އަޅުގަނޑަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އައި މުވައްޒިފެކެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެއީ ޕްރަމޯޝަން ލިބުނު ދުވަހެވެ. އެކަން އެނގުމާއިއެކު ފުރަތަމަ ކަމަކަށްވެސް އަނބިމީހާއަށް ގުޅައި އެވާހަކަ ބުނީމެވެ.
އެރޭ ގެއަށް ދެވުނީވެސް ލަސްވެގެން އެތައްފަހަރަކު ގުޅިފަހުންނެވެ. މަސައްކަތްތައް ނިންމައި ނުލެވިގެން ލަސްވީއެވެ. ގެއަށް ދެވުމާއިއެކު އަނބިމީހާ ވަރަށް ލޯބިން މަރުޙަބާކިޔެވެ. އަދި އަހަރެންނަށް އެންމެ މީރު ކެއުން ކާންދިނެވެ.
ވަރުބަލިވެފައި އިނުމުން މޫޑް އެހައި ރަނގަޅެއް ނޫނެވެ. އެހެންވެ ގޭތެރޭގެ ކަންކަން ތަރުތީބުނުކޮށްހުރީ ކީއްވެގެންތޯ ސުވާލުކުރީމަ އަނބިމީހާ ބުނީ އެދުވަހު މަސައްކަތްކުރަންޖެހުނު ބުރަކަމުން ގޭތެރެ އަދި ތަރުތީބުނުކުރެވެނީ ކަމަށެވެ. އެވަގުތު އަހަރެންނަށް ބުނެވުނެވެ. "މުޅި ދުވަހު ގޭގައި އިނދެގެން ކުރަނީ ކޮންކަމެއްހެއްޔެވެ؟" އަނިބިމީހާ އަހަރެންނަށް ޖަވާބުނުދީ ރޮމުން ދިއައީއެވެ.
ކައިގެންގޮސް ސިޓިންގ ރޫމްގައި އިށީންތަނާ ހަގަށް ހުންނަ ފިރިހެން ދަރިފުޅު އައިސް ކަރުދާސްތައް ދައްކާފައި ބުނީ މެތްސް ޓެސްޓުން އެއްވަނަ ލިބުނު ކަމަށެވެ. އެހައި މޮޅުވީ މަންމަ ޓިޔުޝަންދޭތީ ކަމަށެވެ.
އިރުކޮޅަކުން ދޮށްޓަށް ހުންނަ އަންހެން ދަރިފުޅު އައިސް ކުރިމަތީގައި ވަރަށް ފުރިހަމައަށް ހަދާފައިވާ ރީތި ކޭކެއް ބަހައްޓައިފިއެވެ. އަހަރެންނަށް ލިބުނު ޕްރަމޯޝަނާއި ގުޅިގެން މަރުޙަބާ ކިޔުމަށް ހަދާފައިވާ ކޭކެވެ. ކޭކުފުރިހަމަކަމުން ކޮންތަނަކަށް އޯޑަރުކޮށްގެން ގެނައި ކޭކެއްތޯ ސުވާލުކުރުމުން ބުނީ މަންމަ އެޅި ކޭކެއް ކަމަށެވެ.
އެވަގުތު މަންމަމަތިން ހަނދާންވެގެން ޙާލުބައިލަން ގުޅައިލީމެވެ. "ބޭސްކެއުމުން މިހާރު ލުޔެވެ. ބޭސް ލިބުނީ އެމަންޖެ (އަނބިމީހާ) ހާދަ ގިނަ ފާމަސީތަކަކަށް ދުއްވައިގެންނެވެ. ޝުކުރު އަދާކުރަން މީރު ކާއެއްޗެއް ހިފައިގެން ހުކުރު ދުވަހު އެންމެން އެކުގައި ސައިބޯލަން ދާނަމެވެ."
އެހިސާބުން ވިސްނައިލެވުނެވެ. މަންމައަށް ބޭނުންވި ބޭސް ހޯދަން އެތައް އިރަކު ދުއްވައިފިއެވެ. ދަރިފުޅަށް ޓިޔުޝަންދޭން އެތައް ވަގުތެއް ހޭދަކޮށްފިއެވެ. އެތައް ވަގުތުތަކެއް ހޭދަކޮށްގެން އެހައި ފުރިހަމައަށް ކޭކެއް އަޅައިފިއެވެ. ކުދިން ސްކޫލަށް ގެންގޮސް ގެނެސްފިއެވެ. ކައްކައި ކާންދީފިއެވެ. އެކަމަކު އަހަރެންނަށް މިބުނެވުނީ ހާދަހައިވާ އިހާނެތި ބަހެކެވެ.
ދަރިން ގާތު ބައްޕަ އެބައަންނަން ކަމަށް ބުނެފައި ނުކުމެގެންދިއައީމެވެ. އަނބިމީހާއަށް އެންމެ ރީތި މައުތައް ގަނެ މާބޮނޑިއެއް ހަދައިގެންގޮސް ކޮޓަރިއަށްވަންއިރު އަނބިމީހާ އޮތީ ރޯށެވެ. ބުނެވުނު ބަސްތަކަށްޓަކައި ވަރަށް ބޮޑަށް މާފަށް އެދުނީމެވެ. އަދި އެފަދަ ކަމެއް ދެން ތަކުރާރުނުކުރާނެ ކަމުގެ ޔަޤީންކަންވެސް ދިނީމެވެ. އަނބިމީހާ މާފުކުރިއެވެ.
އެއިގެ ފަހުން އަނބިމީހާގެ ހިތުގައި ޖެހިދާނެ ފަދަ ބަހެއްވެސް ނުބުނަމެވެ. އަބަދުވެސް އަނބިމީހާ އުފަލުގައި ބަހައްޓަން މަސައްކަތްކުރަމެވެ. އެކަމުގެ ނަތީޖާވެސް ވަރަށް ކާމިޔާބެވެ. އިން ޝާ ﷲ
މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްބާކޮށްނުލައި ހަމަ ނުހުރެވުނީއެވެ. މިއީ ހަމަ އަޅުގަނޑުމެންގެތެރޭގައިވެސް ވަރަށް ބޮޑަށް އޮތް މައްސަލައެކެވެ. ވަރަށް މަދުފިރިއަކަށް ނޫނީ އަނބިން ގޭގައި ތިބެގެންކުރާ މަސައްކަތުގެ އަގު ވަޒަނެއް ނުކުރެވެއެވެ. އަބަދުވެސް ފެންނާނީ ނުކުރެވި ހުރި ކަންކަމެވެ. ގެއަށްވަނުމަށްފަހު ކަމަކަށް އޮންނާނީ ކަންކަން ނުކުރެވިހުރުމުން އެއްޗެތި ގޮވުމެވެ.
މިނުބައި އާދަ ދޫކޮށްލަން އެބަޖެހެއެވެ. ކަމެއް ނުކުރެވިހުރިނަމަ އެކަމުގެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ނުކުރެވިހުރި ސަބަބު ބަލައިލުން ރަނގަޅުވާނެއެވެ. އެއްޗެތިކިޔަންވާނީ ފަރުވާކުޑަކަމުން ނުވަތަ ކަންނެތްކަމުން ނުކުރެވިހުރިނަމަ ނޫންތޯއެވެ!
- ޝިޢާރާ / މިއަދުނޫހުގެ ކިޔުންތެރިއެއް