އަހަރެންނަކީވެސް ތަނަވަސް ޢާއިލާއެއްގެ ދަރިއަކީމެވެ. އަހަރެން ކައިވެނިކުރީވެސް ތަނަވަސް މީހަކާއެވެ. އެތައް ބައިވަރު މުވައްޒިފުން ގެންގުޅޭ ވިޔަފާރިވެރިއަކާއެވެ. ކައިވެނިކުރީ އަހަރެން އޭނާގެ ފަހަތުން ދުވެ އާދޭސްކޮށްގެނެއް ނޫނެވެ. އޭނާއަށް އަހަރެން ކަމުގޮސްގެން އޭނާގެ އެދުމަށެވެ. އެއިރު އޭނާ އަހަރެންނާއި ކައިވެނިކޮށް އެކުގައި ދިރިއުޅެން ބޭނުންވެފައިހުރިވަރުން ކައިވެނީގެ އެއްބަސްވުން ލިޔުނުއިރު އޭނާ ބޭނުންވެގެން ލިޔެފައިވެއެވެ. "އެކަކު ޚިޔާނާތްތެރިވެގެން ކައިވެނި ރޫޅާލަން ޖެހިއްޖެނަމަ ޚިޔާނާތްތެރިވިމީހާ ބަނގުރޫޓުވާނެއެވެ. ދެމީހުންގެ އަތުގައި ހުރި ހުރިހާ މުއްސަނދިކަމެއް ޚިޔާނާތްތެރި ނުވާމީހާއަށް ލިބޭނެއެވެ."
ކައިވެނީގައި ދުވަސްތައް ފާއިތުވަމުން ގޮސް 8 އަހަރުފުރުނުއިރު 3 ދަރިން ވަނީ ލިބިފައެވެ. އެއިރު ކައިވެނީގެ އެއްބަސްވުންމަތިން ފިރިމީހާ ހަނދާންހުރިހެނެއް ހިއެއް ނުވެއެވެ. ފިރިމީހާ ޚިޔާނާތްތެރިވުންވަނީ އިންތިހާއަށް ގޮސްފައެވެ. އޮފީހުގައި ގެންގުޅޭ މުވައްޒިފުންނާއި ގުޅުންހިންގައެވެ. ފައިސާ ޚަރަދުކޮށްފައި ހިލޭ އަންހެނުން ގާތަށްދެއެވެ. އެވަރުން ނުފުދިގެން ގޭގައި ކުދިން ބަލަން ގެންގުޅޭ ނޯކަރާއިއެކުގައިވެސް ގުޅުން ހިންގައެވެ. މިހުރިހާ ކަންކަން އެނގޭއިރުވެސް އަނގައިން ނުބުނެ ކެތްތެރިވެގެން ހުރީ އެކަންކަން ކޯޓަށް ސާބިތުކުރެވޭވަރުގެ ހެކި ނުލިބޭތީއެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނޯކަރާ ގުޅުންހިނަގާ ވީޑިއޯއެއް ހޯދީމެވެ. އޮފީހުގައި ގެންގުޅޭ މުވައްޒިފަކަށް ފައިސާދީގެން އޮފީހުގައި ކުރާކަންކަމުގެ ވީޑިއޯ ހޯދީމެވެ. އޭނާގެ ޢަމަލުތައް ސާބިތުކޮށްދެވޭވަރަށް ހެކިލިބުމުން ވަރިވާން ކޯޓަށް ހުށަހެޅީމެވެ. ކައިވެނީގެ އެއްބަސްވުމާއި އަދި ފިރިމީހާ ޚިޔާނާތްތެރިވިކަމުގެ ހެކިތަކާއިއެކުގައެވެ.
ކޯޓަށް މައްސަލަ ހުށަހެޅިކަން އެނގުމުން، މައްސަލަ ނިމޭއިރު އޭނާގެ ތަނަވަސްކަން ގެއްލޭނެކަން އެނގޭތީ އެހިސާބުން އޭނާ މަސައްކަތްފެށީ އަހަރެން މަރާލުމަށެވެ. އަހަރެންހުރީ އެކަމަށް ތައްޔާރުވެ ފުލުހުންގެ އެހީތެރިކަން ކުރިއާލައި ހޯދައިގެންނެވެ.
ގެއިން ނުކުމެގެން މަންމަމެންގެ ގާތަށް ދިއައިމެވެ. އަހަރެންގެ އެދުމަށް ފުލުހުން ދިއައީ އަހަރެންގެ ކަންކަމަށް ފާރަލަމުންނެވެ. ޝަރީޢަތް ނިމެންދެން އެއްވެސް މީހަކާ ބައްދަލުވެސް ނުކޮށް ގޭގައި މަޑުކޮށްލީއެވެ. ޝަރީޢަތް ނިމުނީ އަހަރެންގެ ކޮޅަށެވެ. ކައިވެނީގެ އެއްބަސްވުމުގައިވާ ފަދައިން ފިރިމިހާގެ ހުރިހާ ތަނަވަސްކަމެއް އަހަރެންނަށް ލިބުނީއެވެ.
ފިރިމީހާ ރޮމުން ސަލާންޖަހަމުން ގޭދޮށަށް އައިސް ދޮރުކައިރީގައި 2،3 ދުވަސްވަންދެން ހުއްޓެވެ. އަބަދު ފޯނުކުރަނީއެވެ. އެކަމަކު ފޯނެއްވެސް ނުނަގަމެވެ. ގޭ ދޮރުވެސް ނުހުޅުވައި ގޭގެ އެންމެން ގޭގައި ބަންދުވެގެން ތިބީއެވެ. ސެކިޔުރިޓީ ކެމެރާ ހުރުމާ ފުލުހުން އަހަރެންގެ ސެކިޔުރިޓީ ބަލަހައްޓާކަން އެނގޭތީ ދޮރުގަ ތެޅުން ފަދަ ކަންކަން ކުރާކަށް ނުކެރުނެވެ.
އަވަސް އަވަހަށް ހުރިހާ ވިޔަފާރިއެއް ވިއްކައިލީމެވެ. ފައިސާ އެކައުންޓަށް ޖަމާވުމުން ދަރިންކޮޅު ގޮވައިގެން އެހެން ސްޓޭޓަކަށް ބަދަލުވެ ތަނަވަސްކަމުގައި ދިރިއުޅެން ފެށީއެވެ. ރަނގަޅު ހައިބަތުހުރި ފިރިހެނަކު ހޯދައިގެން ކައިވެނިކޮށް އުފަލުގައި މިދަނީ ދިރިއުޅެމުންނެވެ. އިން ޝާ ﷲ
އަހަރެން ކަންކަން ކުރިގޮތް ކަމުދާބައަކުވެސް އުޅޭނެއެވެ. ކަމުނުދާ ބައަކުވެސް އުޅޭނެއެވެ. އެއީ އަހަރެން ކަންބޮޑުވާ ކަމެއް ނޫނެވެ. އަހަރެން ބޭނުންވީ ޚިޔާނާތްތެރިވި މީހާގެ ކިބައިން ބަދަލުހިފާށެވެ. އަހަރެން މިކުރީއެކަމެވެ. ދުނިޔޭގެ ހުރިހާ އަންހެނުންގެ ގާތުގައިވެސް ބުނަން އޮތީ ފިރިމީހާ ޚިޔާނާތްތެރިވާނަމަ ހިތްދަތިވާން ކެތްނުކޮށް އަވަހަށް ބަދަލުހިފުމަށެވެ.
- ޒައިނާ / ފައިސަލް އާބާދް ޕާކިސްތާން
(މިއީ ޑޯން ނޫހުގައި ޙަޤީޤީ ވާހަކައެއް ކަމަށް ލިޔެފައިވާ ވާހަކައެކެވެ.)