ޙަޤީޤީ ޙާދިސާ: ރަސްމީ ގަޑި ނޫން ހުރިހާ ވަގުތެއް އަނބިދަރިންނަށް ދިން ބައްޕައަކަށް ދަރިން ދިން ޕެންޝަނުގެ އަގު ހާދަބޮޑުވެފައި ދަރިންގެ އަޚްލާޤް ހާދަ ރަނގަޅެވެ! މާޝާﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ޙަޤީޤީ ޙާދިސާ: ރަސްމީ ގަޑި ނޫން ހުރިހާ ވަގުތެއް އަނބިދަރިންނަށް ދިން ބައްޕައަކަށް ދަރިން ދިން ޕެންޝަނުގެ އަގު ހާދަބޮޑުވެފައި ދަރިންގެ އަޚްލާޤް ހާދަ ރަނގަޅެވެ! މާޝާﷲ

އަޅުގަނޑުގެ ވާހަކަކޮޅު ބައެއް މީހުންނަށް ކަމަކުނުދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް މިކިޔައިދެނީ އަޅުގަނޑުގެ ޙަޔާތުގައި އަޅުގަނޑު ކަންކަންކުރިގޮތާއި އަޅުގަނޑަށް ލިބުނު ނަތޔީޖާއެވެ. 

އަޅުގަނޑަކީ އަމިއްލަ އޮފީހެއްގައި މަސައްކަތްކުރާ މީހެކެވެ. އަޅުގަނޑު މަސައްކަތްކުރަނީ ހެނދުނުން ފެށިގެން ހަވީރު 5 ޖަހަންދެންނެވެ. ނިމިގެންދަނީ ގެއަށެވެ. ގެއިން ކޮންމެހެން ނުކުންނަން ނުޖެހޭނަމަ ނުނުކުންނަމެވެ. އިތުރު ފައިސާ ހޯދަން މަސައްކަތެއް ނުކުރަމެވެ.  

4 ކުދިން ލިބުމުން އަތްމަތި ދަތިވިއެވެ. ބާރުބޮޑުވިއެވެ. ނަމަވެސް ލިބޭ މިންވަރަށް ޝުކުރުކުރީއެވެ. އަޅުގަނޑު މަސައްކަތްކުރީ ވީހާ ގިނަ ވަގުތު ދަރިންނާއިއެކުގައި ހޭދަކުރެވޭތޯއެވެ. އެކުދިންނާއިއެކު ކުޅުމާއި ކުދިންބެލުމުގައި އަނބިމީހާއަށް އެހީތެރިވެދެވޭތޯއެވެ.  

ވަރަށް ގިނަ މީހުން އަޅުގަނޑާއި ދެކޮޅަށް ވާހަކަދެއްކިއެވެ. ބުނަނީ އިތުރު މަސައްކަތްކޮށްގެން ގިނަ ފައިސާ ހޯދީމާ ލިބޭ އުފާވެރިކަން މާބޮޑުވާނެ ކަމަށެވެ. މާ އުފަލުގައި ދިރިއުޅެވޭނެ ކަމަށެވެ. ދަރިން ބޮޑެތިވީމާ ލުއިކޮށް އުޅެވިދާނެކަމަށެވެ.  

އަޅުގަނޑުގެ ވިސްނުން މުޅިން ތަފާތެވެ. ދަރިންނަށް ބައްޕަގެ ލޯބިބޭނުންވާ ދުވަހު ނުދިނީމާ އެކުދިން ބޮޑުވެގެން ބައްޕަ ދެކެ ލޯބިވާނެކަމަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންވެ ދަތިޙާލުގައިވެސް އަޅުގަނޑު ބެލީ ދަރިންނާއިއެކު ވީހާ ގިނަ ވަގުތު ހޭދަކުރެވޭތޯއެވެ.  

އެކަމުގެ ނަތީޖާ މިދަންނަވަނީއެވެ. އަޅުގަނޑުގެ އުމުރުން 52 އަހަރުވީއިރު 4 ކުދިން ކިޔަވައިގެން ތިބީ ވަޒީފާގައެވެ. 4 ވަނަ ދަރިފުޅަށް ވަޒީފާ ލިބުމާއިއެކު އަޅުގަނޑަށް ޕެންޝަންދީފިއެވެ. އަޅުގަނޑުގެ ވަޒީފާއަކީ ވީހާ ގިނައިން ނަމާދުކޮށް އަޅުކަންކުރުމާއި ގޭގެ ސަރުދާރުކަން ކަމުގައި ހަމަޖައްސުވައިފިއެވެ. މިހާރު އިތުރު ވަޒީފާއެއްވެސް އެބައޮތެވެ. އެއީ ކާފަދަރިން ސްކޫލަށް ގެންދިއުމެވެ.  

މިހާރު ގެއަށް ޚަރަދުކުރަނީ ދަރިންނެވެ. އަޅުގަނޑުއަތަށްދެނީ ބާޒާރުން ގަންނަންޖެހޭ ތަކެތި ގަންނާނެ ފައިސާ އާއި ދެމަފިރިންގެ ޚަރަދަށް ޕޮކެޓްމަނީއެކެވެ. ވީމާ ވަޒީފާއިން ވަކިވިފަހުން ޖީބަށް ވަންނަ ފައިސާގެ އަދަދުވީ އިތުރެވެ.  

މިއީ އަޅުގަނޑު ކަންކަންކުރިގޮތާއި އަޅުގަނޑަށް ކަންކަން ދިމާވިގޮތެވެ. ރަނގަޅު ނުރަނގަޅު ކަނޑައަޅާނީ ކިޔުންތެރިންނެވެ. ދެން ބުނެލަން އޮތް އެއްވާހަކައަކީ އަޅުގަނޑުގެ އުޅުން އެގޮތަށް ބެހެއްޓުމުން ދަރިންނަށްކުރި ފައިދާއެވެ. އަޅުގަނޑުގެ އެއްވެސް ދަރިއަކު އޮފީސްވަގުތު ފިޔަވައި އެކުއްޖެއްގެ އަނބިމީހާ އާއިއެކު ނޫނީ ކޮފީއެއްގައި ފެނިގެން ފޮޓޯއެއް ފޮނުވައިފިނަމަ ފޮނުވިމީހަކަށް ކޮފީދޭނެކަމަށް ރައްޓެހިންގެ ގާތުގައި އޮންނާނީ ބުނެފައެވެ. އެފަދަ ފޮޓޯއެއް އަދި ނުލިބެއެވެ. ޚާއްޞަ ކަމެއް ޖެހިގެން ނޫނީ ދަރިން އެމީހުންގެ އަނބިންނާއިއެކު ނޫނީ ބޭރަށް ނުދާކަމަށް ބުނަންކެރިދާނެއެވެ.  

ނިންމާލަމުން ބުނަން އޮތީ ދަރިންނަށް ލިބިފައިވާ ތަރުބިއްޔަތުގެ 80 އިންސައްތަ ކްރެޑިޓް ޙައްޤުވާ ފަރާތަކީ އަޅުގަނޑުގެ ލޯބިވާ، ދަތިޙާލުގައި އަޅުގަނޑާއިއެކު ކެތްތެރިވި އަނބިމީހާއެވެ. އެހެރީވާ ހިތްވަރުގަދަ އަންތބެކެވެ. މާޝާ ﷲ. ދަރިންނާއިމެދު ހަމަހަމަކޮށް ކަންކަން ކުރުމުގައި ސްޕްރީމްކޯޓުވެސް ދާނީ ފަހަތަށެވެ.  

ފަށަމުން އަޅުގަނޑުގެ ވާހަކަ ބައެއް މީހުންނަށް ކަމުނުދާނެ ކަމަށް ބުނަން ޖެހުނީ އަޅުގަނޑުގެ ފަދަ ދިރިއުޅުމަކަށް ލޯބިކުރާ މީހުން މަދުވީމައެވެ.  

- ޢަލީ މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން