އަހަރެމެންނަކީވެސް ލޯބިވެގެން 2 އަހަރެއްހައި އުޅުމަށްފަހު ކައިވެނިކުރި ދެމަފިރިންނެވެ. ކައިވެނިކުރުމުން ދިރިއުޅޭނެތަނެއް ދިނީ މަންމައެވެ. ދުވަސްކޮޅެއްފަހުން އަމިއްލައަށް މަސައްކަތެއްކުރަން ފަށާނެ ފައިސާ ދިނީ މަންމައެވެ.
މަންމައަކީ ދުރަށް ވިސްނާ ވަރަށް ވިސްނުން ރަނގަޅު އަންހެނެކެވެ. އެހެންކަމުން ދިރިއުޅުމުގައި މެދުވެރިވާ ކަންކަމުގައި މަންމަގެ ލަފާ ހޯދަމެވެ. ފިރިމީހާއަށް ކުރެވޭ ކުށްތައް އިޞްލާޙްކުރަން ކަންކަންކުރަންވީ ގޮތުގެ ލަފާ ހޯދަނީވެސް މަންމަގެ ކިބައިންނެވެ. އަހަރެން ކުރަން ބޭނުންވާ ބޮޑެތި ކަންކަން ކުރަނީވެސް މަންމަގެ ލަފާ ހޯދައިގެންނެވެ. އެކަން ފިރިމީހާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ކައިވެންޏަށް 5 ވަނަ އަހަރުތެރޭގައި އެއްރޭ ފިރިމީހާ ގެއަށް އައިސް ބުނީ ދެން ދެމީހުންނަށް އެކުގައި ދިރިނުއުޅެވޭނެ ވާހަކައެވެ. އަހަރެންދެކެ ލޯބިނުވާ ވާހަކައެވެ. މާޒުވާން، މާރީތި ލޯބިވެރިއަކު ލިބިއްޖެކަމަށެވެ. އަދި ވަކިވާން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އޭނާ ކުރަންބޭނުންވާ ކަންކަމުގެ ތެރެއަށް އަހަރެންގެ މަންމަ ވަދެ ހުރަސްއަޅާތީ ކަމަށެވެ. އަދި އެމަންމަގެ މޫނުވެސް ދެކެން ބޭނުންނުވާ ކަމަށެވެ. އެހެން ބުނެފައި ވަރިކޮށްލާފައި ނުކުމެގެން ދިއައީއެވެ.
މަންމައަށް ގުޅާފައި އެވާހަކަބުނުމުން ބުނީ އަޅައިވެސް ނުލުމަށެވެ. "ފިރިމީހާއަށް ތިއަ ހީވީ މިއަދު ލިބިފައިވާ ތަނަވަސްކަމަކީ އޭނާގެ އެއްޗެއް ކަމަށް! ތިއަހެން އޭނާ ކަންކަން ކުރާނެހެން ކުރިންވެސް ހީވެފައި އޮތުމުން ކަންކަން ކޮށްފައި ހުންނާނީ އޭނާއަށް ބާރުނުފޯރުވޭނެގޮތަށް! ދެން ނުވެސް ގުޅާތި އޭނާއަށް! މާދަން އޭނާ ސައިޒްކޮށްލާނަން! އިރާދަކުރެއްވިއްޔާ!"
އަނެއްދުވަހު ހެނދުނު މަންމަ ގުޅާފައިބުނީ 10 ޖަހާއިރަށް އޮފީހަށް ދިއުމަށެވެ. މަންމަވެސް ދާނެ ކަމަށެވެ. އަހަރެންނަށް ދެވުނުއިރު މަންމަ ހުރީ ގޮހެވެ. ދެމައިން އެކުގައި ގޮސް އޭނާ އިންނަ ކޮޓަރިއަށް ވަދެފައި ފުރަތަމަވެސް މަންމަ އޭނާއަށް ބުނީ ގޮނޑިން ތެދުވުމަށެވެ. ރުޅިއައިސް ރަތްވެގެންހުރެ ތެދުވުމުން މަންމަ ގޮސް ގޮނޑީގައި އިށީނެވެ. އަދި ފައިލަކުން އެއްބަސްވުމެއް ދައްކައިލިއެވެ. ފިރިމީހާއަށް ދައްކާފައި ކިޔާލަން ބުންޏެވެ.
އެއެއްބަސްވުމަކީ ވިޔަފާރި ފަށަން ފައިސާދިން ދުވަހު ސޮއިކުރުވި އެއްބަސްވުމެވެ. އެއެބަސްވުމުގައިވާ ގޮތުން މަންމަދޭ ފައިސާއިން ކުރާ ވިޔަފާރިއަކީ އަހަރެންގެ އަމިއްލަ މިލްކެކެވެ. އެފައިސާއިން ވިޔަފާރިކޮށް އުފައްދާ އިތުރު މަސައްކަތްތަކުގެ ވެރިއަކީވެސް އަހަރެންނެވެ.
ފިރިމީހާވެސް އަހަރެންވެސް މަންމަވެސް ވަނީ ލިޔުމުގައި ސޮއިކޮށްފައެވެ. އެކަން ފިރިމީހާ ހަނދާންނެތިއެވެ. އޭނާގެ ހަނދާނުގައި ހުރީ ހަމައެކަނި މަންމަ ދިން ފައިސާއެވެ. އެކަން އެހެންއެވީ ފައިސާގެ ދަހިވެތިކަން ބޮޑުވެފައިހުރިވަރުން ލިޔުން ރަނގަޅަށް ނުވެސް ކިޔާތީއެވެ.
މަންމަ އަޅުގަނޑު ގެންގޮސް ގޮނޑީގައި ބެއިންދިއެވެ. އަދި ފިރިމީހާ ދެން އޮފީހަށް ވަނަނުދޭންވެސް ބުންޏެވެ. ދޮށީ ބޭބެ ގެނުވައި ފިރިމީހާއަށް ކުންފުނީގެ އެއްވެސް މުޢާމަލާތެއް ނުކުރެވޭނެ ގޮތަށް ކަންކަން ހަމަޖައްސައި ބޭންކްގައިވެސް އެގޮތަށް ހަމަޖެއްސިއެވެ.
އެހުރިހާ ކަންކަން ހިނގައިދިއައީ ފިރިމީހާގެ ކުރިމަތީގައެވެ. ކަންކަން ކުރީ ކުރިމަތީގައި ފިރިމީހާ އިންދައެވެ. ހުރިހާ ކަމެއް ނިމުމުން އޮފީހަށް ވަންނަން ބޭނުންކުރާ ކާޑު މަންމަ އަތުލިއެވެ. އަދި ނުކުމެގެން ދިއުމަށާއި އެނާއަކީ މިވަގުތުން ފެށިގެން މިކުންފުންނާއި އެއްވެސް ގުޅުމެއް ހުރި މީހެއް ނޫންކަން ކުންފުނިން މުޢާމަލާތުކުރާ ހުރިހާ ފަރާތްތަކަށް އަންގަންވެސް މަންމަ ބުންޏެވެ.
އިސްދަށަށް ޖަހައިގެންހުރެ ފިރިމީހާ މަންމަގެ ކިބައިން މާފަށް އެދުނެވެ. މަންމައާ މުޚާޠަބްކުރަން ފެށުމުން މަންމަ ފުރަގަސްދިނެވެ. ފުރަގަސްދީގެން ހުރެ ބުންޏެވެ. "މަންމަ ދޭ ފައިސާ ބޭނުންކުރަން ރަނގަޅެވެ. އެފައިސާއިން ހިލޭ އަންހެނުންނަށް ޚަރަދުކުރަންވެސް ރަނގަޅެވެ. ހަމައެކަނި ބޭނުންނުވަނީ މަންމަގެ މޫނު ދެކޭށެވެ. އެކަހަލަ މީހުންނަށް މަންމަގެ މޫނު ދުވަހަކުވެސް ދައްކާކަށް ނެތީމެވެ. އެންމެ ދަރިއަކު އޮއްވައި ޙަޤީޤަތް ފަޅާއެރިކަމަށްޓަކާވެސް ﷲ އަށް ޙަމްދުކުރަމެވެ. ދެން އަވަހަށް މިތަނުން ނުކުމެގެންދާށެވެ. އަހަރެންގެ ދަރިފުޅަށް އެއްވެސް އުނދަގުލެއް ކޮށްފިނަމަ ދެން ކަންކަން ވާގޮތް ފެންނާނެއެވެ!"
އިސްދަށަށް ޖަހައިގެންހުރެ ނުކުމެގެންހިނގައްޖެއެވެ. އެރޭ ގުޅާވަރުން އުނދަގޫވެގެން ޖެހުނީ ފޯނު ނިއްވައިލާށެވެ.
މިއީ މީގެ 8 އަހަރުކުރިން މާލޭގައި ހިނގާފައިވާ ކަމެކެވެ. އެމީހާއަށް ތަނަވަސްކަން ގެއްލުމާއިއެކު ލޯބިވެރިޔާވެސް ގެއްލުނީއެވެ. އަތްމަތިވެސް ހުސްވީއެވެ. މިހާރުވެސް އުޅެނީ ތަންތަނުގެ ވަޒީފާގައެވެ. އަންހެން މީހާ ދެވަނަ ކައިވެނިކޮށްގެން ހަމަ އުފަލުގައި އެބައުޅެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އަންހެން ބޭފުޅުންނަށް ބުނެލަން ބޭނުންވަނީ ހެޔޮލަފާ މައިންގެ ބަސް ޤަބޫލުކުރާނަމަ އަބަދުވެސް ރަނގަޅު ގޮތްތައް މެދުވެރިވާނެއެވެ. އިން ޝާ ﷲ . މައިންނަށްވުރެ ދަރިން ދެކެ ލޯބިވާނެ ބައަކު ނުތިބޭނެއެވެ. ހަމައެއާއިއެކު ހެޔޮލަފާ މައިންނާއި ގުޅުން ކަނޑުވަން ފިރިއަކު އުޅޭނަމަ އޭނާއަކީ ހެޔޮލަފާ މީހަކު ކަމަށް ނުދެކޭށެވެ. އޭނާގެ ބޭނުމަކަށްވާނީ އަނބިމީހާ އޭނާގެ ބާރުގެދަށަށް ގެނެސް އަޅުވެތިކުރުވުމެވެ. މައިންނާ ދުރުކުރުވުމުގެ ހުއްދަ ފިރިންނަށް ލިބިގެނެއް ނުވެއެވެ. އެފަދަ މީހުން އެކުރަނީ ދީނާއިވެސް ޚިލާފް ކަމެކެވެ.
އަޅުގަނޑަކީވެސް ފިރިމީހާދެކެ ލޯބިވާތީ ފިރިމީހާގެ ބަހަށް މަންމައާއި އަދި ޢާއިލާވެސް ދޫކޮށްލި އަންހެނަކީމެވެ. ނަތީޖާއަކަށްވީ 3 ދަރިންނާއިއެކު ވަރިކޮށް އެއްލައިލީމާ ހަމަ އެމަންމައާއި ޢާއިލާގެ ފައިބުޑަށް ވެއްޓި އާދޭސްކުރަންޖެހުމެވެ. އަޅުގަނޑަށް އެމީހުން މާފުކުރިއެވެ. ނަމަވެސް ގިނަ ފަހަރު އޮންނާނީ މާފުނުކުރެވިފައެވެ.
--ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް