ދަރިން ދަސްކުރަން ބޭނުންވަނީ ޙަލާލު މަސައްކަތެއްނަމަ ހިތްވަރުދޭށެވެ! ދެކޮޅުހެދީމާ އުމުރަށް ހިތާމަކުރަންޖެހުނު މަންމައެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ދަރިން ދަސްކުރަން ބޭނުންވަނީ ޙަލާލު މަސައްކަތެއްނަމަ ހިތްވަރުދޭށެވެ! ދެކޮޅުހެދީމާ އުމުރަށް ހިތާމަކުރަންޖެހުނު މަންމައެއްގެ ވާހަކަ-

އެއީ ވަރަށް އެކަނިވެރި ނިކަމެތި ދެމައިންނެވެ. ވަރިކޮށްލާފައި ދިއުމަށްފަހު އެހީނުވާތީ ދެމައިންނަށް އުޅެންޖެހުނީ ވަރަށް ހިތްދަތި، އަތްމަތިވެސް ދަތިދިރިއުޅުމެކެވެ. އެކަމުގެ ސަބަބުން ކިޔެވުންމަތިން ކުއްޖާ ފޫހިވިއެވެ. ނަމަވެސް ޝައުޤުވެރިވާ އެއްކަމެއް އޮވެއެވެ. އެއީ ކުރެހުމެވެ. 

ކުއްޖާ އެކަމަށް ޝައުޤުވެރިވީނަމަވެސް މަންމަ އެކަމާއި ވަރަށް ދެކޮޅެވެ. ބުނަނީ އެއްވެސް ފައިދާއެއް ކުރާނެ މަސައްކަތެއް ނޫންކަމަށެވެ. ވީމާ ކުރެހުމަކީ ކުރަން ބޭކާރުކަމެއް ކަމަށެވެ. އެހެންވެ ކުރަހަން ގޭގައި އިނަވެސްނުދެއެވެ.

އެކަން އެނގިގެން އަވަށްޓެރިއަކު ކުއްޖާއަށް އެހީތެރިވިއެވެ. ކުރަހަން އެއްޗެތިވެސް ހޯދައިދިނެވެ. އެގޭގައި އިނދެ ކުރަހަންވެސް މަގުފަހިކޮށްދިނެވެ. އެކުއްޖާގެ ކުރެހުންތައް ފެނިފައި އެމީހާގެ ޝައުޤުވެރިކަން އިތުރުވިއެވެ. އެހެންވެ ޢާންމުކޮށް ހުޅުވާލައިގެން ބޭއްވި މައުރަޒެއްގައި ކުއްޖާގެ ކުރެހުންތައް ބައިވެރިކުރިއެވެ. 

ނަތީޖާ ވަރަށް ރަނގަޅެވެ. ރަނގަޅު އަގުލިބުމުގެ އިތުރުން ކުއްޖާ މަޝްހޫރުވެ އޯޑަރުތައް ލިބެން ފަށައިފިއެވެ. ކުއްޖާއަށް ތަނަވަސްކަން ލިބެންވެސް ފަށައިފިއެވެ. އެހިސާބުން މަންމައަށް ކަންކަން ވިސްނިއްޖެއެވެ. ދަރިފުޅަށް ހިތްވަރުދޭން ފަށައިފިއެވެ. ގޭގައި އިނދެގެން ކުރަހަން ބުނަން ފަށައިފިއެވެ. 

ދަރިފުޅު އެކަން ޤަބޫލެއް ނުކުރިއެވެ. މަސައްކަތްކުރަނީ އަވަށްޓެރިޔާގެ ގޭގައެވެ. މަންމައަށްވުރެ ބޮޑަށް ސަމާލުކަންދެނީވެސް އެގޭގެ ދެމަފިރިންނަށެވެ. ގިނައިން ޚަރަދުކުރަނީވެސް އެދެމަފިރިންނަށެވެ. މަންމަ އާދޭސްކުރުމުންވެސް ދަރިފުޅުގެ ކަންކަން ބަދަލެއް ނުކުރިއެވެ. 

ދަރިފުޅު މަންމަ އާއި އަލައިލައެވެ. އެހީތެރިވެސްވެއެވެ. ނަމަވެސް މަންމަ ބޭނުންވަރަކަށް ނޫނެވެ. އެކަމުގެ ސަބަބުން މަންމައަށް ޖެހުނީ މުޅި އުމުރުގައިވެސް ހިތާމަކުރާށެވެ. 

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްބާކޮށްލަން ބޭނުންވީ ކޮންމެހެން ކުރެހުން އެއީ މާމޮޅު މަސައްކަތަކަށްވެގެން އެކަން ޕްރަމޯޓްކުރާކަށް ނޫނެވެ. ވާހަކައިން މައިންބަފައިން ޙާޞިލްކުރަންޖެހޭ ޢިބްރަތް ބޮޑުކަމުންނެވެ! ދަރިން ކުރަން ބޭނުންވަނީ ޙަލާލް މަސައްކަތެއްނަމަ އެފަންނުގައި ކުރިއަސްދާން ހުރަސް ނުއަޅައި ހިތްވަރުދިނުމުގެ މުހިންމުކަން ފާހަގަކުރަން ބޭނުންވާތީއެވެ. ކޮންމެ ކުއްޖަކީ ޢިލްމީގޮތުން ކުރިއަރައި ޕީއެޗްޑީ ޙާޞިލްކުރާ ކުއްޖަކަށްނުވެދާނެއެވެ. ޙަލާލް އާމްދަނީ ލިބޭ ކޮންމެ މަސައްކަތެއްގައި ކުރިއަރައިގޮސް އާމްދަނީ ހޯދާނަމަ އެއީވެސް ހަމަ ޕީއެޗްޑީއެވެ. އެކަން ޖެހޭނީ މައިންބަފައިން ޤަބޫލުކުރާށެވެ. 

- ޞޮފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން