ނިތްކުރީގަ "މޮޔައެއް"ކަމަށް ޓަޓޫޖެހުމުން ނޫނީ މަންމަގެ ފުރާނަ ސަލާމަތްކުރަން ފައިސާލިބޭނެ ގޮތެއް ނެތިގެން އެކަންކުރި ދަރިފުޅަށް ލިބުނު ގިނަގުނަ ނިޢްމަތްތަކުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
ނިތްކުރީގަ "މޮޔައެއް"ކަމަށް ޓަޓޫޖެހުމުން ނޫނީ މަންމަގެ ފުރާނަ ސަލާމަތްކުރަން ފައިސާލިބޭނެ ގޮތެއް ނެތިގެން އެކަންކުރި ދަރިފުޅަށް ލިބުނު ގިނަގުނަ ނިޢްމަތްތަކުގެ ވާހަކަ-

އޭނާއަކީ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަގެވެސް ރައްޓެއްސެކެވެ. އެކުވެރިންގެވެސް ރައްޓެއްސެކެވެ. އަހަރެންގެވެސް އެކުވެރިއެކެވެ. އޭނާ އަހަރެންނާއި ކައިރިވާން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން އަބަދުވެސް ބުނަމުން އައީ އެކުވެރިއަކަށްވުރެ ކައިރިނުވާނެ ކަމަށެވެ. 

ދުވަސްތަކެއްފަހުން އަހަރެންގެ ކައިވެންޏަށް އެދުމުން ބުނީމެވެ. "އެކުވެރިޔާއެވެ. ތިއަވާހަކަ ނުދައްކާށެވެ. ކަލޭ ތިއަގޮތަށް ވާހަކަދައްކައިގެން ހައްދައި ބޭނުންކޮށްލީ ކިތައްކުދިންކަން ކަލެއަށްވެސް ނުއެނގޭނެއެވެ. ވީމާ ކަލޭގެ ޝިކާރައަކަށްވެ ދެމީހުންގެ އެކުވެރިކަން ވެސް ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ."  

އެކަމާހުރެ އޭނާ އަހަރެންދެކެ ވަރަށް ރުޅިއައެވެ. އަދި އޭނާގެ ގާތަށް ކަމަކު ދާންޖެހުނު ދުވަހަކުން ރަނގަޅު ލަގާއެއް ދޭނެކަމަށްވެސް ބުންޏެވެ. އެކަންވީވެސް އެހެންނެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަންމަގެ ސިކުނޑިއަށް މައްސަލައެއް ކުރިމަތިވެ ކޯމާއަށް ހިނގައްޖެއެވެ. ކުރަންޖެހޭ އޮޕަރޭޝަނަށް ވަރަށް ގިނަ އަދަދަކަށް ފައިސާ ބޭނުންވެއެވެ. ފައިސާ ހޯދަން ރައްޓެހިންނަށް ސަލާން ޖެހުމުންވެސް އެއްވެސް މީހަކު އެހީއެއް ނުވިއެވެ.  

އެޙާލަތަށް ދިއުމުން މަންމަގެ ފުރާނަ ސަލާމަތްކުރެވޭނެ އެހެން އެއްވެސް ގޮތެއް ނެތުމުން ކިތަންމެ ބޮޑު ދެރައެއްދިންނަމަވެސް އެންމެ ރަނގަޅުކަމަށް ޤަބޫލުކޮށް އޭނާގެ ގާތަށް ދިއައިމެވެ. ވަރަށް އެއްޗެތިގޮވާފައި ބުނީ ފައިސާ ދީފާނެ ކަމަށާއި ނަމަވެސް ދޭނީ ނިތްކުރީގައި "މޮޔައެއް" ކަމަށް ޓަޓޫޖަހައިގެން ދިއުމުން ކަމަށެވެ.  

މަންމަގެ ފުރާނަ ސަލާމަތްކުރަން ބޭނުންވެފައިހުރިވަރުން އެކަންވެސް ކުރީމެވެ. ޓަޓޫޖަހައިގެން ގޮސް ދެއްކީމާ ބުނީ އަހަރެންނަކީ ހަމަ ބޮޑު މޮޔައެއް ކަމަށެވެ. އެންމެ ބޮޑު މޮޔަކަމަކަށް ކުރެވުނު ކަމަކީ އޭނާގެ ބަސް ޤަބޫލުކޮށްގެން މޮޔައެއް ކަމަށް ޓަޓޫޖެހުން ކަމަށެވެ. އެހެން ބުނެފައި އެއްވެސް ފައިސާއެއް ނުދީ ކޮއްޕާނެރެލާފައި ދޮރުތަޅުލީއެވެ.  

ދެރަވީވަރުން އެގޭ ދޮރާށިކައިރީގައި ރޯންއިންދާ އޭނާގެ ބައްޕައަށް ފެނިގެން ސުވާލުކުރުމުން ކަންކަންވީގޮތް ތެދަށް ކިޔައިދިނީމެވެ. ބައްޕައަށް އަހަރެންގެ ނިތްކުރި ފެނުމުން ވަރަށް އަސަރުކުރިއެވެ. މަންމަގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާދީފައި ބުނީ އޭނާއަށް އޭނާގެ ދަރިފުޅާއިމެދު މާބޮޑަށް އިހްމާލުވެވުނީކަމަށެވެ. ނަމަވެސް އެހައި މިންވަރަށް ނުބައިވިކަމަށް ހީވެސް ކުރެވިފައި ނެތްކަމަށެވެ. އެކަމުގެ ޝަޒާ ދަރިފުޅަށް ދޭނެ ކަމަށެވެ.  

ފައިސާ ލިބުމުން ހޮސްޕިޓަލަށް ފައިސާ ދައްކައި މަންމަގެ އޮޕަރޭޝަންކުރީއެވެ. އޮޕަރޭޝަން ކާމިޔާބެވެ. ހޭއަރައި އަހަރެންގެ ނިތްކުރި ފެނުމުން ފުރަތަމަވެސް ސުވާލުކުރީ އެކަމާއެވެ. ބުނީމެވެ. "މަންމާއެވެ! ނިތްކުރިއަށް އިހަށް ނުބަލާށެވެ! އެންމެ މުހިންމު ކަމަކީ މަންމަ ގަދަވެގެން އަވަހަށް ގެއަށް ދެވުމެވެ."  

ހޮސްޕިޓަލުގައި އުޅުނުއިރު ބައްދަލުވާ އެންމެންވެސް ޓަޓޫއާއިބެހޭގޮތުން ސުވާލުކުރެއެވެ. ކޮންމެ މީހަކަށްވެސް އެކަމުގެ ހަޤީޤަތް ކިޔައިދިނީމެވެ. ނަރުހަކު ކުރިކަމަކީ އަހަރެންގެ ނިތްކުރި ފޮޓޯ ނަގާފައި އޭނާގެ ފޭސްބުކަށްލީއެވެ. އަދި އެޓަޓޫގެ ޙަޤީޤަތްވެސް އޭނާ ފޭސްބުކުގައި ހާމަކޮށް އަހަރެންގެ ފޭސްބުކްޕޭޖަށް ޓެގްވެސް ކުރިއެވެ.  

އެކަންވީ ގިނަ ބައަކު ބަލައިގަތް ކަމަކަށެވެ. މަންމައަށްޓަކާ އެވަރުގެ ކަމެއްކުރުންވީ ގިނަ ބައަކު ތައްރީފްކުރިކަމަކަށެވެ. ދެ ދުވަހެއްފަހުން މީހުން މެސެޖްކުރަން ފަށައިފިއެވެ. އެކައުންޓް ނަމްބަރުހޯދައިގެން އެހީގެ ގޮތުގައި ފައިސާ ފޮނުވަން ފަށައިފިއެވެ. ހޮސްޕިޓަލަށް އައިސް ބައްދަލުކޮށްފައިވެސް ފައިސާދޭން ފަށައިފިއެވެ.  

ބައްދަލުކުރި ވަރަށް ރީތި، ތަނަވަސް ޒުވާނަކު އަހަރެންގެ ކައިވެންޏަށް އެދުމުން އެކަން ޤަބޫލުކޮށް ކައިވެނިކުރީއެވެ. އެއިރު އަހަރެންގެ އެކައުންޓުގައި ބައިވަރު ފައިސާވެސް ހުއްޓެވެ.  

ފިރިމީހާ އަހަރެން ގޮވައިގެން ހޮސްޕިޓަލަކަށް ގޮސް އެޓަޓޫ ފިލުވައިލިއެވެ. އެހިސާބުން ޓަޓޫ ފިލީއެވެ. އަމިއްލައަށް ތަނަވަސްކަންވެސް ލިބުނީއެވެ. ތަނަވަސް، ހެޔޮލަފާ ފިރިއަކުވެސް ލިބުނީއެވެ. ހަމަ އެޓަޓޫގެ ސަބަބުންނެވެ.  

އަހަރެންގެ އިލްތިމާސަކީ ކޮންމެ މީހަކުވެސް އެމީހެއްގެ މަންމައަށްޓައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާށެވެ! އެކަމުގެ ފައިދާ އެމީހަކަށްކުރާނެއެވެ. އިން ޝާ ﷲ  

މިވާހަކަ ސޯޝަލް މީޑިއާއިން ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ހިއްޞާ މިކުރީ ކޮންމެހެން ޓަޓޫޖަހަން ހިތްވަރުދޭކަށް ނޫނެވެ. އަދި އެއި ކުރަން ރަނގަޅު ކަމެއްކަމަށް ބުނާކަށްވެސް ނޫނެވެ. ޓަޓޫ ޖެހުމަކީ ދިވެހިން ޢާންމުކޮށް ކޮށްއުޅޭ ކަމެއްވެސް ނޫނެވެ. ހަމައެކަނި ފާހަގަކޮށްލަން ބޭނުންވީ މަންމަގެ ފުރާނަ ސަލާމަތްކުރަން ދަރިއަކުވީ ބޮޑު ޤުރްބާނީއެވެ. އެކަމުގެ ބަދަލު އޭނާއަށް ލިބުނު ފުރިހަމަކަމެވެ. ކޮންމެ ދަރިއަކުވެސް ވިސްނަންވީ އޭނާ އެބުނި ބަހަށެވެ.  

"އަހަރެންގެ އިލްތިމާސަކީ ކޮންމެ މީހަކުވެސް އެމީހެއްގެ މަންމައަށްޓައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާށެވެ! އެކަމުގެ ފައިދާ އެމީހަކަށްކުރާނެއެވެ. އިން ޝާ ﷲ" މިބަހެވެ. ދަރިން މި އިލްތިމާސް ޤަބޫލުކޮށް ޢަމަލުކުރާނަމަ މައިންބަފައިން ތިބޭނީ ހާދަހައިވާ އުފާވެރިކަމުގައެވެ.  

އަޅުގަނޑަކީވެސް 4 ދަރިންގެ މަންމައެވެ. ގިނައީ ތެދުވެ ނުއުޅެވޭ ދުވަސްތަކެވެ. އެއް ގެއެއްގައި އުޅޭއިރުވެސް މަންމަ އޮތީ ކައިގެންތޯ ބަލައިލަނީވެސް މަދުފަހަރަކުއެވެ. އިތުރަށް ދަރިންގެ ވާހަކަ ދައްކާކަށް ނެތީމެވެ.  

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

 

 

މިއަދު އޮންލައިން