ލޯބިވެރިޔާ ކައިވެނިނުކުރުމުން ގެއިން ނުނުކުމެ ގޭގައި އިނދެ މަރުވި މާބަނޑު އަންހެނެއްގެ ގެއިން ފެންނަ އާދައާ ޚިލާފް ކަންތައްތަކެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ލޯބިވެރިޔާ ކައިވެނިނުކުރުމުން ގެއިން ނުނުކުމެ ގޭގައި އިނދެ މަރުވި މާބަނޑު އަންހެނެއްގެ ގެއިން ފެންނަ އާދައާ ޚިލާފް ކަންތައްތަކެއްގެ ވާހަކަ-

އެއީ ވަރަށް ޢަޖައިބުވާންޖެހޭ ކަންތައްތައް ހިނގާ ގެއެކެވެ. އެގޭގައި ބައަކު ދިރިއުޅެން ފަށާއިރަށް ރޭގަނޑު ކުޑަކުއްޖަކު ރޯއަޑު އިވެންފަށާނެއެވެ. ބައެއް ފަހަރު އަންހެނަކު ރޯއަޑުވެސް އިވިދާނެއެވެ. އެހެންވެ އެއްވެސް ބައަކަށް އެގޭގައި ފިރިއުޅެވޭނެ ގޮތެއް ނުވެއެވެ.

އެގެއާއިމެދު މީހުން ބުނަނީ އެގޭގައި ދިރިއުޅުނީ ވަރަށް ނިކަމެތި އަންހެންކުއްޖަކު ކަމަށެވެ. އެކުއްޖާއާއި ވަރަށް ތަނަވަސް މީހެއްގެ ދަރިއަކު ލޯބީގެ ގޮތުން ގުޅުނެވެ. ނަމަވެސް ކައިވެނިކުރަން މައިންބަފައިން އެއްބަސްނުވުމުން ކައިވެނިނުކުރެވުނީއެވެ. 

އެހެންއުޅުމުގެ ތެރޭގައި ކުއްޖާ ބަލިވެއިނެވެ. ބަލިވެއިނުމުން ގެއަކުން ނުނުކުމެއެވެ. އަބަދުއިނީ ގޭގައެވެ. ފަހުން އޭނާގެ ލޯބިވެރިޔާ ކުރިއާދޭހަށް އޭނާގެ މައިން ބަފައިން ރުހިގެން ކުއްޖާ އާއި ބައްދަލުކުރަން އައިއިރު އޭނާ އޮތީ މަރުވެފައެވެ. 

މިއީ އެސަރަހައްދުގައި ދިރިއުޅޭމީހުން ބުނާ ގޮތެވެ. އެނގޭ ކަމަކީ އެތައްބައަކު މަސައްކަތްކޮށްގެންވެސް އެގޭގައި ދިރިނުއުޅެވުނުކަމެވެ. އެހެންވެ އެގެއަކީ ބިރުވެރި ތަނެއްކަމަށް ބަލައި ރޭގަނޑު އެއްވެސް މީހަކު އެގެއާއި ކައިރިވެސް ނުވާނެއެވެ. 

އަހަރެންނަކީވެސް އެގެއާއި ވަރަށް ގާތުގައި ދިރިއުޅޭ އަންހެނެކެވެ. އެގޭގައި ބައަކު އުޅޭކަން އެނގިފައެއް ނެތެވެ. ނަމަވެސް އެގޭގެ ބޮތްކެއް ދިއްލިފައި ހުންނަން ފަށައިފިއެވެ. ދަންވަރު ކުއްޖަކު ރޯއަޑުވެސް އިވެންފަށައިފިއެވެ. 

2،3 ރޭ އެގޮތަށް ދިމާވުމުން ބިރުކަނޑާލާފައި ބޮޑު ޓޯޗެއް ދިއްލައިގެން ގޮސް އެގެއަށް ވަނީމެވެ. ވަދެ ކޮޓަރިތައް ބަލަމުން ދަނިކޮށް ވަރަށް އެތެރޭގައި ހުރި ކޮޓަރިއެއްގައި ޒުވާން އަންހެންކުއްޖަކާއި ތުއްތުތުއްތު ކުޑަކުއްޖަކު ތިއްބައި ފެނިއްޖެއެވެ. އަހަރެން ފެނުމުން ފުރަތަމަވެސް ބުންޏެވެ. "ހެޔޮނުވާނެ! އަހަރެން މިގެއިން ނުނެރޭ! ދާނެ އެއްވެސް ތަނެއް ނެތް! އަހަރެމެން ދެމައިންގެ ނިކަމެތި ޙާލަށް ހަމްދަރުވެދީ!" 

އަހަރެންގެ ހިތުގައި ދެމައިންނަށް ހަމްދަރުދީ އުފެދުނެވެ. އެގޭގެ ނުރައްކައުތެރިކަން ކިޔައިދިނީމެވެ. އޭނާ ބުނީ އޭނާ ބިރުނުގަންނަ ކަމަށާއި އެބާވަތުގެ އެއްވެސް ކަމެއް އޭނާއަށް އަދި ކުރިމަތިނުވާ ކަމަށެވެ. 

"އަހަރެންނަކީވެސް ހަމަ ތިއަފަދަ ގޮތެއް މެދުވެރިވި އަންހެނެއް. އަހަރެންނަކީ ނަރުހެއް. މަސައްކަތްކުރުމުގެ ތެރޭގައި ބައްދަލުވި ޒުވާނަކު ދެކެ ލޯބިވެވުނީ. އޭނާވެސްވީހަމަ ވަރަށް ތަނަވަސް މީހެއްގެ ދަރިއަކަށް. ކައިވެނިކުރެވޭނެ ގޮތެއް ނުވި. އަހަރެންނަކީ ފަޤީރެއްވީމަ އޭނާގެ މައިންބަފައިން ވެސް އަހަރެން ބަލައި ނުގަތީ. މިހާރު މިގޭގައި އުޅޭތާ ހަފްތާއެއްހައި ދުވަސްވެއްޖެ. ވިހެއީވެސް އެކަނި އޮވެ މިގޭގަ. އަހަރެންނަކީ ނަރުހަކަށްވީމަ ކަންކަންކުރަންވާ ގޮތް އެނގޭތީ އެކަނި އޮވެ ވިހެއީ. ކޮންމެ ހޮސްޕިޓަލަކަށް ދިއަ ނަމަވެސް އަހަރެންނަކީ ކާކުކަން އެނގޭނެ. އެހެންވެ ލަދުން ދާންނުކެރުނީ. މިހާރު އަތަކު އެންމެ ފައިސާފޮތްޗެއްވެސް ނެތް. ވަކިލާރިއެއްގެ މިންވަރުވެސް ނެތް. މިއަދުވެސް މިއިންނަނީ ނުކައި. ހަމައެކަނި ފެންފޮދެއް ބޯލައިގެން." 

އަހަރެން އޭނާއަށް އެހީތެރިވާންފެށީމެވެ. ކާންދީ އެހެންބޭނުންތައްވެސް ފުއްދައިދިނީމެވެ. އެއީ ވަރަށް އަޚްލާޤް ރަނގަޅު ކުއްޖެކެވެ. ދުވަސްކޮޅަކަށްފަހު އޭނާ ގޮވައިގެން ރުޤްޔާކުރާ މީހެއްގެ ގާތަށް ގޮސް އޭނާ އުޅޭ ގޭގެ ވާހަކަތައް ކިޔައިދިނީމެވެ. އަދި ކުރިން ފެނުނު އެއްވެސް ކަމެއް އޭނާއަށް ނުފެންނަނީ ކީއްވެގެންތޯ ސުވާލުކުރީމެވެ. 

ވަރަށް ބޮޑަށް ވިސްނާފައި އޭނާ ބުންނެވެ. "ހީވަނީ މީނާފަދަ އެގޭގެވެރި ކުއްޖާއަށް ޖެހުނު ޙާލުޖެހިފައިހުރި އަންހެންކުއްޖަކު އޭނާއަށް ޖެހުނު ފަދަ ޙާލެއް ޖެހިގެން އެގޭގައި ދިރިއުޅެން ފެށުމުން އެގޭގައި އުޅުނު ރޫޙްތައް ގެއިން ނުކުމެގެން ދިއައީހެން. އެކަމަކު އެގޭގައި ފިރިހެނަކު ދިރިއުޅެން ފަށައިފިނަމަ އެނބުރި އައުން ވަރަށް ގާތް. އެއީ ގިނަފަހަރު އެފަދަ ރޫޙް ފިރިހެނުން ދެކެ ވަރަށް ރުޅިއަންނާނެ"

ކަންތައްމެދުވެރިވީވެސް ހަމައެހެންނެވެ. އޭނާ ކައިވެނިކޮށްގެން އެގޭގައި ނިދާތާ 2 ވަނަ ރޭ އެއަޑުތައް އަލުން އިވެން ފަށައިފިއެވެ. އެހެން އެކަންވާން ފެށުމުން އެމީހުން އަހަރެންގެ ގެއަކަށް ބަދަލުކުރީއެވެ. އެއިގެ ފަހުން އެގޭގައި މިހައިތަނަށް އެއްވެސް މީހަކު ދިރިއުޅުނުކަމެއް ނުއެނގެއެވެ.

ކަންކަން މިފަދައިން ލޯމައްޗަށް ފެންނަމުނަދާއިރުވެސް އެއްވެސް ރަޙުމެއް ނެތި ނިކަމެތި އަންހެންކުދިން ޝިކާރަކޮށްލުމަށްފަހު ފިލަން ފިރިހެނުން ބިރެއް ނުގަނެއެވެ.

 

- ޝަރީފާ ބޭގަމް / ލާހޯރު، ޕާކިސްތާން

މިއަދު އޮންލައިން