ޖަޕާނުގެ ޕްރޮފެސަރ އޮކޫޑޯއަކީ ހަރުކަށި ގޮތްދޫނުކުރާ މިޒާޖުގެ މީހެކެވެ. އޭނާ އިސްލާމްދީނަށް ޝައުޤުވެރިވެ އޭނާގެ މުޅިޙަޔާތާއި ދިރިއުޅެމުން އައި ގޮތް ބަދަލުކޮށްލުމަށް މެދުވެރިވީ ކީރިތި ޤުރްއާނުގެ އެންމެ އާޔަތެކެވެ. އެއީ އަލް ޙިޖްރު ސޫރަތުގެ 26 ވަނަ އާޔަތެވެ.
"ތަޣައްޔަރު ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ."
ޕްރޮފެސަރ އޮކޫޑޯ ބުނާގޮތުން ކޮންމެ އިންސާނެއްގެ އުފެދުމުގެ އަޞްލަކީ މިއީކަމަށްވާއިރު ހަރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަން އިންސާނުންގެ ކިބައިގައި ހުރެގެން ނުވާނެއެވެ. އެހެންވެ އޭނާއަމިއްލައަށް ހިތްތިރިކޮށް އޭނާގެ ކިބައިގައި ހުރި އުނިސިފަތައް އިޞްލާޙްކުރީއެވެ. އޭނާގެކިބައިން މިފަދަ ބޮޑު ބަދަލެއް ފެނުމުން އޭނާގެ ދަރިވަރުން ޙައިރާންވިއެވެ.
ޕްރޮފެސަރ އޮކޫޑޯ ދީންތައް ދިރާސާކުރިއެވެ. ކުރިދިރާސާތަކުން އެނގުނީ އިންސާނުން ދިރިއުޅެންވީ ގޮތް ފެންނަން އޮތީ ޤުރްއާނުން ކަމެވެ. ޕްރޮފެސަރ އޮކޫޑޯ އިސްލާމްވުމަށްފަހުގައިވެސް އެކަން އިއުލާނުނުކޮށް މަޑުކުރިއެވެ. އެކަން އިޢްލާންކުރަން ހިތްވަރު ލިބިގެންދިއައީ ދިރާސާކުރުމުގެ މަސައްކަތެއްގައި މިސްކިތެއްގައި އުޅެނިކޮށް ބަންގިގޮވާއަޑު އިވުމެވެ.
މިއަދު ޕްރޮފެސަރ އޮކޫޑޯ އަކީ ހަމައެކަނި ދީނުގެ ވާހަކަދައްކާ މީހެއް ނޫނެވެ. ޖަޕާނުގައި އިސްލާމްދީން ފެތުރުމަށް ގަދައަޅައި މަސައްކަތްކުރާ މުޖާހިދެކެވެ. އެމަސައްކަތުގައި މީސްތަކުންގެ ކުރިމައްޗަށް ނެރެ އޭނާ ދައްކައިދެނީ އޭނާގެ ރިވެތި އަޚްލާޤެވެ. އިސްލާމް ދީނުގައި ހުރި މަތިވެރި އުޞޫލުތަކެވެ.
މުސްލިމުންގެ ގިނަބައަކު ކީރިތި ޤުރްއާނުގެ މާނަކިޔައެވެ. އެހެންކަމާއިއެކުވެސް އުފެދޭ ބޮޑުސުވާލަކީ އާޔަތްތަކުގެ މާނައެނގުމުން އަސަރުކޮށް ދިރިއުޅުމުގެ ކަންކަން ޤުރްއާނުގައިވާ ފަދައިން ބަދަލުކުރަން މަސައްކަތްނުކޮށް ޖާހިލުކަންމަތީގައި ތިބެނީ ކީއްވެގެންހެއްޔެވެ؟
ގުޅުންހުރި ވީޑިއޯ: