ޙަޤީޤީ ޙާދިސާ: ތަނަވަސް، ބޮޑުމީހަކާ އިންނަން ކުޑަދަރިފުޅާ ފިރިމީހާއާ ވަކިވެގެން މާލެއައި އަންހެނަކު ގެސްޓްހައުސްއިން ބޭރުކޮށްލީމާ ފެރީޓިކެޓްވެސް ދޭންޖެހުނީ ރައްޓެހިންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
ޙަޤީޤީ ޙާދިސާ: ތަނަވަސް، ބޮޑުމީހަކާ އިންނަން ކުޑަދަރިފުޅާ ފިރިމީހާއާ ވަކިވެގެން މާލެއައި އަންހެނަކު ގެސްޓްހައުސްއިން ބޭރުކޮށްލީމާ ފެރީޓިކެޓްވެސް ދޭންޖެހުނީ ރައްޓެހިންނަށް!

އޭނާ ދެކެ ލޯބިވާ ފިރިއަކު ހުރެއެވެ. 7 އަހަރުގެ ފިރިހެންދަރިއަކާ 5 އަހަރުގެ އަންހެންދަރިއަކު ހުރެއެވެ. އޭނާގެ މައްސަލައަކީ ފިރިމީހާއަށް ލިބޭ އާމްދަނީ މަދުވުމެވެ. އެހެންވެ އޭނާ އަބަދުވެސް ހުންނަނީ ތަނަވަސް ފިރިހެނަކާއި ގުޅުމުގެ އިންތިޒާރީގައެވެ.

އެހެން ހުއްޓައި އޭނާއަށް ބޭރު ޤައުމެއްގެ މީހަކާއި ބައްދަލުވެއެވެ. އޭނާ ބުނީ އޭނާއަކީ ތަނަވަސް މީހެއްކަމަށާއި އޭނާގެ މައިންބަފައިންނަކީ ތަނަވަސް އަދި ސިޔާސީ ގޮތުން ވަރުގަދަ ބައެއް ކަމަށެވެ. އޭނާ އާއިއެކު އޭނާގެ ޤަުމަށް ހިނގައްޖެނަމަ ވަރަށް އުފަލުގައި، ޢިއްޒަތުގައި ގެންގުޅޭނެ ކަމަށެވެ.  

އޭނާގެ ބަސް ޤަބޫލުކޮށް ފިރިމީހާ އާއި ދަރިން ރޮއިރޮއި ތިއްބާ ގެއިން ނުކުމެ ފުރަން އެއާޕޯޓަށް ދިއައެވެ. ދެމީހުން ބައްދަލުވެ ޗެކިންކުރަން ކިޔޫގައި ތިބެފައި އެމީހާ އެދުނީ އޭނާގެ އަތުގައި ހުރި ފައިސާކޮޅަށެވެ. ޤައުމަށް ދެވުމުން އިތުރު ފައިސާއާއިއެކު އަނބުރައިދޭގޮތަށެވެ. އެހެން ބުނުމުން ވިސްނައިވެސް ނުލައި ގެންދިއަ ހުރިހާ ފައިސާކޮޅު ދަބަހުން ނަގައި އޭނާއަށް ދިނުމުން އެބައަންނަން ކަމަށް ބުނެފައި ދިއަގޮތަށް ގެއްލުނީއެވެ. ހޯދައިހޯދައިވެސް ނުފެނުނެވެ.  

އެންމެން ޗެކިންގކޮށް ނިމުނުއިރުވެސް އޭނާ ނައުމުން ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ. ފޯނުން އޭނާގެ ފޮޓޯ ދެއްކުމުން ބުނީ އެއީ އެތައް އަންހެނުންނަކަށް މިހާރުވެސް ލަނޑުދީފައިވާ ބޮޑު ވަގެއް ކަމަށެވެ. ފުލުހުން ދަނީ އޭނާ ހޯދަމުން ކަމަށެވެ.  

ލިބުނު ބޮޑު ދެރައަށް ހިތާމަކުރަމުން އެނބުރި ގެއަށް ދިއައިރު ގެ ހުރީ ތަޅުލައިފައެވެ. އަވަށްޓެރިން ގާތު އަހައިލުމުން ބުނީ ގެތަޅުލާފައި 2 ދަރިން ގޮވައިގެން ފިރިމީހާ ހިނގައްޖެ ކަމަށާއި މިދަނީ އޭނާގެ ރަށަށްކަމަށް ބުނި ކަމަށެވެ.  

ނުހަނު ލޯބިވާ ފިރިމީހާ އާއި ނުހަނު ލޯބިން ބަލައިބޮޑުކުރި 2 ދަރިން ގެއްލުނީއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތި މަގުމަތިވީއެވެ. ކުރި ނުބައި ޢަމަލު އެނގޭތީ އަވަށްޓެރިއަކުވެސް އޭނާއަށް އެހީތެރިނުވުމުން ޖެހުނީ މަގުމަތިވާށެވެ.  

މަގުމަތީގައި ސަލާންޖަހަން މަހެއްހައި ދުވަހު އުޅެފައި ގެއަށް އައިސް ޢާއިލާގެ ޚަބަރެއް އޮޅުންފިލުވާލަން މަސައްކަތްކުރުމުން އެނގުނީ ގެ ވިއްކާލާފައިވާ ކަމަށެވެ. ދުވަހަކު ކޮޅުންވެސް ގެއަށް ވަނުމުގެ އުންމީދު ވެސް ގެއްލުނީއެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ދެން މިކިޔައިދެނީ ދާދިފަހުން ހަމަ މިރާއްޖޭގަ ހިނގި ކަމެކެވެ.  

ރަށަކަށް މާލެއިން ގޮސްއުޅުނު މީހަކު ދެއްކި ވާހަކަތަކަށް ހެއްލި ދަރިފުޅާއި ފިރިމީހާ އާއި ވަކިވެގެން މާލެއައީ ތަނަވަސްކަމާއިއެކު ސްޓޭޓް މިނިސްޓަރެއްގެ އަންތބަކަށްވެގެން ދިރިއުޅޭށެވެ. މާލެ އައުމުން ފެންވަރު ރަނގަޅު ގެސްޓް ހައުސެއްގައި ބެހެއްޓިއެވެ. ހަފްތާއެއްވަންދެން ފެނި އެކުގައި ކައިބޮއި ނިދާ ހެދިއެވެ. އެހިސާބުން ޚަރަބަރެއް ނުވިއެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ.  

ހަފްތާއެއްވުމުން ގެސްޓް ހައުސްގެ ކުލި ހޯދާށާއި ކެއުމުގެ ބިލްތަކުގެ ފައިސާ ހޯދަން ގެސްޓްހައުސްއިން އުޅެން ފަށައިފިއެވެ. އެހިސާބުން މާލޭގައި ތިބި ރައްޓެހިން ގާތު އަހައި އޮޅުންފިލުވިއިރު އެމީހާއަކީ ސަރުކާރުގެ އެއްވެސް މަޤާމެއްގައި އުޅޭވެސް މީހެއް ނޫނެވެ. ނަމަވެސް ސިޔާސީ ކަންކަމުގަ ވަރަށް އަޑުގަދަ މީހެކެވެ. އެއިރު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އެއީ މާލޭގައި ގެދޮރެއް ޢާއިލާއެއްވެސް އޮތް މީހެއްވެސް ނޫނެވެ. ޝަކުވާ ކުރަންދާނެ މީހަކުވެސް ނެތެވެ.  

ކޮޓަރި އާއި ކެއުން ދިނީ ގެސްޓްހައުސްގެ ބޮޑުމީހާގެ ސިޔާސީ އެކުވެރއަކަށްވުމުންނެވެ. ވީމާ ޝަކުވާއެއް ހުށަހެލޭނެ ގޮތެއްވެސް ނެތެވެ. އެހިސާބުން އެފައިސާ ނުލިބޭނެކަމާ ކޮޓަރި ހުސްނުކުރާނަމަ ލިބޭނީ އިތުރު ގެއްލުންކަން  ގެސްޓްހައުސްއަށް ޔަޤިންވުމުން އަވަހަށް ކޮޓަރިހުސްކުރުވީއެވެ. އެނބުރި ރަށަށްދާނެ ފެރީ ޓިކެޓްވެސް ދިނީ ހެޔޮއެދޭ އެކުވެރިންނެވެ. ރަށަށް ގޮސް މާފަށް އެދި ފިރިމީހާއަށް އާދޭސްކުރުމުން ބަލައިވެސް ނުއްޔެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ތަނަވަސްކަމާއި ޢިއްޒަތް ބޭނުންވި ނަމަވެސް އަމިއްލަ ދިރިއުޅުން މިގޮތަށް ބަރުބާދުކޮށްލަން ހެޔޮނުވާނެއެވެ. އަމިއްލަބަނޑުގައި 9 މަހާއި 9 ދުވަހު ބާއްވައިގެން ވިހާދަރިން ނިކަމެތިކޮށްލަން ހެޔޮނުވާނެއެވެ. މިޒަމާނުގައި މިއުޅެނީ ހެޔޮލަފާ ފިރިއަކު މަދުން ނޫނީ ނުވެސް ލިބިގެންނެވެ. ވީމާ އެފަދަ ފިރިއަކު ލިބިއްޖެނަމަ ކޮޅުފައިން ޖަހަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ހޭލުންތެރިވަމާ ހިނގާށެވެ!  

- މުޢީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން