ފިރިމީހާ މަރުވުމުން ރޮއިއާދޭސްކުރަނިކޮށް ޔަތީމް ޚާނާއަށް ދަރިފުޅު އެއްލައިލި މަންމަ، ދަރިފުޅު ބޮޑުވެ ތަނަވަސްވުމުން ސަލާންޖަހަން ދަރިފުޅުގާތަށް ދާންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ފިރިމީހާ މަރުވުމުން ރޮއިއާދޭސްކުރަނިކޮށް ޔަތީމް ޚާނާއަށް ދަރިފުޅު އެއްލައިލި މަންމަ، ދަރިފުޅު ބޮޑުވެ ތަނަވަސްވުމުން ސަލާންޖަހަން ދަރިފުޅުގާތަށް ދާންޖެހުނު ގޮތުގެ ވާހަކަ-

އަހަރެން އެންމެ ކުޑައިރުންސުރެ ނޫންނަމަ ހަނދާންހުންނަން ފެށީންސުރެ މަންމަގެ ލޯބި ލިބުނު ދުވަހެއް ހަނދާނެއް ނެތެވެ. ހިނިތުންވެލާފައި ގޮވާލި ދުވަހެއްވެސް ހަނދާނެއް ނެތެވެ. ލޯބިން ފިރުމާލި ދުވަހެއްވެސް ހަނދާނެއް ނެތެވެ. ނަމަވެސް ބައްޕަ އަހަރެންދެކެ ލޯބިވެއެވެ. ލޯބިވެސްދެއެވެ. ވީމާ މަންމަގެ ލޯބި ނުލިބޭތީ އެންމެ ކުޑައިރުވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. 

ކަންދިމާވީ ވަރަށް ދެރަގޮތަކަށެވެ. އުމުރުން 8 އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ ނިޔާވުމާއިއެކު މަންމަ އަހަރެން ގެންގޮސްލީ ޔަތީމްކާނާއަކަށެވެ. އެތަނަށްލާފައި ދިއަފަހުން މަންމަ ނުވެސް ދެކެމެވެ. 

އެކަންވީ އަހަރެންނަށް ލެއްވެވި ވަރަށް ބޮޑު ނަޞީބަކަށެވެ. އެތަނުގައި ހުންނަތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސްކޫލްގެ ޓީޗަރަކާއި ބައްދަލުވިއެވެ. އޭނާ އަަހަރެން އެތަނުން ގެންދިއައެވެ. އޭނާގެ ގޭގައި ބަހައްޓައިގެން ގެންގުޅެ ބޮޑުކުރިއެވެ. އޭނާއަކީ ދަރިން ލިބޭ އަންހެނަކަށް ނުވުމުން ގޭގައި ކުޑަކުއްޖަކަށް ހުންނަނީވެސް އަހަރެން އެކަންޏެވެ. 

އޭނާ އަހަރެންނަށް ކިޔަވައިދިނެވެ. ރަނގަޅު ވަޒީފާއެއް ހޯދައިދިނެވެ. ރަނގަޅު ފިރިއަކުވެސް ހޯދައިދިނެވެ. ކައިވެންޏަށްފަހުގައިވެސް އޭނާގެ ގާތުގައި ދެމަފިރިންވެސް ގެންގުޅުނެވެ. މަންމައަކަށް ކޮށްދޭންޖެހޭ ހުރިހާ ޚިދުމަތެއް އަހަރެން އޭނާއަށް ކޮށްދިނީމެވެ. އޭނާއަކީ އަހަރެންގެ ޙަޤީޤީ މަންމަ ކަމުގައި ނުވިނަމަވެސް އެއީ ހަމަ އަހަރެންގެ މަންމަ ކަމުގައި ޤަބޫލުކުރަމެވެ. 

އެއްދުވަހަކު ގޭގެ ބެލްޖެހުމުން ފިރިމީހާ ގޮސް ދޮރުހުޅުވިއިރު ބޭރުގައި ހުރީ ސަލާންޖަހާ އަންހެނެކެވެ. ފިރިމީހާ ޖީބުން ފައިސާކޮޅެއް ނަގާފައި ދިނުމުން ބުނީ އެވަރު މާމަދު ކަމަށެވެ. އޭނާއަކީ އަހަރެންގެ މަންމަ ކަމަށާއި ވަރަށް މަސައްކަތުން ދިރިއުޅޭތަން ހޯދައިގެން އައީ ފައިސާކޮޅެއްގެ ބޭނުމުގައި ކަމަށެވެ. 

އެއަޑު އިވުމާއިއެކު ބުނީމެވެ. އަހަރެންގެ މަންމަ މަރުވިތާ ކިތަންމެ ދުވަހެކެވެ. ތިއަވާނީ ޖިންނިއަކަށެވެ. ގެއަށް ވަނަނުދީ އަވަހަށް ދޮރުތަޅުލާށެވެ! 

ފަހުން އެނގުނު ގޮތުގައި މަންމަ ބައިވަރު މީހުންނާ ކައިވެނިކުރިއެވެ. އެންމެންވެސް މަންމަ ދޫކޮށްލާފައި ދިއައީއެވެ. އެހެންވެ މުސްކުޅިވިދުވަހު އަޅައިލާނެ އެއްވެސް މީހަކު ނެތީއެވެ. އެކަން އެނގުމުން މަންމަ ބަލަން ބޭނުންވިއެވެ. ނަމަވެސް އުޅެއުޅެވެސް މަންމައާއި ބައްދަލުކުރުމުގެ ހިތްވަރެއް ނުލިބުނެވެ. ދާންއުޅޭއިރަށް ހަނދާނަށް އަންނަނީ ރޮއިރޮއިހުއްޓާ ޔަތީމްޚާނާއަށް އަހަރެން ދޫކޮށްލާފައި ކާރަށް އަރައިގެން ދިއަ މަންޒަރެވެ. 

މިއީ އަޅުގަނޑަށް އެކުވެރިއަކު ހިއްޞާކުރި ވާހަކައެކެވެ. މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ އަޅުގަނޑަކީވެސް ހަމަ މިފަދަ ޙާލެއްގައި ޖެހުނު އަންހެނަކަށްވާތީއެވެ. ބައްޕަ ނިޔާވުމުން ދެވަނަ ކައިވެނިކުރުމަށްފަހު އަޅުގަނޑު ފޮނުވައިލީ މާމަގާތަށް ރަށަށެވެ. އެއިގެފަހުން ދުނިޔޭގައި އަޅުގަނޑު އުޅޭތޯވެސް މަންމަ ބަލައެއް ނުލައެވެ. 

އަޅުގަނޑު ބޮޑުވެ މީހަކާ އިންނަވަރުވީތަނުން އުޅުނީ މަންމަގެ ދަރިން ބަލަން މާލެ ގެންނާށެވެ. ނަމަވެސް އަޅުގަނޑު ނައިސް ރަށުން މީހަކާ ކައިވެނިކޮށްގެން ދިރިއުޅެންފެށީއެވެ. މަންމަ އެއުޅެނީވެސް ބައްޕަގެ ގޭގައެވެ. އެގެ މިހާރުވާނީ އަޅުގަނޑުގެ ގެއަކަށެވެ. ނަމަވެސް ގެހޮދާކަށްވެސް ނުއުޅެމެވެ. މަންމައަށް ދޫކޮށްލީއެވެ. އެއީ މަންމަ ދެކެ ބައްޕަ ވަރަށް ލޯބިވާތީއެވެ. ނަމަވެސް އަޅުގަނޑު ދުނިޔޭގައި ހުއްޓައި މަންމަ ނިޔާވެއްޖެ ނަމަ ދޮންބައްޕަގެ ދަރިންނަކަށް ގެއެއް ނުދޭނަމެވެ. އެކަމަށް ބައްޕަ ނުރުހޭނެތީއެވެ. 

އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އަޅުގަނޑުގެ މަންމަ ފަދަ މަންމައިން ރާއްޖޭގައި ވަރަށް މަދެވެ. އެހެންވެ ގިނައިން އަޑުއިވެނީ ބައްޕައިންގެ ގޯސްވާހަކަތަކެވެ. އަޅުގަނޑު އުންމީދުކުރަނީ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ. 

- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން