ލާހެދުމާ އުޅުން, ވަޒީފާދިން ފަރާތް ބޭނުންވާގޮތަށް ބަދަލުނުކޮށްގެން ވަޒީފާއިން ވަކިކުރި އަންހެންކުއްޖަކަށް ﷲ ލެއްވެވި ބޮޑުރަހްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ލާހެދުމާ އުޅުން, ވަޒީފާދިން ފަރާތް ބޭނުންވާގޮތަށް ބަދަލުނުކޮށްގެން ވަޒީފާއިން ވަކިކުރި އަންހެންކުއްޖަކަށް ﷲ ލެއްވެވި ބޮޑުރަހްމަތުގެ ވާހަކަ-

އަޅުގަނޑަކީ މައިންބަފައިން އެމީހުންނަށް ޤަބޫލުކުރެވޭ އެންމެ ރަނގަޅު ގޮތުގައި ގެންގުޅެ ތަރުބިއްޔަތުކުރި ދަރިއެކެވެ. މިބުނެވުނީ އަދި އެންމެ ރަނގަޅަކަށް ނޫނެވެ. ރަނގަޅު ގޮތަކީ އިސްލާމްދީނުގައިވާ މަގުން ގެންގުޅެ ތަރުބިއްޔަތުކުރި ދަރިއެއް ކަމަށް ބުނުމެވެ. 

އެންމެ ކުޑައިރުންސުރެ ނަމާދުކުރުވައެވެ. އަޚްލާޤް ދަސްކޮށްދިނެވެ. ބޮޑުވުމުން ޙިޖާބް އެޅުވިއެވެ. ހަމައެކަނި ޙިޖާބް އެޅުވީއެއް ނޫނެވެ. ޙިޖާބް އަޅައިގެން އުޅެންވާ ގޮތްވެސް ދަސްކޮށްދިނެވެ. 

ކިޔަވައިނިމިގެން ވަޒީފާއެއް ހޯދަން މަސައްކަތް ފެށުމުން ހޮންޖެހުންތައް ކުރިމަތިވިއެވެ. ބަލަނީ ލިބިފައިވާ ފާހަކަށްނޫނެވެ. ހޯދާފައިވާ މާކްސްއަކަށްވެސް ނޫނެވެ. ލާހެދުމަށެވެ. އިންޓަރވިޔުކުރާއިރު ތުއިވާ ވަރަށެވެ. ނަތީޖާއަކަށްވަނީ ވަޒީފާއެއް ލިބުން ދަތިވުމެވެ. 

އަހަރެއްހައި ދުވަހު މަސައްކަތްކުރިފަހުން ވަޒީފާއެއް ލިބުނެވެ. ނަމަވެސް 2،3 މަސްވެސް ނުވަނީސް ވަޒިފާއިން ވަކިކޮށްފިއެވެ. އެމީހުން ބެލީ ކުރާ މަސައްކަތަކަށް ނޫނެވެ. ލާހެދުމަށާއި ވެރިން ފެނުނީމާ ހޭނވަރަށެވެ. 

ވަޒީފާއިން ވަކިކުރުމުން ވަރަށް ދެރަވިއެވެ. ދެން ވަޒީފާއަކަށް ނުދާންވެސް ހިތަށްއެރިއެވެ. އެހެންވެ ބައްޕަ ގާތު ބުނެގެން ލެޕްޓޮޕެއް ހޯދައިގެން ގޭގައި އިނދެގެން މަސައްކަތްކުރަން ފެށީމެވެ. އެންމެ ގިނައިން ލިބޭ މަސައްކަތަކީ ކުދިކުދި ކުންފުނިތަކަށް ބިޑް ޑޮކިޔުމަންޓްތައް ތައްޔާރުކޮށްދިނުމެވެ. އަދި ޤާނޫނީ މައްސަލަތަކުގައި ބޭނުންވާ ލިޔުންތައް ތައްޔާރުކޮށްދިނުމެވެ. 

ބައްޕަ ދެއްވި އެންމެ ލެޕްޓޮޕް ބޭނުންކޮށްގެން އެކަނި އިނދެކުރަންފެށި މަސައްކަތް 4 އަހަރުވީއިރު ފުޅައުވެ މިއަދު މަސައްކަތް މިކުރަނީ ގޭގައި ބައްޕަ ހައްދަވައިދެއްވި އޮފީހުގައެވެ. 6 މުވައްޒިފުންވެސް ގޮވައިގެންނެވެ. އެންމެ ބޮޑު އެއް ކާމިޔާބަކީ އަޅުގަނޑުގެ މަސައްކަތް ކަމުނުދިއަ ކުންފުނީގެ މަސައްކަތް އަޅުގަނޑުލައްވާ ކުރުވާކަމެވެ. އެކުންފުނިން އަޅުގަނޑަސް އެއިރު ދިން މުސާރައިގެ އެތައް ގުނައެއް އިތުރަށް އެކުންފުނިން އެކަނިވެސް އަޅުގަނޑަށް އާމްދަނީ ލިބެއެވެ. އިން ޝާ ﷲ

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް ކަނބަލުންނަށް ބުނެލަން ބޭނުންވަނީ ލިބޭ މުސާރައިގެ ދަހިވެތިކަމުގައި އިސްލާމީ އިންތަކުން އެއްވެސް ކަމެއްގައި ބޭރުނުވާށެވެ! ދީނުގެ އިންތަކުގައި ހުރިނަމަ ކޮންމެވެސް ގޮތަކުން އެމީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ 

މިހެން ބުނެލަން މިޖެހުނީ އެކުވެރި ބައެއް ކުދިންވެސް ވަރަށް ރަނގަޅަށް އުޅެމުން ވަޒިފާއަށް ވަދެފައި ވަޒިފާދިން ފަރާތް ބޭނުންވާ ގޮތަށް ކަންކަން ބަދަލުކޮށްލާތަން ފެންނާތީއެވެ. ލާހެދުންވެސް ބަދަލުކުރާތީއެވެ. އަނހެނުންގެ ކިބައިގައި ހުންނަންޖެހޭ ލަދުވެތިކަން ދޫކޮށްލައި "ސޯޝަލް"ވާތަން ފެންނާތީއެވެ. 

އަޅުގަނޑުގެ މިބަސްކޮޅުން ކިޔުންތެރިންނަށް ފައިދާއެއް ކުރާނެކަމަށް އުންމީދުކުރަމެވެ. 

- ލިޔުޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން