ތިމާދެކެ ލޯބިވާ މީހާއާ ތުއްތު ދަރިފުޅު ދުކޮށްލާފަ ލޯބިވާތީ މަކަރުވެރި ފިރިހިނެއްގެ މަޅީގަ ދެވަނަފަހަރަށް ޖެހުނު އަންހެނަކަށް މުޅި ޢުމުރަށް ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ތިމާދެކެ ލޯބިވާ މީހާއާ ތުއްތު ދަރިފުޅު ދުކޮށްލާފަ ލޯބިވާތީ މަކަރުވެރި ފިރިހިނެއްގެ މަޅީގަ ދެވަނަފަހަރަށް ޖެހުނު އަންހެނަކަށް މުޅި ޢުމުރަށް ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-

އަހަރެމެންވެސް ކައިވެނިކުރީ ލޯބިވެގެން އެކުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައެވެ. ކައިވެނިކުރިތަނާހެން ބަލިވެ އިނދެއްޖެއެވެ. ބަލިވެ އިނދެ ބަނޑަށް 5 މަހުގައި އަހަރެން ދޫކޮށްލައިފިއެވެ. ގެއިން ނެރެލައިފިއެވެ. 

ދާނެ ވަކިތަނެއް ނެތުމުން ޕާކެއްގައި މަޑުކޮށްލައިގެން އިންދާ ޔޫސް ކިޔާމީހަކު އަހަރެންނާއި ބައްދަލުކޮށް ޙާލުއެހުމުން ވީގޮތް ކިޔައިދިނީމެވެ. އެނާ އަހަރެންނަށް ހަމްދަރުދީވެ އެހީތެރިވިއެވެ. ވިހެއުމުގެ ހުރިހާ ކަމެއްވެސް ކޮށްދިނީ އޭނާއެވެ. 

ޔޫސުފަކީ ކުދިންދެކެ ވަރަށް ބޮޑަށް ލޯބިވާ މީހެކެވެ. އެހެންވެ އޭނާ ދަރިފުޅުދެކެވެސް ވަރަށް ބޮޑަށް ލޯބިވެއެވެ. ވިހައި ގަދަވުމުން ކައިވެނިކުރާނެ ދުވަސްވެސް ކަނޑައެޅިއެވެ. ނަމަވެސް އަހަރެންނަށް ކަންކަން ކުރެވުނީ ވަރަށް ގޯސްކޮށެވެ. ކުރީގެ ފިރިމީހާ އާއި ބައްދަލުވެ އޭނާ ދެއްކި ވާހަކަތަކަށް އަނެއްކާވެސް ހެއްލެވުނީއެވެ. އޭނާގެ ބަހަށް ދަރިފުޅުވެސް ދޫކޮށްލާފައި އެނާ އާއިއެކު ދެވުނީއެވެ. 

ދެވަނަ ފަހަރަށް ކައިވެނިކުރެވުމުން އުންމީދުކޮށްގެންހުރީ ދެން ދުވަހަކުވެސް ދެރަގޮތެއް މެދުވެރިނުވާނެ ކަމަށެވެ. ނަމަވެސް ކަންތައްތައް މެދުވެރިވީ އެހެންނަކުން ނޫނެވެ. ކައިވެންޏަށް 5 އަހަރުގައި ވަރިކޮށްލައިފިއެވެ. އަނެއްކާވެސް މަގުމަތިވީއެވެ. 

ވަރަށް ލަދުން ހުރެ ޔޫސުފްއާއި ބައްދަލުކުރީމެވެ. އޭނާ ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުން ދަނިކޮށް އޭނާ ދޫކޮށްލާފައި ދެވުނުކަމަށްޓަކައި މާފަށްވެސް އެދުނީމެވެ. އޭނާ ބުނީ އެކަމަސް އޭނާހުރީ ވަރަށް ކުރިންސުރެ މާފުކޮށްގެން ކަމަށެވެ. ނަމަވެސް އަމިއްލަ ތުއްތު ދަރިފުޅު އެއްލާލާފައި ދިއަ މައަކަށް މާފުކުރަން ބޭނުންނުވާ ކަމަށެވެ. އެފަދަ މައިން އެއްވެސް މީހަކު ދެކެ ލޯބިނުވާނެ ކަމަށެވެ. އެދަރިފުޅު ދެކެ އޭނާ ލޯބިވާތީ ދަރިފުޅު ބަލަން ބޭނުންވެގެން އޭނާ މިހާރު ހުރީ ކައިވެނިވެސްކޮށްގެން ކަމަށެވެ. 

ދަރިފުޅު ބަލައި ގޭގައި ގެންގުޅޭ އަންހެނެއްގެ ގޮތުގައި ބައިންދައިދިނުމަށް އެދުމުން އެކަންވެސް ޔޫސުފް ޤަބޫލެއް ނުކުރިއެވެ. ގެއަށް ނުވެސް ވައްދައި ފޮނުވައިލީއެވެ. އެހެން ނަމަވެސް ޔޫސުފް ކުށްވެރިކުރާކަށް ނެތީމެވެ. ކުށްކުރެވުނީ އަހަރެންނަށެވެ. 

އުޅޭނެ އެއްވެސް ތަނެއް ނެތުމުން ގޮތެއް ފެނޭތޯ ހިނގަނިކޮށް ރެސްޓޯރަންޓަކުން މަސައްކަތު އަނހެނެއްގެ ވަޒިފާ ލިބުމުން މިއުޅެނީ އެތަނުގައެވެ. އެތަނުގެ ލޭބަރކްއާޓަރުގައި ނިދާލައިގެން އެތަނުގެ މަސައްކަތުގައެވެ. ކޮންމެ ދުވަހަކު ކަރުނަ އަޅައި ރޮމެވެ. ދަރިފުޅުމަތިން ވެސް ހަނދާންވެއެވެ. އެއްލައިލެވުނީތީ ވަރަށް ދެރަވެސް ވަމެވެ. އެދަރިފުޅަށް އެންމެ ފައިދާ ބޮދުވާނީ ޔޫސުފް އޭނާ ގެންގުލުމުންކަން ޤަބޫލުކުރެވޭތީ ދަރިފުޅު އަނބުރާ ހޯދާކަށްވެސް ނެތީމެވެ. 

އެއްވެސް މީހަކާއި އެއްވެސް ޝަކުވާއެއް ކުރާކަށް ނެތީމެވެ. ހުރިހާވެސް ކުށަކީ ފުރަތަމަ ލޯބިވެރިޔާ ވެވުނު ލޯތްބެވެ. އަމިއްލަ އުފާތައް ކުރިއަށް ނެރެވުނުކަމެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކުރަމެވެ. ލޯތްބަކީ އަޅައިލުމާއި އޯގާތެރިކަން އެދުވަހު ޤަބޫލުނުކުރެވުނީއެވެ. ޔޫސުފް އާއި ކައިވެނިނުކުރެވުނީ އެހެންވެގެންނެވެ.

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ މިކިޔާ ލޯބީގެ އަވާގައި ޖެހި އަމިއްލަ ޙަޔާތް މިފަދައިން ބަރުބާދުކޮށްލެވޭ އަންހެނުން އަޅުގަނޑުމެންގެ ތެރޭގައި ގިނަވީމައެވެ. ވާހަކައިގައި އެބުނާފަދައިން ލޯތްބަކީ އަޅައިލުމާއި އޯގާތެރިކަން ކަމަށް ޤަބޫލުކުރެވިގެން ނޫނީ އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. 

ކިޔުންތެރިން ވިސްނައިލަބަލާށެވެ! ބަނޑަށް 5 މަހުގައި ވަރިކޮށްފައި އެއްލައިލީއެވެ. ވިހާގަދަވުމުން ބޭނުންވީ ދަރިފުޅު އެއްލައިލާށެވެ. ދެވަނަ ފަހަރަށްވެސް ލޯބީގެ ބާރުގައި އެއަންހެންމީހާއަށް އެޖެހެވުނީ އެހައި ނުބައި މީހެއްގެ މަޅީގައެވެ. މިފަދަ ކަންކަން ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ދަނީ ހިނގަމުންނެވެ. 

އަޅުގަނޑު ބުނާނީ ލޯތްބަކީ ކޮބައިކަން އަދިވެސް ހަމަ ނުއެނގެނީ ކަމަށެވެ. އެހެން ނޫންނަމަ އޭނާ ޔޫސުފް އާއި އަމިއްލަ ދަރިފުޅު ދޯކޮށްލާފައި ލޯބީގެ ފަހަތަކުން ނުދުވީހެވެ. 

- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން