އަޅުގަނޑަށް މަސައްކަތްކުރަންޖެހުނީ ވަރަށް އާދައާ ޚިލާފް ވެރިއެއްގެދަށުންނެވެ. އޭނާ ބުނާ ގޮތުން އޭނާ ބޭނުންވަނީ ޙަޤީޤީ ލޯތްބެވެ. ނަމަވެސް ކޮންމެ އަންހެނަކުވެސް އޭނާއަށް ދެނީ ލަނޑެވެ. މުވައްޒިފުންވެސް ދެނީ ކޮޅުކެއްސެވެ. އޭނާއަށް އަދިވެސް ކައިވެނި ނުކުރެވިގެން މިއުޅެނީ އެހެންވެގެންނެވެ.
މިވާހަކަތައް އަލުގަނޑަށް ކިޔައިދިނީ ވެރިމީހާ ލައްވައި ލިޔުމެއްގައި ސޮއިކުރުވަން ވަން ދުވަހަކުއެވެ. ކިޔައިދިނީމާ އަޅުގަނޑު ސުވާލުކުރީމެވެ. "ކޮޅުކެހިދޭން އެކުދިން ކުރަނީ ކޮންކަމެއް ހެއްޔެވެ؟" ޖަވާބުގައި ވެރިމީހާ ބުނީ އޭނާ ދެކެ ލޯބިވާކަމަށްބުނެގެން ގިނަ ޢަދަދެއްގެ ފައިސާ ހޯދުމަށްފަހު ފިލަނީ ކަމަށެވެ.
އަޅުގަނޑު ބުނީމެވެ. "ތިއަކަން ތިއަހެން ތިއަވަނީ ވެރިމީހާ ފައިސާދީފައި ލޯބި ގަންނަން އުޅޭތީއެވެ. ލޯތްބަކީ ފައިސާދީގެން ގަންނަން ލިބޭ އެއްޗެއްނަމަ ފިހާރަތަކުގައި ވިއްކަން ހުންނާނެ ނޫންހެއްޔެވެ؟ ނަމަވެސް ފައިސާ ދީފައި މީހުން ގަންނަން ލިބެނީ ހަށިވިއްކާތަންތަނުން ނޫންހެއްޔެވެ؟ އެތަންތަނުން އެވިއްކަނީ ލޯތްބެއް ނޫނެއް ނޫންހެއްޔެވެ؟ ވީމާ ލޯތްބަކީ ފައިސާދީގެން ގަންނަން ލިބޭނެ އެއްޗެއް ނޫނެވެ." އަޅުގަނޑު ދެއްކި ވާހަކަތަކަށް ވެރިމީހާ ވަރަށް ބޮޑަށް ސަމާލުކަންދިނެވެ. ހީވަނީ އެއީ ތެދެއްކަން ޤަބޫލުކުރެވުނީ ހެންނެވެ.
އޮފީހުގައި ގެންގުޅޭ މުވައްޒިފުންގެ ތެރެއިން ރީތި ހުރިހާ ކުދިންނާ ވެރިމީހާ ގުޅުން އުފައްދައެވެ. އެކަމަކު ކުޑަ ދުވަސްކޮޅަކުން އެކުދިން ވަޒީފާ ދޫކޮށްލާފައި ދެއެވެ. އެކަންވާގޮތެއް ގިނަ ބައަކަށް ނުއެނގެއެވެ. ކުރިއަކުން އަޅުގަނޑަކަށްވެސް ނުއެނގެއެވެ. އެނގެނީ ހަމައެކަނި އެކަން އެހެންވަމުން އަންނަ ކަމެވެ.
އެއިގެ ދުވަސްކޮޅެއްފަހުން ވެރިޔާގެ ކޮޓަރިއަށް ދާންބުނުމުން ދިއައިމެވެ. ވެރިޔާ ސުވާލުކުރީ ކުންފުނީގައި އަޅުގަނޑު މަސައްކަތްކުރާތާ 10 އަހަރުވެފައިވާއިރުވެސް އެއްވެސް އަމިއްލަ ކަމަކު ނުއެދެނީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި ބުނީ ލިބޭ މުސާރައިން ނުފުދިގެން އިތުރަށް ފައިސާ ހޯދަން ބޭނުންވާ އެއްވެސް އަންހެނަކަށް ޢިއްފަތްތެރި ދިރިއުޅުމެއް ނުފެންނާނެކަމަށް މަންމަ ބުނާކަމަށެވެ. އެއްވެސް ހިލޭ ފިރިހެނެއްގެ އަތުން އެންމެ ރުފިޔާއެއް ހޯދުންވެސް މަންމަ އޮންނަނީ ވަރަށް ބޮޑަށް މަނާކޮށްފައި ކަމަށެވެ.
ވެރިމީހާގެ ކަންކަން ހުންނަ ގޮތުން އެއިރުވެސް ބައެއް މުވައްޒިފުން ވެރިމީހާގެ ފަހަތުން ދުވެނަގައެވެ. އެއްބައަކު އުޅެނީ ފައިސާ ހޯދަންވެގެންނެވެ. އަނެއްބައަކު އުޅެނީ ވެރިމީހާ ހައްދާލައިގެން ކައިވެނިކުރެވޭތޯއެވެ. މިއިން އެއްވެސް ކެޓަގަރީއެއްގައި ނުހިމެނޭ ހަމައެކަނި މުވައްޒިފަކީ އަޅުގަނޑުކަމަށް ފަޚުރުވެރިކަމާއިއެކު ބުނަންކެރިދާނެއެވެ.
އެއިރު އަޅުގަނޑުގެ އުމުރަކީ 30 އަހަރެވެ. ފިރިއަކަށް ހުރީ އިންތިހާއަށް ބޭނުންވެފައެވެ. މަންމަ ޢާއި ބައްޕަވެސް ބަލިވެއުޅޭތީ ފައިސާއަށްވެސް ހުރީ ވަރަށް ބޮޑަށް ބޭނުންވެގެންނެވެ. ނަމަވެސް ވެރިމީހާގެ ގާތަކުންވެސް ކަމަކަށް ނުއެދެމެވެ. އެހެން މީހެއްގެ ކިބައަކުންވެސް ނުއެދެމެވެ. މަންމަގެ ނަޞޭޙަތުގައި ބާރަށް ހިފަހައްޓައިގެން ހުރީއެވެ.
ދުވަސްކޮޅެއްފަހުން އޮފީހުގެ ކޮންމެވެސް ބޭނުމަކު ވެރިމީހާ ގާތަށް ދިއަ ދުވަހެކެވެ. ވެރިމީހާ ބުނީ އޭނާގެ އުމުރަކީ 37 އަހަރުކަމަށާއި ކައިވެނިނުކޮށް ދެން ނުހުރެވޭނެ ކަމަށެވެ. އެހެންވެ އަޅުގަނޑާއި ކައިވެނިކުރަން ނިންމާފައިވާ ކަމަށެވެ. އަޅުގަނޑު ސުވާލުކުރީމެވެ. "އަޅުގަނޑު ގާތު އަހައިވެސް ނުލައި އެކަން ނިންމެނީ ކިހިނަކުންތޯއެވެ؟" ޖަވާބުގައި ބުނީ އަޅުގަނޑަކީ ވަރަށް ބަސްއަހާ އަޚްލާޤް ރަނގަޅު ކުއްޖެއްވީމާ އޭނާގެ ބަސް ޤަބޫލުކުރާނެ ކަމަށް ޔަޤީންކުރާ ކަމަށެވެ.
އަޅުގަނޑު ބުނީ އެކަން އަޅުގަނޑު ޤަބޫލުކޮށްފާނަން ކަމަށެވެ. ނަމަވެސް ވެރިމީހާ ކުރިން އުޅެފައި ހުރި ގޮތުން ވެރިމީހާ އާއި އެއްބަސްވުމެއް ހަދަންޖެހޭ ކަމަށެވެ. އެއީ ކޮންފަދަ އެއްބަސްވުމެއްތޯ ސުވާލުކުރުމުން ބުނީމެވެ. "އެއެއްބަސްވުމަކީ އަޅުގަނޑު ފިރިމީހާއަށް ޚިޔާނާތްތެރި ނުވަނީސް އެއްވެސް ސަބަބަކާއިހުރެ އަޅުގަނޑު ވަރިކުރާނަމަ ބަދަލުގައި ދޭނެ ޢިނާޔަތް ބަޔާންކުރާ އެއްބަސްވުމެއް ކަމަށެވެ."
ވެރިމީހާ ފެށީ ހޭނށެވެ! ބުނީ އެއްބަސވުމެއް ހެދުމުގެ ބޭނުމެއް ނެތްކަމަށާއި ވެރިމީހާގެ މަންމަގެ ގެއިން ލިބިފައިވާ ބިމުގައި އަޅާފައިހުރިގެ ކައިވެނީގެ ކުރިންވެސް އަޅުގަނޑަށް ރަޖިސްޓްރީކޮށްދީފާނެ ކަމަށެވެ. ދެން އަޅުގަނޑު ބުނީ ގެ ރަޖިސްޓްރީކޮށްދިން ނަމަވެސް ހިލޭ އަންހެނުންނާ ގުޅުން ބާއްވާނަމަ، އަޅުގަނޑަށް ލޯބިނުދޭނަމަ، އަޅުގަނޑާއި އަޅައިނުލާނަމަ ވަރިވާނެ ކަމަށެވެ. އެކަމަށްވެސް ވެރިމީހާ އެއްބަސްވިއެވެ.
ޝަރުޠުތަކާއިއެކު ކައިވެނިކުރީމެވެ. އެކައިވެނީގައި މިހާރު 22 އަހަރުވީއެވެ. ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ފިރިމީހާއަކީ ހަމަ ހުރިހާ ގޮތަކުންވެސް ނަމޫނާ ފިރިއެކެވެ. އަނބިމީހާ އާއި ދަރިންދެކެ ވަރަށް ލޯބިވާ، ލޯބިދޭ ފިރިއެކެވެ. ކައިވެނީގެ ކުރިން ޝަރުޠުތަކެއް ކަނޑައަޅަންޖެހުނީތީވެސް މިހާރު ލަދުގަނެއެވެ. ނަމަވެސް އެއިރު އެކަންކުރަން ޖެހުނީ ކުރިން ބުނިފަދައިން އޭނާގެ ޢަމަލުތައް ހުރި ގޮތުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ހަޔާތުގެ މިވާހަކަ ގެނެސްމިދިނީ އެންމެ ބޭނުމަކުއެވެ. ހަމަ އެންމެ ކަމެއް ފާހަގަކުރާށެވެ. ވާހަކައިގައި ބުނިފަދައިން ވެރިމީހާގެ ކިބައިން ކަންކަމު ނުއެދި ބޭނުންތަކަށް ދަހިވެތިނުވެ އޮފީހުގައި އުޅުނީ ހަމަ އަޅުގަނޑު އެކަންޏެވެ. ނަމަވެސް އެންމެ ބޮޑު ފައިދާއެއްކުރީ އަޅުގަނޑަށެވެ. ވީމާ މިއީ ތަންތަނުގައި މަސައްކަތްކުރާ އަންހެންކުދިން ވިސްނައިލުން ރަނގަޅުކަމެއް ކަމެވެ.
- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް