އޭނާއަކީ ތަނަވަސް ވިޔަފާރިވެރިއެކެވެ. މޭގައި ރިއްސާތީ ހޮސްޕިޓަލަށް ދިއުމުން ބަލާފައި ޑޮކްޓަރުން ބުނީ އޭނާގެ ހިތަށް ދެވޭނެ ފަރުވާއެއް ނެތްވަރަށް ގެއްލުން ލިބިފައިވާކަމަށެވެ. ހިތް ބަދަލުކުރުން ނޫން ދެވަނަ އެއްވެސް ގޮތެއް ނެތްކަމަށެވެ.
ކަންދިމާވިގޮތުން އެއިގެ އަނެއް ދުވަހު އެކްސިޑެންޓެއްގައި މަރުވި ޒުވާނެއްގެ ހިތާއި ދިމާވުމުން ހިތްބަދަލުކުރީއެވެ. އޮޕަރޭޝަންވެސް ކާމިޔާބެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގެއަށްވެސް ދެވިއްޖެއެވެ.
އެއިގެ ކުޑަދުވަސްކޮޅެއްފަހުން ކޮންމެ ރެއަކުވެސް ބިރުވެރި ހުވަފެނެއް ފެންނަން ފަށައިފިއެވެ. ހުވަފެނުގައި ފެންނަނީ ރޯންއިންނަ މުސްކުޅި އަންހެނެކެވެ. 3،4 ރެއަކު ފެނިފައި ދެން ފެނުނު ރޭ ބުނީ ވަގުތު ކުޑަތަންވަނީ ކަމަށާއި އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެދޭކަމަށެވެ.
އަނެއްދުވަހު އޭނާ ހޮސްޕިޓަލަށް ގޮސް އޭނާއަށް ހިތް ލިބުނު ޒުވާނާގެ މައުލޫމާތު އޮޅުންފިލުވައިގެން އެގެއަށް ގޮސް ބެލްޖެހުމުން ނުކުތީ ޒުވާން އަންހެނަކާއި ފިރިހެނެކެވެ. އޭނާއަށް ހިތް ލިބުނު ޒުވާނާގެ މަންމަގެ ނަން ބުނެފައި މަންމައާއި ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން އެއްޗެތިގޮވާފައި ދޮރުލެއްޕީއެވެ.
ކުރެވޭނެ އިތުރުކަމެއް ނެތުމުން ދާން ހިނގައިގަތްތަނާ ބިއްލޫރިގަނޑެއްގައި އަތުން ޖަހާއަޑުއިވިގެން ބަލައިލިއިރު އަޑުއިވެނީ ގޭގެ ބޭސްމަންޓްގައި ހުރި ކޮޓަރިއަކުންނެވެ. އެހެންވެ ކޮންމެވެސް ގޯހެއް އެބަހިނގާކަމަށް ޝައްކުކުރެވިގެން އެތަނުގައި ހުރެގެން ފުލުހުންނަށް ގުޅިއެވެ.
ކަންކަންވެގެންއުޅޭގޮތުގެ ވާހަކަ ކިޔައިދިނުމުން ފުލުހުން އެގެއަށް ވަދެ އެތައް އިރެއްވަންދެން ގޭގައި އުޅެފައި ނުކުތީ ކުރިން ފެނުނު ދެމީހުންގެ އަތުގައި ބިޑިއަޅުވައިގެންނެވެ. އެއިރު ހުވަފެނުގައި ފެނުނު މުސްކުޅި އަންހެންމީހާ އެތަނުގައި ހުއްޓެވެ. ފުލުހުން ދިއުމުން އެ އަންހެންމީހާ އާއި ސުވާލުކުރުމުން ބުނީ އޭނާގެ ތިބެނީ ދެދަރިން ކަމަށެވެ. ފިރިހެންދަރިފުޅު އެކްސިޑެންޓްވެފައި ނިޔާވީ ކަމަށެވެ. އެދަރިފުޅު މަރުވުމުން އަންހެންދަރިފުޅުގެ ފިރިމީހާގެ ބާރުގައި ގޭގެ ބޭސްމަންޓް ކޮޓަރިއެއްގައި އޭނާ ބަންދުކޮށްގައި ބަހައްޓައިގެން މަސައްކަތްކުރަމުން ދިއައީ އޭނާ މަރާލަން ކަމަށެވެ. އަދި އެއީ އަވަހަށް ގެއާއި މުދަލުގެ މައްޗަށް ވެރިވެގަންނަން ބޭނުންވެގެން ކަމަށެވެ.
އަންހެންމީހާ ސުވާލުކުރީ އޭނާ ހޯދަން އެގެއަށް ދާން އެނގުނު ގޮތަކާއިބެހޭ ގޮތުންނެވެ. ޖަވާބުގައި ކިޔައިދިނީ ފެނުނު ހުވަފެންތަކެވެ. އަދި އޭނާގެ ހަށިގަނޑުގައިވަނީ އަންހެންމީހާގެ ދަރިފުޅުގެ ހިތްކަމަށެވެ. ހޮސްޕިޓަލަށް ގޮސް މައުލޫމާތު އޮޅުންފިލުވައިގެން ގެއަށް ދިއުމަށް ބުނެދިނީ ހިތް ކަމަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެހިތަކީ ހަމައެއަންހެންމީހާގެ ބަނޑުން އުފަންވެފައިވާ ހިތެކެވެ.
އެހިސާބުން އެތަނަވަސް މީހާ ނިންމީ އޭނާގެ މަންމައެއްގެ ގޮތުގައި އެއަންހެންމީހާ ބެލެހެއްޓުމަށެވެ. އެހެންވެ އޭނާގެ ކަންކަން ބަލަހައްޓައިދޭނެ ޚާދިމުންވެސް ގެއަށްލައި ގޭގެ ޚަރަދުތައް ބަލަހައްޓަން ފެށިއެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. ވާހަކައިން ލިބިދޭ ޢިބްރަތުގެ ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލަން ހަމަ ބޭނުންވީއެވެ. ޚާއްޞަކޮށް ފާހަގަކޮށްލަން ބޭނުންވަނީ އެއްވެސް މުޞީބާތަކުން މީހަކު ސަލާމަތްކުރައްވަވަން އިރާދަކުރައްވަވައިފިނަމަ ކަންކަން މެދުވެރިވާ ގޮތެވެ. އެ އަންހެންމީހާގެ ފުރާނަ ސަލާމަތްވި ސަބަބަކަށް މެދުވެރިވީ އޭނާގެ ދަރިފުޅު މަރުވިނަމަވެސް ހިތް ދުނިޔޭގައި ލެއްވެވިކަމެވެ. ކޮންފަދަ ބޮޑު ޢިބްރަތެއްތޯއެވެ؟
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް