އަޅުގަނޑަކީ އޮފީހުގައި އުޅޭ އެންމެ ސިފަހުތުރު މުވައްޒިފެވެ. ފަލައެވެ. ކުލަވެސް އެހައި ދޮނެއް ނޫނެވެ. ސިނގު ބަޑެއްވެސް އިނދެއެވެ. އެހެންވެ އެއްވެސް މީހަކު އަޅުގަނޑަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ކޮންމެހެން ކަމެއް ދައްކަންޖެހޭ ވާހަކައެއް ނޫނީ ނުދައްކާނެއެވެ. ސައިގަޑީގައިވެސް އިންނަން ޖެހޭނީ ބާކީވެފައެވެ. ކޮފީއަކަށްދާއިރުވެސް އަޅުގަނޑެއް ނުގެންދާނެއެވެ.
އެހެންވެ އެހެން ހުރިހާ މުވައްޒިފުންނަށްވުރެވެސް ގިނައިރު މަސައްކަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބެއެވެ. ވިސްނަން ޖެހޭ އެހެންކަމެއް ނެތުމުން މަސައްކަތާއިމެދު ވިސްނާނެ ގިނަވަގުތު ލިބެއެވެ.
ނަޞީބަކުން ކުންފުނީގެ ވެރިމީހާއަކީ އަންހެންކުދިންގެ މޫނަށްބަލައިގެން ކަންކަންކުރާ މީހެއް ނޫނެވެ. ޢޭނާގެ ހުރިހާ ސަމާލުކަމެއްވެސް ދޭނީ މުވައްޒިފުން ކުރާ މަސައްކަތަށެވެ. ކުންފުންޏަށް ވައްދައިދޭ ފައިސާއަށެވެ. ވީމާ ވެރިމީހާގެ އެންމެ ގާތް "ޕޮޕްސްޓާރ" އަކީ އަބަދުވެސް އަޅުގަނޑެވެ.
އެއީ އެހެން މުވައްޒިފުންނަށް ބަލައިގަނެވޭ ކަމަކަށް ނުވެއެވެ. އެމީހުން ރީތިވީމާ ހީކުރަނީ އަޅުގަނޑާއި އެއްވަރަށް މަސައްކަތްނުކުރިނަމަވެސް އަޅުގަނޑަށްވުރެ މަތިން ވަޒީފާ އާއި މުސާރަ ލިބެންޖެހޭނެ ކަމަށެވެ. ޕްރަމޯޝަންވެސް ލިބެންޖެހޭނީ ހަމަ އެމީހުންނަށް ކަމަށެވެ. އެހެންކަމުން އަޅުގަނޑަށް ބުލީކުރުމާ ހިތްދަތިވާފަދަ ބަސްތައް ބުނެހެދުމަކީ ކޮންމެ ދުވަހަކު ތަކުރާރުވަމުން އަންނަ ކަމެކެވެ.
އެމީހުން ހީކުރަނީ އަޅުގަނޑާއިދިމާއަށް އެބާވަތުގެ އެއްޗެތިކީމާ އަޅުގަނޑު ވަރަށް ދެރަވާނެ ކަމަށެވެ. އެއީ އެންމެންނަށްވެސް އަރާފައި އޮންނަ ވަރަށް ބޮޑު އެއް އޮޅުމެވެ. ކުޑައިރުންސުރެ އެއަޑުތައް އަބަދު އަޑުއިވޭތީ މިހާރު އެފަދަ އަޑުތައް ނުއިވޭނަމަ "މިސްވެއެވެ." ސްކޫލު ދައުރުގައިވެސް ކޮލެޖުގައިވެސް މަލާމާތާއި ފުރައްސާރައިގެ ކޮންމެވެސް ކޮމެންޓެއް ނުލިބޭ ދުވަހެއް ވަރަށް މަދުވާނެއެވެ. ވީމާ އެކަން އަޅުގަނޑަށްވެފައި އޮންނަނީ ކާޅު އަބަދުވެސް ކާންކާން ގޮވުން ފަދަ ކަމަކަށެވެ.
އެއްފަހަރަކު ވެރިޔާ ވިދާޅުވީ 3 މަސްދުވަސްތެރޭގައި ކުންފުންޏަށް ވަރަށް ގިނަ ފައިސާ ބޭނުންވާ ކަމަށެވެ. ވީމާ އެކަމަށް ހުރިހާ މުވައްޒިފުންވެސް މަސައްކަތްކޮށްދިނުމަށެވެ. ކޮންމެ މުވައްޒިފަކުވެސް ބައިވެރިވެ އެންމެން ގުޅިގެން މަސައްކަތްކުރުމަށެވެ. އަދި 3 މަސްނިމޭއިރު އެންމެ ގިނަ ފައިސާ ކުންފުނީގެ އެކައުންޓަށް ވައްދައިދޭ މުވައްޒިފަކަށް އަގު ބޮޑު ހަދިޔާއެއް ދޭނެކަންވެސް އިއުލާނުކުރިއެވެ.
އެދުވަސްވަރު މުވައްޒިފުން ގުޅިގެން ކުރަންފެށިކަމަކީ ވަގު އައިޑީތައް ހަދައިގެން އަޅުގަނޑަށް މެސެޖު ފޮނުވައި އަޅުގަނޑުގެ ވަގުތުނަގާލަން މަސައްކަތްކުރުމެވެ. އެކަން ވިސްނިގެން މެސެޖު ކުރާ ކޮންމެ މީހަކަށްވެސް ފޮނުވީ އެއް މެސެޖެކެވެ. "ކުރިއަށް އޮތް 90 ދުވަސް ވަރަށް ބިޒީ. ބިޒީ ކެނޑުނީމަ ޖިމަށްގޮސް ކަސްރަތުކޮށްލައި ލޫޅާފަތިވެލައިގެން ލޯބިވެރިއަކު ހޯދަން ވިސްނާނީ."
އެގޮތަށް އެކަންކުރީމާ އެމީހުންގެ އެ މަޤްޞަދުވެސް ޙާޞިލެއް ނުކުރެވުނެވެ. 3 މަސް ނިމުނުއިރު ކުންފުނީގެ އެކައުންޓަށް އެންމެ ގިނަ ފައިސާ ވެއްދިފައިވަނީ އަޅުގަނޑަށެވެ. އަޅުގަނޑަށްވުރެ ސޭލްސް މަތި މުވައްޒިފުން ތިއްބެވެ. ނަމަވެސް އިތުރުވީ ކްރެޑިޓް ސޭލްސްއެވެ. އެފައިސާ އެކައުންޓަށް ނުވަންނާތީ ނުހިމެނީއެވެ. "އެމީހުން އެމީހުންގެ ރައްޓެހިންނާއި ގުޅައިގެން ބޮޑެތި އަދަދުތަކުން ޕީއޯތައް ގެނުވައި ކްރެޑިޓް ބިލް ހެއްދުވީ. އެމީހުންނަށް ނުވިސްނުނީ އެބިލްތަކުގެ ފައިސާ ނުވަންނަނަމަ ކައުންޓްނުކުރާނެކަން."
ނަތީޖާ ފައުޅުކުރަން ބޭއްވި ޙަފްލާގައި އެއްވަނަ އިނާމަކަށް 4 މިލިއަން ރުފިޔާގެ ފްލެޓެއް އަޅުގަނޑަށް ދިނެވެ. ވެރިޔާ ވިދާޅުވީ ދޭން ނިންމީ 2 މިލިއަން ރުފިޔާގެ ކުޑަ ފްލެޓެއް ކަމަށެވެ. 4 މިލިއަން ރުފިޔާގެ ބޮޑު ފްލެޓަކަށް ބަދަލުކުރީ ކުންފުނީގެ 2 މިލިއަން ރުފިޔާ އާއި ފެށުނީންސުރެ ކުންފުނީގެ މަސައްކަތަށް އަޅުގަނޑު ބަހައްޓާ ސަމާލުކަން ފާހަގަކޮށް ވެރިމީހާގެ ދެމެފަރިންގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި އިތުރު 2 މިލިއަން ރުފިޔާ ލައިދީގެން ކަމަށެވެ.
އެރޭ އަނގައިން ބުނަން ލިބުނު ފުރުޞަތުގައި ބުނީމެވެ. "އެންމެ ބޮޑަށް ޝުކުރުއަދާކުރަންޖެހޭ އެއްބައަކީ މިފުރުޞަތު އިއުލާނުކުރުމުން ކުއްލިއަކަށް އަޒޫ ދެކެ ލޯބިވެގެން ލޯބީގެ މެސެޖުތައް ފޮނުވަންފެށި އައިޑީތަކަށެވެ. އަޅުގަނޑު ދެކެ ލޯބިވެގެން ލޯބީގެ މެސެޖުތައް ކޮށްފައިވަނީ 16، 8، 19، 7، 5، 11 ނަމްބަރު ސްޓޭޝަންތަކުންނެވެ. އެއިގެ ތެރޭގައި އެކަކު ފިޔަވައި ދެން ތިބީ އެންމެ އެކުވެރި އަންހެންކުދިން ކަމަށްވުމުން އެކުދިން އެދުނު ނަމަވެސް އެކުދިން ދެކެ ޢިޝްޤީ ލޯބިވެވޭކަށް އަޅުގަނޑަކަށް ނެތެވެ. ވަރަށް ބޮޑަށް މާފުކުރާށެވެ! އެކުވެރިކަމުގެ ލޯބި ކުރިއާއި އެއްގޮތަށް އަދިވެސް ދެމިއޮންނާނެއެވެ."
އެހެން ބުނެފައި އެމީހުން ހޭވިހަޑި ލެޕްޓޮޕް ބޭނުންކޮށްގެން އެންމެންނަށް ސާބިތުކޮށްދިނީމެވެ. ސްޓޭޝަންތަކުން ކޮށްފައި ހުރި މެސެޖުތައް ވަކިވަކިން ދެއްކީމެވެ. ވެރިޔާވެސް ދިއައީ ސިއްސައިގެންނެވެ. އަޅުގަނޑު ބޭނުންކުރި ޓެކްނިކް ވެރިޔާގެ އަންހެން ދަރިފުޅަށް އެނގެއެވެ. އެހެންވެ އަޑުއަހައި ހޭން އިނެވެ.
ކޮންމެއަކަސް އެހިސާބުން އަޅުގަނޑުގެ ސިފައަށް ސަމާލުކަންދޭންފެށީމެވެ. ކަސްރަތުކުރަންފެށީމެވެ. ޖިމްއަށްވެސް ދާންފެށީމެވެ. އިސާހިތަކު 20 ކިލޯ ލުއިކޮށްލެވުނެވެ. އެވަރަށް ހިފައިލީމެވެ. އެހިތްވަރު ލިބުނު އެންމެ ބޮޑު ސަބަބަކީ އެކުވެރިންގެ މަލާމާތެވެ. ބުލީކުރުމެވެ.
އެއަހަރުގެ އަހަރީ ޖަލްސާ ބާއްވަންވާއިރަށް ވެރިމީހާ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. އެއީ ޓާގެޓަށް މަސައްކަތނުކުރެވޭ މުވައްޒިފުން ވަޒީފާއިން ވަކިކުރުމެވެ. އަޅުގަނޑަށް ހުރަސް އަޅައި ފުރައްސާރަކުރަމުން އައި ހުރިހާ އެކުވެރިންހެން ވަކިކުރިއެވެ. ހަޤީޤަތުގައި އެމީހުން ވަކިކުރީމާ ވަރަށް ދެރަވިއެވެ. އެއީ އެކުގައި އެހައި ގިނަ ދުވަހު އުޅެވިފައިވާތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ އެކި މީހުންނަށް ރަޙުމަތް ލައްވަވާނީ އެކިގޮތުންނެވެ. އަޅުގަނޑުގެ ސިފަ ހުތުރުވުން މިވީ 4 މިލިއަން ރުފިޔާގެ އަގުހުރި ފްލެޓެއް ލިބުނު ސަބަބަށެވެ. ފްލެޓް ލިބި، ވަޒީފާގެ ޕްރަމޯޝަންވެސް ލިބި، މުސާރަ ބޮޑުވީމާ ކުންފުނީގައި އެކުގައި ކުރިންސުރެވެސް ތިބި ބައެއް ފިރިހެން މުވައްޒިފުންނަށްވެސް މިހާރު އަޅުގަނޑު ހަމަ ވަރަށް ރީއްޗެވެ! ކުރިން ފުރައްސާރަކޮށްލާނެ ފުރުޞަތަކަށް ބަލަބަލަ ތިބި މީހުން މިހާރު ބަލަނީ ތަޢްރީފްކޮށް ހިނިތުންވާނެ ފުރުޞަތަކަށެވެ. ވީމާ އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑުގެ ޙަޔާތުގެ ހުރިހާ ކާމިޔާބީއެއްގެ ސަބަބަކީވެސް ސިފަހުތުރުވުންކަމަށެވެ.
- އަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް