ތަނަވަސް އަނބިމީހާގެ ދެލޯ ކަނުވީކަމަށް ހީކޮށް ކުރިމަތީގަ ޚިޔާނަތްތެރިވަމުންދިއަ ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
ތަނަވަސް އަނބިމީހާގެ ދެލޯ ކަނުވީކަމަށް ހީކޮށް ކުރިމަތީގަ ޚިޔާނަތްތެރިވަމުންދިއަ ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަހަރެންގެ މައިންބަފައިން ދުނިޔެ ދޫކުރީ އަހަރެންނަށް އެކަނި އަމިއްލައަށް ދިރިއުޅެވޭވަރުގެ ތަނަވަސްކަމެއް ދޫކޮށްފައެވެ. އެހެންނަމަވެސް ކޮންމެ އަންހެނަކީވެސް ފިރިއަކަށް ބޭނުންވާނެ އަންހެނަކަށްވާތީ އަހަރެން ދެކެ ވަރަށް ލޯބިވާކަމަށް ބުނަމުން އައި މީހަކާއި ކައިވެނިކުރީމެވެ. 

ކައިވެނިކޮށް އުފަލުގައި 3 އަހަރެއްހައި ދުވަސް ފާއިތުވިފަހުން ފިރިމީހާ އާއިމެދު ވަރަށް ބޮޑަށް ޝައްކުކުރެވެން ފެށިއެވެ. އެންމެ ބޮޑަށް ކަންބޮޑުވީ ފިރިމީހާ ގުޅުން ބާއްވަނީ ކޮއްކޮއެއް ފަދައިން ގޭގައި ގެންގުޅާ އަންހެނަކާއިކަމަށް ތުހުމަތު ކުރެވުމުންނެވެ. އެންމެ ބޮޑު މައްސަލައަކަށްވީ އެކަން ޔަޤީންކުރާނެ ގޮތެކެވެ. ނުބައި ތުހުމަތެއް ކުރެވިއްޖެނަމަ ފިރިމީހާގެ އިތުރުން ކޮއްކޮ އާއި ވަކިވާންޖެހުނުކަމުގެ ހިތާމަވެސް ކުރަންޖެހިދާނެތީއެވެ. 

އޭނާއަކީ މައިންބަފައިންގެ ވަރަށް ގާތް މީހެއްގެ ދަރިއެކެވެ. މައިންބަފައިން ނިޔާވުމުން ގެއަށް ގެނެސް ކުޑައިރުންސުރެ ގޭގައި ގެންގުޅުނީ ހަމަ އަހަރެންފަދައިން ބަލަހައްޓައިގެންނެވެ. ދަރިއެއްގެ ގޮތުގައެވެ. އެހެންވެ އަހަރެންގެ ހިތުގައިވެސް އޭނާއަށް އޮންނަނީ ހަމަ ކޮއްކޮއެއްގެ ލޯތްބާއި ކުލުނެވެ. 

ވަރަށް ބޮޑަށް ވިސްނުމަށްފަހު ޑޮކްޓަރެއްގެ އެހީތެރިކަން ހޯދީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލަށް ނުފެންނަން ފެށީއެވެ. ޑޮކްޓަރަށް ދެއްކުމުން ބުނީ "އޮޕްޓިކް ނާވް" ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި ދެން ލޮލަށް ނުފެންނާނެ ކަމަށެވެ. 

އެހިސާބުން އަހަރެން އުޅުނީ ލޮލަށް އެއްވެސް ވަރަކަށް ނުފެންނަ ކަނުމީހަކަށް ހެދިގެންނެވެ. އެހެން އުޅެންފެށިތާ ހަފްތާއެއްވެސް ނުވަނީސް މަސްތައް ތިލަވެއްޖެއެވެ. އަތްބާނައި ނެގޭ ހިސާބަށެވެ. މިބުނީ ދެމީހުން އެއްވެސް ބިރެއް ނެތި އަހަރެންގެ ކުރިމަތީގައި ލޯބީގެ ގުޅުން ހިންގަން ފެށިވާހަކައެވެ. އެވަރުންވެސް ކެތްތެރިވީމެވެ. 

އެހެން ހުއްޓައި އެއްދުވަހު ފިރިމީހާ ލިޔުމެއް ގެނެސްދީފައި ސޮއިކޮށްދޭން ބުނެފިއެވެ. ބުނީ އެލިޔުމަކީ ގޯތީގައި އޮތް ހުސްބިމުގައި އިމާރާތެއް އަޅަން ބޭނުވެގެން ސޮއިކުރުވާ ލިޔުމެއް ކަމަށެވެ. ލިޔުމަށް ބަލައިލިއިރު އޭގައި ލިޔެފައި އޮތީ ގެއާއި ތަނަވަސްކަން ފިރިމިހާއަށް ހިބައިން ދިނީކަމަށެވެ. ފަހުން ސޮއިކޮށްލާނަން ކަމަށްބުނެފައި ލިޔުން ބޭއްވީއެވެ. 

އެރޭ ކައިނިމިގެން އަހަރެން އިނީ ސޯފާގައެވެ. އެދެމީހުން ތިބީ ސޯފާގެ ބޮޑު ގޮނޑީގައެވެ. އިރުކޮޅަކު އިނދެލާފައި ނިދަން ބޭނުންވާކަމަށް ބުނުމުން ފިރިމީހާ އަހަރެން ކޮޓަރިއަށް ގެންގޮސްދިނެވެ. އިރުކޮޅަކު އެނދުގައި އޮވެލާފައި އެ ލިޔުން ހެދުން ތެރެއަށް ލައިގެން ހަމަ ކަނުމީހަކަށް ހެދިގެން ސިޓިންގރޫމަށް ދިއައިރު ދެމީހުން ތިބި ގޮތުގެ ވާހަކަ ދައްކަންވެސް ހެޔޮނުވާނެއެވެ. އަަހަރެން ފެނުމުންވެސް ސަމާލުކަމެއް ނުދެއެވެ. އިރުކޮޅަކުން ފިރިމީހާ އައިސް އަހަރެންގެ އަތުގައި ހިފައި ގޮނޑިއެއްގައި ބޭންދިއެވެ. ބައިންދާފައި އަނެއްކާވެސް އެދެމީހުން އެއުޅޭ ގޮތަކަށް އުޅެން ފެށިއެވެ. 

އެމީހުން ހަމަޖެހިލައިގެން ސޯފާގައި އިށީނުމުން ބުނީމެވެ. "ދުނިޔެއަކީ ކޮންފަދަ ތަނެއް ހެއްޔެވެ؟ މީހަކަށް އެހީތެރިވެގެން އަނެކާއަށް އިޚްލާޞްތެރިވާނެ ނަމަ ނީމާ އަހަރެންނަށް އިޚްލާޞްތެރިވީހެވެ. ފިރިއަކާއިމެދު ރަނގަޅަށް ކަންކަންކޮށްގެން އެއްވެސް ފިރިއަކު ތެދުވެރިވާނެ ނަމަ އަހަރެންގެ ފިރިމީހާ އަހަރެންނަށް ތެދުވެރިވީހެވެ. މިތިބަ ނުބައި ނުލަފާ ދެމީހުން ގާތުގައި ބުނަން ބޭނުންވަނީ ފުދިއްޖެއެވެ. އަހަރެންގެ ލޯކަނެއް ނޫނެވެ. ތިއަ ދެމީހުން ފާއިތުވި ދުވަސްތަކުގައި ކުރި ކަންކަމާއި މިރޭ ތިއަކުރި ކަންކަންވެސް ލޮލުން ދެކެފީމެވެ. ސޮއިކުރަންދިން މިލިޔުމުގައި ލިޔެފައި އޮތީކީކޭކަންވެސް ކިޔައިފީމެވެ. ދެން އެންމެ ރަނގަޅުވާނީ އިތުރު އެއްވެސް ވާހަކައެއް ނުދައްކައި ދެމީހުން އެކުގައި މިގެއިން ދިއުމެވެ. މާދަމައަކު ނޫނެވެ. ހަމަ މިހާރުއެވެ. އެންމެ މިނިޓަކުވެސް ދެމީހުންކުރެ އެކަކުވެސް މިގޭގައި ބަހައްޓާކަށް ބޭނުމެއް ނޫނެވެ." 

ދެމީހުންވެސް ރޯންފެށިއެވެ. ނީމާގެ އަޑު ވަކިން ބާރެވެ. މާފަށް އެދި އާދޭސްކުރިއެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް އަހަން ބޭނުމެއް ނުވަމެވެ. ތެދުވެގެން ގޮސް ދޮރުހުޅުވާފައި ސެކިޔުރިޓީ ގެއަށް ވައްދާފައި ބުނީމެވެ. "ހަމަމިހާރު މިދެމީހުން ގެއިން ނެރޭށެވެ. ގދަދައްކާނަމަ ފުލުހުންނަށް ގުޅާށެވެ." އެހެން ބުނެފައި ގޮސް ކޮޓަރިއަށް ވަންގޮތަށް ކޮޓަރިން ނުކުތީ އަނެއް ދުވަހު ސިޓިންގރޫމްގައި ހުރި ހުރިހާ ފަރުނީޗަރުތައްވެސް ބަދަލުކުރުވާފައެވެ. 

އަހަރެންގެ މެސެޖަކީ ކަނުވާންޖެހޭ ޙާލަތުގައި ކަނުވެގެން ނަމަވެސް ކަންކަމުގެ ޙަޤީޤަތް ބަލާށެވެ. ޙަޤީޤަތް އެނގުމުން އަޅަންޖެހޭ ފިޔަވަޅު އަލަން ފަސްނުޖެހޭށެވެ. ރަނގަޅު މީހުން މަދުކަމުން ރަނގަޅު މީހުން ދުނިޔޭގައި ނެތްކަމަށް ބުނަން ޖެހޭ ޙާލަތަށް ކަންކަން މިވަނީ ބަދަލުވެފައެވެ. 

ހިތަށް ލިބުނު ވޭން ބޮޑުކަމުން ދުވަހަކުވެސް އެއްވެސް މީހަކަށް ހެޔޮކޮށް ނުހިތުމަށާއި ކައިވެނިވެސް ނުކުރަން ހިތަށް އެރިއެވެ. ނަމަވެސް އަހަރެންގެ ޙިއްޞުތައް އަހަރެންނަށް ވިސްނައިދިނީ ކޮންމެ ކަމެއްވެސް ﷲ މިންވަރުކުރައްވަވާނީ އެންމެ ރަނގަޅަށް ކަމެވެ. ވީމާ އެންމެ މުހިންމުކަމަކީ އާޚިރަތް ހޯދަން މަސައްކަތްކުރުން ކަމެވެ. ދެވަނަ ކައިވެނިކުރީ ހަމައެކަނި އާޚިރަތް ހޯދުމުގެ ބޭނުމުގައެވެ. އެކަނި ހުންނަން ވެއްޖެނަމަ ފާފަކުރެވިދާނެ ކަމުގެ ބިރަށެވެ. އެހެން ނޫންނަމަ ދުވަހަކުވެސް ކައިވެނިނުކުރީމުހެވެ. 

މިއީ ހަމަ މިފަދަ ބޮޑު މާޔޫސްކަމެއްގައި ހުންނަޖެހުނު ދުވަސްކޮޅުގައި އަޅުގަނޑުގެ އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. އަޅުގަނޑަށް ހިތްދަތިކަންދިނީ އަޅުގަނޑާއި ދެބެއިންގެ ދެދަރި އަންހެން ކޮއްކޮއެވެ. އޭނާއަކީވެސް އޭނާގެ މައިންބަފައިން ނިޔާވުމުން އަޅުގަނޑުގެ މައިންބަފައިން ގެނެސްގެން ގޭގައި ގުޅެ ބޮޑުކުރި ކުއްޖެކެވެ. 

ޚިޔާނާތްތެރިވާ ފިރިން ރަނގަޅުކުރާކަށް ނެތީމެވެ. ނަމަވެސް ބުނަން ޖެހެނީ މިފަދަ ކަންކަން މެދުވެރިވަމުން މިދަނީ ހަމަ އަންހެނުން، އެމީހުންގެ އުޚުތުން ކަތިލަމުންގެންދާތީ ކަމަށެވެ. 

މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ. 

- ޔުމްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން