ޙަޤީޤީ ޙާދިސާ: ދަރިފުޅަށް ތަނަވަސް ފިރިއަކު ލިބެން ތައްޔާރުވުމުން ކައިވެނިކުރެވެންދެންވެސް މަޑުކޮށްނުލައި ފައިސާ ހޯދަންފެށި މަންމައަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
ޙަޤީޤީ ޙާދިސާ: ދަރިފުޅަށް ތަނަވަސް ފިރިއަކު ލިބެން ތައްޔާރުވުމުން ކައިވެނިކުރެވެންދެންވެސް މަޑުކޮށްނުލައި ފައިސާ ހޯދަންފެށި މަންމައަށް ޖެހުނު ޙާލުގެ ވާހަކަ-

އަޅުގަނޑަށް 12 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. 3 އަހަރު އެކަނި ހުރެފައި ބައްޕަ ދޮންމަންމައަކު ގެއަށް ގެނައީ އަޅުގަނޑުގެ އުމުރުން 15 އަހަރުގައެވެ. އަޅުގަނޑާއި އެއް އުމުރުގެ އަންހެން ދަރިއަކުވެސް ގެއަށް ގެނައެވެ. 

ފެންނަ ފެނުމުގައި ދޮންމަންމައަކީ ނުބައި އަންހެނެއް ނޫނެވެ. ނަމަވެސް އަބަދުހެން ދައްކަނީ ތަނަވަސްކަމުގެ ވާހަކައެވެ. ބައްޕަގެ އަތްމަތިދަތިކަމުގެ ވާހަކައެވެ. އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އަތްމަތި ތަނަވަސްވެގެންކަމުގެ ވާހަކައެވެ. އެހެންވެ ދޮންމަންމައަކީ ތަނަވަސްކަމަށް ވަރަށް ދަހިވެތި އަންހެނަކުކަން އެނގުނެވެ. އެހެނަސް ދޮންމަންމަ ދައްކާ އެބާވަތުގެ އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދެމެވެ. 

ދުވަސްތައް ފާއިތުވަމުން ގޮސް އަޅުގަނޑުގެ އުމުރުން 23 އަހަރުގައި ގެއަށް ފިރިހެނަކު ގެނެސް ދައްކާފައި ބުނީ އޭނާ އާއި ކައިވެނިކުރަން ފެންނަ ކަމަށެވެ. އަދި ބައްޕަވެސް ރުހޭކަމަށެވެ. އޭނާއަކީ ތަނަވަސް މީހަކު ކަމަށްވެސް ބުންޏެވެ. 

ޖަވާބުގައި ބުނީމެވެ. "އޭނާއަކީ ރީތި އަދި ތަނަވަސްވެސް މީހެކެވެ. ބޮޑަށް ގުޅެނީ ދޮންމަންމަގެ ދަރިފުޅާއެވެ. އަޅުގަނޑު ކައިވެނިކުރާނީ އަދި ފަހުންނެވެ. ދޮންމަންމަގެ ދަރިފުޅު ކައިވެނިކޮށް އުފަލުގައި ދިރިއުޅެން ފެށީމައެވެ."

ޙަޤީޤަތުގައިވެސް އެއީ ހަމަ ރީތި ޒުވާނެކެވެ. އިންނަހިތްވެސް ވިއެވެ. ނަމަވެސް ތަނަވަސް މީހަކަށްވުމުން ދޮންމަންމަގެ ދަރިފުޅަށް ފުރުޞަތުދޫކޮށްލީ އެފަދަ ތަނަވަސް މީހަކު ދޮންމަންމަގެ ދަރިފުޅާއި ކައިވެނިކުރަން ނުލިބިއްޖެނަމަ އެކަން ބޮޑު ފިތުނައަކަށްވާނެތީއެވެ! އަދި އަޅުގަނޑަކީ ކޮންމެހެން އެހައި ތަނަވަސް ފިރިއަކަށް ބޭނުންވާ އަންހެނަކަށްނުވާތީއެވެ. 

ކޮންމެއަކަސް އެމީހާއަށް ދޮންމަންމަގެ ދަރިފުޅު ކަމުދިއައެވެ. ދެމީހުންގެ ކައިވެނިކުރަން ހަމަޖެހި ދިއައީ ތައްޔާރީތައްވަމުންނެވެ. އެމީހާ ދިއައީ ބަލައިލުމެއް ނެތި ބޮޑެތި ޚަރަދުތައް ކުރަމުންނެވެ.

ހުރިހާ ކަމެއް ހަމަޖެހި ކައިވެނީގެ ޙަފްލާއަށް ދައުވަތުކާޑުވެސް ބަހައިފިއެވެ. ކައިވެނިކުރަން ހަމަޖެއްސީވެސް ހަފްލާގައެވެ. ކައިވެނީގެ ކުރީ ދުވަހެވެ. ހަވީރު އޮފީސް ނިމިގެން ގެއަށް ދިއައިރު ދޮންމަންމަ އާއި އޭނާގެ ދަރިފުޅު އޮލަވާހަކައެއްގައި ތިއްބާ ފެނުނެވެ. އެހެންވެ އެތެރެއަށް ނުވަންނަންވެގެން ބޭރުގައި މަޑުކޮށްލީމެވެ. މަޑުކޮށްލިތަނާ ފެނުނީ ކައިވެނިކުރަން އުޅޭ މީހާ ވެސް ބޭރުގައި ފިލައި އަޑުއަހަންހުރިތަނެވެ. އެތަން ފެނުމުން ގަތް ބިރުން ބާރަށް ހިނގާފައި ގޮސް ގޭތެރެއަށް ވަދެގެން ގޮސް ކޮޓަރީގައި މަޑުކޮށްލީމެވެ. އެއީ ފަހަރެއްގައިވެސް އަހަރެމެން ދެމީހުން އެކުގައި ބޭރުގައި ތިބިކަން އެނގިއްޖެނަމަ ކޮންމެ ފަދަ ތުހުމަތެއްވެސް އަޅުވައިފާނެތީއެވެ. 

ގަޑިއެއްހާއިރު ކޮޓަރީގައި އުލެފައި ނުކުތްއިރު ކަންކަންވަނީ ބަދަލުވެފައެވެ. ދޮންމަންމަ ރާވަމުންދިއަ ރޭވުމާއި އޭނާގެ ދަހިވެތިކަން އެމީހާއަށް އަޑުއިވުމުން ކައިވެނި ނުކުރަން ނިންމައި ހުރިހާ ކަމެއް ކެންސަލްކުރީއެވެ. އެހެންވެ ދެމައިން ސޯފާގައި ތިބީ ފިނދަނަ ބިމަށް ތުންހަރައިގެން އިންނަ ގޮތަށެވެ. އެތަން ފެނުމުން އަނބުރައި ކޮޓަރިއަށް ވަނީމެވެ. 

އެރޭގެ ޢިޝާނަމާދުން ފޭބިތަނާ ބައްޕަ ގެއަށް އައީ އެމީހާ އާއިއެކުގައެވެ. ބައްޕަ އާއި އޭނާ އާއި އެތައްއިރެއްވަންދެން ވާހަކަދެއްކުމަށްފަހު އަޅުގަނޑަށް ގޮވައި ގެންދިއައެވެ. ބައްޕަ ބުނީ ދޮންމަންމަ ބުނާ ގޮތަށް ކަންކަން ކުރަން ހަދައިގެން އެމީހާގެ އަތުން ވަރަށް ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ނެގިފައިވާކަމަށާއި ބަދަލެއްގެ ގޮތުން އެމިހާއާއި ކައިވެނިކޮށްދިނުމަށެވެ.

އަޅުގަނޑު ވަގުތުން އިންކާރުކުރީމެވެ. ބުނީމެވެ. "ބައްޕަދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ. ނަމަވެސް ތިއަކަމެއް ތިއަ ގޮތަކަށް ނުކުރާނަމެވެ. އެއިރުން އަލުގަނޑުވާނީ އޭނާ ފައިސާދީފައި ގަތް އަޅަކަށެވެ. އަޅުގަނޑާއިމެދު ކަންކަން ކުރާނީ ކުރާނެ ގޮތަކަށެވެ. އަނެއްކާ ތިހާ ގިނަ ފައިސާ ހޯދައިގެން ބައްޕަކުރީ ކޮންކަމެއް ހެއްޔެވެ؟ ކުރިކަމެއްވެސް އޮންނަންޖެހޭނެ ނޫންހެއްޔެވެ؟ ފައިސާގެ ބޭނުން ބައްޕަކުރީ ކޮންކަމަކަށްކަން އެނގިއްޖެނަމަ ދަރަނި އަދާކުރާނަމެވެ. ދަރަނި އަދާކުރެވެންދެން މުސާރައެކުގައިވެސް ދީފާނަމެވެ. އެކަމަކު ޝަރުޠެއްގެ މަތިންނެވެ. ބައްޕަ ދޮންމަންމައާއި ވަކިވަންޖެހޭނެއެވެ. އެއީ ތިއަހާ ފައިސާއަށް ދަހިވެތި ދޮންމަންމައަކާއެކު މިގޭގައި ހަމަޖެހުން ނުއޮންނާނެތީއެވެ." 

ބައްޕައަށް ކަންކަން ވިސްނުނީ އެހިސާބުންނެވެ. ހޯދި ހުރިހާ ފައިސާއެއްވީވެސް ދޮންމަންމަގެ އަތުގައެވެ. ބައްޕަގެ އަތަކު އެންމެ ރުފިޔާއެއްވެސް ނެތެވެ. އެހިސާބުން އެމީހާ ގެއިން ނުކުމެގެން ހިނގައްޖެއެވެ. އިރުކޮޅަކުން އަޅުގަނޑަށް އެއްޗެތިގޮވަމުން ދޮންމަންމަ އާއި ދަރިފުޅުވެސް ގެއިން ނުކުމެގެން ހިނގައްޖެއެވެ. އަނެއްކާވެސް ބައްޕަ އާއި އަޅުގަނޑު އެކަނިވީއެވެ. 

އެމީހާވީ ވަރަށް ރަނގަޅު މީހަކަށެވެ. ބައްޕަ ނެގި ދަރަނި ބައްޕައަށް މާފުކުރިއެވެ. އެއީ ވިސްނާނުލައި އޭނާއަށްވެސް ހެދުނު ގޯހެއްކަން ޤަބޫލުކުރިއެވެ. 

އެއިގެ 2 އަހަރުފަހުން އެމީހާ އަޅުގަނޑުގެ ކައިވެންޏަށް އެދުމުން އެކަން އަޅުގަނޑު ޤަބޫލުކުރީމެވެ. އޭނާވީ އަޅުގަނޑަށް ވަރަށް ހެޔޮ ފިރިއަކަށެވެ. ކައިވެނީގައި މިހާރު 16 އަހަރުވީއެވެ. ބައްޕަގެ ގެ ވެސް ހަދައިދީ އަލުގަނޑުމެންނަސްވަނީ ދިރިއުޅުމެއް ހޯދައިދީފައެވެ. އަދި ބައްޕައާއިމެދުވެސް ކަންކަން ކުރަނީ އަމިއްލަ ބައްޕައަކާއިމެދު ކަންކަންކުރާނެ ގޮތަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ތަނަވަސްކަމަސް ދަހިވެތިވާ މީހުންނަށް ގިނަފަހަރު އޮންނާނީ ތަނަވަސްކަން ނުލިިފައެވެ. ސަބަބަކީ ފައިސާއަށާއި ތަނަވަސް ދިރިއުޅުމަކަށް ދަހިވެތިވުމަކީ ﷲ ރުހިވޮޑިގަންނަވާ ކަމަކަށް ނުވާތީއެވެ. ދަހިވެތި ނުވިނަމަވެސް އެކަލާނގެއަށް ތެދުވެރިވުމުން އިރާދަކުރެއްވެވި އަޅަކަށް ތަނަވަސްކަން ދެއްވަވާނެތެވެ. 

- ޝިބާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން