އަޅުގަނޑަކީ ތަނަވަސް އަންހެނަކު ކަމަކަށް ނުބުނާނަމެވެ. ނަމަވެސް ފަޤީރެއް ނޫނެވެ. ބައްޕަ ވަނީ ނިޔާވުމުގެ ކުރިން ގެއެއް އަޅައިދީފައެވެ. ގޭގެ އެއްބައި ކުއްޔަށް ދިގެން ފައިސާ ލިބެއެވެ. ވަޒީފާއަދާކުރާތަނުން ރަނގަޅު މުސާރައެއްވެސް ލިބެއެވެ.
ކައިވެނިކޮށްގެން 8 އަހަރުވީއިރު ލޯބިލޯބި 2 ދަރިން ތިއްބެވެ. 5 އަހަރުގެ ފިރިހެން ކުއްޖަކާއި 3 އަހަރުގެ އަނެން ކުއްޖެކެވެ. ދިރިއުޅެމުން ދިއައީ ހަމަޖެހިލައިގެން ވަރަށް އުފަލުގައެވެ.
ފަހަކަށް އައިސް ފިރިމީހާ ދޮށްޓެއް ގަނެގެން ވަރަށް ގިނައިން މަސްބާނަންދެއެވެ. ދަނީ ރޭގަނޑު 9 ޖަހާއެހައިކަންހާއިރުއެވެ. ގިނަ ރޭރޭ އެނބުރި އަންނާނީ ދަންވަރު 2 ޖަހާއެހައިކަންހާއިރުއެވެ. އަންނަމުން ކުޑަވަރެއްގެ 2،3 މަސްވެސް ގެންނާނެއެވެ. ފަހަކަށް އައިސް ގެންނަމަހުގައި ފިނިކަން ހުރެއެވެ. ސުވާލުކުރުމުން ބުނަނީ އެންމެންވެސް މަސްބާނާފައި އައިސްފޮށްޓަކަށް މަސްތައް ލަނީ ކަމަށެވެ.
މަސްބާނަން ދަނީ ކަމަށްބުނެފައި ދިއަ ރެއަކު ދެވުނީ ހަނދާންނެތި ގޭގައި ފޯނު ބާއްވާފައެވެ. ދިއަތާ ކުޑައިރުކޮޅެއްފަހުން ފުލުފުލުގައި މެސެޖްތައް އަންނަން ފަށައިފިއެވެ. "ކޮބާތަ؟ ހާދަ ލަސްވެއްޖެއޭ! އިންތިޒާރުގައޭ! ކެތްމަދުވެފައޭ!" ފަދަ މެސެޖްތަކެވެ. މަސްބާނަން މިދާ ދިއުމާއި އައިސްކަން ހުންނަ މަސް ގެންނަ ސަބަބު އެނގުނީއެވެ.
ވިސްނާލުމަށްފަހު ޖަވާބެއް ފޮނުވައިލީމެވެ. "ފިރިމީހާ ދިއައީ ދޮށިހިފައިގެން! އަދިވެސް ތޮޮށިގަނޑުމައްޗަކަށް ނުދޭތަ؟ މަސްބާނާކަށް ނުފަށާތަ؟"
މެސެޖްކުރިތާ 15 ވަރަކަށް މިނިޓްތެރޭގައި ފިރިމީހާ އެނބުރި ގެއަށް އަތުވެއްޖެއެވެ. ހުރީ ރުޅިއައިސް ރަތްވެފައެވެ. ކަންބޮޑުވެ ގައިން އޮއްދައު ހިއްލައިފައެވެ. ސުވާލުކޮށްލީމެވެ. "ހާދަ އަވަހަކަށް މިރޭ ތިއައައީ. އޮއިގަދަވީތަ؟ މަސްނުބޭނުނީތަ؟ ފިނިކުރި މަހެއްވެސް ދޮށީގަ ނުގަތީތަ؟"
ފިރިމީހާއަށް ވިސްނުނީ އެހިސާބުންނެވެ. މާނޭވާއެއްލާފައި ސްޓޯރީ ޖައްސަން ފެށުމުން ބުނީމެވެ. "ދޮށިން ފަހަރަކު އައުމަހެއް ބާނާ އުޞޫލުން ފަހަރަކު އަންހެނަކު ބާނަން އުޅުނަސް އެއީ މާގިނަ ދުވަހަކު ސިއްރުކުރެވޭނެ ކަމެއް ނޫނެވެ. ދޮށި ހިފައިގެން އަވަހަށް މަސްބާނަންދާށެވެ! މިގެއަށް އެނބުރި ނާންނަގޮތަށް ގެއިން ނުކުމެގެންދާށެވެ!"
މާފަށް އެދުނެވެ. އާދޭސްކުރިއެވެ. ނަމަވެސް އަޑުއިވުނު ކަމަކަށް ނުހަދަމެވެ. މަސްބާނަން ފޮނުވައިލީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިބާވަތަށް މަސްބާނާ ކެޔޮޅުން ވަރަށް ގިނަވެއްޖެއެވެ. އެންކޮޅު ބަދަލުކޮށްލާފަ ދޮށިއެއްލާއިރަށް ފަހަރަކު އައުމަހެއް ބުޅީގައި ގަތުމަކީ ކަނޑުގައި އެކަން އޮންނަ ގޮތެވެ. އަހަރެމެން އަންހެނުންނަކީ އެއުޞޫލުން ބޭނޭ ބައަކަށްވާނަމަ މަހުގެ ބުއްދިއާއި އަހަރެމެންގެ ބުއްދިއާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ވީމާ މަސްތަކަށްވުރެ ވިސްނުން ރަނގަޅުވާން އެބަޖެހެއެވެ.
- ލަޠީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް