ހިލޭ ފިރިހެނަކާއެކު އަމިއްލަ އަނބިމީހާ ދަންވަރު ހޮޓަލަކަށް ގެންދަން ޖެހުނު ޑްރައިވަރުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ހިލޭ ފިރިހެނަކާއެކު އަމިއްލަ އަނބިމީހާ ދަންވަރު ހޮޓަލަކަށް ގެންދަން ޖެހުނު ޑްރައިވަރުގެ ވާހަކަ-

އަހަރެންގެ އަނބިމީހާ ހިތްހަމަޖައްސައިދެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރީމެވެ. އަމިއްލަ ބޭނުންތައް ނުފުއްދައިވެސް އެނާ ބޭނުންވާހައި ކަންކަން ކޮށްދޭން ޚަރަދުކުރީމެވެ. 

ޗުއްޓީ ހޭދަކުރަންދާން ބޭނުންވެއެވެ. އެކަމަށް ބޭނުންވާ ފައިސާ އެއްކުރަމުންދާކަމަސް ބުނާއިރަށް އެދޭނީ އެންމެފަހުގެ ފޯނެއް ގަންނާށެވެ. ނޫނީ އެބާވަތުގެ ކޮންމެވެސް ކަމަކަށެވެ. ފައިސާ ޖަމާކުރެވޭނެ ގޮތެއް ނުވެއެވެ. ކޮންމެ ދުވަހެއްގެވެސް އިރުއޮއްސެނީ ޖީބު އެކުގައި ހުސްވެގެންނެވެ.  

އެވަރުންވެސް އޭނާގެ ހިތްފުރޭވަރަށް ކަންކަން ކޮށްދޭނެ ފައިސާ ނުލިބޭތީ ދުވާލު މަސައްކަތްކޮށްފައި އިތުރަށް ފައިސާހޯދަން ރޭގަނޑު ޓެކްސީދުއްވަން ފެށީމެވެ. 

އެއް ރެއެއްގެ މެންދަމެވެ. މަގުމަތިން ކާރަށްއެރި މީހަކު ބުނީ ފުރަތަމަ ދާނީ އޭނާގެ ލޯބިވެރިޔާ ނަގަން ކަމަށެވެ. ނަގައިގެންދާނީ ހޮޓަލަކަށް ކަމަށެވެ. ލޯބިވެރިޔާ ނަގަން ދާންބުނީ އަހަރެންގެ ގެއަށެވެ. ގެއަށްގޮސް މަޑުކޮށްލިތަނާ އަނބިމީހާ ނުކުމެ ކާރަށް އަރައިފިއެވެ. ދެމީހުން ބައްދައި ލޯބިކޮށްލައިފިއެވެ. ދެމީހުން ހަމައަކަށް އެޅުމުން ގެންގޮސްދޭންވީ ކޮން ހޮޓަލަކަށްތޯ ސުވާލުކުރީމެވެ. މިއެރުނީ އަހަރެން ދުއްވާ ޓެކްސީއަށްކަން އަނބިމީހާއަށް އެނގުނީ އެހިސާބުންނެވެ. "މިއީ ކަލޭގެ ކާރުތޯ" އަނބިމީހާ ސުވާލުކުރިއެވެ. ޑްރައިވަރުންގެ އަޚްލާޤް ހިފެހެއްޓުމުގެ ގޮތުން ޖަވާބެއް ނުދެމެވެ. ފިރިހެން މީހާ ބުނި ހޮޓަލަށް ދެމީހުން ގެންގޮސްދިނީމެވެ. އަނބިމިހާ ވަރިކޮށް ގެއިން ނެރެލީ އަނެއް ދުވަހު އެވެ. 

ގޭގައި އެކަނިވުމުން ހިތަށް އެރިއެވެ. ފާއިތުވި 5 އަހަރު ލިބުނުހައި ފައިސާ އަނބިމީހާއަށް ހޭދަނުކުރެވުނުނަމަ ހާދަރަނގަޅުވީހެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތްތާއެވެ! އެކަންވަނީ ކުރެވި ނިމިފައެވެ. ދެން އޮތީ އަލުން އައު ޙަޔާތެއް ހޯދަން މަސައްކަތްފެށުމެވެ. އެހެންވެ ލިބުނު ދެރައަށް ވިސްނައި މާޔޫސްވާން މަޑެއް ނުކުރަމެވެ. ކުރިންކުރިގޮތަކަށް ބުރަކޮށް މަސައްކަތްކުރަމުން ގެންދިއައިމެވެ. 

2 އަހަރެއްހައި ދުވަސްތެރޭގައި ފައިސާކޮޅެއް އެއްކުރެވުނެވެ. އަމިއްލައަށް ކުޑަވަރެއްގެ ވިޔަފާރިއެއް ފެށީމެވެ. ދެވަނަ ކައިވެނިވެސްކުރީމެވެ. އެނާވީ ވަރަށް ހިފެހެއްޓުންތެރި އަންތބަކަށެވެ. ގޭގެ މަސައްކަތްކުރަމުން އަހަރެންކުރާ މަސައްކަތަށްވެސް އެހީތެރިވެއެވެ. އެހެންކަމުން ކައިވެންޏަށް 5 އަހަރުވީއިރު އަހަރެމެންނަށްވަނީ މެދުމިނުގެ ތަނަވަސްކަމެއް ލިބިފައެވެ. 

އެއީ އަހަރެމެންގެ ކައިވެނީގެ އަހަރީ ރެއެވެ. ދަރިފުޅު ގޮވައިގެން ދެމީހުން ކާންދިއައީ އަގުބޮޑު ހޮޓަލަކަށެވެ. ޓެކްސީގައެއް ނޫނެވެ. އަގުބޮޑު އަމިއްލަ ކާރުގައެވެ. ކާރު މަޑުކޮށްފައި ފޭބިތަނުން ފެނުނީ އެތަން ކުނިކަހާ މަސައްކަތު އަންހެނެއްގެ ގޮތުގައި ކުރީގެ އަނބިމީހާ މަސައްކަތްކުރަން ހުއްޓައެވެ. އޭނާއަށްވެސް އަހަރެމެން ފެނުނެވެ. ނަމަވެސް ގާތަށް އަންނާކަށް ނުކެރުނެވެ. އިސްދަށަށް ޖަހައިގެން ހުރީއެވެ. 

ފަހުން އެނގުނު ގޮތުގައި އޭނާގެ ބޭނުންކޮށްލުމަށްފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ އޭނާ އެއްލާލައިފިއެވެ. އެހެންވެ އަމިއްލައަށް މަސައްކަތްކުރަން މަޖުބޫރުވީއެވެ.

ކިތަންމެ ބައިވަރެއް ހޭދަކުރިނަމަވެސް އެބާވަތުގެ އަނބިންގެ ހިތެއް ނުފުރޭނެއެވެ. އިތުރަށް ހޯދަން ލޯބިވެރިންވެސް ގެންގުޅޭނެއެވެ. ރަނގަޅު ތާހިރު ދިރިއުޅުން ކިޔާ ބަހެއް އެމީހުންގެ ރަދީފަކު ނުއޮންނާނެއެވެ. މައިތިރިވާނީ ރަނގަޅު ލަނޑެއް ލިބި ފިޔަ ބިނދުނީމައެވެ. 

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ އަޅުގަނޑުގެ ފުރަތަމަ އަނބިމީހާއަކީ ވެސް ހަމަ މިފަދަ އަންހެނަކަށްވީތީއެވެ. ކަންތައް މެދުވެރިވީވެސް ހަމަ މިފަދަ ގޮތަކަށެވެ. ލިބޭހައި ފައިސާއެއް ޚަރަދުކޮށް ކަންކަން ކޮށްދެމުން ދިއައިރުވެސް ހިތް ނުފުރިގެން އަބަދުވެސް އޮތީ މައްސަލަޖެހިފައެވެ. ވަރިކުރީ ޚިޔާނާތްތެރިވާތަން ލޮލަށް ފެނުމުންނެވެ. މިހާރު އަޑު އިވެނީ ޑިމާންޑެއް ނެތިގެން މާލޭގެ މަގުތަކުގައި އެނބުރޭ ވާހަކައެވެ.

 

- އަނީސް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން