ޙަޤީޤީ ޙާދިސާ: ކައިވެނި ނުކުރެވިފައި ހުރި އަންހެނަކު ހުވަފަތް، މުސްކުޅި އަންހެނަކަށް ހެޔޮކޮށް ހިތުމުން ކައިވެނިކުރެވި އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ޙަޤީޤީ ޙާދިސާ: ކައިވެނި ނުކުރެވިފައި ހުރި އަންހެނަކު ހުވަފަތް، މުސްކުޅި އަންހެނަކަށް ހެޔޮކޮށް ހިތުމުން ކައިވެނިކުރެވި އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑު މިކިޔައިދޭ ވާހަކަ އެހައި ފަސޭހައިން ބައެއް މީހުންނަށް ޤަބޫލުނުކުރެވިދާނެއެވެ. ނަމަވެސް މިއީ މިކަން ހަމަ ހިނގި ގޮތެވެ.

އަޅުގަނޑުގެ މަންމަ އާއި ބައްޕައަށް ލިބުނީ އަޅުގަނޑު އެކަންޏެވެ. ވަރަށް ކުޑައިރު ބައްޕަ ނިޔާވެއްޖެއެވެ. މަންމަ ދެވަނަ ކައިވެންޏެއް ނުކުރެއެވެ. އަޅުގަނޑު ގެންގުޅެ ބޮޑުކުރީ މަންމައެވެ. އަޅުގަނޑުގެ އުމުރުން 22 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. 

މަންމަ ނިޔާވުމުން ގޭގައި އުޅުނީ އެކަންޏެވެ. ކައިވެނިކުރާނެ މީހަކު ނުވިއެވެ. އެއީ މޫނުގައި ބޮޑު ދެލަކު އިންނާތީ ސިފަހުތުރުކަމުންނެވެ. އެހެންވެ ބައްދަލުވާ އެކަކުވެސް އަޅުގަނޑާއި ކައިވެނިކުރަން އެއްބަސްނުވަނީއެވެ. ފޫހިވީވަރުން ފިރިއަކު ލިބޭތޯ ބެލުންވެސް ހުއްޓައިލީމެވެ. 

އެއްރެއެއްގެ އިރާކޮޅެވެ. އެއީ ފިނިގަދަ ރެއެކެވެ. މަގުމަތީގައި އިށީނދެއިން މުސްކުޅި އަންހެނަކު ފެނުމުން ކުއްލިއަކަށް މަންމަ މަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. އެހެންވެ އޭނާ އާއި ވާހަކަދައްކައިލުމުން އެނގުނީ ދަރިން ބޮޑެތި ރަނގަޅު ނޫން ގޮތްގޮތަށް ގޭގައި އުޅޭތީ އެކަންކަން އިޞްލާޙްކުރަން ބުނާތީ ގެއިން ނެރެލާފައި އިން އަނހެނެއް ކަމަށެވެ. 

ވަގުތުން އަޅުގަނޑާއިއެކު ގެއަށްދާން ދައުވަތުދިނީމެވެ. އޭނާ އެކަން ޤަބޫލުކޮށް އަޅުގަނޑާއި ގެއަށް ދިއުމުން މަންމައަކަށް ފަދައިން ޚިދުމަތްކުރީމެވެ. ގޭގެ އެއްވެސް މަސައްކަތެއްވެސް ކުރާކަށް ނުޖައްސަމެވެ. ކައްކަންވެސް ނުޖައްސަމެވެ. ލާހެދުންވެސް ދޮވެދެމެވެ. 

އެއްރޭ ކައިނިމިގެން ޥާހަކަދައްކަން ތިބެފައި އަޅުގަނޑު އެންމެ ބޮޑަށް އެދޭކަމަކީ ކޮބައިތޯ ސުވާލުކުރުމުން ބުނެވުނީ ހެޔޮލަފާ ތަޤްވާވެރި ފިރިއެއްގެ ވާހަކައެވެ. އެއީ އެކަނި ދިރިއުޅުމަކީ ފަސޭހަކަމަކަށްނުވެފައި ކޮންމެ މީހަކަށްވެސް އެހީތެރިއަކަށް ބޭނޭނުންވާނެތީއެވެ. އެހެން ބުނެފައިވެސް މޫނު ދައްކާފައި އަޅުގަނޑަށް އޮތް ހުރަހުގެ ވާހަކަ ކިޔައިދިނީމެވެ. 

އޭނާ ބުނީ އުންމީދު ކަނޑާނުލައި ދުޢާކުރާށެވެ. އަދި އޭނާވެސް ދުޢާކޮށްދޭނެ ކަމަށެވެ. ބޭއިޚްތިޔާރުގައި ނަމަވެސް "ކުރިއަށް އޮތް 40 ދުވަސް ތެރޭގައި އިރާދަކުރެއްވިއްޔާ މިގޭގައި ކުލަބޮކި ދިއްލައިލެވޭނެ" ކަމަސްވެސް އޭނާއަށް ބުނެވުނެވެ. އަޅުގަނޑަށް ހެވުނެވެ. "ދިއްލާނީ ބޮޑެތި އޮށްބައްތިދޯއެވެ!" 

ކޮންމެއަކަސް އެއިގެ ދެހަފްތާއެއްހައި ދުވަސްފަހުން އެއާކޯން މައްސަލައެއް ޖެހިގެން މަރާމާތުކުރަން ކުންފުންޏަކަށް ގުޅީމެވެ. ކުންފުނިން 2 ޓެކްނީޝަނުން ފޮނުވިއެވެ. އެތަނުން އެކަކު އަޅުގަނޑުގެ ނަމްބަރު ބޭނުންކަމަށް ބުނީމާ ނަމްބަރުދިނީމެވެ. ދަމުން ވަރަށް ސިއްރުން ބުނީ ދެން މައްސަލައެއް ޖެހިއްޖެނަމަ އޭނާއަށް ގުޅުމަށެވެ. އެހެންވެ އެނަމްބަރު ސޭވްކުރީމެވެ. 

ދެދުވަހެއް ފަހުން އެއްރޭ އޅުގަނޑަށް ގުޅައި ވާހަކަދެއްކިއެވެ. ރައްޓެހިކަން ބާއްވަން ބޭނުން ކަމަށް ބުންޏެވެ. އަޅުގަނޑުވެސް އެކަން ޤަބޫލުކުރީމެވެ. ކޮންމެއަކަސް އއެގުޅުން ކުރިއަށް ގޮސް މަސް ނިމުނުއިރު ދެމީހުންގެ ކައިވެނި ކުރެވިއްޖެއެވެ. ލަކުނާބެހޭ ގޮތުން އެއްވެސް ވާހަކައެއް އޭނާ ނުދައްކައެވެ. 

އެކައިވެނީގައި މިހާރު 20 އަހަރުވީއެވެ. 4 ދަރިންވެސް ލިބިއްޖެއެވެ. އޭނާ ފަދަ އަނބިމީހާއަށް ހެޔޮ ފިރިއަކު މަދުވާނެއެވެ. 

މިވާހަކަ މިކިޔައިދިނީ އެންމެ ބޭނުމަކުއެވެ. އެއީ ހުވަފަތްވެފައި ތިބޭ އަންހެނުންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން ފާހަގަކޮށްލާށެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ އަޅުގަނޑަށް ކައިވެނި ނުކުރެވި ހުއްޓައި ކައިވެނިކުރެވޭނެ ގޮތް މެދުވެރިކޮށްދެއްވެވެވީ އެއަނހެން މީހާއަށް ހެޔޮކޮށް ހިތުމުން އޭނާ އަޅުގަނޑަށްކޮށްދިން ދުޢާއިން ކަމަށެވެ. މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ. 

ޝަމްސް / ލާހޯރު، ޕާކިސްތާން 

 

(މިއީ ޑޯން ނޫހުގައި ޙަޤީޤީ ވާހަކައެއް ކަމަށް ލިޔެފައިވާ ވާހަކައެކެވެ.)

މިއަދު އޮންލައިން