ފިރިންގެ ދުލުން ބުނާ ނުބައިބަސްތަކުން އަޅާ ވޭން، ޖިސްމާނީ އަނިޔާކުރުމުން އަޅާވޭނަށްވުރެ މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ފިރިންގެ ދުލުން ބުނާ ނުބައިބަސްތަކުން އަޅާ ވޭން، ޖިސްމާނީ އަނިޔާކުރުމުން އަޅާވޭނަށްވުރެ މާބޮޑު!

އޭނާއަކީ ތަނަވަސް މީހެކެވެ. ފައިސާ ޚަރަދުކޮށްގެން ކުރެވޭ އެއްވެސް ކަމެއް ކުރުމަކީ އޭނާއަށް ދަތި އުނދަގޫ ކަމެއް ނޫނެވެ. އޭނާ ކުރަން ބޭނުން ކޮންމެ ކަމެއް ޙާޞިލްކުރެވޭތީ އޭނާ ހުންނަނީ ވަރަށް ބޮޑަށް ފަޚުރުވެރިވެފައެވެ. ކޮންމެ މީހަކު އޭނާއަށް ކުރުނީސްކުރާތީ އޭނާއަށް ހީކުރެވިފައި އޮންނަނީ އެއެންމެން އޭނާއަށް ޤަދަރުކޮށް އިޙްތިރާމްކުރާ ކަމަށެވެ. 

އޭނާއަކީ ދޫނުބައި މީހެކެވެ. ކޮންމެ މީހަކާއި ދިމާއަށްވެސް ބުނެލާނީ ބުނެލާނީ ބުނެލާނެ އެއްޗެކެވެ. އެހެން މީހުންގެ ހިތަށް ކޮށްފާނެ އަސަރަކަށް އޭނާ ނުބަލާނެއެވެ. ކޮންމެ އެއްޗެއް ބުނި ނަމަވެސް އެއްވެސް މީހަކު އޭނާގެ މޫނުމަތީގައި ބަހެއް ނުބުނާތީ އޭނާ ހީކުރަނީ އެންމެންވެސް ތިބެނީ އޭނާ ބޫނާހާ ބަހަކަށް ރުހިގެން ކަމަށެވެ.

މިނުބައި ސިފަތައް އޭނާގެ ކިބައިގައި ހުރުމާއިއެކުގައިވެސް ގިނަ ޢަދަދެއްގެ އަންހެނުން އޭނާ އާއި ކައިވެނިކުރަން ބޭނުންވެގެން އުޅެއެވެ. އޭނާ ދެކެ ލޯބިވާކަމަށްވެސް ބުނެއެވެ. ނަމަވެސް އޭނާ އެމީހަކު ދެކެ ލޯބިވެ ގުޅެން ބޭނުންވާ އަންހެނާ އޭނާއަށް އިޖާބައެއް ނުދެއެވެ. އެއީ އޭނާގެ މުވައްޒިފަކަށްވުމާއިވެސް އެކުގައެވެ. އެހެންވެ އޭނާ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. 

އެކި ގޮތްގޮތުން ކުރަމުން މަސައްކަތުގެ ސަބަބުން އެ ކުއްޖާ އޭނާ އާއިއެކު ރޭގަނޑުގެ ކެއުމަކަށްދާން އެއްބަސްވިއެވެ. ރެސްޓޯރަންޓަށް ވެދެވުމާއިއެކު އެތަނުގެ މެނޭޖަރަކަށް ހުރި އަންހެން ކުއްޖަކު މަރުޙަބާ ކިޔުމުން ޖަވާބެއް ނުދެއެވެ. ބޮޑާކަންމަތީގައި ވަދެގެން ދިއައީއެވެ. 

މޭޒުގައި އިށީނުމުން އޯޑަރުނަގަން އައި ކުއްޖާއާއި މުޚާޠަބްކުރީ ވަރަށް ހަރުކަށިކޮށެވެ. ކާއެއްޗެތި ނުލާހިކުއަވަހަށް ގެނައުމުންވެސް ކުރީ ލަސްކަމުން ޝަކުވާއެވެ. ކައިނިމުމުން ތަށިތައް ނަގަން އައުމުންވެސް އައިލެއް ލަސްކަމުން އެއްޗެތިގޮވިއެވެ. އެކުއްޖާ ދެރަވީވަރުން އަވަސްކުރަން އުލެން ހަދައިގެން ތަށްޓެއްގައި އޮތް އުލެއް ބިންމައްޗަށް ވެއްޓުމުން މެނޭޖަރަށް ގޮވާފައި ބުނީ އޭނާ ވަޒީފާއިން ވަކިކުރުމަށެވެ. 

އެހިސާބުން އޭނާ އާއިއެކުދިއަ އަންހެން ކުއްޖާއަކަށް ކެތެއް ނުކުރެވުނެވެ. ލޮލުން ކަރުނައަޅަމުން ތެދުވެ ނުކުންނަން ހިނގައިގަތުމުން އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ. އަދި ދަނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުންޏެވެ. "އިންސާނުން އިންސާނުންގެ ތެރެއަށް ނުކުމެ އުޅެންވާނީ އިންސާނުންނާއިއެކުގައެވެ. ކަލޭ ދުނިޔެއަށް ފޮނުއްވެވީ އިންސާނެއްގެ ސިފައިގައި ނަމަވެސް ކަލޭގެ އަޚްލާޤްގައި އިންސާނެއްގެ ސިފައެއް ނެތެވެ. އިންސާނުން އިންސާނުންނާއިމެދު މުޢާމަލާތުކުރަންވާނީވެސް އިންސާނުންގެ ގޮތުގައެވެ. 

ދެން ކަލޭ ތިއަދައްކަނީ އަހަރެންދެކެ ލޯބިވާ ވާހަކަ އާއި އަހަރެންނާއި ކައިވެނިކުރަން ބޭނުންވާ ވާހަކައެވެ. ކަލެއާއި ކައިވެނިކޮށްފިނަމަ އަހަރެންނަށް ޖެހޭނެ ހާލު މިފެނުނީއެވެ. މިތަނުގެ މުވައްޒިފުންނަށް ތިއަކުރިވަރަށްވުރެ މާބޮޑުވަރު އަބަދު އަހަރެންނަށް ކުރާނެއެވެ. ކަލޭފަދަ މީހަކާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުމީ ކިތަންމެ ފަޤީރު ނަމަވެސް އަހަރެންނަށާއި އެހެން އިންސާނުންނަށް ވެސް ރަޙުމްކުރާނެ އޯގާތެރި، ރިވެތި އަޚްލާޤްހުރި މީހެކެވެ. މާދަމާ ވަޒީފާއިން ވަކިވާންވެސް ހުށަހަޅާނަމެވެ." 

އެހެންބުނެފައި އަތްފޮޅުވާލުމަށްފަހު ނުކުންނަން ހިނގައިގަތުމުން އޭނާގެ ހިތްވަރަށް ތަޢްރީފްކުރުމުގެ ގޮތުން އެތަނުގައިތިބި އެންމެ އެކުގައި އަތްޖަހަން ފެށިއެވެ. އެކަންވީ ތަނަވަސް މީހާގެ އުމުރުގައި އޭނާއަށް ލިބުނު ފިލާވަޅަކަށެވެ. އެތައް ބައެއްގެ ކުރިމަތީގައި ލަދުގަންނަން ޖެހުނު ކަމަކަށެވެ.

އޭނާ ވަރަށް ދެރަވިއެވެ. އަމަލުތައް އިޞްލާޙްކުރިއެވެ. ބަސްމަގު ބަދަލުކުރިއެވެ. އެއަށްފަހު ވަރަށް ދެރަވެގެން ހުރެ އެއަންހެން ކުއްޖާގެ ގެއަށް ގޮސް ވަރަށް ނިކަމެތިވެފައި އޭނާގެ ކަންކަން އިޞްލާހްކޮށްފިން ކަމަށްބުނެ ކައިވެންޏަށް އެދުމުން އެކަން ޔަޤީންކުރުމަށްފަހު އެކަން ޤަބޫލުކޮށް ކައިވެނިކުރިއެވެ.

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލަން ބޭނުންވީ ތަނަވަސްކަން ނުވަތަ މަތީ މަޤާމެއް ލިބުމުން ބޮޑާވެ އެހެން މީހުންނަށް ނުބައި ބަސްތައް ބުނާ މީހުންނަށް ފިލާވަޅެއްގެ ގޮތުންނެވެ. ފަހަރެއްގައި ބައެއް މީހުންނަށް މިވާހަކައަކީ މާމުހިންމު ވާހަކައަކަށްނުވެދާނެއެވެ. ނަމަވެސް އަޅުގަނޑަށް މިވާހަކައަކީ ވަރަށް މުހިންމު ވާހަކައަކަށްވި ދެވަނަ ސަބަބަކީ އަހަރެމެން އަންހެނުންނަށް މުހިންމު ފިލާވަޅަކަށްވާތީއެވެ. އެއީ މީހާގެ ކިތަންމެ ބޮޑު ތަނަވަސްކަމެއް ހުރިނަމަވެސް ދޫނުބައި ޚުލްޤް ނުބައި މީހުންނާއި ކައިވެނި ނުކުރުމުގެ މުހިންމުކަމެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަތުން ކުރާ އަނިޔާއަށްވުރެ ދުލުން ބުނާ ބަސްތައް ނުބައިވުމުން އަޅާވޭން މާބޮޑެވެ.

 

އެކަން އަޅުގަނޑު މިހުރީ ވަރަށް ރަނގަޅަށް ތަޖުރިބާކޮށްގެންނެވެ. އަޅުގަނޑުގެ ފުރަތަމަ ކައިވެނީގައި އެކުގައި ނުއުޅެވި ވަކިވާންޖެހުނީ ހަމަ އޭނާގެ ދޫނުބައިކަމުންނެވެ. ބަސްމަގުހުތުރުކަމުންނެވެ. އަޅުގަނޑަށް ކެތްކުރެވުނީ އެންމެ 3 މަސްދުވަހުއެވެ. އޭނާއަކީ މާލޭގެ އެންމެ ތަނަވަސް މީހުންގެ ތެރެއިން ހިމެނޭ މީހެކެވެ. ނަމަވެސް އަޅުގަނޑަށް ހަމަ ކެތްނުކުރެވުނީއެވެ.

 

--ދިޔާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން