތޯއެއް ނުބަލަމެވެ. އެގޮތަށް އެކުވެރިކަމުގަ އުޅެވޭތީ ދިރިއުޅެމުން މިދަނީ ހަމަ އުޚުތުންގެ މެދުގައި އޮންނަން ޖެހޭ ގާތް ގުޅުންވެސް އޮވެގެންނެވެ. އިން ޝާ ﷲ  

އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެސިހުރުވެރިޔާ ނިޔާވީ ވަރަށް ބަލިޙާލުގައި ވަރަށް ގިނަ ދުވަހު އުޅެފައެވެ. ވީމާ އޭނާއަށް އެވަނީ އޭނާ ކޮށްއުޅުނު ނުބައި ކަންކަމުގެ ޖަޒާ ދުނިޔޭގައިވެސް ލިބިފައެވެ.  

އަޅުގަނޑު އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ މެސެޖެއް ދެވިއްޖެ ކަމަށެވެ.  

ނާޝިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

 

 

މިއަދު އޮންލައިން