އަޅުގަނޑުގެ އުމުރުން 11 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. މަންމަ ނިޔާވީންސުރެ ބައްޕަގެ ލޯތްބެއް ނުލިބެއެވެ. ކާންބޯންދެއެވެ. ބޭނުންވާ ކަންކަންވެސް ކޮށްދެއެވެ. ނަމަވެސް ލޯބިން އެންމެ ފަހަރަކުވެސް އަނގައިބުނި ހަނދާނެއް ނެތެވެ.
އުމުރުން 13 އަހަރުގައި ސްކޫލްގެ ސްޕޯޓްސްމީޓްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ހިނގޭނެ ގޮތެއް ނުވިއެވެ. ޑޮކްޓަރުން ބުނީ ކަސްރަތުކޮށް ފަރުވާދީފިނަމަ ހިނގުމުގެ ފުރުޞަތު ލިބިދާނެކަމަށެވެ. އެހިސާބުން ބައްޕަ ހޮސްޕިޓަލަކަށް ނާދެއެވެ. އަހަރެންނަށް ކަންކަން ކޮށްދީ އެހީތެރިވީ އުމުރުން ދުވަސްވީ ނަރުހެކެވެ.
ހޮސްޕިޓަލުން ދޫކޮށްލަންވެގެން ބައްޕައަށް ގުޅުމުން ބުނީ ނުކުޅެދޭ މީހުން ބަލަހައްޓާ ތަނަކަށް ފޮނުވާލުމަށެވެ. ދެންވެސް އެހީތެރިވީ ނަރުސްއެވެ. އޭނާ އަހަރެން ގެންދިއައެވެ. އޭނާއަކީ ފިރިމީހާ ނިޔާވެފައިވާ ދަރިން ނުލިބޭ އަންހެނެކެވެ. ދިރިއުޅެނީ ބޮޑު ގެއެއްގައި އެކަންޏެވެ.
އޭނާ އަޅުގަނޑާއިމެދު ކަންކަންކުރީ ވަރަށް ރަނގަޅަށެވެ. އަމިއްލަ ދަރިއަކާއިމެދު ވެސް ކަންކަން ކުރާނެ ގޮތަށެވެ. ކޮންމެ ދުވަހަކު އަޅުގަނޑު ފުރޮޅުލީ ގޮނޑިއަކަށްލައިގެން ނުކުމެ ބޭރުގައި ވަގުތުކޮޅެއް ހޭދަކުރެއެވެ. ހިނގޭތޯ މަސައްކަތްކުރެއެވެ. ވަރުބަލިކަމެއް ނެތި އޭނާ އެކަންކަން ކުރަމުން ދަނިކޮށް 2 އަހަރުފަހުން ހިނގައިގަނެވިއްޖެއެވެ.
އޭނާ އަޅުގަނޑަށް ކިޔަވައިދިނެވެ. ރަނގަޅު ވަޒީފާއެއް ހޯދައިދިނެވެ. އޭނާ މަސައްކަތްކުރާ ހޮސްޕިޓަލުން ރިސިޕްޝަނިސްޓެއްގެ ވަޒީފާއެވެ. ވަޒީފާގައި އުޅެނިކޮށް ހޮސްޕިޓަލުގައި މަންމަ ބާއްވައިގެން އުޅުނު ޒުވާނަކާއި ބައްދަލުވިއެވެ. އެޒުވާނާ އާއި ރައްޓެހިކަން އުފެދުމުން ލިބޭ ހުސްވަގުތުތަކުގައި އޭނާގެ މަންމައަށް ޚިދުމަތްކުރީމެވެ. އެކަމުގެ ސަބަބުން ދެމައިންނާއި ވަރަށް ގާތް ގުޅުމެއް އުފެދުނެވެ.
މަންމަ ހޮސްޕިޓަލުން ދޫކޮށްލުމަށްފަހުގައިވެސް އެގެއަށް ގެންދެއެވެ. އެކުގައި ކައިބޮއި ހަދަމުއެވެ. އެކުވެރިކަން އޮންނަތާ އަހަރެއްހައި ދުވަސްފަހުން އެއްރޭ މަންމަ ބުނީ އޭނާގެ ދަރިފުޅާއި އަޅުގަނޑާއި ކައިވެނިކުރަން ފެންނަކަމަށެވެ. އެހެން ބުނުމުން އަޅުގަނޑުގެ ނިކަމެތިކަން ކިޔައިދިނީމެވެ. މަނަމަ ނިޔާވެފައިވާކަމާއި ބައްޕަ ވަނީ އަޅުގަނޑު އެއްލާލާފައިކަމަށާއި އެހީތެރިވަނީ ހެޔޮލަފާ "ދައްތައެއް" ކަމަށްބުނެ ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ.
އެމަންމަގެ ޖަވާބަކަށްވީ އޭނާ ބޭނުންވަނީވެސް އަޅުގަނޑު ފަދަ ނިކަމެތި ކުއްޖަކު ކަމަށެވެ. މަންމަ އަޅުގަނޑު ބަލަހައްޓައިދޭ ދައްތަ އާއި ބައްދަލުކޮށް ދެމީހުން މަޝްވަރާކޮށް ކައިވެނީގެ ކަންކަން ހަމަޖެއްސިއެވެ. ކައިވެނީގެ އެންމެ ބޮޑު ޝަރުޠަކަށް އަޅުގަނޑު ކަނޑައެޅީ އަޅުގަނޑު އެންމެ ނިކަމެތިޙާލުގައިވީ ދުވަހު އެހީތެރިވެދިން ދައްތައާއި ވަކިނުކުރުމެވެ. އެކަން ޤަބޫލުކޮށް އެމީހުން ނިންމީ ކައިވެންޏަށްފަހު ފިރިމީހާގެ ގެއަށް ދައްތަވެސް ގެންދިއުމަށެވެ. ދައްތަގެ ގެ ކުއްޔަށް ދިނުމަށެވެ. އަދި އެފައިސާ އެކުގައި ދައްތައަށް ދިނުމަށެވެ.
އަޅުގަނޑުމެން އެއް ޢާއިލާއެއްގޮތަށް ވަރަށް ރަނގަޅަށް އުޅެމުން ދަނިކޮށް އެއްދުވަހަކު ބައްޕަ އަޅުގަނޑު ހޯދަން އަތުވެއްޖެއެވެ. ހުރީ ގައިބާރުދެރަވެ ވަރަށް ބަލިކަށިވެފައެވެ. އަޅުގަނޑުދެކެ ލޯބިވާވަރުން ގެއަށް ގެންދަންވެގެންނެވެ. އަޅުގަނޑު ބައްޕައާއި ދިމާއަށް އެއްވެސް އެއްޗެއް ނުބުނަމެވެ. ބުނިހާވެސް ބަހަކީ އެކަންކުރަން މިހާރު މާބޮޑަށް ލަސްވެއްޖެކަމަށާއި މިހާރު އަމިއްލަ 2 ގެ އެބަހުރިކަމަށެވެ. އަޅުގަނޑު ދެކެ ނުލާހިކު ލޯބިވާ 2 މަންމައާއި ފިރިއަކު ވެސް އެބަހުރިކަމަށެވެ. ނުކުޅެދޭ ކުއްޖެއްގެ ގޮތުގައި ބައްޕަ އަޅުގަނޑު އެއްލައިލި ނަމަވެސް ބައްޕައަށް ދަތިޙާލުގައި ޖެހިގެން އަންގާލައިފިނަމަ އެކަމަކަށް އެހީތެރިވެދޭނެ ކަމަށެވެ. އުމުރުން ދުވަސްވީމީހުން ބަލަހައްޓާ ތަނަކަށް ފޮނުވާނުލައި ގޭގައި ބާއްވައިގެން ބަލައިދޭނަން ކަމަށްވެސް ބުނީމެވެ. 2 ގެ ހުރިކަމަށް ބުނީ ދައްތަގެ ގެ ވެސް ދައްތަ މަރުވުމުން އަޅުގަނޑަށް ދީފައިވާތީއެވެ. އަދި މައިދައިތަގެ އިތުރު ދަރިއަކު ނެތުމުން މައިދައިތަގެ ގެ ފިރިމީހާއަށް ލިބޭނެތީއެވެ.
މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާ މިކުރަނީ ލިބޭ ޢިބްރަތްތައް ގިނަކަމުންނެވެ. ފުރަތަމަ ކަމަކީ ދަރިން ނިކަމެތިކުރާ މައިންބަފައިންނަށް އޮތް ފިލާވަޅެވެ. ނިކަމެތިކޮށް އެއްލައިލާ ދަރިންނަށް ފަހުން ލައްވަވާނެ ރަޙްމަތެއްގެ ބޮޑުކަން ނުވެސް އެނގޭނެ ކަމާއި އެދަރިންނަށް އާދޭސްކުރަންދާން ފަހުން ނުޖެހެނީ ހާހަކުން މީހަކު ކަމެވެ.
ދެން ވިސްނައިލަންވީ ނިކަމެތި ކުއްޖަކަށް އެހީތެރިވުމުން ލިބޭ ނިޢްމަތަށެވެ. ނަރުސް އެދުވަހު އެކުއްޖާއަށް އެހީތެރިވީއެވެ. މިއަދު އޭނާއަށް އެލިބުނީ އޭނާއަށް އެހީތެރިވާނެ ޢާއިލާއެކެވެ. ގެކުއްޔަށްދީ އެކަމުގެ ނަފާއާއި އަދި އެފައިށާގައި ނުޖެހި އުފަލުގައި ދިރިއުޅެވޭނެ މަގެކެވެ.
ނިކަމެތި ކުދިންނަށް ނުވަތަ މީހުންނަށް އެހީތެރިވުމުން ކޮންމެ މީހަކަށް މިކަންކަން މިގޮތަށް ދުނިޔޭގައި ނުލިބިދާނެއެވެ. ނަމަވެސް ހަމަޔަޤީނުންވެސް އާޚިރަތް ދުވަހު އުފާވެރިކަން ނުލިބިއެއް ނުދާނެއެވެ. އިން ޝާ ﷲ
- ފާއިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް